24 Jun 2020

By: Ifraz Ali

ތާނަ އަކުރުތަކާއި ފިލިތައް ފޮށި ކަރުދާސްގަނޑަކުން ކަނޑައިގެން ނެގި އެވެ. އިތުރު ކަރުދާސްގަނޑެއްގައި، އެކްލިރިކް ބޭނުންކޮށްގެން ރާއްޖެ ޒަމްރުކޮށްދޭ ބައެއް އެއްޗެހި ކުރެހި އެވެ. އަދި އޭގެ މަތީގައި ކުރިން ކެފި އަކުރުތަކާއި ފިލިތައް ތަރުތީބުކޮށްލުމުން ލިބުނު މެސެޖަކީ އަދި "މިކަމުން ވެސް ރާއްޖެ ސަލާމަތް ވާނެ" އެވެ. މިއީ ނޫރް ދާންޔާ ޝަމްޢޫންގެ އާޓްވޯކެކެވެ. އެއީ މާލޭގެ ލޮކްޑައުނަށް ދެ ހަފުތާ ވީ ފަހުންނެވެ. ދާންޔާ ބޭނުންވީ އޭނާގެ އާޓްވޯކް މަސައްކަތަކުން، ލޮކްޑައުންގެ މި ދުވަސްތައް ވެސް މާޒީވެ، މާ އުޖާލާ ދުވަސްތަކެއް އަންނާނެ ކަމުގެ އުއްމީދު އާކޮށްދިނުމަށެވެ.

View this post on Instagram

A post shared by Nur Danya (@kula.dana) on

"ކުލަދާނަ" ގެ ނަމުން އިންސްޓަގްރާމްގެ އަހުލުވެރިން ދަންނާނެ، މި 21 އަހަރުގެ އާޓިސްޓްގެ ފީޑު ފުރާލާފައި ވަނީ އާޓްގެ އެކި މީޑިއަމްތައް އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ ހުނަރުވެރި މަސައްކަތްތަކުންނެވެ. އަދި މިއިން ކޮންމެ ކުރެހުމަކުން ތަފާތު ވާހަކައެއް ބުނެދެ އެވެ.

ކްރިއޭޓިވް އާޓްސްގެ ދާއިރާއަށް ދާންޔާގެ ޝައުގުވެރިކަން އަބަދުވެސް އޮވެ އެވެ. އޭނާގެ މި ޝައުގުވެރިކަމުގައި މިހާރު އަންނަނީ ކުލަ ވެސް ޖައްސަމުންނެވެ. ދާންޔާ އަކީ ސިންގަޕޫރްގެ ލާސަލް ކޮލެޖް އޮފް ދި އާޓްސްގައި، ބެޗުލާ އޮފް އިންޓީރިއާ ޑިޒައިން (އޮނާޒް) އަށް ކިޔަވާ ދަރިވަރެކެވެ. އާޓަކީ ހޮބީއަކަށް ވުމުގެ އިތުރުން، ކުރެހުމާއި ފަންނީ އުފެއްދުންތަކުގެ މަސައްކަތަކީ އޭނާގެ ކުރިއަށް ދާން ހިޔާރުކުރި ދާއިރާގެ ރޮނގުން ފައިދާކުރާނެ ކަމެއް ކަމަށް އޭނާ ދެކެ އެވެ.

ދާންޔާ މިކްސް މީޑިއަމް ބޭނުންކޮށްގެން ކެންވަސްއެއްގައި ކުރެހި ރާއްޖޭގެ މެޕެއް.

"ކުލަދާނަ" މި ނަން ކިޔުނީ ކިހިނެއް؟

"ކުލަދާނަ" މި ނަމަކީ އަޅުގަނޑުގެ ނަމާއި، އަޅުގަނޑުގެ ކުރެހުންތަކާއި އުފެއްދުންތަކުގައި ހުންނަ ކުލަ އާއި ދިވެހިބަހުގެ ލަފުޒަކާ ގުޅުވާލާފައި ކޮށްލާފައިވާ ބަހުގެ ސަމާސާއެއް.

