By: Ahmed Jaishan
އައިމިނަތު ޝަތުފާ (ޝަތު) މީގެ މަހެއް ހާ ދުވަސް ކުރީން ބޯކިބާއެއް އަޅައި އޭގެ ފޮޓޯ ސޯޝަލް މީޑިއާއަށް ވައްޓާލީ މާ ބޮޑު ކަމަކަށް ހަދައިގެންނެއް ނޫނެވެ. އެކަމަކު އެއީ ސަތު ކުރަމުން އައި އުންމީދަކަށް ލިބުނު ފެހި ސިގްނަލަކަށްވި އެވެ. ތަފާތު އޯތެންޓިކް ދިވެހި ރަހަތައް އަދި ހާއްސަކޮށް އައްޑޫގެ ރަހަތައް އާންމުންނަށް ފޯރުކޮށްދެވޭނެ ކަމުގެ ހިތްވަރު އެހާ ހިސާބުން ޝަތު އަށް ލިބުނީ އެވެ.
އައްޑު އަށް އުފަން ސަތު ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ގިނަ ބަޔަކަށް އެނގިފައި ވިޔަސް މިއީ އަދި އެހެން ވާހަކައެކެވެ.
މާލޭ ސިޓީ ކައުންސިލުގައި އަދާކުރި ވަޒީފާ އިން ވެސް މިދިޔަ މަހު އިސްތިއުފާ ދީފައި ވާއިރު ސަތު ބުނީ އެއާ އެކު ހުސް ވަގުތު ވަރަށް ގިނަވި ކަމަށެވެ.
"އަބަދުވެސް ވަރަށް ކައްކާ ހިތްވޭ ހަމަ. ކުރިން ވަޒީފާގައި އުޅުން އިރު ވެސް ހަމަ ކޮންމެ ދުވަހަކު ކޮންމެ ވެސް ތަފާތު އެއްޗެއް ކައްކާނުލައި ހިތްހަމައެއް ނުޖެހޭ،" ޝަތު ބުންޏެވެ.
ޝަތު ބުނީ ވަޒީފާއިން ވަކިވުމަށް ފަހު ގޭގައި ބޯކިބާ އަޅަންފެށީ ކަމަށެވެ. އައްޑޫގެ ރަހަތައް ހިމެނޭ ގޮތަށް ތައްޔާރުކުރާ ބޯކިބާ އަކީ ރާއްޖޭގެ އެހެން ސަރަހައްދުގެ ބޯކިބާތަކާ ތަފާތު ބޯކިބާއެއް ކަމަށް ޝަތު ބުންޏެވެ.
އަދި އެ ބޯކިބާތައް ހަދާއިރު އޯޓްސް އަޅައިގެން ބޯކިބާ ހަދާ ކަމަށް ޝަތު ބުންޏެވެ. އެގޮތުން އެއް ދުވަހަކު ދެ ބޯކިބާ އަޅާފައި އެކަތި ބާކީ ވުމުން އޭގެ ފޮޓޯ ސޯޝަލް މީޑިއާ އަށް ލީ އެވެ.
"ދެން ޓްވިޓާއަށް ލާފައި 15 ވަރަކަށް މިނެޓަށް ބިޑް ހުޅުވާލީ އެންމެ ބޯކިބާއެއް ވީމަ ގަންނާނެ މީހަކު ވޭތޯ. ދެން ވަރަށް ބައިވަރު މީހުން އެއަށް ބިޑް ކުރީ. އަސްލު ދެން ވަރަށް ބައިވަރު މީހުން ބުނަން ފެށި ކައްކަން ފަށަން ވީނުހޭ،" އޭނާ ބުންޏެވެ.
އެހާ ހިސާބުން އަމިއްލަ ކައްކަން ފަށައި އެ ތަކެތި ވިއްކަން ހިޔާލު އުފެދިގެން އައެވެ. ޝަތު ބުނީ ފުރަތަމަ މަދުމަދުން ތަކެތި ވިއްކަން ފެށި ކަމަށެވެ. އަދި އެ ހުރިހާ ތަކެއްޗަކީ ވެސް އައްޑޫގެ ރަހަތައް ހިމެނޭ ތަފާތު ދިވެހި އުފެއްދުންތައް ކަމަށް އެނާ ބުންޏެވެ.
