1 Dec 2023

އެނބުރިއައުން - 14

އެވަގުތު ޝިފާގެ ހިތަށް ލުއިވެގެން ދިޔައެވެ. ޒީނަތު ކުރިންވެސް ބުނި ފަދައިން ޒަމީލު ހަނދާން ނައްތާލާފައި މާލޭގައި ދިރިއުޅެން ނިންމިކަން ޔަގީންވީތީއެވެ. ޒީނަތު އެންމެ ކުޑައިރުއްސުރެ ގެންގުޅުނު މަންމައާއި ބައްޕައާއި ދޭތެރޭ ކަންތައްކުރާ ގޮތް އެހެރީއޭ ހިތަށް އަރާފާ އޭނާ ޒީނަތަށް ކުރާ ނަފްރަތު އިތުރުވެގެން ދިޔައެވެ.

"ދައްތާ ދެރަނުވޭ! ކަމެއް ޖެހިއްޖިއްޔާ އަންގާލާތި!" ޝިފާ އެހެންބުނުމުން ތިހެން އުޅެފައި ދޭތެރެއަކުން އަހަރުމެންގެ ހާލު ބަލާލަން މިގޭ ދޮށަށް އަންނައްޗޭ އައިމިނަ ބުނެލިއެވެ.

***

ހަވީރު ހަތަރެއް ޖަހަންވީ އިރަށް ޝިފާ ފާލަން ދޮށަށް ދިޔައެވެ. އޭރު ޖީޒާމެން ފުރަން ތައްޔާރުވެގެން އައިސް އަތިރިމަތީގައި ހުރި ހިރުނދު ގަސްދޮށުގައި ތިއްބެވެ. އެމީހުން ކައިރީގައި އަޒުރާއާއި އައްމަޑޭވެސް ތިއްބެވެ. ޝިފާ ގޮސް ހުއްޓުމުން ޖީޒާގެ ފިރިމީހާއަށް ޝިފާ ތަޢާރަފު ކޮށްދިނެވެ. އެހާދިސާގެ ވާހަކަ އަޑު އިވުނީމާ ޖީޒާގެ ފިރިމީހާ ކަން ބޮޑުވެގެން ލޯންޗެއް ކުއްޔަށް ހިފައިގެން އެމީހުން ބަލާއައީއެވެ. އޭނާވެސް ޝިފާއާއި ސަލާމް ކޮށްލާފައި ވަރަށް ބޮޑަށް ޝުކުރު އަދާ ކުރިއެވެ. އަދި ޖީޒާ ވެސް ބުނިފަދައިން ކޮންމެ ކަމެއް ޖެހުނަސް އަހަރުމެންނާއި ގުޅައްޗޭ ބުނެލިއެވެ.

އެންމެން ފާލަމަށް އަރަން ހިނގައިގަތުމުން ޝިފާ އާއި އަޒުރާއާއި ދިޔައީ ތަންކޮޅެއް ފަހަތުންނެވެ. އޭރުވެސް ޝިފާއަށް ބެލެމުން ދިޔައީ އޭނާގެ ކުރީގައި ހުރި ޖިނާއަށެވެ. އޭނާ ހުރީ ވަރަށް ތުނި ތުނި ހުދުކުލައިގެ ގަމީހެއް ލާފައި، ކުކުޅުބިސް ކުލައިގެ ސޯޓެއް ލާފައެވެ. އެ ރީތި ހަށިގަނޑު އޭނާގެ ހިތަށް ފެނިގެން ދިޔައެވެ.

"ރީތި މީހެއް ދޯ!" އެވަގުތު ސިއްރު ސިއްރުން އަޒުރާ ބުނެލިއެވެ.

"ސާބަސް! މިހާކަ އިނދެ ދަރިއަކު ލިބެން ކައިރިވީމާވެސް އެހެން ފިރިހެނުން ރީތި ތޯ ބަލަނީތަ؟" ޝިފާއަށް މަޖާވެގެން ބުނެލިއެވެ. އެޔާއިއެކު ރަށުގެ ވަރަށް ގިނަ އަންހެނުންނަށް ޖިނާ ރީތިވެގެން އުޅޭ ވާހަކަ އަޒުރާ ބުނެލިއެވެ.

