5 Jan 2021

By: Ifraz Ali

މާލެ މަސްމާރުކޭޓާ ދިމާލުން ފަޅުތެރެއަށް ވެއްޓުނު ކުޑަ ޕިކަޕެއްގައި ވާޖަހައިގެން ކެރޭނަކުން އެ ވެހިކަލް އެއްގަމަށް އެރުވި އެވެ. މިއީ ކޮންމެ، ކޮންމެ ދުވަހަކު ނުފެނިދާނެ މަންޒަރަކެވެ. ވެރިރަށުގެ މަގުމަތީގައި ހިނގާ މިކަހަލަ ތަފާތު ކަންކަމުގެ މަންޒަރުތައް، 29 އަހަރުގެ ޒުވާން ފޮޓޯގްރާފާ، މާހިން ފަޔާޒްގެ ކެމެރާއަށް ނާރާ ފަހަރެއް ވަރަށް މަދެވެ.

އަދި އޭގެ ތަންކޮޅެއް ކުރީ ދުވަހެކެވެ. އެއް ލޯ ނެތް ބުޅަލެއް ފެނިގެން، އެ ސޮރުގެ ފޮޓޯއެއް ނަގަން، އޭގެ ފަހަތުން 15 ވަރަކަށް މިނެޓު ދުވި އެވެ؛ މިއީ ވަރަށް ގިނަ މީހުން ޝައުގުވެރިވި، މާހިންގެ ފަހުގެ ދެ ފޮޓޯއެއްގެ ވާހަކަ އެވެ.

View this post on Instagram

A post shared by Mahin Fayaz (@mahinfayaz)

މާހިން ހާއްސަވަނީ މަގުމަތީގެ ނުވަތަ ސްޓްރީޓް ފޮޓޯގްރަފީއަށެވެ. އެކަމަކު އޭނާ ނުގަނާ ވައްތަރެއް ފޮޓޯއެއް ނެތެވެ. ހުރިހާ ވައްތަރެއްގެ ފޮޓޯ ވެސް ނަގަ އެވެ.

View this post on Instagram

A post shared by Mahin Fayaz (@mahinfayaz)

ފޮޓޯގްރަފީގެ ތެރެއަށް މާހިން އަށް ބޮޑަށް ވަދެވުނީ ސްކޫލް ނިންމައިފައި އިންޖީނިއަރިން ކިޔަވަން އިންޑިއާއަށް ގޮސް އުޅުނު ދުވަސްވަރު އެވެ. ފޮޓޯޝޫޓްތައް ފެށީ އިންޑިއާގަ އެވެ. އެނބުރި ގައުމަށް އައިތަނުން ވިސްނުނީ، އެހެން ކަމަކަށް ވުރެ ބޮޑަށް ކުރާ ހިތްވާ ކަމަކީ ފޮޓޯނެގުން ކަމެވެ. އެހިސާބުން ކެމެރާ ހިފައިގެން މަގުމައްޗަށް ނިކުތް ގޮތަށް އަދިވެސް އޭގެން އަތެއް ދޫކޮށެއްނުލަ އެވެ. މިހާރު އޭގެ ފަހުން ތިން އަހަރު ވެއްޖެ އެވެ.

ފޮޓޯ: މާހިން ފަޔާޒް

"[ފޮޓޯނެގުމަށް] އިންޓްރެސްޓް ފުރަތަމަ އަންނަ ފެށިއިރުގައި ވެސް އަސްލު އޭތި ރިއަލައިޒެއް ނުވޭ. ކުޑައިރު ސެލޫނަށް ބޯކޮށަން ދާއިރު ހުންނާނެ އެތަންތަނުގައި މެގަޒިންސް ބަހައްޓައިފައި، ބޮޑެތި ޕޭޖު ފުރާ ހުންނަ މީހުންގެ ފޮޓޯތަކާ އެއްޗެހި. އޭރު ވެސް ވިސްނާނެ އެ ކިހިނެއްހޭ އޭނީ ނަގައިފައި. މީގައި ނެތޭ ރިފްލެކްޝަނެއް އެއްޗެއް ވެސް، ހާދަ ކްލީންއޭ،" އެކަމަކު ފޮޓޯނަގަން ބޭނުންވާ ކަމެއް އޭރު ނުވިސްނޭ ކަމަށް ބުންޏެވެ.

