27 Sep 2020

By: Aminath Ibrahim

ސައިންސް، ޓެކްނޮލޮޖީ، އެންޖިނިއަރިން އަދި ހިސާބު ޕްރައިމަރީ ކަރިކިއުލަމަކަށް މުހިއްމުވާ ބައިވަރު ސަބަބު ޑރ. އިބްރާހިމް ލަތީފް ދައްކަވާފާނެ އެވެ. އެއީ އޭނާ ފަރިތަ ދާއިރާ އެވެ. އުނގަންނައިދިނުމަކީ ޖޯޝުގައި ކުރައްވާ މަސައްކަތެވެ. ކިޔަވައިދިނުމުގެ ދާއިރާގައި މިހާތަނަށް ހޭދަކުރެއްވި ނަވާވީހަކަށް އަހަރުގެ ތެރެއިން 11 އަހަރު ހޭދަކުރެއްވީ ރާއްޖޭގަ އެވެ. އެއަށްފަހު 2003 ވަނަ އަހަރު މަތީ ތައުލީމަށް އޮސްޓްރޭލިއާ އަށް ވަޑައިގެން ޔުނިވަސިޓީ އިން ލިބުނު ފުރުސަތެއްގައި އެތަނުގައި ވެސް ކިޔަވައިދެއްވަން ފެއްޓެވި އެވެ. މޮނާޝް ޔުނިވަސިޓީގައި ނުވަ އަހަރު ކިޔަވައިދެއްވުމަށް ފަހު މި އަހަރު ރާއްޖެ ވަޑައިގެން މުޅިން ވެސް ދައްކަވަނީ "ސްޓެމް" އެއްގެ ވާހަކަ އެވެ. ދިވެހި ދަރިވަރުންގެ ވިސްނުން "ސްޓެމް" އިން ބަދަލުކޮށްލަން ބޭނުންވާ ވާހަކަ އެވެ.

"މޮނާޝް ޔުނިވަސިޓީގައި އެޑިއުކޭޝަން ދާއިރާ އިން އަޅުގަނޑު ޕީއެޗްޑީ ހެދީ. މައިގަނޑު ދާއިރާއަކަށް ވީ އެޑިއުކޭޝަން އިން ޓެކްނޮލޮޖީ. އެހެންވީމާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުދިންނަށް އުނގަންނައިދިނުމަކީ އަޅުގަނޑުގެ ހާއްސަ ދާއިރާ،" ތ. ކިނބިދޫ އަށް އުފަން ލަތީފް ވިދާޅުވި އެވެ.

"އެކަމަކު ރާއްޖޭގައި ނެތް ޓެކްނޮލޮޖީ އަށް ފޯކަސްކުރާ ކަރިކިއުލަމެއް. ހަގީގީ މައްސަލަތައް ހައްލުކުރުމާއި ކިޔަވައިދިނުމެއް ނެތް. އަޅުގަނޑު އައީ އެގޮތުން ބަދަލުތަކެއް ގެންނަން ބޭނުންވެގެން."

"ސްޓެމް" ގެ އިނގިރޭސި ހަތަރު އަކުރު ނިސްބަތްވަނީ ފެށުމުގައި ބުނެފައި އެވާ ހަތަރު ދާއިރާއަށެވެ. މިއީ އަމިއްލަ ހޭލުންތެރިކަން ބޭނުންކޮށްގެން އަމިއްލައަށް ކުދިން ވިސްނާ މޮޅެތި ހިޔާލުތަކުން އާ އީޖާދުތައް އުފައްދައި އަމިއްލަ އަށް ކަންކަން ޕްލޭންކޮށް ޑިސިޕްލިން ވާނެ ގޮތް ކުދިންނަށް ދަސްކޮށްދޭން ބޭނުންކުރާ މޮޑެލްއެކެވެ. ޓެކްސްޓު ފޮތްތަކުގެ މާނައިގެ ބޭރުން، އަސްލު މައްސަލަތަކަށް ހައްލު ހޯދާނެ ގޮތް ކުދިން ކިޔަވަ އެވެ. ފިންލެންޑް، އޮސްޓްރޭލިއާ، ޔޫކޭ، ޖަޕާން ފަދަ އެއްވަނަ ދަރަޖައިގެ ގައުމުތަކުން މިހާރު ގަބޫލުކުރަނީ ވެސް މި ސިސްޓަމެވެ.