"އޭނާ މާ ބޮޑުވާނެ އެއްނު!" ޝިފާ ނޫންކަމަށް ހެދުނެވެ.

"ޓުވެންޓީ ފައިވް!" އަޒުރާ ބުނެދިނެވެ.

"މީނާ އެވަރުވެސް ބެލީދޯ" ޝިފާ އަށް އެވާހަކައަށް ޝައުގުވެރިވެވުނެވެ.

އެދުވަހު އެމީހުން ފުރާވާހަކަ އަޑު އިވުމުން އިއްކި ކޮބައިތޯ ބަލާލަން މެންދުރު ގަޑީގައި ޝިފާއެގެއަށް ވަނެވެ. ޖިޒާ ދޮރު ހުޅުވާލި އިރު ސޯފާ ގޮނޑީގައި ޖިނާ އޮތެވެ. ކަންފަތުގައި ހެޑްފޯނު އަޅައިގެން ވާހަކަ ފޮތެއް ހިފައިގެން އޮތްއިރު އޭނާގެ މޫނެއް ނުފެނެއެވެ. ޝިފާގެ ނަޒަރު އެ ހަށިގަނޑަށް ހުއްޓުނީ އެއްވެސް އިޚުތިޔާރަކާއި ނުލައެވެ. ފުޅާ މޭމައްޗެކެވެ. ކަރުގައި ވާ ކަޅުކުލައިގެ ފަށުފޫ، އޭނާގެ މޭމަތީގައި ވާ އިސްތަށިތަކު ތެރޭގައި ފޮރުވިފަ އޮތެވެ. ޝިފާ އެންމެ އަޅައިގަތީ އޭނާގެ ގޮޅި ގޮޅި ޖަހާފައިވާ ބަނޑުގައެވެ. ޝިފާއަށް ކަޅި ޖަހާ ނުލާ އެދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެހަނދާން ވުމުން ޝިފާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

އޭރު ޖިނާ އުޅެނީ އައްމަޑޭ އާއި އެކީގައިކަމަށާއި އޭނާ ކޮންމެރެއަކުހެން އެގެއަށް އަންނަ ވާހަކަ އަޒުރާ ކިޔައިދެމުން ގެންދެއެވެ. އެމީހުން ރޭގަނޑު ގަޑީގައި މަސްފިހެ، ނޫޑްލްސް ކައްކާ ކަންތައް ކުރާވާހަކަ ކިޔައިދީފާ ޝިފާ ކައިރީގައި އެގަޑީގައި އެގެއަށް އައިސް ބަލާށޭ އަޒުރާ ބުނެލިއެވެ.

ރަށް މިހާރުވަރަށް ވައި ދޯއޭ ޝިފާބުނެލިއެވެ. އެމީހުންނާއި އެކީ ކިޔަވަން އުޅުނު ކުދިންގެ ތެރެއިން އަޒުރާ އާއި އަނީސާ ނޫން އެހެން އެންމެންވެސް މިހާރު ދިރިއުޅެނީ ރަށުން ބޭރުގައެވެ. އޭރު އުޅުނު ގިނަ ފިރިހެން ކުދިން ދިޔައީ އަތޮޅުގައި އަލަށް ހުޅުވި ރިސޯޓުގެ ވަޒީފާއަށެވެ. ރަށުގައި ޒުވާނުންނަށް އުޅެނީ އައްމަޑޭމެން ކަހަލަ ދެތިން މީހެއް އެކަންޏެވެ.

"ޒަމީލުވެސް އެންމެ ފަހުން އައި ފަހަރު ކީ ޝިފާ ނެތީމަ ވަރަށް ފޫއްސޭ!" އަޒުރާ އެހެންބުނުމުން ޝިފާގެ ހިތަށް ކޮންމެވެސް ގޮތެއް ވެގެން ދިޔަހެން ހީވިއެވެ. ޒަމީލު އަދިވެސް އޭނާ މަތިން ހަނދާން ހުރިކަން އެނގުނީތީ އުފާވީއެވެ.

