4 Mar 2021

By: Ifraz Ali

މޭކަޕްކުރަން ލޯބިޖެހި އެކަން ކުރަން ފެށުނު ސީދާ ދުވަހެއް ބުނާކަށް ރުތުބާ އަހްމަދަކަށް ވެސް ނޭނގުނެވެ. ކިރިޔާ ހަނދާން ހުންނަން ފެށިއިރު ވެސް އޭނާގެ އަތުގައި މޭކަޕް ސާމާނު ހުއްޓެވެ. އަމިއްލައަށް މޭކަޕްކޮށް، އަދި އޭނާއާ އެކު އުޅޭ އެހެން ކުދިންނަށް ވެސް މޭކަޕްކޮށްދީ ހެދި އެވެ. އަދި މިހާރު އޭނާ ހުރި ހިސާބަށް އައުމަށް އަދި ނަން ހިނގާ ކާމިޔާބު މޮޅު މޭކަޕް އާޓިސްޓަކަށް ވެދާނެ ކަމުގެ ކުޑަ ވެސް ހީއެއް އޭރަކު ނެތެވެ.

ތަފާތު އެކި ވައްތަރުގެ މޭކަޕްތައް ކުރަމުން އަންނަ ރުތުބާ އެންމެ ޚާއްސަ ވަނީ ސްޕެޝަލް އިފެކްޓްސް މޭކަޕް (އެސްއެފްއެކްސް) އަށެވެ. މި ކަހަލަ މޭކަޕަކީ ތަފާތު ވައްތަރުގެ ކޮސްމެޓިކްސް އާއި ޕްރޮސްތެޓިކްސް ބޭނުންކޮށްގެން ފިލްމާއި ސީރީޒްތަކަށް ސްޕެޝަލް އިފެކްޓްސް ހެދުމަށް ބޭނުންކުރާ މޭކަޕެކެވެ.

ރުތުބާ ބޭނުންވަނީ ވެސް ހަމައެކަނި އެސްއެފްއެކްސް މޭކަޕްކުރާށެވެ. އެކަމަކު ރާއްޖޭގައި ހުރި ފުރުސަތުތައް ހަނިވުމުން ހަމައެކަނި އެކަމަށް ބަރޯސާވެގެން އުޅެވޭކަށް ނެތެވެ. އެހެންވެ، ބްރައިޑަލް މޭކަޕާއި އޮކޭޝަނަލް މޭކަޕް އަދި ބޮޑީ ޕެއިންޓް ވެސް އޭނާ ކޮށްދެ އެވެ. އަދި ފިލްމާއި ވެބް ސީރީޒްތަކަށް މޭކަޕްކޮށްދޭ މޭކަޕް އާޓިސްޓުންގެ ތެރެއިން ވެސް ރުތުބާ މިހާރު ވަރަށް ކުރި ހޯދާނެ އެވެ.

View this post on Instagram

A post shared by Ruthba Ahmed | Maldivian MUA (@ruthbaaa)

ރުތުބާ އެންމެ ފުރަތަމަ ފިލްމަކަށް މޭކަޕް ކޮށްދިނީ 2019 ގައި ގެނެސްދިން އައިފިލްމްސްގެ ކާމިޔާބު ސައިކޮލޮޖިކަލް ތުރިލާ "ބަވަތި" އަށެވެ. އޭގެ ފަހުން ހަމަ އެ ސްޓޫޑިއޯގެ ކުރިއަށް އޮތް ފިލްމު "ނީނާ" ގެ މޭކަޕާ ވެސް ހަވާލުވި އެވެ. އަދި މި ފިލްމުތަކުގެ އިތުރުން އެ ސްޓޫޑިއޯގެ ފުރަތަމަ ވެބް ސީރީޒް "ބިރުވެރި ވާހަކަ" ގައި ވެސް ރުތުބާ މޭކަޕްކުރެ އެވެ. އަދި ދިރާގު ޓީވީއާ އެކު އަމިއްލަ ޓީވީ ޝޯއެއް އުފެއްދުމުގެ މަސައްކަތް ވެސް އޭނާ އަންނަނީ ކުރަމުންނެވެ.

