ޒަމީލު ނުތަނަވަސްކަމާއި އެކު ހީލަމުން ރަޝާދު ހޯދަން ގޭތެރެއަށް ވަނީއެވެ. އޭނާ ކައިރީ އެހެން އެބުނީ ދެވަނަ މީހާއެވެ. އޭނާ އެގެއަށް އައި މަގުމަތީގައި މުޚުތާރު އާއި ދިމާވެގެންވެސް ޝިފާ އެމީހަކާ އެކީގައި ވަރަށް ގިނައިން ފެންނަ ވާހަކަ އޮތީ ދައްކާފައެވެ.
ޒަމީލު ވަންއިރު ރަޝާދު އުޅެނީ ބަދިގެ ކަބަޑެއް ރޫޅާލަންވެގެން ހުސްކުރާށެވެ. ޒަމީލުވެސް އެމަސައްކަތުގައި ބައިވެރިވެ އޭނާއަށް އެހީތެރިވެދޭން ފެށީއެވެ. އެމީހުން ބަދިގެ ތެރޭ މަސައްކަތުގައި ތިއްބާ ރަޝާދުގެ އަންހެނުން އެތަނަށް އައިސް އަލުން އެވާހަކަ ފެށިއެވެ. ޝިފާ، އެފިރިހެން މީހާ އާއި އެކީގައި ހިނގާތަން ފެންނަ ވާހަކައެވެ. އެއީ ބޮޑު ވައްކަމެއް ކޮށްގެން އަރުވާލާފައި ހުރި މީހެއްކަމެވެ. އައްމަޑޭ އާއި އަޒުރާއާއި އެކީގައި ދެތިން ރެއަކު ފާލަން މަތީގައި ތިއްބާ އޭނާއަށް ފެނުނު ވާހަކައެވެ. އެވާހަކަ ތެއް އިވުނު ވަރަކަށް ޒަމީލުގެ ނުތަނަވަސްކަން އިތުރު ވެގެން ދިޔައެވެ.
ޒަމީލު އެގެއިން ނުކުތް ތަނާ އައްމަޑޭ އާއި ދިމާވިއެވެ. އޭރު އިރުއޮއްސި އަނދިރި ވެއްޖެއެވެ. އެދެމީހުން ވާހަކަ ދައްކަމުން ވަނީ ހޮޓަލަށެވެ. އައްމަޑޭ ވާހަކަ ދައްކަމުން ގޮސް ރޭގަނޑު ގަޑީގައި އެމީހުން މިހާރު ވަރަށް މަޖާކުރާ ވާހަކަ ފެށިއެވެ. އޭނާގެ ވާހަކައިގެ ތެރެއަށް ޖިނާއާއި ޝިފާގެ ނަން އައެވެ. ޒަމީލަށް އުނދަގޫވިޔަސް އެކަމެއް ނުދައްކައެވެ.
ހޮޓަލުން ނުކުމެގެން އެދެމީހުން ވާހަކަ ދައްކަމުން އައިސް ބޮޑު މަގަށް އެޅިތަނާ ބޫތު ތެރެއިން ޝިފާއާއި ޖިނާއާއި ދެމީހުން ނުކުތްތަން ފެނުނެވެ.
އައްމަޑޭއާ އެކީގައި ހުރީ ޒަމީލުކަން އެނގުމުން ޝިފާ ފިނިވެގެން ދިޔައެވެ. އެދެމީހުން އެކީގައި ބޫތުން ނުކުތްތަން އޭނާއަށް ފެނުނު ބާވައޭ ހިތަށް އެރިއެވެ. އެހެންވެއްޖިއްޔާ ރަށުގެ އެހެން މީހުންނެކޭ އެއްގޮތަށް އޭނާއާއި ޖިނާއާއި ގުޅުމެއް އޮންނަނީ ކަމަށް ޒަމީލުވެސް ގަބޫލު ކުރާނެއޭ ހިތަށް އަރާފައި އޭނާ ނުތަނަވަސް ވީއެވެ.
ޝިފާ އެއައީ ޒަމީލުގެ އިންތިޒާރުގައި ގޭގައި އެތައް އިރަކު އިނދެ އިނދެފައެވެ. އެންމެފަހުން ފޫހިވެގެން ޒަމީލު ފެނޭތޯ މަގުމައްޗަށް ނުކުތީއެވެ. އޭނާއާއި ޖިނާ އާއި ދިމާވީ ބޫތު ކައިރިންނެވެ. އެދުވަހަކީ އިއްކިގެ އުފަންދުވަސް ކަން އެނގުމުން އޭނާ އަށް ވިޝްކޮށްލާ ވާހަކަ ދައްކާ ހަދާލުމަށް ޖިނާއައި އެކީގައި ބޫތަށް ވަނީއެވެ.
