12 Oct 2021

By: Ahmed Jaishan

އައިލީން އަބްދުލްލަތީފަށް ފުރަތަމަ ދަރިފުޅު ލިބުނު ހިސާބުން ފެށިގެން އަމިއްލަ އިހްސާސްތަކާއި ކޮންމެ ދުވަހެއްގެ ތަޖުރިބާތައް ނޯޓުކުރަން ފެށި އެވެ. އަލަށް މަޔަކަށް ވުމުގެ ތަޖުރިބާއިން ފެށިގެން ދަރިއެއް ލިބުމާ އެކު ކޮންމެ ދުވަހަކު ކުރިމަތިލާންޖެހޭ ކަންކަމުގެ ވާހަކަ އައިލީން ނޯޓް ކުރަމުން ދިޔައީ އަމިއްލަ ފޯނުގަ އެވެ. ނަމަވެސް އެ ނޯޓުތައް އެއްކޮށްލި އިރު 100 ސަފުހާއަށް ވުރެ އިތުރުވެ އެވެ. އެ ނޯޓްތައް ފޮތަކަށް ބަދަލުކުރަން ފެށި މަސައްކަތުން މިހާރު އައިލީން ވަނީ ފޮތެއް ނެރެފަ އެވެ. މި ފޮތަކީ އައިލީންގެ ފަރާތުން މައިންނަށް ލޯތްބާ އެކު އޮތް މެސެޖުތަކެކެވެ.

އުމުރުން 31 އަހަރުގެ އައިލީންގެ ފުރަތަމަ ދަރިފުޅު ލިބުނު ހިސާބުން އޭނާ ވަނީ އެކި ކަހަލަ ކަންތައްތައް ތަހައްމަލު ކުރަން ޖެހިފަ އެވެ. އެ ހުރިހާ ކަންތައްތައް ތަރުތީބުކުރަން އައިލީން ބޭނުންވި އެވެ.

"ދަރިފުޅު ލިބުނު ހިސާބުން ފެށިގެން ދެން ލިޔަން ފެށީ ކޮންމެ ރެއަކު ދަރިފުޅު ނިދުމުން. ފޯނުގެ ނޯޓް އެޕް ބޭނުންކޮށްގެން ލިޔަނީ ހަމަ،" އައިލީން ކިޔައިދިނެވެ.

ފޮޓޯ : އައިލީން އަބްދުލް ލަތީފް

ދަރިއެއް ލިބުމާ އެކު އައިލީން އަށް މުޅިން އާ ތަޖުރިބާތަކެއް ކުރެވެން ފެށި އެވެ. އޭގެތެރެއިން އެއް ކަމަކީ ޕޯސްޓްޕާޓަމް ޑިޕްރެޝަނެވެ. އައިލީންގެ އިތުރުން މިއީ ވަރަށް ގިނަ މައިންނަށް ކުރަންޖެހޭ ތަޖުރިބާއެކެވެ.

އައިލީންގެ ދަރިފުޅު ލިބުމާ އެކު ދިރިއުޅުމަށް އައި ބަދަލުތަކާއި ޕޯސްޓްޕާޓަމް ޑިޕްރެޝަނާ ގުޅިގެން އޭނާ އަށް ވަރަށް އުނދަގޫވި އެވެ. އަދި 2018ގެ ފަހުކޮޅުގައި ނޯޓް ލިޔަން ފެށީ އެކަމަށް އެހީއެއް ހޯދާށެވެ.

"ހީލިން ޕްރޮސެސްއެއްގެ ގޮތުގައި އަމިއްލަ އަށް ލިޔަން ފެށީ ކޮންމެ ރެއަކު،" އައިލީން ކިޔައިދިނެވެ.

އަދި ދަރިފުޅަށް އެއް އަހަރު ވަންދެން ކޮންމެ ރެއަކުހެން އައިލީން އައީ ނޯޓްތައް ލިޔަމުންނެވެ. އެއަށް ފަހު އެއް ދުވަހު އައިލީންގެ ހިތަށް އެރީ ހުރިހާ ނޯޓްތަކެއް ވޯޑް ޑޮކިއުމެންޓަކަށް ބަދަލުކޮށްލާށެވެ. އެހާ ހިސާބުން ނޯޓްތަކުގެ ދިގުމިން 100 ސަފުހާއަށް ވުރެ ދިގުކަން އެނގުނެވެ. އެހެންވެ އެ ނޯޓްތައް ތަރުތީބުކޮށް އަލުން ލިޔެ ފޮތެއްގެ ގޮތުގައި ނެރެން ނިންމީ އެވެ.

