14 Jun 2021

By: Ahmed Jaishan

އެކި ރަހުމަތްތެރިން އެކީގައި ކޮށް އުޅެނީ ތަފާތު ކަންކަމެވެ. ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް ވިޔަފާރިއަށް ބަދަލުކުރާ ވާހަކަތަކަކީ މުޅިން އާ ވާހަކައެއް ނޫނެވެ. ނަމަވެސް ސުޖާތާ ރަޝީދާއި މަރިޔަމް ނަރްމީން އަދި ފާތިމަތު ޖުމާނީ ހަސަންގެ އެކުވެރިކަމުން އުފެދިގެން އައީ ފުލޯކު ދުނިޔެ އެކެވެ. އެ އެކުވެރިކަމުން އުފެދިގެން އައީ ތުއްތު ކުދީންނަށް ދިވެހި ފުލޯކު ވާހަކަތަކަށް ލޯބި އުފެދޭނެ މުޅިން އާ ދުނިޔެއެކެވެ.

އުމުރުން 34 އަހަރުގެ ސުޖާތާ، ނަރްމީން، 31، އަދި ޖުމާނީ، 28، ދިމާވީ މީގެ ގާތްގަނޑަކަށް 10 އަހަރު ކުރިން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ވަޒީފާއިންނެވެ. މި ހިސާބަށް އައި އިރު މި ތިން މީހުންގެ އެކުވެރިކަން ވަރަށް ވަރުގަދަވެއްޖެ އެވެ.

ފާތިމަތު ޖުމާނީ ހަސަން އޭނާގެ ދަރިފުޅު އުރާލައިގެން

"އަސްލު އެކީގައި މަސައްކަތް ކުރަންފެށި ފަހުން ވަރަށް ގާތް އެކުވެރިންނަށް ވީ. އެއަށް ފަހު އަސްލު އެކި ކަހަލަ މަސައްކަތްކޮށްލައި އުޅުނިން،" ސުޖާތާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ތިން މީހުން އެކުގައި ތަފާތު އެކި މަސައްކަތްތައް މީގެކުރީން ވެސް ކޮށް އުޅުނެވެ. އެގޮތުން އަލީ އެކްސްޕްރެސް އާއި އީބޭ ފަދަ ތަންތަނުން އެއްޗެހި ގެނެސްގެން ކުދި ވިޔަފާރިތައް ވެސް ކުރި އެވެ.

މަރިޔަމް ނަރްމީން

ދެން އެ ވިޔާފާރީގެ ހިޔާލު ލިބިގެން އެކަން އިތުރަށް ތަރައްގީކުރާނެ ގޮތަކާ މެދު ވިސްނީ ކަމަށް ސުޖާތާ ބުންޏެވެ. ސުޖާތާ ބުނީ އަބަދުވެސް ކޮންމެވެސް ތަފާތު މަސައްކަތެއް ކޮށް ރާއްޖެއަށް ތައާރަފުކުރަން ތިން މީހުން ވެސް ބޭނުންވި ކަމަށެވެ. އެ ހިޔާލު އިތުރަށް ފުޅާކުރަން އުޅުމުގެ ތެރޭގައި ފުލޯކު އެމްވީ އުފެދުނީ އެވެ.

"އަސްލު ހިތަށް އެރީ ތަފާތު ކަމެއް ކުރާނީއޭ. އަދި ސީދާ ކުޑަކުދިންނަށް ހާއްސަ ދިވެހި ކޮންޓެންޓް ނެރެން ބޭނުންވި. އަދި އެކަމުގެ ތެރެއިން ލިބުނީ ކުޑަކުދިންނަށް ހާއްސަ އެއްޗެއްސާއި ދިވެހި ފުލޯކު ވާހަކަތައް އުފެއްދުމަށް،" ސުޖާތާ ބުންޏެވެ.

ސުޖާތާ ރަޝީދު އޭނާގެ ތިން ކުދީންނާއެކުގައި

އެގޮތަށް ވިސްނުމުގެ ފަހަތުގައި ވެސް ތަފާތު ސަބަބުތަކެއް ވެ އެވެ. އެއީ ކުޑަކުދިންނަށް ފުލޯކު ވާހަކަތައް ތަފާތު ގޮތަކަށް ގެނެސްދިނުމެވެ. އަދި އާންމުކޮށް ފުލޯކު ވާހަކަ އަކީ ކުޑަކުދިންނާ އެންމެ ފްރެންޑްލީ ވާހަކަތަކައް ނުވާތީ އެ ވާހަކަތައް ކުޑަ ޓްވިސްޓަކާ އެކު ކުޑަކުދިންނަށް ގުޅުވައިގެން ގެނެސްދޭން ބޭނުންވި ކަމަށް ސުޖާތާ ބުންޏެވެ.

"ދެން އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުންވީ މި ވާހަކަތައް ކުޑަކުދިންނަށް އިންޓަރެކްޓިވް ގޮތަކަށް ގެނެސްދިނުމަށް،" އޭނާ ބުންޏެވެ.