"އިއްކިގެ ބާތުޑޭ ވީމާ ވިޝްކޮށްލަން މިއައީ!" ޝިފާ އައްމަޑޭއަށް ކަމަށް ހަދާފައި އޭނާ އެވަގުތު އެތާނގައި ހުރި ސަބަބު އޮޅުން ފިލުވައިދިނެވެ.
އައްމަޑޭ ޒަމީލަށް ޖިނާ ތަޢަރާފު ކޮށްދިނެވެ. އެވަގުތު ޖިނާ ސިނގިރޭޓް ފޮށި ނަގާފައި އައްމަޑޭއަށް ދިއްކޮށްލާފައި އެއަށް ފަހު ޒަމީލަށްވެސް ދިއްކޮށްލިއެވެ. ޒަމީލު ބޯހޫރާލާފައި އޭނާ ކުރާކަމެއް ނޫންކަމުގައި ބުނެލިއެވެ.
"އައްމަޑޭ ތި ނުބޯށޭ... ބޭބީއަށް އަސަރު ކުރާނެއޭ" ޝިފާ ބުނެލިއެވެ. ޒަމީލު އަދިވެސް އެކަން ނުކުރާކަން އިނގުނީމާ ޝިފާގެ ހިތަށް ކުއްލިއަކަށް ވައިން އުފާވެރިކަމާއިއެކު އޭނާ ވާހަކަ ދެއްކިއެވެ. އެހިސާބުން އައްމަޑޭ އަބަދުވެސް ބުނާހެން ބޭބީ އޮތީ އޭނާގެ ބަނޑުގަތޯ އަހާލިއެވެ.
"ޒަމީލަށް އިނގޭތަ މީނަ އަޒުރާއަށް ވަގަށް ކުރާކަމެއް މިއީ" ޝިފާ ބޭނުންވީ އޭނާއާއި ޒަމީލުއާއި އޮތް ބީރައްޓެހިކަން ކަނޑުވާލާށެވެ. ޒަމީލު ހީލިއެވެ. އޭނާއަށް އެނގޭ ކަމުގައި ބުނަމުންނެވެ. އެއީ އޭނާ މިހާރު ފަށައިގެން އުޅޭކަމެއް ނޫނޭ ކިޔާފައި ވާހަކަ ފެށިއެވެ.
"އޭ ޒަމީލޫ ތި ކަޑަވަނީ އިނގޭ!" އައްމަޑޭ ވަރަށް އަނގަ ސަކަރާތް ވެފަ ޒަމީލު ކޮނޑަށް އަތް އެއްލިއެވެ.
"ބަލާބަލަ އޭނާގެ ޖީބު... ހުންނާނެ ސުޕާރީ.. ދެން އޭނާ ދާ ތާކަށް ދާނީ ކޮންމެވެސް ގެއެއްގެ ފޭރުގަހެއްގެ ފަތް ނޮޅައިގެން އަތުގައި ހާކަމުން....." ޒަމީލު ކިޔައިދިނެވެ. އެޔާއިއެކު ޖިނާ ތިއީ ތެދެކޭ ބުނެލިއެވެ.
ކޮންމެއަކަސް، އެހަތަރު މީހުން ބޫތު ކައިރީ ވާހަކަ ދައްކާލަން އިރުކޮޅު ތިބެފައި، އައްމަޑޭ މެންގެއަށް ނޫޑުލިސް ކައްކަން ދާން ނިންމިއެވެ. ޒަމީލުވެސް އަޒުރާ ދެކިލާށާއި އެކީގައި ދާން އެއްބަސް ވިއެވެ. ތަންކޮޅަކަށް ގޮސްފައި ޒަމީލުގެ ޚިޔާލު ބަދަލުވިއެވެ. އޭނާ ރަޝާދު މެންގޭގައި ވަރަށް ބޮޑު މަސައްކަތެއް ކޮށްފައި އައީތީ ވަރަށް ހަޑިވެފަ ހުރިކަމަށް ބުނެފައި، ގެއަށް ގޮސް ފެންވަރާލައިގެން އަންނާނަމޭ ކިޔާފައި އަނބުރާލީއެވެ. އެޔާއިއެކު ޝިފާވެސް ޒަމީލާއި އެކީގައި ދާން ބޭނުންވިއެވެ. އެކަމަކު ނުކެރުނެވެ.