View this post on Instagram

A post shared by Amina Publishing House (@aminapublishing)

"އެންމެ ފުރަތަމަ އަމިއްލަ ފޮތެއްގެ ގޮތުގައި ނެރުމަށް ވަރަށް ވިސްނިން،" އައިލީން ކިޔައިދިނެވެ.

އައިލީން ހުރީ ކުރިން ވެސް އަމިއްލަ ފޮތެއް ނެރެން ވަރަށް ބޮޑަށް ބޭނުންވެފަ އެވެ. ވިޔަފާރީގެ ދާއިރާއިން ކިޔަވައިގެން ހުރި އައިލީން އަބަދު ވެސް އެ ދާއިރާއިން ފޮތެއް ލިޔުމަށް ހުރީ ބޭނުންވެފަ އެވެ. ނަމަވެސް ފުރަތަމަ ދަރިފުޅަށް ބަލިވެ އިން ހިސާބުން ފެށިގެން އެ ވިސްނުން ބަދަލުވީ އެވެ. އައިލީންގެ ފޮތެއް ލިޔުމުގެ ހުވަފެނަކަށް ބަދަލެއް ނާދެ އެވެ. ބަދަލުވީ ލިޔަން ބޭނުންވި ދާއިރާ އެވެ.

އަމިއްލަފޮތެއް ނެރެން އުޅުމުގެ ތެރޭގައި އައިލީންއާ ދިމާވީ އާމިނަ ޕަބްލިޝިން ހައުސްއާ އެވެ. ތަފާތު އެކި ދާއިރާތަކުން އެކި ކަހަލަ ފޮތްތައް ނެރުމަށް މަސައްކަތްކުރާ އެ ޕަބްލިޝިން ހައުސް އިން އައިލީންގެ ވާހަކަތައް ފޮތެއްގެ ގޮތުގައި ނެރެން ބޭނުންވި އެވެ. ނަތީޖާ އަކީ "ދިސް ޖާނީ ކޯލްޑް މަދާހުޑް"ގެ ނަމުގައި ނެރުނު ފޮތެވެ.

ފޮޓޯ : އައިލީން އަބްދުލް ލަތީފް

އެ ފޮތް ރަސްމީކޮށް މިހާރު ލޯންޗުކޮށްފައި ވާއިރު އެ ފޮތުގައި ބައިވަރު ވާހަކަތައް ހިމެނޭނެ އެވެ. ދަރިއަކު ލިބުމުން އުޅޭ ގޮތާއި ދިރިއުޅުމަށް އަންނަ ބަދަލުތަކުގެ ބައެއް ވާހަކަތައް އެ ފޮތުގައި ހިމެނޭނެ އެވެ. ޕޯސްޓްޕާޓަމް ޑިޕްރެޝަނަކީ އައިލީން ކުރިމަތިލާން ޖެހުނު ކަމަކަށް ވީއިރު އެ ކަންތަކާ ކުރިމަތިލައި އުޅުނު ގޮތް އައިލީންގެ ފޮތުން ކިޔައިދެ އެވެ.

އައިލީން އެ ފޮތް ލިޔުނީ އޭނާގެ ދަރިފުޅު ބޮޑުވަމުން އައި އިރު ކުރެވުން އިހުސާސްތަކާއި ތަޖުރިބާތަކަށް ބިނާކޮށެވެ. އެހެންވުމުން ފޮތުގެ އެކި ޗެޕްޓާތަކުގައި ދަރިފުޅުގެ އުމުރާ އެކު ހިމެނޭ ގޮތަށް ވެސް ވާހަކަ ހިމެނޭނެ އެވެ.

އައިލީން ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ފޮތްތައް ލިޔަން ބޭނުންވެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ފޮތެއްގެ މަސައްކަތް ކުރުމުގެ އުންމީދު ވެސް އެބަ އޮތެވެ.

ލިޔުންތެރިން

Popular