27 Jul 2020

By: Aishath Maaha

މިއީ ރ. އަލިފުށީ ބަހާރުގޭ އަލީ ސުލޭމާނެވެ. އާންމު ނަމުން ނަމަ ސަރަނގު އަލީ އެވެ. ހާއްސަވަނީ ރާއްޖޭގައި މިހާރު ތިބި 100 އަހަރުން މަތީގެ މީހުންގެ ތެރޭގައި ހިމެނޭތީ އެވެ. މި އުމުރުފުރައިގެ މީހުންނަށް ހާއްސަކުރި "ގަރުނެއްވީ ދިވެހިން" ސެގްމެންޓުގައި ފުރަތަމަ މި ގެނެސްދޭ ސަރަނގު އަލީގެ އުމުރުން 104 އަހަރެވެ.

ފެންނަ ފެނުމަށް ހީވަނީ 80 އަހަރުގެ މީހެއް ހެންނެވެ. އެހެންވެ މިރަށަށް އައިސް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަލިބެއާ ބައްދަލުކުރުން ހިމަނައި އެކަން ކުރީ އެވެ. އަލިބެ ދިރިއުޅެނީ ދުނިޔޭގައި މިހާރު ހުރި ދޮށީ ފިރިހެން ދަރިފުޅުގެ ކައިރީގަ އެވެ.

އަލިބެއާ ބައްދަލުކުރަން ދިޔައިރު އޮތީ ނިދިފަ އެވެ. އަހަރެމެން ބުނި ގަޑި އަށް ވުރެ ކުޑަތަންކޮޅެއް ލަސްވީމާ ވަރުބަލިވެގެން އޮށޯވެލީ އެވެ. "ނޫސް ލިޔާ ކުދިން" އަންނާތީ މެންދުރުއްސުރެ ހުރީ ތައްޔާރު ވެސް ވެގެންނެވެ. އަހަރެމެންނަށް ދެވުނުއިރު ހަވީރު ވެއްޖެ އެވެ.

"އެ ކުދިން އަތުވެއްޖޭ އަވަހަށް ތެދުވާށޭ" ބުނުމާ އެކު ނިކަން ފަސޭހައިން ހޭލައިފި އެވެ. ހާލު އަހުވާލު އަހާލައި އިންޓަވިއު ފެށީމާ ބުނީ މިހެންނެވެ.

"ހާލު ކިހިނެއްހޭ؟ ބޭބެ ރަނގަޅު، މި ގޮނޑީގައި [ފުރޮޅުލީ ގޮނޑީގައި] އިންނަންޖެހޭކަން އެކަނި، އެހެން އެއްވެސް ބައްޔެއް ނެތް، މީގައި އިންނަތާ ވެސް ނުވާނެ އަދި މާގިނަ ދުވަހެއް،" އަލިބެގެ ވާހަކަ ފެށި އެވެ. ހިނގައިބިނގާވެ އުޅުމަށް ދަތިވުން ފިޔަވައި އެހެން މާބޮޑު ބައްޔެއް ނެތް ކަމަށް އަލިބެގެ ދޮށީ ދަރިފުޅު ބުންޏެވެ.

އަލިބެގެ އުމުރުން 103 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ކުޑަ ހަފުލާއެއްގައި ދަރިންނާއި ކާފަ ދަރިން އަދި މުނިކާފަ ދަރިންނާއެކު

އައިޑީކާޑުގައި ބުނާގޮތުން 104 އަހަރު ވިޔަސް ފެންނަ ފެނުމަށް އެހާ ދުވަސްވީ ވައްތަރު ނުޖަހާތީ ޔަގީންކޮށްލަން އުމުރު ވެސް އަހާލީމެވެ. ހަނދާން ރަނގަޅެވެ.

