28 Sep 2020

By: Ifraz Ali

ފުރަތަމަ ރިއްސަން ފެށީ ދެ ފައިތިލައިގަ އެވެ. ދުވަސްކޮޅެއް ފަހުން، ކާ ހިތް ކެނޑެން ފެށި އެވެ. ފެން ފޮދެއް ބޯލިއަސް، އޭގައި ލަނީ ހިތި ރަހަ އެވެ. ކެއުމާއި ބުއިމުގެ މަތިން، މީހާ އެއްކޮށް ފޫހިކޮށްލި އެވެ. އަދި އެއާ އެކު މީހާގެ ބަރުދަން ވަރަށް ބޮޑަށް ލުއިވި އެވެ. އޭރު 80 ކިލޯ ހުރި މީހާ، އެއް މަސް ތެރޭގައި 65 ކިލޯ އަށް ލުއިވި އެވެ. މި ކަންކަން ފުރަތަމަ ވަމުންދިޔަ ދުވަސްކޮޅު، ސައިމަން އިސްމާއިލް ހުރީ މާ ބޮޑު ފަރުވާލެއް ނުބަހައްޓައި، ޑޮކްޓަރަށް ވެސް ނުދައްކަ އެވެ. އެކަމަކު މާ ގޯސްވާން ފެށުމުން، ޑޮކްޓަރަށް ދެއްކުމުން، 36 އަހަރުގެ ސައިމަން އަށް އެނގުނީ އޭނާގެ ދެ ކިޑްނީ ވެސް ފެއިލްވެފައި ކަމެވެ.

"ކާހިތެއް ނުވޭ އެއްވެސް ވަރަކަށް. ގިނަ ދުވަސް ދުވަހު ހަމަ އޮންނަނީ އެނދުމަތީގައި، ހަމައެކަނި ޖޫސް ފޮދެއް އޭރު ބޯލަނީ. އެވެސް ދުވާލަކު ދޭއް ނުވަތަ ތިން ތަށި،" ސްރީ ލަންކާގައި ޕައިލެޓްކަން ކިޔަވަން ހުއްޓާ މުޅި ހަޔާތް ބަދަލުކޮށްލި ވޭންތައް ސައިމަން ކިޔައިދިނެވެ.

ސައިމަން އިސްމާއިލް އާއި އޭނާގެ މަންމަ އާއި ބައްޕަ އަދި އަންހެނުން.

ސައިމަންގެ ކިޑްނީ ފެއިލްވެފައިކަން އޭނާއަށް އެނގުނީ މިދިޔަ އަހަރު އޭޕްރީލް ހިސާބުގަ އެވެ. މިދިޔަ އަހަރު ލަންކާގެ އެކި ތަންތަނުގައި ބޮން ގޮއްވި ހާދިސާއަށް ފަހު، އެ ގައުމުގައި އުފެދިފައި އޮތް ހާސްކަމާއި ބިރުވެރިކަމާ އެކު ބައެއް ދިވެހިން ވެސް އެނބުރި ގައުމަށް އަންނަން ފެށުމުން، މާލެ އަށް އުފަން ސައިމަން ވެސް ރާއްޖެއަށް އައެވެ. މާލެ އައިސް ފުރަތަމަ ވެސް އޭނާ ކުރި ކަމަކީ ވަމުންދިޔަ އުނދަގޫތަކުގެ ސަބަބު ހޯދަން ޑޮކްޓަރަށް ދެއްކުމެވެ. ޑޮކްޓަރަށް ދައްކައި، ޓެސްޓުތައް ހެދުމުން އެނގުނީ ދެ ކިޑްނީގެ މަސައްކަތް ކުރަނީ އެންމެ ހަތް ޕަސެންޓު ކަމެވެ.

އެ ދުވަހުން ފެށިގެން ސައިމަން އަންނަނީ ކިޑްނީ ޑޯނާއެއް ހޯދަމުންނެވެ.

ސައިމަންގެ ފޭސްބުކް ޕޯސްޓް.