އެރޭ ޝިފާ އަޒުރާ މެންގެއަށް ދިޔައިރު ޖިނާއާއި އައްމަޑޭ އާއި ދެމީހުން އުޅެނީ ނޫޑުލިސް ކައްކާށެވެ. އެގެއިން ކައިގެން އެމީހުންނާއިއެކީ ޑިގު ކުޅެން އިނދެފައި ދިހައެއް ޖެހުމުން ޝިފާ ދެންދަނީއޭ ބުނުމުން ޖިނާވެސް ތެދުވިއެވެ. ޖިނާ އޭނާއާއި އެކީގައި ހިގައިގަތުމުން ޝިފާ އަވަސް އަވަހަށް އެކަނި ދާން ކެރޭނެއޭ ބުނެލިއެވެ.

"އެއީ ވަރަށް ހަޑި ގޮތެއްދޯ" ޖިނާ ހީލިއެވެ. "ކައިރި ތަންކޮޅެއް ނަމަތާ!" ޖިނާ އިތުރުކޮށްލިއެވެ.

އެއީ ތެދެކެވެ. އައްމަޑޭ މެންގެ ހުންނަނީ ރަށުގެ އެއްކޮޅުގައެވެ. ޝިފާމެންގެ ހުންނަނީ އަނެއްކޮޅުގައެވެ. ޝިފާ ނުތަނަވަސް ކަމާއި އެކު ހިނިތުންވެލިއެވެ. އެގަޑީގައި އެދެމީހުން އެކީގައި ފެނުނީމާ ރަށު ތެރޭގައި ވާހަކަ ފެތުރޭނެކަން އެނގޭތީއެވެ. އެހެންނަމަވެސް އޭނާވެސް ހުރީ ޖިނާއާއި ބެހޭ އިތުރު މައުލޫމާތު އޮޅުން ފިލުވާހިތުންނެވެ.

"ޝިފާ ތިއީ ވަރަށް ތަފާތު މީހެއްދޯ" ތަންކޮޅަކަށް ގޮސްފައި ޖިނާ ބުނެލިއެވެ.

"ކީއްވެ ތިހެން ތިބުނީ؟" ޝިފާ އަހާލިއެވެ.

"އެހެން ކޮންމެ މީހަކު ދިމާވާއިރަށް އެންމެ ފުރަތަމަ އަހާނެ މަގޭ ވަނަވަރު!" ޖިނާ ބުނެލިއެވެ. އަދި އޭނާ މިރަށަށް އައި ދުވަސްވަރު މީހުން ކުރާ ސުވާލުތަކާއި ކުރެވުނު ތަޖުރިބާ އޭނާ ކިޔައިދޭން ފެށިއެވެ.

" އަހަންނަކީ ޑުރަގް މީހެކޭ ކިޔާއަޑެއް ނާހަންތަ؟ " އޭނާ ސުވާލު ކޮށްލިއެވެ.

"މީހަކު ބުނާހާއެއްޗެއް ގަބޫލުކުރާކަށް ނުވާނެ!" ޝިފާ ބުނެލިއެވެ.

"ވަރަށް އުފާވެއްޖެ ތިހެންބުނީމަ... އެހެންވެޔޭ މިބުނީ ޝިފާ ތަފާތޭ" ޖިނާ ބުނެލިއެވެ.

އެހިސާބުން އޭނާ ކުށްވެރިވީ ގޮތް ކިޔައިދިނެވެ. ޖިނާ ވަރަށް ކުޑަ އިރުއްސުރެ ކާރާއި ސައިކަލު ދުއްވާހިތް ވާ ކަމުގައި އޭނާ ކިޔައިދިނެވެ. އޭނާއައީ އޭނާގެ އެކުވެރިން ރޭގަނޑު ދަންވަރު ތަންތާގައި ބަހައްޓާފައި ހުންނަ ސައިކަލު ނަގައިގެން ދުއްވާފައި ގެނެސް ބަހައްޓާ ވާހަކަ ކިޔައިދިނެވެ.