ފިންލެންޑް، އޮސްޓްރޭލިއާ، ޔުކޭ ފަދަ އެއްވަނަ ދަރަޖައިގެ ގައުމުތަކުން ވެސް މިހާރު ގަބޫލުކުރަނީ މި ސިސްޓަމެވެ.

ރާއްޖެއަށް "ސްޓެމް" ބޭނުންވަނީ ކީއްވެ؟

ރާއްޖެ އަކީ މޮޅަށް ކިޔަވާ ކުދިން ތިބި ގައުމެކެވެ. އޯލެވެލް އާއި އޭ ލެވެލް އިން ދުނިޔޭގެ ފެންވަރުގައި ވަނަ ހޯދާ ކުދިންތަކެއް ކޮންމެ އަހަރަކު އުފައްދާ ގައުމެކެވެ. މި ހުރިހާ ކާމިޔާބީއެއް ހޯދާއިރު ދިވެހި ކުދިންނަށް އުނިވާ އެތައް ކަމެއް އެބަހުއްޓެވެ. ކުދިންނަށް ޓެކްނޮލޮޖީއެއް ނޭނގެ އެވެ. މިނިވަން ވިސްނުމަކުން ކަންކަން ބަލައި ހޯދައިގެން އީޖާދުކުރުމުގެ ހުނަރެއް ނެތެވެ.

މީގެ މައްސަލަ އަކީ ކަރިކިއުލަމެއް ވެސް ނޫނެވެ. ރާއްޖޭގެ ކަރިކިއުލަމް 21 ވަނަ ގަރުނުގެ ހިޔާލަށް ފެތެ އެވެ. ކަރިކިއުލަމް ބުނާ ގޮތުން ކުއްޖާ ގްރޭޑް 10 ނިމޭއިރު 8 ކަމެއްގެ ގާބިލްކަން ހުންނަންޖެހެ އެވެ. އެކަމަކު އޭގެ ތެރެއިން ހަ ކަމެއް ބިނާ ވަނީ އަމަލީ ތަޖުރިބާގެ މައްޗަށެވެ. ކަރިކިއުލަމްގެ ގިނަ ކަންކަން ވެސް ހަމަ އެކަނި ފޮތުން ހާސިލެއް ނުވެވެ އެވެ.

"ރާއްޖޭގައި މިހާރު ވެސް ބޮޑު ޕްރޮޖެކްޓެއް ހިންގަންޏާ ބޭރު މީހުން ލައްވައި އެކަން ކުރުވަން ޖެހެނީ. ބްރިޖް ކަހަލަ އެއްޗެހި އެޅުން، ކީއްތޯ ދިވެހި ކުދިންނަށް އެ ފެންވަރުގެ ވިސްނުން ނުވިސްނެންވީ. މިސާލަކަށް އެންމެ ކުޑަމިނުން ޓްރެފިކް ލައިޓް އެއްޗެހި ކޯޑު ކޮށްލާނެ ފަދަ ގާބިލް މީހުން ވެސް ނެތް،" ޑރ ލަތީފް ވިދާޅުވި އެވެ.

"އެހެންވީމާ ތަރައްގީއެއް ނޫނީ އިގްތިސާދެއް ވެސް ހޯދެން އޮތީ ކިޔަވައިދިނުމާއި ކިޔަވައިދޭ ގޮތް ބަދަލުކޮށްގެން. ޓެކްސްޓް ފޮތުން ބޭރަށް ކުދިން ނެރެގެން. އެކަމަކު ރާއްޖެއަށް އަދިވެސް އަތުން ފޮތް ދޫކޮށްނުލެވޭ."