ސައިމަންގެ ޑޮކްޓަރު އިރުޝާދު ދިނީ، ކިޑްނީ ޑޯނާއެއް ލިބެންދެން، ފިސްޓުލާ ސާޖަރީ ހެދުމަށް ފަހު، ޑަޔަލިލިސް ފެށުމަށެވެ. ތައިލެންޑުން އެ ސާޖަރީ ހެދުމަށް ފަހު، މިދިޔަ އަހަރު ޖުލައި މަހު އޭނާ ޑަޔަލިލިސް ފެށި އެވެ. އަހަރެމެން އިންޓަވިއުއަށް ގުޅިއިރު ވެސް ސައިމަން ހުރީ ޑަޔަލިލިސް ހަދަން ހޮސްޕިޓަލުގަ އެވެ. އެއީ އޭނާގެ 182 ވަނަ ޑަޔަލިލިސް ސެޝަނެވެ.

"ފުރަތަމަ އަޅުގަނޑުމެން ބެލީ އާއިލާ މެމްބަރުންގެ ތެރެއިން ކިޑްނީ ޑޯނާއެއް ލިބޭނެތޯ. އެކަމަކު އާއިލާގައި ނެތް ކިޑްނީ ދެވޭނެހާ ހެލްތީ މީހެއް. ކޮންމެ މީހެއްހެން، ކޮންމެވެސް ކަހަލަ ބައްޔެއް އެބަހުރި. އެހެންވެ، އެހެން ގޮތަކުން ޑޯނާއެއް ހޯދަން ޖެހިފައި ވަނީ،" އާންމުންގެ އެހީތެރިކަމަށް އެދެން ޖެހުނު ސަބަބު ސައިމަންގެ އަންހެނުން ހައްވާ އިއްފަތު ކިޔައިދިނެވެ.

ސައިމަންއާ ގުޅޭ ނަންބަރަކީ 9904048 އެވެ.

"އަހަރެންގެ ލޭގެ ގްރޫޕަކީ އޯ ޕޮޒިޓީވް. އެހެންވީމާ އޯ ބްލަޑް ގްރޫޕްގެ މީހެއްގެ އެހީ ބޭނުންވަނީ. ޓެސްޓުތައް ހަދައިފައި އެމީހެއްގެ ކިޑްނީއާ މެޗްވޭތޯ ބަލާނީ،" އުމުރުން 8 އަހަރުގެ ފިރިހެން ކުއްޖަކު ހުރި ސައިމަން ބުންޏެވެ.

ސައިމަން އިސްމާއިލް އާއި އޭނާގެ އަންހެނުންނާއި އަދި 8 އަހަރުގެ ފިރިހެން ދަރިފުޅު.

މި ވަގުތު ސައިމަން އަށް ލިބޭ އެންމެ ބޮޑު ހިތްވަރަކާއި ހިތްހަމަޖެހުމަކީ އޭނާގެ މައިންބަފައިންނާއި އަންހެނުންނާއި އެއްބަނޑު މީހުންނާއި އަންހެނުންގެ އާއިލާ އަދި ރައްޓެހިންގެ ފަރާތުން ލިބޭ ސަޕޯޓް ކަމަށް އޭނާ ބުންޏެވެ.

"ސާޖަރީ ހެދުމަށް ފަހު، އަހަރެންގެ ދިރިއުޅުމާއި ވަށައިގެންވާ މާހައުލު ވަރަށް ބޮޑަށް ބަދަލު ވެއްޖެ. [ޑަޔަލިލިސް ހެދުމަކީ] އަބަދު ކުރަންޖެހޭ ކަމެއް ވީމަ އެކަމަށް އާދަވެއްޖެ. އެކަމަކު އަބަދުވެސް ހަމަ އެވާ ވަރަށް ތަދުވޭ،" ސައިމަން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ލިޔެފައިވެ އެވެ.

"ޑަޔަލިލިސް ހަދާ ދުވަހެއްގައި މީހާގެ ގައިން އެއްކޮށް ވަރުދާނެ. އަންހެނުންނާއި ދަރިފުޅާ އަދި މަންމަމެންނާ އެކު ވެސް ވަގުތުކޮޅެއް ހޭދަނުކުރެވޭ. އާއިލާއަށް ދޭން ބޭނުންވާ ވަގުތު ނުދެވޭ. އަހަރެންގެ އާއިލާ އިން އެ ވަނީ ވަރަށް ބޮޑު ގުރުބާނީއެއް،" އެ ޕޯސްޓުގައި އޭނާ ލިޔެފައިވެ އެވެ.

ސިއްހަތު ކިޑްނީ ކިޑްނީ ބަދަލުކުރުން

Popular