"މަގޭ އުމުރުން މިހާރު 104 އަހަރު، ސަރުކާރުން ދިން ލިއުމުގައި ވެސް އޮތީ އެހެން، މަގޭ ހަނދާންހުރޭ ތަންކޮޅެއް ޅައިރު ބައްޕަމެން ރިޔާ ހަދަން އުޅޭއިރު އެތަނަށް ގޮސް އުޅޭ ހަނދާން،"

"ލައްކަ ވެރިކަން ވެސް ދުށިން، މުހައްމަދު ޝަމްސުއްދީންގެ ވެރިކަން ދެން އޭގެ ފަހުން ވެރިކަމަށް އައި ކޮންމެ މީހެއް، ހައެއްކަ އަށެއްކަ މީހުން ދޯ މިވީ،"

އަލިބެ ބުނާ ގޮތުން މަސައްކަތްކުރާ އުމުރަށް އަޅާލީމާ އެންމެ ފުރަތަމަ ދާންފެށީ މަހަށެވެ. އޭރު އުމުރުން 16 އަހަރެވެ. ބައްޕަ ނިޔާވީމާ އާއިލާގެ ޒިންމާ ވެސް އެޅުނީ އެވެ.

"އަހަންނެއް ނޫން އެންމެ ދޮށީ، އެކަމަކު ހުރިހާ ކުދިން ބޮޑުވެ އަމިއްލަ އަށް މަސައްކަތްކޮށް އުޅެވޭ ވަރުވަންދެން އެ ކުދިންގެ ހަރަދުތައް ބެލެހެއްޓީ މަ، މަށަށްވުރެ ދޮއްޓަށް ތިބޭނެ ތިން ކުދިން ހަގަށް ދެ ކުދިން،" އެއިން އެއްވެސް ކުއްޖަކު މިހާރު ދުނިޔެއަކު ނެތެވެ.

އަލިބެ މުނިކާފަ ކުއްޖަކު އުރާލައިގެން. ކާފަ އަދި މުނިކާފަ ކިޔާ ގިނަ ކުދިންތަކެއް ދުނިޔޭގައި އެބަތިބި

މަހަށް ދިއުން ހުއްޓާލީ އެއަށްވުރެ މާ ފައިދާބޮޑު އެހެން މަސައްކަތެއް ލިބުމުންނެވެ. މާލޭ ބޮޑު އިސްޓޯރުން ވަޒީފާ ލިބުނީ އެވެ. މުސާރަ އަކީ މަހަކު ހަ ރުފިޔާ އެވެ. ކާބޯތަކެއްޗާއި އީދަށް އާ ހެދުން ވެސް އެތަނުން ލިބެ އެވެ.

""ބޮޑު އިސްޓޯރުގައި އުޅުނީ، އެނގޭތަ އޭރު މުސާރަ، ހަ ރުފިޔާ، އޭރާ ބަލާފައި ވަރަށް ބޮޑު އެއްޗެއް، މާލޭ މީހުން ވެސް މަހުގެ ފަހުކޮޅު އާދޭ އަހަރެމެން ކައިރިއަށް ލާރި ނެތިގެން، އަހަރެމެންނަށް ދޭ ތަކެތި ބާކީކޮށްގެން އެއިން ބައެއް ރަށަށް ފޮނުވައިގެން ރަށުގައި ވިޔަފާރި ވެސް ކުރިން،"

ރަށުގައި ހިންގި ވިޔަފާރީގެ ކަންކަން ބެލެހެއްޓީ އަލިބެގެ އެއްބަނޑުއެއްބަފާ ކުދިންނެވެ.

ބޮޑު އިސްޓޯރު އުވާލަންދެން އެތަނުގައި އަލިބެ މަސައްކަތްކުރި އެވެ. އޭގެ ފަހުން ދެން ދިޔައީ ބޯޓުދަތުރުކުރާށެވެ. މުހައްމަދު އަމީނު ދައުރުގައި ގެނައި "ހައިސިންތު" ބޯޓުގަ އެވެ. އިންޖީނުލީ އުޅަނދުފަހަރު ރާއްޖެ ނުގެންނަ އެ ޒަމާނުގައި ރާއްޖޭން ބޭރަށް ދަތުރުކުރީ ރިޔަލު އެ ބޯޓުގަ އެވެ.

"އެ ބޯޓުގެ ސަރަނގުކަމުގެ ވަޒީފާ ލިބުނީ، އަހަންނަކީ ބޯޓުގެ ސަރަނގު،"

"ސަރަނގު އަލީ" މި ނަން ލިބި ހަރުވީ ވެސް އެ ދުވަސްވަރު އެވެ. އެއީ ރާއްޖޭގެ އެކި ހިސާބުތަކަށާއި ސިލޯނަށް ވެސް ދަތުރުކުރާ ބޯޓެކެވެ. އެނބުރި ރަށަށް އައީ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީ އަވަހާރަކޮށްލުމާއެކު އެވެ.