އެހާހިސާބުން އައްމަޑޭ ޖިނާއަށް ޒަމީލު އާއި ބެހޭ ގޮތުން އިތުރަށް ކިޔައިދޭންފެށިއެވެ. އަތޮޅުގެ އޭނާގެ ހައި ޖަމްޕު ރިކޯޑު އަދިވެސް މުގުރާނުލެވެޔޭ ކިޔާފައި އެވާހަކަ އާއި އޭނާ ބޮޓުލް ޝިޕް ހެދި ވާހަކައެވެ. އޭނާއާއި އެރަށު އަންހެންކުއްޖަކާ އެކީގައި ފަޅު ގެއެއްގެ ތެރޭގައި ތިއްބާ ބަސްޓުވި ވާހަކައެވެ. އެއަންހެން ކުއްޖާ ސަލާމަތް ކުރަންވެގެން އޭނާ ގަދަކަމުން ކުރި ކަމެކޭ ކިޔާފައި އެއްބަސްވި ވާހަކައެވެ. އެވަގުތު އެމީހުންވެސް ގަބޫލު ކުރަނީ އެހެންކަން އެނގުމުން ޝިފާ ވަރަށް ހިތްހަމަ ޖެހުނެވެ.
"މިހާރު ކޮބާ ތި އަންހެއް ކުއްޖާ؟" އެހިސާބުން ޖިނާ އަހާލިއެވެ.
"އޭނާ މާލެ ދިޔަގޮތަށް ޚަބަރެއްވެސް ނުވޭ... މިހިރީ އޭނާގެ ބެސްޓު ފުރެންޑު! މަގޭ އަންހެނުން އެއީ އޭނާގެ ތިމާގެ މީހާ!" އައްމަޑޭ ކިޔައިދިނެވެ.
ނޫޑުލިސް ކައްކާ ނިމިގެން ޒަމީލު އާދޭތޯ އެތައް އިރަކު މަޑުކޮށް އޭނާގެ ޚަބަރެއް ނުވުމުން އެންމެ ފަހުން އެ ހަތަރު މީހުން ކެއީއެވެ. ކައި ނިމުމާއިއެކު ޝިފާވެސް އަދި މިރޭ ބަލިމީހެއްގެ ހާލު ބަލާލަން ދާންޖެހެޔޭ ކިޔާފައި އެގެއިން ނުކުތީއެވެ.
ޝިފާ އެއައި ގޮތަށް ވަނީ ޒަމީލު މެންގެއަށެވެ. ޒަމީލު ކޮޓަރި ދޮރުގައި މަޑުމަޑުން ޓަކި ޖަހާލީ ހިތް އަވަސް ވެފައި ހުރެގެންނެވެ. ދެފަހަރަކު ޖަހާލާފައި ޚަބަރެއް ނުވީމާ ޝިފާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެވަގުތު އެކޮޓަރި ތެރެއިން ދުވީ ވަރަށް މީރު ސެންޓު ވަހެކެވެ. ކޮޓަރި ހުރީ އަނދިރިކޮންނެވެ. އެނދުމަތީގައި ޒަމީލު ނިދާފައި އޮތްކަން ޝިފާއަށް އެނގުނީ އިރުކޮޅެއް ފަހުންނެވެ.
ޝިފާއަށް ޒަމީލު ފެންނަވަރުވީ އަނެއްދުވަހުގެ މެންދުރު ފަހުއެވެ. އޭނާ ޝިފާއަށް ގޮވާފައި ގެންގޮސް އޭނާ ގެނައި ހަދިޔާ ދިނެވެ. އޭނާ ގެނެސްދިނީ އިމްޕަލްސް ބޮޑީ ސްޕްރޭ ފުޅިއެކެވެ.
"ތެންކިޔޫ!" ޝިފާ ވަރަށް އުފާވިއެވެ. "މިއީ އަހަންނަށް ވަރަށް މީރުވަސް ދުވާ އެއްޗެއް.. ދޮންދައްތަ އެއްފަހަރަކު ގެނެސްދިން" ޝިފާ ބުނެލިއެވެ.
ޒަމީލު ބޯޖަހާލިއެވެ. އެކަމަކު، އޭނާއަށް އެފުޅި ގަނެވުނީ ޝިފާ މަތިން ހަނދާންވެގެންނޭ ބުނާކަށް ނުކެރުނެވެ. އެއީ ގުރޫޕް މީހުންނާއި އެކީގައި ބާޒާރު ކުރަމުންގޮސް ޗާންދަނީ މަގުގައި ހުރި އެކަހަލަ އެއްޗެތި ވިއްކާ ފިހާރައަކަށް ވަންއިރެއްގައި އެތަނުން ފެނުނު އެއްޗެކެވެ. އޭރު ރަޝާދުމެން އެމީހުންގެ އަނބިންނަށް ގެންދަންވެގެން ފަހަރަކު ބޮޑީ ސްޕްރޭ ފުޅިތަކުގެ ވަސް ބަލަނިކޮށް ދިމާވި ފުޅިއެކެވެ.