"އެހެން އުޅެނިކޮށް ވަރަށް ފަހުން މީހަކު ގެނައީ ވަރަށް ކުޑަކުޑަ ރީތި ކާރެއް... ދެން އެދުއްވަންފެށީ. އެގޭ ފާރުމަތިން އަރައިގެން ވަދެ، ގަރާޖު ހުޅުވައިގެން އެނެރެ މުޅި މާލެތެރޭގައި ދުއްވަ ދުއްވާފައި ގެނެސް ބާއްވަނީ.. އެއްރެއަކު އެގޮތަށް ދުއްވާފައި ގެނެސް ގަރާޖަށް ވައްދަން ވެގެން ހުޅުވާލިއިރު ގަރާޖު ތެރޭގައި ފިލާތިބީ ފުލުހުން" ޖިނާ ވަރަށް މަޖާވެފައި ކިޔައިދިނެވެ. "އެހެންވެގެން ހަމަސް ދުވަހަށް މިރަށަށް ފޮނުވާލާފަ މިހިރީ!" ޖިނާގެ ރަހުމަތްތެރިޔާ ފޮނުވާލީ ފ. އަތޮޅަށް ކަމުގައިވެސް އޭނާ ކިޔައިދިނެވެ.

އެވާހަކަ އަޑު އަހާފައި ޝިފާއަށް ލިބުނު ހިތްހަމަ ޖެހުމެއް ބުނެދޭންވެސް ނޭނގުނެވެ. އެއީ ރަށުތެރޭގައި ކިޔާ ގޮތަށް ޑުރަގު މީހަކަށް އަދި ބޮޑު ވައްކަމެއް ކޮށްފައި ހުރި މީހަކަށް ނުވީތިއެވެ. އެރޭ ޝިފާ މެންގެއާއި ހަމައަށް އައިސްފަ އޭނާ އެނބުރި ދިޔައިރު ޖިނާއާއި ބެހޭ ވަރަށް ގިނަ މައުލޫމާތު ޝިފާއަށް އެގިއްޖެއެވެ. އޭނާ ވަރަށް ލޯބިވާ ކުއްޖަކު ހުންނަކަމާއި އެނާ ވީ ކޯހެއްގައި ގޮސް އިންޑިޔާގައި ކަމަށްވެސް ޖިނާ ކިޔައިދިނެވެ.

"މަވެސް ލާރި އެއްކުރަމުން މިއައީ، ފޮޓޮގްރަފީ ކޯހެއް ހަދަން އެކޮޅަށް ދާންވެގެން... އެހެން ހުއްޓާ މިކަން މިދިމާވީ" ޖިނާ ކިޔައި ދިނެވެ.

އެހިސާބުން ޝިފާގެ ހިތުގެ މިސްރާބު ބަދަލުކޮށްލާ އޭނާ ޖިނާއާއި ރަހުމަތް ތެރިކަމުގެ ގުޅުމެއް އުފައްދަން ނިންމިއެވެ. އޭގެ ފަހުން އަޒުރާމެންގެއިން ދިމާވެ، އެގޭގައި ޑިގުކުޅެ ސަކާރާތް ޖަހަން ތިބެފައި ގެއަށް އަންނަ އިރު ޖިނާ އޭނާއާއި އެކީގައި ގެއާއި ހަމައަށް އާދެއެވެ. އެހެން އަންނަމުން އެދެމީހުން ދައްކަނީ ދުނިޔެވީ ވާހަކައެވެ. ރަށުގެ އެހެން މީހުންނާށް ވުރެ ބޮޑަށް ލޯ ހުޅުވިފައި ވާތީ ޝިފާއާއި ވާހަކަ ދައްކަން ވަރަށް ފަސޭހަ ކަމުގައި ޖިނާ ބުނާނެއެވެ. އޭނާގެ އެންމެ ގާތް އެކުވެރިއަކު މަސްތުވާ ތަކެތީގައި ހަލާކުވެ ދިޔަ ގޮތުގެ ވާހަކަވެސް ޝިފާއަށް ކިޔައިދިނެވެ.