އާޓިސްޓެއްގެ ގޮތުގައި އަމިއްލަ މީހާ ސިފަކޮށްދޭނީ ކިހިނެއް؟

އަޅުގަނޑުގެ ކުރެހުންތަކާއި އުފެއްދުންތައް ބިނާކޮށްފައި ވާނީ، ރާއްޖެ އާއި ރާއްޖޭގެ މަންޒަރުތަކާއި ތަންތަނާއި، ތިމާވެއްޓާއި މާހައުލާއި، ދިވެހީންގެ އާދަކާދަތަކާއި އާންމު ދިރިއުޅުން ފަދަ ކަންކަން، އަދި ރާއްޖޭން ބޭރުން ވެސް ފެންނަ މަންޒަރުތަކާއި ކަންކަން، އަޅުގަނޑަށް ސިފަވާ ގޮތަށް.

View this post on Instagram

‘Rollercoaster’ acrylics and soft pastels on 5x5cm canvases

A post shared by Nur Danya (@kula.dana) on

އަޅުގަނޑު މަސައްކަތް ކުރަނީ، އާންމުކޮށް ކުރެހުންތެރީން ސިފަކޮށްދޭ ގޮތާ ތަފާތު ގޮތްގޮތަށް، އެހެން މީހުން ވެސް ހިތަށް އަރާ ގޮތާ ތަފާތު ގޮތަކަށް ކުރެހުމުން ރަމްޒު ކޮށްދިނުމަށް.

އަހަރެމެންނަށް ކިޔައިދީބަލަ ދާންޔާގެ ސްޓައިލް އޭޒް އެން އާޓިސްޓް؟

"ގްރެފިޓީ" އަދި "ސްޓްރީޓް އާޓް" އަކީ އަޅުގަނޑަށް ވަރަށް ކަމުދާ ކުރެހުމުގެ ވައްތަރު ތަކެއް. ގިނަ ކުރެހުންތަކުގައި މި ބާވަތުގެ އާޓް ރަމްޒުކޮށްދޭ ގޮތަށް މިކްސްޑް މީޑިއާ އާއި "އެސްގްރެފިޓޯ" އާއި "އިމްޕާސްޓޯ" ފަދަ ޓެކްނީކްތައް ބޭނުންކޮށްފައި ހުންނާނެ. އަޅުގަނޑުގެ ގިނަ ކުރެހުންތަކުގައި ތާނަ އަކުރުން ލިޔެ ކުރަހާފައިވާ ދިވެހި އެކިއެކި ބަސްތައް ފެންނަން ހުންނާނެ. ކޮންމެ ކުރެހުމެއްގެ ކޮންމެ ލިޔުމެއް، ކޮންމެ ރޮނގެއް އަދި ކޮންމެ ބޮޅެއްގައި މާނައެއް އެކުލެވިގެން ވާނެ.

މިސާލަކަށް، ކުރެހުމެއް ނުވަތަ އާޓްވޯކެއްގައި މަސައްކަތްކުރާއިރު މުޅި އެ "ކްރިއޭޓިވް ޕްރޮސެސް" ފެށޭ ގޮތާއި ކުރިއަށް ގެންދާ ގޮތް، ނިންމާ ގޮތް ކިޔައިދީބަލަ؟

އެންމެ ފުރަތަމަ ވިސްނަނީ ކޮންސެޕްޓަކާ މެދު. އެ ގޮތުން، ކުރަހަން ހިތަށް އަރާ އެއްޗެހި ލިސްޓު ކުރަނީ. މި ކަމުގައި އަޅުގަނޑުގެ އާއިލާގެ ބޮޑު އެއްބާރުލުމެއް އަބަދުވެސް ލިބޭ. ލިސްޓު ކުރުމަށް ފަހު، އެހެން މީހުންނަށް ވެސް ކަމުދާނެ ކަމަށް ލަފާކުރެވޭ އެއްޗެއް ހިޔާރު ކުރަނީ. އެއަށް ފަހު، ކުރެހުން ފަށައިގެން ކުރިއަށް ގެންދާނެ ގޮތާއި ކުރެހުން ނިމެން ވާނެ ގޮތާ މެދު ވިސްނާލަނީ. ފަންސޫރުން ކުރަހަމުން ކުރަހަމުން ގޮސް، ކުލަޖައްސާ ނިންމާލަނީ. މުޅި މި މަސައްކަތުގައި ހޭދަވާ ވަގުތަކީ އަޅުގަނޑަށް ވަރަށް ހިތްހަމަޖެހުމާއި އުފާވެރިކަން އިހުސާސް ކުރެވޭ ވަގުތެއް.