1. މޭކަޕްކުރަން ޝައުގުވެރިވެ، ޕްރޮފެޝަނަލީ މިކަން ކުރަން ފުރަތަމަ ވިސްނުނީ ކިހާ ހިސާބަކުން؟

ރުތުބާ: ހައި ސްކޫލުގައި އުޅުނު ދުވަސްވަރު، ބައެއް ރައްޓެހި ކުދިންނަށް މޭކަޕްކޮށްދީ ހެދިން. މާ ގިނައިންނެއް ވެސް ނޫން، ބައެއް ފަހަރު ޕޭއަށް، އަނެއް ބައި ފަހަރު ހިލޭ ވެސް ކޮށްދިނިން.

އެހެން އުޅެނިކޮށް ދައްތަގެ ރައްޓެއްސެއްގެ ބްރައިޑަލް ހިޖާބް އަޅައިދޭން ފުރުސަތެއް ލިބުނީ. މޭކަޕްކޮށްދޭން ފެށުމުގެ ކުރިން ކުރީ އެކަންތައް، ހިޖާބް އަޅައިދިނުން. އެއީ ވަރަށް ކުރި، 2011 ގައި. އެ ކްލައިންޓްގެ މޭކަޕްކުރުމާ ފުރަތަމަ ހަވާލުނުވީ އޭރުގައި އަތުގައި މާ ގިނަ މޭކަޕް ސާމާނެއް ވެސް ނެތީމަ. އެކަމަކު އެ ކްލައިންޓް ބޭނުންވީ ރުތުބާ އޭނާގެ މޭކަޕް ވެސް ކޮށްދޭން. ބޭނުންވާ އެއްޗެހި ނެތް ވާހަކަ ބުނީމަ އޭނާ އަމިއްލައަށް އެއްޗެހި ގަނެގެން ގެނެސްދިނީ ވެސް. އެ ފަހަރު ކޮށްދިން މޭކަޕް އޭނާއަށް ވަރަށް ކަމުދިޔަ.

އެ ވެޑިން އިން އައި ގޮޓް ޕެއިޑް، ލިބުނު ހުރިހާ ލާރިއެއް ސްޕެންޑްކުރީ މޭކަޕް ސާމާނު ގަންނަން. އެ ވެޑިންނަށް ކޮށްދިން މޭކަޕް ފެނިގެން، އެ ރީތިވެގެން ވަރަށް ގިނަ އިތުރު ކްލައިންޓުން ލިބެން ފެށި. އެއީ ދެން އަސްލު ޕްރޮފެޝަނަލީ މިކަން ފެށުނު ހިސާބަކީ.

2. ރުތުބާގެ މޭކަޕް ފުރަތަމަ ފަހަރަށް ފިލްމަކުން ފެނުނީ އައިފިލްމްސްގެ "ބަވަތި" އިން. އެ ފުރުސަތު ލިބުނީ ކިހިނެއް؟

ރުތުބާ: އަޅުގަނޑަށް "ބަވަތި" ގެ ޑައިރެކްޓަރު އިލްޔާސް ގުޅީ. އިލްޔާސް ބުނީ އެ ފިލްމުގައި އެސްއެފްއެކްސް ކުދިކުދި މޭކަޕްތައް ކުރަން ޖެހޭތީ، އެކަން ކުރާ ކުއްޖެއް ރިކޮމެންޑް ކޮށްދޭން މޭކަޕް އާޓިސްޓް ރިޒް ގާތުގައި ބުނީމަ، ރިޒް ރިކޮމެންކުރީ އަޅުގަނޑޭ. އޭގެ ފަހުން އަދިވެސް ހަމަ އައިފިލްމްސްގެ ޓީމާ އެކު ތަފާތު ޕްރޮޖެކްޓުތަކުގައި އެބަ މަސައްކަތް ކުރަން.