ޝަތުގެ އެންމެ މަގުބޫލު ރިހަ އާއި ޕޫރީ
"އަބަދު ވެސް އޮތެންޓިކް ދިވެހި އެއްޗެހި އެގޮތަށް ވިއްކާހިތްވޭ. އާއިލާގެ ގިނަ މީހުންނަކީ ވެސް ކައްކާ އުޅޭ މީހުން. އެހެންވެ ކައްކައި އުޅުމަކީ ވަރަށް ހިތްހަމަ ޖެހޭ ކަމެއް. ދެން މާމަމެން ގާތުން އައްޑޫ އެއްޗެހި ކައްކަން ދަސްވީ،" ޝަތު ބުންޏެވެ.
ޝަތު ބުނެފައިވަނީ ބޯކިބާގެ އިތުރުން އޭނާ ހަދާ ޕޫރީ އާއި އައްޑޫ ހަވާދުގެ ކުކުޅު ރިހަ އަކީ އެންމެ ގިނަ ބަޔަކަށް ކަމުދާ ކެއުން ކަމަށެވެ. އެ ކައިފައި އެތައް ބަޔަކު ދައްކަނީ އޭގެ މީރު ވާހަކަ ކަމަށް ޝަތު ބުންޏެވެ. ދެން އެންމެންގެ މެދުގައި ބޮޑަށް ހިނގަނީ ހަވާދުލީ ބިސް ކަމަށް ވެސް ޝަތު ފާހަގަކުރި އެވެ.
ޝަތުގެ ބަދިގޭގައި އެންމެ މަގުބޫލު ކެއުންތަކަކީ އައްޑޫގެ ރަހަތެކެވެ. ނަމަވެސް އެ ބަދިގެއިން "އޮފާ" ކުރަނީ ހަމައެކަނި އެ ކެއުމެއް ނޫނެވެ. ބައެއް ލޯ ކާބް ޑައިޓްތައްވެސް އޭނާ މިވަގުތު ފޯރުކޮށްދެމުން ދާ ކަމަށް ޝަތު ބުންޏެވެ. ބަރަބޯ ސްޕެގެޓީ އާއި ޗިކެން ޕާސްޓާ އެ މެނޫގައި ހިމެނެ އެވެ.
ލޯ ކާބް ޑައިޓްގައި ހިމެނޭ ކްރީމީ ބަރަބޯ ޕާސްޓާ
ހުސްވަގުތު ގޭގައި ހުރެ މަސައްކަތް ކުރަން ލިބޭތީ ވަރަށް ހިތްހަމަ ޖެހޭ ކަމަށް ޝަތު ބުންޏެވެ. އެގޮތުން ގޭގައި މަސައްކަތްކުރާތީ ޝަތު އަށް އޭނާގެ ދަރިފުޅާ އެކު ވަގުތު ހޭދަކުރުމަށް ވަގުތު ލިބޭ ކަމަށް އޭނާ ބުންޏެވެ.
ޝަތު ބުނީ ކުރިއަށް އޮތް ތަނުގައި އޭނާގެ މެނޫ އިތުރަށް ތަރައްގީކޮށް އާންމުކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އަމިއްލަ ކެފޭއެއް ފަދަ ތަނެއް ހުޅުވުމަކީ ވެސް ޕްލޭންގައި އޮތް ކަމެއް ކަމަށް ޝަތު ބުންޏެވެ. އޭނާ ބުނީ އަބަދުވެސް އަމިއްލަ ކެފޭއެއް ހުޅުވަން ބޭނުންވާ ކަމަށެވެ. މިހާރު ކުރަމުންދާ މަސައްކަތުން، އެ މަސައްކަތައް ކުރިއެރުން ލިބޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދު އޮތް ކަމަށް އޭނާ ބުންޏެވެ.