އަލިބެ: އުމުރުގެ ބޮޑުބައި ހޭދަކޮށްލީ މަސްދޯނި ގެންގުޅުމުގައި

އަހަރުތަކެއް ވަންދެން މާލެ ފައިބާ ހުރުމަށް ފަހު ރަށަށް އައިސް ފުރަތަމަ ކުރި ކަމަކީ ވިޔަފާރިކުރުމެވެ. މާލޭން ތަކެތި ގެނެސްގެން ފިހާރައެއް ހިންގީ އެވެ. އެކަމަކު ދޭތެރެ ދޭތެރެއިން ސަރުކާރުން ވިޔަފާރި ހުއްޓުވަ އެވެ. އެންމެފަހުން އެކަން ބޮޑުވެގެން ވިޔަފާރި ވިއްކާލާފައި ލިބުނު ލާރިން ނައިފަރުން މަސް ދޯންޏެއް ގަތީ އެވެ.

"އެ ދޯނި ގަނެފައި އޭގެ ފަހުން ބަނިން އިތުރު 10 ދޯނި، މަ އޭރު ނުދަން މަހަކަށް، ދޯނި ވެރިން ނުދާނެ މަހަކަށް، އެކަމަކު މަދުމަދުން ދޭތެރެއަކުން ގޮސްލަން، ދޯނިން ގެންނަ މަސް ކައްކައި އެ މަސައްކަތްކުރާނީ މި ގޭގައި، މަގޭ އަންހެނުންނާ ކުދިން، މަސް ހިފައިގެން މާލެ ގޮސް މަސް ވިއްކާ ހަދަން،" އަލިބެ ކިޔައިދިނެވެ.

އޭރު ރަށުގެ އެންމެ ތަނަވަސް މީހުންގެ ތެރޭގައި އަލިބެގެ އާއިލާ ނުވަތަ މަސްކޫރާ އާއިލާ ހިމެނެ އެވެ.

"މަގޭ ކައިގެން ހުރި އެއްޗެއް މަގޭ އެއްބަނޑު ތިމާގެ ކުދިން ކައިގެން ތިބޭނީ، ހުރިހާ ކުދިން އުޅޭނީ މި މަސައްކަތްތަކުގައި، މަހަށް ދިއުމާއި ދޯނިތައް ބަންނާނީ ވެސް ހަމަ މިގޭ ކުދިން،"

އެންމެ ފަހު މަސްދޯނި ވިއްކާލީ މީގެ ދެއަހަރެއްހާ ދުވަސް ކުރިންނެވެ.

ކުރީގެ ދިރިއުޅުން ބާއްވާފައި މިހާރުގެ ދިރިއުޅުމުގެ ވާހަކަ އަހާލީމާ ބުނީ މިހެންނެވެ.

"މިހާރު މައްސަލަ އަކީ ނުހިނގޭތީ، މަށަށް ކެވޭ ކޮންމެ އެއްޗެއް ވެސް، އަނެއްހެން ހަމަ ގަދަފަދަ މިހާރު ވެސް، ތަންތަނަށް ގޮސްލާ ނޫޅެވޭތީ ހަމައެކަނި މައްސަލަ އަކީ،" މިހާރުގެ ދިރިއުޅުން އަލިބެ ސިފަކޮށްދިނީ މިހެންނެވެ.

އުމުރުން 104 އަހަރު ނަމަވެސް ހޫރު ކާފަ ކިޔާ ކުއްޖަކު ނެތެވެ. ހަތަރު ކައިވެންޏަށް ލިބުނު 14 ދަރިންގެ ތެރެއިން ދުނިޔޭގެ ތިބީ އެންމެ ފަހުން ކުރި ކައިވެންޏަށް ލިބުނު 10 ކުދިންގެ ތެރެއިން ހަ ކުދިންނެވެ. ކާފަ ކިޔާ 25 ކުދިން އަދި މުނި ކާފަ ކިޔާ ކުދިން ވެސް އެބަތިއްބެވެ.

ރ. އަލިފުށި އުމުރުން ދުވަސްވީ މީހުން

Popular