View this post on Instagram

A post shared by Ruthba Ahmed | Maldivian MUA (@ruthbaaa)

3. އާންމުކޮށް ކުރާ މޭކަޕާއި ފިލްމެއްގައި ކުރަންޖެހޭ މޭކަޕް ވަރަށް ތަފާތު ވާނެ. "ބަވަތި" އާ އެކު ކުރަންޖެހުނު ތަފާތު ތަޖުރިބާ ކިޔާދީބަލަ!

ރުތުބާ: "ބަވަތި" ގައި ހުރީ އާންމުކޮށް ހަދާ އުޅޭ އެއްޗެހި، އާ އެއްޗެއް ވަރަށް ނެތް. އެކަމަކު ޝޫޓަށް ދިއުމުގެ ކުރިން އަބަދުވެސް އޭތި އިންނާނީ ޑައިރެކްޓަރާ ޑިސްކަސްކޮށްފައި އޭނާ އޭތި ދައްކަން ބޭނުންވަނީ ކިހިނެއްތޯ އޮޅުންފިލުވައިފައި. އަދި ހުރި އޮޕްޝަންތައް ވެސް ދައްކައިފައި އެންމެ ކަމުދާ އެއްޗެއް ޗޫޒްކުރަނީ.

ވަރަށް ފަން އެކްސްޕީރިއެންސްއެއް އެއީ. އެއްވެސް ވަރަކަށް އުނދަގުލެއް ނޫން "ބަވަތި" ގައެއް. ވަރަށް ފަސޭހަ، ވަރަށް ޓައިމް ލިބުނު ބޭނުންވާ ގޮތަށް ކުރަން.

View this post on Instagram

A post shared by Ruthba Ahmed | Maldivian MUA (@ruthbaaa)

4. އާންމުކޮށް މި ކޮށް އުޅޭ މޭކަޕާއި އެސްއެފްކްސް މޭކަޕް ތަފާތު ވަނީ ކިހިނެއް؟ އަދި މި ދަސްކުރަން ވަރަށް ވަގުތު ހޭދަކުރަންތަ؟

ރުތުބާ: އެސްއެފްއެކްސްގައި މި ޖެހެނީ ވީހާ ވެސް ބޮޑަށް ރިއަލިސްޓިކް ކުރަން. ހިއުމަން އެނަޓޮމީ ވެސް ކިޔަވަން އެބަޖެހޭ، މިސާލަކަށް ބޯ ޖެހިއްޖެއްޔާ ކިހިނެއްތޯ ވާނީ، ބަނޑަށް ވަޅިއެއް ހަރާލައިފައި ނަގަންޏާމުން ބްލަޑް އަންނާނެ ގޮތާއި ފަހަރެއްގައި އެހެން ތަނަކުން ބްލަޑް އަންނަ ގޮތް ތަފާތު ވެދާނެ. ފެނޭނުން ފިލްމުތަކުގައި ކަރު ބުރިކޮށްލީމަ ލޭ ބުރައިގެން ދާ ތަން، އެއީ އަސްލު އާޓްރީއަކާ އެއްކޮށް ބުރި ވާތީ، އާޓްރީގައި ބްލަޑް ޕްރެޝާ ހައި ވާނެ. އެކަމަކު އެހެން ތަނަކުން، ބޮޑު އާޓްރީއެއް އެއްޗެއް ނެތް ތަނަކުން އެގޮތަށް ލޭ އަންނަންޏާ އޭތި ސެންސެއް މޭކެއް ނުކުރާނެ ދޯ. މި ސަބަބަށްޓަކައި މި ޖެހެނީ އެނަޓޮމިކަލީ ކަރެކްޓް ވާން.