އިސާހިތަކު، ރަށުތެރޭގައި އެވާހަކަ ދެކެވެންފެށިއެވެ. ކޮންމެރެއަކު އެދެމީހުން އެކީގައި ހިނގާތަން ފެންނާތީއެވެ. އެއްރެއަކު ޝިފާ ގެއަށް އައިތަނުން ޝިފާގެ މަންމަވެސް އެވާހަކަ އެހިއެވެ. އޭނާ ސިނގިރޭޓް ބޯތީ އެއީ މަސްތުވާ ތަކެތި ބޭނުންކުރާ މީހެކޭ މީހުން ކިޔާ އަޑުވެސް އިވޭ ވާހަކަ އޭނާގެ މަންމަ ބުނެލިއެވެ.

"ދެން މަންމާ! މީހުން ދައްކާހާ ވާހަކައެއް ގަބޫލު ނުކޮށްބަލަ.. އަހަންނާއި އޭނާއާއި އޮންނަނީ ހަމަ ރަހުމަތް ތެރިކަމުގެ ގުޅުން" ޝިފާ ބުނެދިނެވެ.

"އެހެންނޫނަސް މިއީ ޒީނަތެއް ނޫނޭ، މާލޭ މިހެއް ހޯދަން" ޝިފާ ހީލާފައި ބުނެލިއެވެ.

އެއާއި އެކު ޝިފާގެ މަންމަ ހިތްހަމަ ޖެހުނެވެ. އޭނާގެ ދަރިފުޅަށް އޭނާ އިތުބާރު ކުރެއެވެ. އެއީ މިހާރު ބޮޑުވެ ޒިންމާ ދާރު ވަޒީފައެއް އަދަމުންދާ ރަށު އެންމެންގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ އަންހެންކުއްޖެކޭ އޭނާގެ މަންމަ ހިތަށް އެރިއެވެ.

ޝިފާގެ މަންމަ އަސްލު އެ ސުވާލުކުރީ، ޒަމީލުގެ މަންމަ ކަންބޮޑުވެގެން އެވާހަކަ ދެއްކީމައެވެ. ފަރީދާ އަދިވެސް ގަބޫލު ކުރާގޮތުގައި އޭނާގެ ދަރިފުޅުގެ އަންބެއްގެ ގޮތުގައި އެގެއަށް އަންނާނީ ޝިފާއެވެ.

***

ހަވީރުގެ ވަގުތެވެ. ޝިފާ ފެންވަރައިގެން ނުކުމެ ރީތިވާން ކޮޓަރިތެރޭގައި ހުއްޓާ ކޮންމެވެސް މީހަކު ދޮރުގައި ޓަކި ޖަހާލިއެވެ. ޝިފާ ގޭގައި އުޅޭ ވަގުތުވެސް މީހުން ބަލިވެގެން އޭނާ ހޯދަން އައުމަކީ މިހާރު އާދައެކެވެ. އެހެންކަމުން އޭނާގެ ބޮލުގައި އޮޅާފައި އޮތް ތުވާލު ނަގާފައި ތެތް އިސްތަށިގަޑު އަތުން ރީތި ކުރަމުން ގޮސް ދޮރު ހުޅުވާލިއެވެ. އޭޔާއިއެކު އޭނާގެ ހިތަށް ލޮޅުން އަރައިގެން ދިޔައެވެ. ކުރިމަތީގައި ހުރީ ޒަމީލެވެ.

އޭނަ ހުރީ ވަރަށް ތަފާތުވެފައެވެ. ސްކޫލުގައި އުޅުނުއިރު އަބަދު ކޮށާފައި ހުން ބޯ ހުރީ ދިގުވެފައެވެ. ތުނިތުނި ތުބުޅި އަކާ މަތިމަހެއް ލާފައެވެ. ޝިފާއަށް ގަބޫލު ނުކުރެވިފައި ބަލަހައްޓައިގެން ހުރެވުނީއެވެ.