View this post on Instagram

A post shared by Nur Danya (@kula.dana) on

ދާންޔާގެ އާޓްވޯކްސްތަކުގައި ތި ހުންނަނީ އާޓްގެ އެކި މީޑީއަތައް ބޭނުންކޮށްފައި، އެކި މީޑިއަމްތައް އެކޮށް ބޭނުންކުރުމާއި ވަކި ހާއްސަ އެއް މީޑިއަމްއެއް ބޭނުންކުރުމާ ހުންނަ ތަފާތަކީ ކޮބާ؟

ވަކި އެއް މީޑިއަމެއް ބޭނުންކުރުމަކީ ކުރެހުންތެރިއެއްގެ އާޓިސްޓިކް ސިގްނޭޗާ ނުވަތަ އެ މީހެއް ރަމްޒުކޮށްދޭ ނިޝާނަކަށް ވާ ފަދައިން، ތަފާތު މީޑިއާތައް ބޭނުން ކުރުމަކީ ވެސް ހަމަ މިފަދައިން ރަމްޒުކޮށްދޭ ނިޝާނެއް. އަޅުގަނޑު ގަބޫލުކުރަނީ އެކި މީޑިއާ ބޭނުން ކުރުމަކީ، އާޓިސްޓެއް މަސައްކަތް ކުރަން އާދަވެފައި ހުރި ގޮތުގެ ސަބަބުން، ނުވަތަ ވަކި މީޑިއަމެއް ބޭނުންކޮށްގެން ރަނގަޅު އުފެއްދުންތަކެއް ތައްޔާރު ކުރެވޭ ކަމުގެ ޔަގީންކަން ލިބިފައި ވުމުގެ ސަބަބުން އެ އާޓިސްޓެއްގެ "ކޮމްފާޓް ޒޯން" އިން ނުކުތުމަށް މަޖުބޫރު ކުރުވާ ކަމެއް ކަމަށް. އަމިއްލައަށް މި ފަދަ މަޖުބޫރީ ހާލަތަކަށް ހުށަހެޅޭނެ ގޮތަށް މަސައްކަތް ބައްޓަން ކުރުމަކީ އަމިއްލަ ހުނަރު އިތުރަށް ތަރައްގީ ކުރުމަށް އެޅިގެންދާ ރަނގަޅު ފިޔަވަޅެއް ކަމަށް.

ވަކި މީޑިއަމްއަކަށް ހާއްސަ ނުވެ، އެކި މީޑިއަމްތައް ބޭނުންކުރަން ނިންމީ ކީއްވެ؟ އަދި އެންމެ ކަމުދާ މީޑިއަމްތަކަކީ ކޮބާ؟

އަޅުގަނޑު މިކްސްޑް މީޑިއަމްސް ބޭނުންކޮށްގެން ކުރަހަން ފެށީ 2017 ވަނަ އަހަރު. އެއީ، އަޅުގަނޑު ކިޔަވަން ރާއްޖޭން ބޭރަށް އައުމަށް ފަހު، ކުރިން އަޅުގަނޑު ނުދަންނަ ނުވަތަ އެހާ ފަރިތަ ނޫން، ގިނަ މީޑިއަމް ތަކެއް އަޅުގަނޑަށް ބޭނުންކުރަން ލިބުމުން ކުރެވުނު ރަނގަޅު ތަޖުރިބާއެއް. އެހާ ހިސާބުން ފެށިގެން މަސައްކަތް މި ކުރަނީ ތަފާތު މީޑިއަމްތަކާއި ތަފާތު ގޮތްތައް ބޭނުންކޮށްގެން ކުރެހުމުގެ އިންތައް ފުޅާކޮށް، އަޅުގަނޑުގެ ވިސްނުމާއި ހުނަރު އިތުރަށް ތަރައްގީ ކުރުމަށް.

މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ކަމުދާ މަސައްކަތްތަކަކީ ކޮބާ؟

"ރާއްޖޭ"

View this post on Instagram

A post shared by Nur Danya (@kula.dana) on

"ދި އަވަށް ސީރީޒް" – (އަވަށު ސިލްސިލާ)

View this post on Instagram

A post shared by Nur Danya (@kula.dana) on

"ރާއްޖޭ އިންސްޕަޔަރޑް އިއަ-ރިންގްސް"

View this post on Instagram

A post shared by Nur Danya (@kula.dana) on

އާޓިސްޓެއްގެ ގޮތުގައި އެތައް ކުލައަކުން އެކި ވައްތަރުތަކުގެ މަސައްކަތްކުރަމުން އަންނައިރު ކޮބައިތަ "އަލްޓިމޭޓް ގޯލަކީ" ނުވަތަ އަމިއްލަ އާޓު މެދުވެރިކޮށް ދޭން ބޭނުންވާ މެސެޖަކީ؟

އާޓް އަކީ ހަމައެކަނި ބަލައިލަން ރީތި، ނުވަތަ ހަމައެކަނި ފެނުމުން ހިތްހަމަޖެހުން ލިބިދޭ އެއްޗެއް ނޫން. އާޓް އަކީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި، މުޖުތަމައު އާއި، މާހައުލާއި އަދި މުޅި ދުނިޔެ ވެސް ބައްޓަންކުރާ، އަދި މުޅި ދުނިޔޭގެ ހާލަތު ދައްކުވައިދޭ، ބާރުގަދަ އަދި އެހާމެ ނުފޫޒު ހުރި ވަސީލަތެއް.

އަޅުގަނޑުގެ ކުރެހުމާއި ފަންނުވެރި އުފެއްދުންތައް މެދުވެރިކޮށް އަޅުގަނޑު ބޭނުންވަނީ، ދިވެހީންގެ ސަގާފަތާއި އާދަކާދައިގެ ހާއްސަކަން ބުނެދިނުމަށާއި، އާޓް އަކީ ކޮބައިކަމާ މެދު ސުވާލު އުފައްދައި ވިސްނާ ފިކުރު ކުރުވުމަށާއި، ހިތަށް އަދި ސިފަކުރެވިފައި ވެސް ނުވާ ފަދަ އުފެއްދުންތެރި ހިޔާލުތައް އުފަން ކުރުވުމަށް.

އަމިއްލަ މީހާގެ ޓެލެންޓް އިތުރަށް ކުރިއަރުވައި ދަސްކުރަން އަމިއްލަ އަށް ކުރާ ކަންތައްތަކެއް ހުރޭތަ؟ ނުވަތަ އިންސްޕަޔާވާ މީހެއް ނުވަތަ ބައެއް ހުރޭތަ؟

އަމިއްލަ ހުނަރު އިތުރަށް ތަރައްގީ ކުރުމަށްޓަކައި އަޅުގަނޑު ވަރަށް މަސައްކަތް ކުރަން. އެ ގޮތުން، ހުނަރުވެރި އާޓިސްޓުންގެ މަސައްކަތްތައް ބަލަން، އަދި އެކިއެކި އުފެއްދުންތެރި އާ ކަންކަމުގެ މައުލޫމާތު ކިޔަން، އަދި އަޅުގަނޑުގެ އަމިއްލަ މަސައްކަތްތަކުން ލިބޭ ތަޖުރިބާއާ މެދު ވިސްނާ ހަދަން.