މިހާރު "ރާޅުފޮށި"ގެ ނަމުގައި އަމިއްލަ ކުންފުންޏެއް އުފައްދައިގެން ފޮޓޯގްރެފީ އާއި ވީޑިއޯގްރެފީގެ ތަފާތު މަސައްކަތްތައް އޭނާ ކުރެ އެވެ.

ފޮޓޯ: މާހިން ފަޔާޒް

މާލެ ބަދަލުވީ "ގޯސްޓް ޓައުން" އަކަށް

ކޮވިޑް ފެތުރި ތިން މަހުގެ ދިގު ލޮކްޑައުނަކަށް މާލެ ދިޔަ ދުވަސްވަރު ވެސް، މާހިން ވަނީ މާލެ ތެރޭގެ ވަރަށް ތަފާތު ފޮޓޯތަކެއް ނަގައިފަ އެވެ. މާހިން ކިޔައިދިން ގޮތުގައި ލޮކްޑައުން ފުރަތަމަ ފެށުނު ދުވަސްވަރު މީހުންގެ މޫނުމަތިން ހާސްކަމާއި ބިރު ފެނުނެވެ. ކޮންމެ ދުވަހަކު ކުރަމުން އައި ކަންކަން، ހިސާބަކުން ހުއްޓާލަން ޖެހުމުން ބައެއް މީހުން ވަރަށް ހާލުގައި އުޅޭތަން ވެސް ފެނުނެވެ.

View this post on Instagram

A post shared by Mahin Fayaz (@mahinfayaz)

އޭރު މާހިން ދިޔައީ އޭނާގެ ރައްޓެއްސަކާ އެކު އެންއައިއޯސީގެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުންނެވެ. އެއީ ކޮވިޑަށް މީހުން ހޭލުންތެރިކުރުމަށް އެ ސެންޓަރުން ހެދި ވީޑިއޯއެއްގެ މަސައްކަތެވެ.

"އެކަމުގައި ފުރަތަމަ ނިކުމެ އުޅުނީ. އޭރު މާލެ ތެރެއިން ފެނުނު ތަންތަން ނެގިން. މާލެ އަކީ ދުވަހަކު ވެސް އެހެން އޮތް ތަނެއް ނޫން. ހަމަ 'ގޯސްޓް ޓައުން' އަކަށް ބަދަލުވީ،" މާހިން ބުންޏެވެ.

View this post on Instagram

A post shared by Mahin Fayaz (@mahinfayaz)

ފޮޓޯގްރަފީއާ އެކު ވީޑިއޯގްރެފީގެ ތެރެއަށް ވެސް މާހިން އަށް ވަދެވުނެވެ. އެގޮތުން ވީޑިއޯގްރަފީގައި އޭނާ މިހާތަނަށް ކުރި އެންމެ ތަފާތު ތަޖުރިބާ އަކީ ދެ އަހަރު ކުރިން ރޯދަ މަހެއްގައި ޓީވީއެމުން ގެނެސްދިން "ރާސްތާ" ކިޔާ ޓީވީ ސީރީޒެކެވެ. އެއީ އެކްޓަރު އަހްމަދު އާސިމް ޑައިރެކްޓުކުރި ސީރީޒެކެވެ.

"މި މާހައުލުގައި ހިނގާ ކަންކަން ފޮޓޯ ނަގާނެ ބައެއް، ހާއްސަ ސަބަބަކާ ނުލައި ވެސް، ނަގާނެ ބަޔަކު ނެތިއްޔާ ދިހަ ވަރަކަށް އަހަރު ފަހުން ވެސް، އަނބުރާ ބަލާއިރު ނީންނާނެ އާކައިވް އެއް. މަގުމައްޗެއް، އެތާ ހުރި މީހެއް، އޭނާ ނުވެސް ހުރެދާނެ، އެ ބިލްޑިން ވެސް އެ ކުލައަކު ނުހުރެދާނެ،" މީހުން ހީވެސް ނުކުރާހާ ބޮޑެތި ބަދަލުތަކެއް އަސްލު އަންނަ ކަމަށް މާހިން ބުންޏެވެ.

ފޮޓޯ: މާހިން ފަޔާޒް

ފެނުނު ކަންކަމާއި ދަސްވި ކަންކަން

ކެނޮން 550ޑީ ކެމެރާއަކުން ފުރަތަމަ ފޮޓޯ ނަގަން ފެށި މާހިން ދެކޭގޮތުގައި ސްޓްރީޓް ފޮޓޯގްރެފީއަށް ޝައުގުވެރިވާ ނަމަ މީހާގެ އުޅުމަށް ވެސް ބައެއް ބަދަލުތައް ގެންނަން ޖެހެ އެވެ. އެމީހަކަށް ފެންނަ ކަންކަމާއި އަދި އެއްޗެއްސާއި މެދުގައި ދެކޭ ގޮތް ވެސް ވަރަށް ބޮޑަށް ބަދަލުވާން ޖެހެ އެވެ.