ގޭގައި ހުރެގެން ވަރަށް ގިނައިން އެކްސްޕެރިމަންޓް ކުރަން. އަދި ވަރަށް ގިނައިން ކިޔާ އަދި ބަލާ ހަދަން މޭކަޕް އާޓިސްޓުންގެ އެއްޗެހި، ހޮލީވުޑް ކަހަލަ ތަންތަނުގެ މޭކަޕް އާޓިސްޓުން އެއްޗެހި. އަދި ކޯހެއް ކަހަލަ އެއްޗެއް ހަދައިފައި ނެތަސް އަމިއްލައަށް ދަސްކުރަން އުޅެގެން ގިނަ އެއްޗެހި މިހާތަނަށް ދަސްކޮށްފައި ހުރީ.

އިޓްސް ލައިކް، ޓްރައި އެންޑް ފެއިލް، ޓްރައި އެންޑް ފެއިލް އަންޓިލް ޔޫ ފައިންޑް ދި ޕާފެކްޓް ތިންގް ދެޓް ވޯކްސް ފޯ ޔޫ. ހަމަ އެގޮތަށް މިހާތަނަށް ގިނަ އެއްޗެހި ހަދައިފައި ހުންނާނީ.

ރާއްޖޭގައި ދިމާވާ އަނެއް ތަންކޮޅަކީ ފިލްމު އެއްޗެހި ވެސް މި ނަގަނީ ކޮންޓްރޯލްޑް އެންވަޔަރަމަންޓަކު ނޫން. އަވިގަދަ ދުވަހަކަށް ވެދާނެ، ވައިގަދަ ދުވަހަކަށް ވެދާނެ، ހަމަ އޭގެ އިދިކޮޅަށް ދާ ދުވަހަކަށް ވެސް ވެދާނެ. އެހެންވެ، މި ޖެހެނީ އެ ހުރިހާ ކަމަކަށް ވެސް ވިސްނައިފައި މޭކަޕް ކުރަން.

5. އެސްއެފްއެކްސް މޭކަޕްގެ ކްރިއެޓީވް ޕްރޮސެސް ފަށައިގެން ނިމެންދެން އެ މަސައްކަތް ކުރާ ގޮތް ވަރަށް ކުރުކޮށް ކިޔާދީބަލަ!

ރުތުބާ: މޭކަޕްކުރަން ދާއިރު، އީވެން ކެރެކްޓާ މޭކަޕެއް ކްލައިންޓަކަށް ކޮށްދޭން ދާއިރު، ވަރަށް ރީސާޗު ހަދަން. ސްކްރިޕްޓް ދިނީމަ، ސްކްރިޕްޓް ކިޔައިފައި، އެހެން މޫވީސްތަކުގައި ހުންނަ އެ ކަހަލަ މޭކަޕްތަކާއި އަދި ރިއަލް ލައިފް އެއްޗެހި މިސާލަކަށް ވޫންޑްސް ކަހަލަ އެއްޗެހި ހުންނާނެތާއި މެޑިކަލް ޕޭޖުތަކުގައި، އެ އެއްޗެހި ބަލައިފައި ގޭގައި ރީކްރިއޭޓް ވެސް ކުރަން.

View this post on Instagram

A post shared by Ruthba Ahmed | Maldivian MUA (@ruthbaaa)

އާންމުކޮށް ވަރަށް އަވަހަށް މޭކަޕްކޮށް ނިންމަން، އެކަމަކު އެސްއެފްއެކްސް މޭކަޕްކުރާއިރު، އޭގެ ކުރިން ވިސްނުމަށާއި ރިސާޗްކޮށް ހެދުމަށް އަބަދު ވެސް ވަރަށް ޓައިމް ބޭނުންވޭ.

