15 Apr 2021

By: Ifraz Ali

ރޯދައަށް ހުރެ ކަސްރަތުކުރުމައި ދުވުން، އާދައިގެ ދުވަހެއްގައި މިކަން ކުރުމާ ވަރަށް ބޮޑަށް ތަފާތުވެ އެވެ. މިއީ ކެއިންބުއިމުގައި ވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ މަހެކެވެ. ރޯދަ މަހު ދުވެ، ކަސްރަތުކުރާ ނަމަ، ވިސްނާލަންޖެހޭ ވަރަށް މުހިންމު ކަންތައްތަކެއްވެ އެވެ. -- ފިންޓްނެސް ޓްރެއިނާ ހުސެއިން ޒިނާން މި ކިޔައިދެނީ ރޯދައަށް ހުރެ އަދި ރޯދަ ވިއްލައިގެން ކަސްރަތުކުރުމާއި ދުވުމުގައި ސަމާލުވާންޖެހޭ މުހިންމު ކަންކަމެވެ.

ރޯދައަށް ހުރެ ކަސްރަތުކުރަން ވާނީ ގަޑިއިރަކަށް ވުރެ ދިގު ނުވާނެ ވަރަށެވެ. އަދި ރޯދައަށް ހުރެ ޖިމް ކަސްރަތު ކުރާ ނަމަ، ޒިނާން އިރުޝާދު ދެނީ މެންދުރު ނަމާދަށް ފަހު، އިރުއޮއްސުމާ ދެމެދު ކަސްރަތުކުރުމަށެވެ. އަދި ކަސްރަތުކުރަން ވާނީ ރޯދައަށް ހުރެ ކުރާ ވަރަށް ވުރެ 20 ޕަސެންޓް އިންޓެންސިޓީ ދަށްކޮށެވެ. ނުވަތަ ކުރިއަށް ވުރެ ލުއިކޮށެވެ.

"ރޯދަ ވީއްލުމާއި ކައިރިކޮށްފައި، ހަވީރު ވަގުތު ދުވުން ކަހަލަ ކާޑިއޯ ކަސްރަތު ކުރުން ރަނގަޅު ވާނެ،" އަދި ރޯދަ ވިއްލައިގެން ކާޑިއޯ ކަސްރަތު ކުރާ ނަމަ، ކެއުމައި ކަސްރަތު ކުރުމާ ދެމެދު ވަގުތުކޮޅެއް ދޭންޖެހޭނެ ކަމަށް ޒިނާން ބުންޏެވެ.

ކަސްރަތުކުރުމުގެ ކުރިން ރޯދަ މަހު ވިސްނަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ގިނައިން ފެން ބުއިމެވެ. ކައިބޮއެ ހަދާ ވަގުތު މަދު މަހަކަށް ވުމުން، މިއީ ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. ރޯދަ ވިއްލައިގެން، ހާރުކެއުމާ ދެމެދު ދުވާލެއްގެ މައްޗަށް މީހާއަށް މަދުވެގެން ބޭނުންވާ ވަރަށް ފެން ބޯން އާދަކުރާށެވެ.

"މީގައި ބަލާލަންޖެހޭ ކަންތައްތަކަށް މި އޮންނަނީ ހާރު ކަނީ ކޮން ގަޑިއެއްގައިތޯ އަދި ނިދަނީ ކޮން ގަޑިއެއްގައިތޯ. މިސާލަކަށް ހާރު ކެއުމުގެ ގަޑިއެއްހާއިރު ކުރިން ކަސްރަތުކޮށް ނިންމަން ވާނެ. އަދި ހާރު ކެއުން ވެސް މި އޮންނަނީ، ކަސްރަތުގެ ޕޮއިންޓް އޮފް ވިއުއަކުން ބަލާ ނަމަ، ވީހާ ވެސް ލަސްކޮށްފައި ހާރުކެއުން،" ޒިނާން ބުންޏެވެ.

ރޯދަ ވީއްލާ ވަގުތުން ފެށިގެން ހާރުކެއުމައި ދެމެދު ފޮނި އެއްޗެހި ނުވަތަ ހަކުރު ބޭނުންކުރާ މިންވަރު ވެސް ދަށްކުރަންޖެހެ އެވެ. އަދި ރޯދަ ވިއްލާ ވަގުތު މާ ބޮޑަށް ބަނޑުފުރާ ކައިފި ނަމަ ކަސްރަތުކޮށް ހަދަން އުނދަގޫވާނެ އެވެ. ރޯދަ ވިއްލާ ގަޑީގައި ކުޑަކޮށް ކައިގެން، ދޮޅު ގަޑިއިރެއްހާއިރު ފަހުން ކަސްރަތުކޮށްލުން ރަނގަޅެވެ.

"އެ ދެކަންތައް ފުރިހަމަކޮށްފައި އިރުއިރުކޮޅާ ފެން ނުވަތަ ހަކުރު ނާޅަ ތައްޔާރުކޮށްފައި ހުންނަ ޖޫސް ބުއިން ރަނގަޅު. މިހާރު ހައިޑްރޭޓްކޮށް ހުރުން ވަރަށް މުހިންމު،" އޭނާ ބުންޏެވެ.

ޒިނާން ބޮޑަށް އިރުޝާދު ދެނީ، މާ ބޮޑުވަރު ކޮށްނުލައި، ރޯދަ މަހު މީހާގެ ހަށިގަނޑު ރަނގަޅު ސިއްހަތެއްގައި އެއް ވަރެއްގައި ހިފަހައްޓާލުމަށްޓަކަ ކަސްރަތުކުރުމެވެ. މާ ބޮޑު ބަދަލެއް މީހާގެ ހަށިގަނޑަށް ގެނައުމަށް ކަސްރަތުކުރުމަށް ވުރެ ރަނގަޅީ އެ ގޮތް ކަމަށް ބުންޏެވެ. އެއީ ރޯދަ މަހު ކައިބޮއެ ހަދަން ލިބޭ ވަގުތުކޮޅު ކުޑަވުމައި ނިދުމާ އަދި މަސައްކަތްކުރުމުގައި ވެސް ތަފާތުތަކެއް އަންނަ މަހަކަށް ވާތީ އެވެ.

ދުޅަހެޔޮ ދިރިއުޅުން ކަސްރަތު ފިޓްނެސް

Popular