ވަރަށް ގިނަ ވަގުތު

ސުޖާތާ އަކީ ކުޑަ ތިން ކުދީންގެ މަންމައެކެެވެ. އަދި ޖުމާނީގެ ވެސް ތުއްތު ކުއްޖަކު ހުރެ އެވެ. އެހެންވުމުން ތިން މީހުންގެ ހުވަފެނުގައި ކުލަ ޖައްސަން މަސައްކަތްްކުރަން ޖެހުނީ ވަރަށް ބޮޑަށް ވަގުތު ބަހައިގެންނެވެ.

އަމިއްލަ އާއިލާއަށް ވަގުތު ހުސްކުރަމުން ވަޒީފާ ވެސް އަދާކުރަމުން ފުލޯކު ވާހަކަތައް އުފެއްދުމަށް ވަގުތު ހޯދަމުން ދިޔައީ ވަރަށް އުނދަގުލުންނެވެ. އެ މީހުން 2018 އަހަރުން ފެށިގެން ފުލޯކު އެމްވީގެ މަސައްކަތް ކުރަން ފަށައި މިދިޔަ އަހަރު ފުލޯކު އެމްވީގެ ފުރަތަމަ ފޮތް ރިލީޒްކުރި އެވެ.

View this post on Instagram

A post shared by Fuloaku Tales (@fuloaku.mv)

"އެންމެ ފުރަތަމަ ފޮތާއެކުގައި ވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައިވޭ. މިހާރު އޭގެ ފަހުން އިތުރު ދެ ފޮތް ނެރެ ތިންވަނަ ފޮތް ނެރެން ތައްޔާރު ވަމުން މިދަނީ،" އޭނާ ބުންޏެވެ.

ފުލޯކު އެމްވީ އިން ނެރޭ ހަތަރުވަނަ ފޮތަކީ ކަނޑު ރަސްގެފާނާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ފޮތެއް ކަމަށާއި ދުނިޔޭގެ އޯޝަންސް ޑޭ ގައި އެ ފޮތް ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސުޖާތާ ބުންޏެވެ.

View this post on Instagram

A post shared by Fuloaku Tales (@fuloaku.mv)

ސުޖާތާ ބުނި ގޮތުގައި އެ ހުރިހާ މަސައްކަތެއް ކުރުމުގައި ވެސް އެންމެ އުނދަގޫ ކަމަކީ އެކަމަށް ފުރިހަމަ ވަގުތު ދިނުމެވެ. ވަޒީފާއަށް ދަމުން ދަރިން ބަލަމުން ފުލޯކު އެމްވީ މެނޭޖުކުރަން ދަތި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ތިން މީހުން އުޅޭތީ މަސައްކަތްތައް ބަހާލައިގެން ކުރިއަށްދާ ކަމަށާއި އޭގެ ސަބަބުން ފަސޭހަ ވެގެން ދާ ކަމަށް ސުޖާތާ ބުންޏެވެ.

ކުރިއަށް ވެސް ގިނަ ޕްލޭންތަކެއް!

ފުލޯކު އެމްވީ އިން ކުޑަކުދިންނަށް ފުލޯކު ވާހަކަތެއް ގެނެސްދެމުން އަންނައިރު ކުރިއަށް އޮތް ތަނުގައި އެ މަސައްކަތް ފުޅާކުރުމުގެ ބޮޑެތި ޕްލޭންތަކެއް ހުރި ކަމަށް ސުޖާތާ ބުންޏެވެ. އެންމެ އަވަހަށް ރާވާފައިވަނީ ކުޑަކުދިންނަށް ގެނެސްދޭ ވާހަކަތަކުން އެކި ކަހަލަ ޕްލަޝީ ބުދުތައް އުފެއްދުމެވެ.

ފުލޯކު އެމްވީ އިން ނެރެން ތައްޔާރުވާ ފުރަތަމަ މާކުންބޭ ޕްލަޝީ އެއް

"މިހާރު އެންމެ ފުރަތަމަ އަޅުގަނޑުމެން އޮންނާނީ މާކުންބެގެ ޕްލަޝީއެއް ތައްޔާރުކޮށް ނެރުމަށް ރާވާފައި. ވާހަކައިގެ ކެރެކްޓަރުން ހަގީގަތަކަށް ވެގެން ދިޔުމަކީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމެއްގެ ގޮތުގައި ދެކެން،" އޭނާ ބުންޏެވެ.

ކުރިއަށް އޮތް ތަނުގައި ފުލޯކު އެމްވީގެ ވާހަކަތަކާ ގުޅޭގޮތުން އަޮތޮޅުތަކަށްވެސް މައުލޫމާތު ދިނުމަށް ދިޔުމަށް ރާވާފައިވާ ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގެ ބޯދާ ވާހަކަތައް

Popular