މިސާލަކަށް، ކިހިނެއްތޯ ބްލަޑް އަންނާނީ މިވެނި ތަނެއްގައި މިވެނި ގޮތަކަށް ކަޓްއެއް އައިސިއްޔާމުން. އެތަނަކުން ބްލަޑް އަންނާނީ ކިހިނެއްތޯ އާޓްރީއަކާއި ވެއިންއަކާއި ބްލަޑް އަންނަ ޕްރެޝާ ވެސް ތަފާތު ވާނެ. ފްރެޝް ވޫންޑަކާއި ވަން ޑޭ އޯލްޑް ވޫންޑަކާ ތަފާތު ވާނެ. ބްލަޑް ކޯގިއުލޭޝަން ޕްރޮސެސް ތަފާތު ވާނެ، ބްލަޑްގެ ތިކްނެސް ތަފާތު ވާނެ، ގިނައިރު ވާ ވަރަކަށް.

View this post on Instagram

A post shared by Ruthba Ahmed | Maldivian MUA (@ruthbaaa)

އެ ހުރިހާ އެއްޗަކަށް ވިސްނަންޖެހޭނެ. ސްކްރިޕްޓް ކިޔަފައި އޭގައި އެ ބުނާ އެތި ސީދާ އެ އިން ގޮތަކަށް ދައްކަން ޑައިރެކްޓަރާ ވެސް ވާހަކަދައްކާ މަޝްވަރާކުރަން.

6. ރުތުބާގެ ވަރުގަދަ މަސައްކަތެއް ދެން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ އެކްޝަން ތުރިލާ "ނީނާ". އެ ފިލްމުގެ ތަޖުރިބާއަކީ ކޮބާ؟

ރުތުބާ: "ބަވަތި" އާއި "ނީނާ" ވަރަށް ބޮޑަށް ތަފާތު. ނީނާ އަކީ އައުޓްޑޯގައި ވަރަށް ގިނަ ސީންތަކެއް ނަގައިފައި ހުރި ފިލްމެއް. އައި ކާންޓް ޓެލް ޔޫ އެގްޒެކްޓްލީ ދަ ސީން އެކަމަކު މި ވަރަށް ބުނެވިދާނެ ބައެއް ސީންތަކުގައި ހުންނާނެ މޭކަޕް ކޮށްފައި، އެ މޭކަޕްގައި ހުއްޓާ ގޮސްފައި މީހާ ވެލިގަނޑަށް ޖަހާތަން، ދެން މޭކަޕަށް ވެލިވަދެފައި، ވަރަށް އަވިގަދަ ތަނެއްގައި ޕްރޮބެބްލީ އެ ޕްރޮޑަކްޓު [މޭކަޕް] ނުވެސް ހިފަހައްޓާނެ ކަހަލަ ތަންތަނުގައި މޭކަޕްކޮށްފައި ހުންނާނެ.

ހަމަ އެ މޭކަޕްގައި ބަހައްޓައިފައި އެހެން ތަނަކުން، އެހެން ދުވަހަކު ވެސް ސީންއެއް ނަގަންޖެހިދާނެ.

ބައެއް ފަހަރު ކޮންޓިނިއުޓީ ދިމާކުރާށާއި، ދެ ވައްތަރުގެ ލައިޓަށް އެއް މޭކަޕް ތަފާތުކޮށް ކުރަންޖެހޭ، އެހެންވެ އެ ހުރިހާ ކަމަކަށް ވިސްނަން ޖެހުނު ވަރަށް ބޮޑަށް.

"ނީނާ" ގައި ހުންނާނެ ލިޓްރަލީ އެއް މިނެޓުން ކޮށްފައި ހުންނަ އެސްއެފްއެކްސް. އެއީ މިސާލަކަށް މީހަކު ޖެހީމަ، ތަނެއް ހަލާކުވަނިއްޔޯ. ދެން އައުޓްޑޯގައި މި ނަގަނީ، ލައިޓިންއެއް ނުހުންނާނެ މީހާ ބޭނުންވާ ވަރަކަށް. އެހެންވެ ޖެހެނީ ކުޑަކުޑަ ވަގުތުކޮޅެއް ތެރޭގައި އަވަހަށް ނިންމާލަން.