View this post on Instagram

A post shared by Nur Danya (@kula.dana) on

އަޅުގަނޑުގެ ދެފަރާތުގެ އާއިލާ އަކީ ވެސް ކްރިއޭޓިވް އާޓްސްގެ ދާއިރާގައި މަސައްކަތްކުރާ އަދި އެ ދާއިރާއަށް ޝައުގުވެރިވާ ބައެއް ކަމަށް ވުމީ އަޅުގަނޑަށް ވަރަށް ހިތްވަރާއި އެހީތެރިކަން ލިބޭ ކަމެއް. ހާއްސަ ގޮތެއްގައި، އަޅުގަނޑުގެ މަންމަ (ޚަދީ)، ބައްޕަ (ޝަމްޢޫން)، ބޭބެ (ޢަމްރް)، ކޮއްކޮ (ޖުން)، އަދި ވަރަށް ހުނަރުވެރި އާޓިސްޓެއް ކަމަށްވާ އަޅުގަނޑުގެ ބޮޑުބޭބެ (އައްޒަ) ގެ ފަރާތުން އަޅުގަނޑަށް ވަރަށް އިންސްޕިރޭޝަން ލިބޭ.

މީގެ އިތުރުން، އަޅުގަނޑުގެ ބޮޑު އާއިލާއިން މާމަ އާއި، ބޭބެމެންނާއި ދައްތަމެންގެ ފަރާތުންނާއި، އަޅުގަނޑުގެ ގާތް އެކުވެރީންގެ ފަރާތުން އަބަދުވެސް ވަރަށް ހިތްވަރު ލިބޭ.

އާޓިސްޓެއްގެ ގޮތުގައި ލިބިފައި ހުރި ކާމިޔާބީތަކަކީ ކޮބާ؟

2016 ވަނަ އަހަރުގެ "ޔޫރޮޕް ޑޭ" އާ ގުޅިގެން ޔޫރޮޕިއަން ޔޫނިއަނުން ތައްޔާރުކުރި 2017 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމެނުމަށް އަޅުގަނޑުގެ ކުރެހުމެއް ހޮވިގެން ދިޔުން.

ޔޫރޮޕިއަން ޔޫނިއަނުން ތައްޔާރުކުރި 2017 ވަނަ އަހަރުގެ ކަލަންޑަރުގައި ދާންޔާގެ ކުރެހުމެއް.

2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް "ކުލަދާނަ" އިންސްޓަގްރާމް އެކައުންޓަށް، އަޅުގަނޑުގެ މަސައްކަތްތަކަށް އެކި ފަރާތްތަކުން ދެމުންދާ ތަރުހީބަކީ އަޅުގަނޑަށް އަގުނުކުރެވޭ ފަދަ ކާމިޔާބީއެއް ކަމަށް އަޅުގަނޑު ދެކެން.

އާޓްގެ އިތުރުން ކުރާހިތްވާ އެހެން ކަމެއް؟ ނުވަތަ މިހާރު ވެސް ކުރަމުން އަންނަ ކަމެއް؟

ފުޓުބޯޅަ ކުޅުމަކީ އަޅުގަނޑު ވަރަށް ޝައުގުވެރިކަމާއެކު ކުރާ ކަމެއް. މީގެ އިތުރުން، ދިވެހި ސަގާފަތާއި ތަރިކަ، ހާއްސަކޮށް ތާރީހީ ބިނާތައް ފަރުމާކޮށްފައި ހުންނަ ގޮތް، އެއީ އަޅުގަނޑު ވަރަށް ޝައުގުވެރިކަން ހުންނަ ކަންކަން.

View this post on Instagram

A post shared by Nur Danya (@kula.dana) on

އެންމެފަހުން އިންސްޓަ އަށް ލާފައި ހުރި އިއަރިންގްސްތަކާއި ބެހޭ ވާހަކަތައް!

"ރާއްޖެ-އިންސްޕަޔަރޑް އިއަރ-ރިންގސް" އަކީ ދިވެހިރާއްޖޭގެ އަތޮޅުތައް ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށް ތައްޔާރުކޮށްފައިވާ އިއަރ-ރިންގސް ތަކެއް. އެ އެއްޗެހި ހަދާފައި އެވަނީ އަޅުގަނޑު ކިޔަވަން ބޭނުންކުރި ފޮތް ތަކުގެ ގަނޑުތަކާއި، އޭރު ކޮލެޖަށް ތައްޔާރުކުރި އިންޓީރިއަރ ޑިޒައިން މޮޑެލްތައް ހަދަން ބޭނުންކުރި ބޯޑުތަކެއް ބޭނުން ކޮށްގެން.

އާޓިސްޓް

Popular