10 Dec 2020

"ފްލެގް ގާލް" އެކަނިމާއެކަނި މުޅި ދުނިޔޭގައި ކުރާ ދަތުރުގައި ރާއްޖެއަށް

ބަންގުލަދޭޝްގެ ދިދަ ހިފައިގެން، ރާއްޖެއާ އެކު މިހާތަނަށް 144 ގައުމަކަށް ދަތުރުކޮށްފި

"ފްލެގް ގާލް" އެކަނިމާއެކަނި މުޅި ދުނިޔޭގައި ކުރާ ދަތުރުގައި ރާއްޖެއަށް

ބަންގުލަދޭޝްގެ ދިދަ ހިފައިގެން، ރާއްޖެއާ އެކު މިހާތަނަށް 144 ގައުމަކަށް ދަތުރުކޮށްފި

By: Ifraz Ali

"ފްލެގް ގާލް" ގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެފައިވާ ބަންގުލަދޭޝްގެ ޒުވާން އަންހެން ޓްރެވެލާ އަދި ޕީސް އެކްޓިވިސްޓް، ނަޖުމު ނަހާރު އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީންނާއި ވިޒިޓް މޯލްޑިވްސް އިން ވަނީ ނަޖުމު އަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔައިފަ އެވެ. -- ރާއްޖެ އަކީ އޭނާ ދަތުރު ކުރި 144 ވަނަ ގައުމެވެ.

ނަޖުމަކީ މިހާރު 140 އަށް ވުރެ ގިނަ ގައުމަކަށް، އެކަނިމާއެކަނި، ދަތުރުކޮށްފައިވާ ބަންގުލަދޭޝްގެ ފުރަތަމަ ޓްރެވެލާ އެވެ. ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކުރުމަށް އަޒުމު ކަނޑައަޅައިގެން ހުރި ނަޖުމު މި ދަތުރު ފެށިތާ މިހާރު 20 އަހަރު ވެއްޖެ އެވެ.

"ފްލެގް ގާލް" ގޮތުގައި ނަޖުމު މަޝްހޫރުވީ މި ދަތުރުތަކުގައި ބަންގުލަދޭޝްގެ ގައުމީ ދިދަ ހިފައިގެން އޭނާ އުޅޭތީ އެވެ. ފައިގެ މަގުންނާއި ވައިގެ މަގުން އޭނާ އެތައް ގައުމަކަށް ގޮސް، ތަފާތު އެތަކެއް ތަޖުރިބާތަކެއްކޮށް، ވަރަށް ގިނަ ކާމިޔާބީތައް ވެސް އޭނާ ހާސިލްކޮށްފި އެވެ.

ނަޖުމު އެންމެ ބޭނުންވަނީ އަންހެނުންނާއި ކުޑަކުދިން ބާރުވެރިކުރުމާއި އަދި އެމީހުންގެ ކުރިއެރުމަށާއި ހައްގުތައް ކަށަވަރުކޮށްދިނުމަށް ހިތްވަރުދިނުމެވެ. އަދި އޭނާ އެކަނި ކުރާ މި ދަތުރުތަކުގެ އެންމެ ބޮޑު މަގުސަދަކީ، ޒަމާނުއްސުރެ މުޖުތަމައުގައި އޮތް ވިސްނުމެއް ކަމަށްވާ، އަންހެނުން އެކަނި ތަންތަނަށް ދިއުމަކީ ނުރަނގަޅު ކަމެއްގެ ގޮތުގައި ދެކެވޭ ސަގާފަތް ބަދަލުކޮށް، އަންހެނުންނަށް ވެސް އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ހަމަހަމަ ފުރުސަތުތަކެއް ލިބެންޖެހޭ ކަން އަންގައިދިނުމެވެ.

އެކި ގައުމުތަކަށް ކުރާ މި ދަތުރުތަކުގައި ސްކޫލްތަކުގައި އަންހެނުންނާއި ކުޑަކުދިން ބާރުވެރިކުރުމާއި އަދި ދުނިޔޭގެ އަމާންކަމާއި ސުލްހަވެރިކަމާއި ގުޅޭގޮތުން ނަޖުމު ތަގުރީރުތައް ވެސް ދެ އެވެ. އެމީހުންގެ ސަގާފަތް ދަސްކުރުމުގައި ވަގުތު ހޭދަކުރެ އެވެ. އަދި މި ހުރިހާ ތަޖުރިބާއެއް އޭނާ އަންނަނީ ޑޮކިއުމެންޓް ވެސް ކުރަމުންނެވެ.

"އަހަރެން ބޭނުންވަނީ މިނިވަންކަން މަތީގައި ހުންނަން އަދި ހުރިހާ ކަމެއް ވެސް އަމިއްލައަށް ކުރަން. އަދި އަހަރެންގެ ބައްޕަ އުއްމީދުތަކާ އެއްގޮތަށް މިނިވަން އަންހެނެއްގެ ގޮތުގައި ދިރިއުޅުން ވޭތުކުރަން،" ބަންގުލަދޭޝްގެ ގާލް ގައިޑް އެސޯސިއޭޝަންގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި ނަޖުމު ބުނެފައިވެ އެވެ.

"ވަރަށް ޅައުމުރުން ފެށިގެން އަހަރެން ބޮޑުވީ ވަރަށް ފުން ހިޔާލާއި ވިސްނުމުގެ ތެރެއިން. ދުނިޔޭގެ 140 ގައުމުގެ ބޯޑަރު މި ހުރަސްކުރީ އަދި ދުވަހަކު ވެސް ހިތްވަރެއް އެލުވެއް ނުލަން."

ނަޖުމުގެ މަރުހޫމް ކާފަ، އަލްހާޒް އަހްމަދު އުލްﷲ އަކީ ދީނީ އިލްމުވެރިއެއްގެ އިތުރުން މެދުއިރުމަތީ ގައުމުތަކުގައި 1926 އާއި 1931 ވަނަ އަހަރާއި ދެމެދު ދަތުރުކުރި ދަތުރުވެރިއެކެވެ. އެހެންވެ، ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރުމުގެ ޝައުގުވެރިކަން އޭނާ އަށް ލިބުނީ ކާފަގެ ފަރާތުންނެވެ. އަދި ނަޖުމުންގެ މަރުހޫމް ބައްޕަ، އެމްޑީ އަމީން އަކީ އޭނާގެ އެންމެ ބޮޑު ހިތްވަރު ކަމަށް ވެސް ބުނެފައިވެ އެވެ.

ބަންގްލަދޭޝް ޓޫރިޒަމް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ

Popular