View this post on Instagram

A post shared by Ruthba Ahmed | Maldivian MUA (@ruthbaaa)

7. ދިރާގު ޓީވީއާ ގުޅިގެން ރުތުބާ ގެނެސްދޭ މޭކަޕް ޝޯ އަކީ ވަރަށް ގިނަ ބަޔަކު އިންތިޒާރުގައި ތިބި ޝޯއެއް. އޭގެ މަސައްކަތް މިހާރު އޮތީ ކިހާ ހިސާބެއްގައި؟

ރުތުބާ: އޭގެ ޝޫޓިން އާއި ހުރިހާ މަސައްކަތެއް އެއްކޮށް ނިންމައިފައި ދިރާގުއާ ހަވާލުކޮށްފައި ވީ. އޭގެ އިތުރު އެއްވެސް މައުލޫމާތެއް އަދި ދެވޭކަށް ނެތް.

8. މި މަސައްކަތުގައި ރުތުބާ އަށް ހުރި އެންމެ ބޮޑު ގޮންޖެހުންތަކަކީ ކޮބާ؟

ރުތުބާ: ފުރަތަމަ ކަމަކަށް އެސްއެފްއެކްސް މޭކަޕް ސާމާނު ވަރަށް އަގުބޮޑު. މި ހިސާބަށް ގެންނަން ވެސް ވަރަށް އުނދަގޫ. ޔޫޝުއަލީ ހޮލީވުޑް ކަހަލަ ތަންތަނުގައި އެސްއެފްއެކްސް މޭކަޕް ކުރަން ގެންގުޅޭ ޕްރޮޑަކްޓްސް ގެނެސްގެން ބޭނުން ކުރަނީ. އެހެންވެ، އެކްސްޕެރިމަންޓަކަށް އެކަނި ބޭނުން ކުރަން ވެސް ދެރަވޭ. އެއީ އެންމެ ފަހަރަކު އޭގެ ބޭނުން ކުރެވޭނީ. ވަރަށް ސްޕެންޑް ކޮށްފައި ހުންނާނެ އެއްޗެހި ގެންނަން، ހަމައެކަނި ދަސްކުރަން ވެސް.

View this post on Instagram

A post shared by Ruthba Ahmed | Maldivian MUA (@ruthbaaa)

އެކަމަކު އަދި ދުވަހަކު ވެސް ޝޫޓެއްގެ ތެރެއިން މޭކަޕެއް ފެއިލް ވެގެން ދެރަވެގެން އުޅޭކަށް ނުޖެހޭ. މީގައި މުހިންމީ ރީސާޗު ރަނގަޅަށް ކުރެވިފައި ހުރުން.

ރާއްޖޭގައި ވޯކްކުރަން މި ޖެހެނީ ވަރަށް ލިމިޓެޑްކޮށް. ބައެއް ޕްރޮޑަކްޓްސް އަކީ ރާއްޖެ ގެނެވޭ އެއްޗެއްސެއް ނޫން. ޝިޕްކުރަން ބަލާއިރު ޔޫއެސް އިން ބޭރުނުކުރެވޭ އެއްޗެއްސާއި ރާއްޖެއަށް އެތެރެ ނުކުރެވޭ އެއްޗެހި ވެސް އެބަހުރި. އެއީ ވަރަށް ބައިވަރު ކެމިކަލްސްއާ އެކުގައި މި އެއްޗެހި ގެންނަން މި ޖެހެނީ. އަދި ބައެއް އެއްޗެހި އެތެރެ ކުރަން ޚާއްސަ ހުއްދަ ވެސް ބޭނުންވޭ.