ދުނިޔޭގެ އެންމެ ވަރުގަދަ އެޑިއުކޭޝަން ސިސްޓަމެއް އޮތް ފިންލެންޑުގައި ޓެކްސްޓް ފޮތް ބޭނުންކޮށްގެން ކިޔަވައިދިނުން އޮތީ މާޒީގަ އެވެ. އެމީހުން ކިޔަވައިދޭ ގޮތަކީ ކަރިކިއުލަމެއް ހެދުމަށް ފަހު އެއާ ގުޅުވައިގެން އިންކުއަރީ ބޭސްޑް މޮޑެލްއެއްގެ ތެރެއިން ކުދިންނަށް ކަންކަން ދަސްކޮށްދިނުމެވެ. ތިއަރީ އަށް އެކަނި ބަރޯސާ ވުމުގެ ބަދަލުގައި ކަންކަން ތަޖުރިބާކޮށްގެން އަމިއްލަ ހޯދުންތަކުން ދަސްކުރަން ފުރުސަތު ދީގެންނެވެ. ޅަ އުމުރުގައި ކޯޑް ކުރުމާއި ޓެކްނޮލޮޖީއަށް ފަރިތަ ބަޔަކަށް ކުދިން ހަދައިދީގެންނެވެ.

"ސްޓެމް" ސިސްޓަމަކަށް ދާންވީ އިތުރު ސަބަބުތައް

ހަމައެކަނި ފޮތް ކިޔަވައިގެން މޮޅު ކުދިން ހޮވާ ނިޒާމެއްގައި ބައިވަރު މައްސަލަތައް ދިމާވެ އެވެ. މިކަހަލަ ނިޒާމެއްގައި ހުނަރަށް މާ ބޮޑު ކުރިއެރުމެއް ނުލިބެ އެވެ. ފޮތް ކިޔައިގެން ޓެސްޓުތަކުން މަތިން ނުލިބޭ "ކްރިއޭޓިވް" ކުއްޖާ އަކީ ދަށް ކުއްޖެއްގެ ގޮތުގައި ވިސްނުމުގެ ބޮޑު ޖާގައެއް އޮވެ އެވެ.

"ޓޮޕް ޓެން އަށް އަރައިގެން އެކަނި މޮޅެތި މީހުން އުފެދޭ ނަމަ ރާއްޖޭގަ މާ ގިނަވާނެ ނޫންތޯ އެފަދަ މީހުން. އެކަމަކު އަސްލު ހަގީގަތަކީ، އޯލެވެލް އަކީ ބައެއް ގައުމުތަކުގައި ހަދާ ޓެސްޓެއް. އެއިން އެއްވަނަ ހާސިލްކުރެވުނަސް ހަގީގަތުގައި އެންމެ ދަށުން ހަމަ އެ ޓެސްޓުން ލިބުނު ކުއްޖާ އަކީ އެއަށްވުރެ މާ ގާބިލް ކުއްޖަކަށް ވުމުގެ ފުރުސަތު އެބަ އޮތް،" ޑރ. ލަތީފް ވިދާޅުވި އެވެ.

އޭނާގެ ނަޒަރުގައި ބެލެނިވެރިން މިކަމަށް ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހެ އެވެ. ކުރިއަރަމުންދާ ޒަމާނުގައި ދުނިޔެއަށް އެންމެ ބޭނުންވަނީ އިންޖިނޭރުންނާއި މެކޭނިކުންނާއި ޓެކްނީޝަނުން ކަހަލަ އުފެއްދުންތެރި މޮޅު މީހުންނެވެ.

"ސްޓެމް ސްޕޭސް"

"ސްޓެމް ސްޕޭސް" އަކީ ސްޓެމް މާއްދާތައް ކިޔަވައިދޭން ޑރ. ލަތީފް އުފައްދައިގެން އުޅޭ ސެންޓަރެކެވެ. ފަސް އަހަރާއި 15 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ސްޓެމް މާއްދާތައް ކިޔަވައިދޭން ފެށި އެ ސެންޓަރަށް ދެތިން މަސް ވީއިރު ސަތޭކަ އަށް ވުރެ ގިނަ ކުދިން މިހާރު ލިބިއްޖެ އެވެ. އެކަމަކު އަދިވެސް ގިނައީ މީގެ ފައިދާ ނޭނގޭ ބެލެނިވެރިންނެވެ.

"އަޅުގަނޑުމެން މި ދެނީ މައިންކްރާފްޓް ބޭނުންކޮށްގެން ސްޓެމް މާއްދާތައް ކިޔެވުމުގެ ފުރުސަތު،" ޑރ. ލަތީފް ވިދާޅުވި އެވެ.

މައިންކްރާފްޓަކީ ގިނަ އެލެމެންޓްތަކެއް ހިމެނޭ ވާޗުއަލް ދުނިޔެ އެކެވެ.