"އަހަންނެއް ނޭނގުނު ދޯ" ޒަމީލު މަޑުމަޑުން ބުނެލިއެވެ.

ޝިފާއަށް ހިނިތުންވެލެވުނީ އެހިސާބުންނެވެ. ހަމައެއާ އެކު އޭނާގެ ދޮލުލުން ކަރުނަ ހިލޭގޮތް ވިއެވެ. ލިބުނު އުފަލުގައި އޭނާއަށް ގޮސް ޒަމީލުގެ ގައިގަ އޮޅުލައިގަނެވުނެވެ.

ޒަމީލަށް ލިބުނީ ސިހުމެކެވެ. ޝިފާ އެގޮތަށް އޭނާއަށް މަރުހަބާ ކިޔާފާނެއެކޭ އޭނާ ފަހަރެއްގައިވެސް ހިޔެއްނުކުރެއެވެ. އޭނާވެސް ޝިފާގެ ބުރަކަށީގައި ހިފާ މެޔާލާ ބޮނޑިކޮށްލިއެވެ. އެހެންނަމަވެސް ހަމަ އެ ސިކުންތު ތެރޭގައި އޭނާއަށް ދޫކޮށްލެވުނެވެ.

އެއީ ކުރީގައި އޭނާއަށް ފެނުނު ޝިފާއެއް ނޫނެވެ. އޭރު ހިކިހިކި ދަނޑިއެއްހެން ހުރި ހަށިގަނޑު ހުރީ މުޅިން ބަދަލުވެފައެވެ. އެއަށްވުރެ މާ ފުރިހަމަ، އަންހެންވަންތަ ހަށިގަނޑެކެވެ. އޭނާ ލާފައި ހުރި ނޫކުލައިގެ ހަރުވާޅު ހެދުމުން، އެ ހަށިގަނޑުގެ ބައްޓަމާއި ވަނާތައް ކިތަންމެ ރީއްޗެއްކޮށްވެސް ހާމަވާން ހުއްޓެވެ. ޒަމީލުއަށް ބުނާނެ އެއްޗެއް ނުވިސްނިފައި އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ.

ޝިފާއަށް އިސްޖަހާލެވުނެވެ. އޭނާއަށް އެކުރެވުނު ކަންތަކުން ލަދުގަތީއެވެ.

"ކޮފީ ބޯނަންތަ؟" ޝިފާ އަވަސް އަވަހަށް ހަމައަކަށް އެޅިލަން މަސައްކަތްކުރި އެވެ.

"ނޫން، މިހާރަކު ނޫން!.. މިދަނީ ރަޝާދުގެ އެއްޗެހިތަކެއް ހުރީމާ އެ ގެންގޮސްދޭން! " ޝިފާގެ މޫނަށް ބަލަހައްޓައިގެން ހުރެ ޒަމީލު ވާހަކަ ދެއްކިއެވެ. "އަންނާނަށް ފަހުން" އޭނާ ނުކުމެގެން ދަމުން ބުނެލިއެވެ.

ސައިބޯން އިން އިރުވެސް ޝިފާއަށް އިނދެވެނީ ހެވިފައެވެ. ފާރޮށި ކިބަ ސައިތައްޓަށް ޖަހައިގެން އެފޯވެގެން ގޮސް ސައިތަށީގެ ތެރެއަށް ވެއްޓުނު އިރުވެސް އޭނާއަށް ރޭކާ ނުލިއެވެ. ޒަމީލު އައީއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ އެންމެ އުފާވީ ހަމަ ކުރިއެކޭ އެއްގޮތަށް އޭނާއާއި އޮތް ގުޅުން ކެނޑިގެން ނުދާކަން ހާމަވީތީއެވެ.

ޝިފާ ބޭރަށް ދާކަށް ބޭނުމެއްނުވިއެވެ. ކޮންމެ ގަޑިއެއްގައިވެސް ޒަމީލު އަތުވެދާނެކަމަށް ގޭގައި މަޑުކުރަން ނިންމިއެވެ.