މި ހުރިހާ ކަމެއް ހުރީމަ، އެކަނި މަސައްކަތް ކުރާ މީހާކަށް އަސްލު ވަރަށް އުނދަގޫ. އެހެންވެ، ކްރިއޭޓިވިޓީ ވެސް ލިމިޓްވެފައި އިންނަނީ، އެކްސްޕެންޑް މިކުރަނީ ވަރަށް ހާލުން. ޓްރައިކުރަން ބޭނުންވާ ބައިވަރު އެއްޗެހި އެބަހުރި، އެކަމަކު އަދި އެ ފުރުސަތެއް ނެތް.

9. މޭކަޕް އާޓިސްޓެއްގެ ގޮތުގައި މި ހޭދަވި 10 ވަރަކަށް އަހަރުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ކާމިޔާބީތަކަކީ ކޮބާ؟

ރުތުބާ: ރާއްޖޭގައި އަސްލު މޭކަޕް އާޓިސްޓުން އެޕްރިޝިއޭޓްކުރާނެ މާ ބޮޑު ޕްލެޓްފޯމްތަކެއް ނެތް. އެވޯޑެއް ކަހަލަ އެއްޗެއް ވެސް ނުދޭ. އެހެންވީމަ، އެވޯޑެއް ލިބުނޭ ނުވަތަ އެހެން ވެސް އެއްޗެއް ލިބުނޭ އެހެން ކިޔާކަށް އެއްވެސް އެޗީވްމަންޓެއް ނެތް. އެކަމަކު ލިބުނު އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކެނީ މިވީ ދުވަސްތަކުގެ ތެރޭގައި މީހާގެ ވޯކް އިމްޕްރޫވްމަންޓް އަދި ވަރަށް ފަހުން ހޮލީވުޑް ސެލިބްރިޓީންގެ ގޯ-ޓު މޭކަޕް އާޓިސްޓް ޕެޓްރިކް ޓާގެ މޭކަޕް ކްލާހަކަށް އިންވައިޓޭޝަން ލިބި އޭގައި ބައިވެރިވުން. އޭނާއަށް އަހަރެންގެ މަސައްކަތް ފެނިގެން، ދިން ދައުވަތެއް އެއީ. ދަ ފެކްޓް ދެޓް ހީ ނޯޓިސްޑް މީ އެންޑް އިންވައިޓެޑް ޓު ވަން އޮފް ހީޒް ކްލާސް އެއީ ހަމަ ވަރަށް ބޮޑު ކަމެއް.

View this post on Instagram

A post shared by Ruthba Ahmed | Maldivian MUA (@ruthbaaa)

10. މި މަސައްކަތުގައި ހުރި ލިމިޓޭޝަންތަކާ އެކު ވެސް އަދިވެސް ކުރިއަށް ދާން ބޭނުންވާއިރު، ކޮބާ މިހާރު ރުތުބާގެ އެންމެ ބޮޑު ހުވަފެނަކީ؟ މި ބުނީ މި ދާއިރާއިން ހާސިލުކުރަން ބޭނުންވާ އިތުރު ކަންކަމަކީ ކޮބައި ހެއްޔޭ؟

ރުތުބާ: އަލްޓިމޭޓް ގޯލް ވެސް މި އޮންނަނީ ވަރަށް ލިމިޓްވެފައި. ވިިސްނުން ނުވަތަ އެކްސްޕެކްޓޭޝަން ވެސް ވަރަށް ލިމިޓްކޮށްގެން މި ގެންގުޅެން ޖެހެނީ. އަނެއްހެން ބުނާ ނަމަ އައި އޭމް ގޮއިން ވިތު ދަ ފްލޯ. އެކަމަކު މިހާރު އެންމެ ބޭނުންވަނީ ކިޔަވައިދޭން. ބޭނުންވަނީ އެކަޑެމީއެއް ހުޅުވަން، މޭކަޕާއި އެސްއެފްއެކްސް ކިޔަވައިދޭން.

މޭކަޕްކުރުން

Popular