ފޮޓޯ: މާހިން ފަޔާޒް

"އެހެން މި ބުނަނީ މިސާލަކަށް ރައްޓެހިންނާ އެކު ދަނީއޯ ބޭރަށް، ތަނަކަށް ދާން. އެ ދާ މަގުމަތީގައި ވެސް ސްޓްރީޓް ފޮޓޯގްރެފީ އަށް ޝައުގުވެރިކަން ހުންނަ މީހާ ޖެހޭނެ އެވްރެޖް މީހަކަށް ވުރެ މާ ބޮޑަށް ލޯހުޅުވިފައި ހުންނަ މީހަކަށް ވާން،" މާހިން ބުންޏެވެ.

"މި ބުނީ ކުލައަށް، އައްޔަށް، މީހުންނާ މެޗު ވަނީ ކޯއްޗެއްތޯ، ކީއްވެތޯ، އެ ކަހަލަ އެއްޗެއްސަށް ފޯކަސް ކުރެވިގެން، ނޫނީއާ ރަނގަޅު ފޮޓޯއެއް ނުވެއް ނެގޭނެއޭ،" އިތުރަށް ކިޔައިދިނެވެ.

View this post on Instagram

A post shared by Mahin Fayaz (@mahinfayaz)

މަގުމަތިން ފޮޓޯ ނަގާނެ ރަނގަޅު މަންޒަރެއް ފެންނާނެ ސީދާ އިރެއް ބުނާކަށް ނޭނގޭނެ އެވެ. އެހެންވެ، އަބަދު ވެސް ފޯނު ނުވަތަ ކެމެރާ ރެޑީކޮށްފައި، އަތުޖެހޭ ހިސާބުގައި ބޭއްވުން ވަރަށް މުހިންމެވެ. އަދި ބައެއް ފަހަރު، ރީތި މަންޒަރެއް ފެނިފައި ފޮޓޯ ނުނެގި ވެސް ހިނގައިދާނެ ކަމަށް މާހިން ބުންޏެވެ. އެކަމަކު އެގޮތަށް ފޮޓޯއެއް ނުނެގި ދިޔަ ނަމަވެސް، މުހިންމީ އެއީ ނަގަންޖެހޭނެ މަންޒަރެއް ކަން އަމިއްލައަށް ފާހަގަކުރަން އެނގުން ކަމަށެވެ.

View this post on Instagram

A post shared by Mahin Fayaz (@mahinfayaz)

"އެތިކަލް އެއްޗެއްހި ވެސް ސްޓްރީޓްގައި އުޅޭނެ. ވިސްނާލަންޖެހޭނެ، ނުބައިކޮށްތޯ މިވެނި މީހެއް މި ދެއްކެނީ، ތެދު ނޫންގޮތަކަށްތޯ، ދެރަ ގޮތަކަށްތޯ،" ވިސްނާލަންޖެހޭ މުހިންމު ކަންކަން ކިޔައިދިނެވެ.

"ޕަބްލިކް ސްޕޭސްގައި ކޮންމެ މީހަކަށް ވެސް ފޮޓޯ ނެގެން ޖެހޭނެ،" އޭނާ ބުންޏެވެ.

View this post on Instagram

A post shared by Mahin Fayaz (@mahinfayaz)

މާހިންގެ މި ފޮޓޯތަކުން ފެންނަ މަންޒަރު އަނގައިން ބުނެދޭން އޭނާއަށް ވަރަށް އުނދަގުލެވެ. އެކަމަކު މިއިން ކޮންމެ މަންޒަރެއްގައި ހާއްސަ ވާހަކައެއްވެ އެވެ. މަގުމަތިން އޭނާއަށް ފެންނަ މީހުންނާއި ކަންކަމާއި އެއްޗެހީގެ މި ތަފާތު ފޮޓޯތަކުން ކިޔައިދެނީ ބައިވަރު ވާހަކަ އެވެ.

ދިވެހިރާއްޖެ މާލެ ފޮޓޯގްރަފީ ފޮޓޯ އެގްޒިބިޝަން

Popular