އޭނާ ޖިނާ އަތުން ގެނެސްފައި އޮތް ޓިންޓިން ކޮމިކް ހިފައިގެން އިށީނެވެ. އޭނާ އެހެން އިނދެފައި ދޭތެރެއަކުން ލޯމަރާލުމުން ޒަމީލު ހުރިގޮތް ފެންނަން ފަށައެވެ.ތުބުޅި މަތިމަސް ބަހައްޓާފައި ހުރީމާ އޭނާ މިހާރު އަދި ވަކިން ހިތްގައިމޭ ޝިފާގެ ހިތަށް އެރި ހިނދު އޭނާގެ މުޅި ނަފްސަށް ވަރަށް އެހެންކަހަލަ އިހުސާސްތަކެއް ވެރިވެގަނެވެ. ޝިފާއަށް މިހާރު ޔަގީންވަނީ އެންމެ އެއްޗެކެވެ. އާނއެކެވެ. އޭނާ ޒަމީލު ދެކެ ލޯބިވެއެވެ. ބޭބެއެއްގެ ހައިސިއްޔަތަކުންނެއް ނޫނެވެ.

***

ޒަމީލު ރަޝާދުމެންގެއަށް ދިޔަ މަގުމަތީގައި ވަރަށް ވިސްނިއެވެ. ޝިފާއައިސް އޭނާގެ ގައިގަ ބައްދާލުމުން އޭނާއަށް ކޮންމެވެސް ކަހަލަ ނުތަނަވަސް ކަމެއް އެ އިހުސާސް ކުރެވުނީ ކީއްވެގެން ބާވައޭ ހިތަށް އަރާފައެވެ. ޝިފާއަށް އައިސްފައިވާ ބަދަލު އޭނާއަށް ބަލައި ނުގަނެވުނީ ހެއްޔެވެ؟ އޭނާއަށް އަށް އުނދަގޫވީ އޭނާ ގެ ކޮއްކޮ އެއްހެން އުޅުނު ޝިފާގެ ބަދަލުގައި ، ޒުވާން އަންހެނަކު ޝިފާގެ ގޮތުގައި ހުރީމަބާވައެވެ؟

ޒަމީލު ދިޔައިރު ރަޝާދު މެންގޭ ދޮރުމަތީގައި އޭނާގެ އަންހެނުންނާއި ބޭބެ ތިއްބެވެ. ރަޝާދުގެ ކުޑަ މީހާ އިނީ އޭނާގެ މަންމަގެ އުރުގައެވެ.. އޭނާ ހުންއައިސްގެން ވަރަށް ފީވެފައި ކަމުގައި ރަޝާދުގެ އަންހެނުން ބުނެދިނެވެ. އަދި ހެދުނު ޝިފާ ކައިރިއަށް ހެލްތު ސެންޓަރަށް ދިޔަވާހަކަ ވެސް ކިޔައިދީފައި ޝިފާގެ ރަނގަޅު ވާހަކައާއި މޮޅުވާހަކަ އޭނާ ކިޔައިދިނެވެ.

"އެކަމު ދެން މާ ގިނަދުވަހެއް ނުވެ ޝިފާ އަހަރުމެންނަށް ގެއްލި ދާނެ!" ރަޝާދުގެ ބޭބެ އެވަގުތު ބުނެލިއެވެ.

"އެއީ؟" ޒަމީލު އަށް އަހާލެވުނެވެ.

"ތިޔޮއް އުޅޭ އަރުވާލި މާލޭ ސޮރާ ހިތާވެގެންނޯ މިހާރު އުޅެނީ... އޭނާ ދަމުން ދަނީ ޝިފާ ގޮވައިގެންނޯ" ރަޝާދުގެ ބޭބެ އޮޅުން ފިލުވައި ދިނެވެ.

-- ނުނިމޭ --

ވާހަކަ: އެނބުރިއައުން

Popular