"ދަގަނޑާއި ކެމިކަލްތަކާއި މިހެން ގޮސް ބައިވަރު އެލެމެންޓް ހުންނާނެ. ގްލާސް ހުންނާނެ، ކޮންކްރީޓް ހުންނާނެ. އެކުދިންނަށް އޭގެ އެއްޗެހި މިކްސް ކޮށްގެން އެއްޗެހި އުފެއްދެން ވެސް އުފެއްދޭނެ. ޖަނަވާރު އެއްޗެހި ވެސް ހުންނާނެ، އެ އެއްޗެހި އޮޅުކޮށްގެން ގެންގުޅެވޭނެ. އަސް އެއްޗެހި އޮޅުކޮށްގެން ބަލަހައްޓައިގެން އެއަށް އަރައިގެން ވެސް ދުއްވޭނެ."

އެކި މޯޑް ތަކުގައި އެކި ހުނަރު ބޭނުންކުރަން ކުދިންނަށް ފުރުސަތު ލިބެ އެވެ. ސަވައިވަލް މޯޑުގައި ކުޅޭ އިރު މައްސަަތަކާއި ހާލަތްތަކުން އަރައިގަންނަން ކުދިން ދަސްކުރެ އެވެ.

"މިސާލަކަށް ގަސް ކަނޑައިގެން ގެ އަޅައިގެން ދަނޑު ހައްދައިގެން ކާ އެއްޗެހި ހޯދައިގެން ކަންކަން ކުރާނެ ހަމަ،އެހެންވީމަ ފާޑެއްގެ ގޭމެއް. އެކަމަކު މި އިންނަނީ ކިޔަވައިދިނުމުގެ ބޭނުމަށް ފިޓް ކޮށްފަ، ޓީޗަރުންނަށް ގިނަ ކޮންޓްރޯލް ދީފަ ލެސަން ތައް ނަގައިދެވޭ ގޮތަށް،" އޭނާ ތަފްސީލް ދެއްވި އެވެ.

ދަސްވާ އެންމެ ބޮޑު އެއްޗަކީ "އަހުލާގު"

ޑރ. ލަތީފްގެ ނަޒަރުގައި ސްޓެމް އެޑިއުކޭޝަނުން ކުއްޖަކަށް ދަސްވާނެ އެންމެ އަގުހުރި އަދި އެންމެ ބޮޑު ފިލާވަޅަކީ ވެސް ރީތި އަހުލާގެވެ. ސްޓެމް އެޑިއުކޭޝަން ސިސްޓަމެއްގައި ބާރުއަޅަނީ އަމިއްލައަށް ކަންކަން ދަސްކުރުމެވެ. އެހެންވީމާ، އަމިއްލަ އަށް މިނިވަންކަން ލިބުމުން ބޭނުންތެރި ކަމެއް ކުރަން ކުދިންނަށް ދަސްވުމަކީ، ކްލާސްރޫމެއްގައި ހަމައެކަނި ފޮތުން ކިޔަވައިދީގެން ކުދިންނަށް ދަސްވާނެ އެއްޗެއް ނޫން ކަމަށް ލަތީފް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ފެށި އިރު އެންމެ ފާހަގަވި ކަމަކީ ކުދިން އަމިއްލަ އަށް ވިސްނަން ނޫޅޭ މިންވަރު. އެކަމަކު ސްޓެމް އިން މި ފޯކަސް ކުރަނީ ސެލްފް ޑައިރެކްޓެޑް ލާނިން. ކުދިން ފަރިތަކުރުވަންވީ އެގޮތަށް. އެހެން ނޫނީ މި ވާގޮތަކީ ކުދިން ގާތު އަބަދު ބުނަން ޖެހެނީ އެހެން ހަދަން، މިހެން ހަދަން. ކުދިންނަށް އެނގެނީ ހަމައެކަނި ބުނާ އެއްޗަކަށް ފޮލޯކުރަން،"

"އަސްލު އަހުލާގަކީ ކުއްޖާ އަށް ފުރިހަމަ ބާރު ލިބިފައި، އިހްތިޔާރު ލިބިފައި، ދެން އެކުއްޖާގެ ޑިސިޕްލިން ހުންނަ ގޮތް. އެހެންވީމާ މި ގޮތަށް އުނގަންނައިދިނުން މުހިއްމީ."

ސްކޫލް ކުޑަކުދިން ތައުލީމް

Popular