"ވަރަށް އުފާވެއްޖެ ޝިފާއަށް ކަމުދިޔައީތީ !" ޒަމީލު އޭނާގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
އެއާއި އެކީގައި ޝިފާ ތެދުވިއެވެ. އަވަސް އަރުވާލާފައި ބަލި މީހެއްގެ ހާލު ބަލާލަން ދާން އެބަޖެހެޔޭ ކިޔާފައި އެގެއިން ނުކުތީއެވެ.
ޝިފާ ދިޔުމުން ޒަމީލު ވިސްނާލިއެވެ. އޭނާއާއި ޝިފާ އާއި ކުރިން އޮތް ގުޅުން އިއާދަކުރެވިދާނެ ބާވައޭ އޭނާގެ ހިތަށް އެރިއެވެ. ޝިފާ އޭނާގެ އެނދުގައި އިށީނދެގެން އިނީވެސް ތަންކޮޅެއް ދުރުގައިކަން އޭނާއަށް ފާހަގަވިއެވެ. އަދި އޭނާއާއި ވާހަކަ ދެއްކިއިރު އޭނާއާއި ހަތަރު ކަޅި ހަމަ ނުކުރަން އުޅޭކަން ޒަމީލަށް އިހުސާސް ވިއެވެ. އެއީ ކީއްވެގެން ބާވައޭ ޒަމީލުގެ ހިތަށް އެރިއެވެ. މީހުން އެކީ ގޮތަށް އޭނާއާއި ޖިނާއާއި ގުޅުމެއް އޮތީކަމަށް ޒަމީލަށް ގަބޫލު ކުރެވުނެވެ. އޭނާ ޒަމީލާއި އެހާ ކައިރީގައި އިންނަން ބޭނުން ނުވީ ޖިނާއަށް އެނގިގެން ހިތްހަމަ ނުޖެހިދާނެތީ ހެއްޔެވެ؟ އޭނާ ރޭގައި އައްމަޑޭ މެންގެއަށް ދާހިތް ނުވީވެސް އެ ޖިނާ ހުރީމައެވެ. ޖިނާ ފުރަތަމަ ފެނުނު ހިސާބުން ޒަމީލުގެ ހިތުގައި އޭނާއަށް ޓަކައި ކޮންމެވެސް ކަހަލަ ނޭދެވޭ ޝުއޫރުތަކެއް އުފެދުނެވެ. އޭނާގެ ބައިމަތި ފުޅާ ރީތި ހަށިގަނޑަކީ އަންހެންކުއްޖެއްގެ ހިތް ފަސޭހަކަމާއިއެކު ލެބިގެން ދާނެ ހަތިޔާރެއްކަން ޒަމީލަށް ވިސްނުނީއެވެ. އެހެންކަމުން، ޖިނާއާއި ޝިފާއާއި އެކީގައި މަޖާކުރާތަން ބަލަން އޭނާ ބޭނުންނުވީއެވެ.
ޒަމީލު އެ ޚިޔާލުތަކުގައި އިނދެފައި ހިންދިރުވާލިއެވެ. ޝިފާގެ އަމަލުތައް ދެންމެ ހުރިގޮތުން އޭނާ އިތުރަށް މާޔޫސްވިއެވެ. އޭނާއަށް އެނގޭހާވެސް އެއްޗަކީ އޭނާއަށް މިހާރު މިފެންނަ ޝިފާ ކަމުނުދާކަމެވެ. އޭގެ ބަދަލުގައި، އޭނާ ބޭނުންވަނީ ކުރީގައި ހުރި ޝިފާއެވެ. ކޮއްކޮއަކު އުޅޭހެން އޭނާގެ ކައިރިއަށް އައިސް އެކި ސުވާލުކޮށް ވާހަކަދައްކާ، އެކީގައި މަޖާކޮށް ހެދި ޝިފާއެވެ.
ޒަމީލު ވަރަށް ވިސްނާފައި ޖިނާއާއި ގުޅާލަން ނިންމީއެވެ. އޭނާ އެރޭ ޖިނާ ގޮވައިގެން ފާލަން މައްޗަށް މަސްބާނަން ދިޔައީއެވެ. އެތަނުން ވަރަށް ފިލޮޅު އެބަ ބާނައޭ ބުނަމުންނެވެ. މަސް ބާނައިގެން އެދެމީހުން އެނބުރި އައްމަޑޭ މެންގެއަށް ދިޔައިރު ޝިފާ އެގޭގައި އިނެވެ. އޭނާއާއި އަޒުރާއާއި ތިބީ ޓީވީ ބަލާށެވެ.
ތިން ފިރިހެނުންވެގެން މަސް ފިހެ ނިންމާފައި ގޮވީމާ ޝިފާ އާއި އަޒުރާ ބޭރަށް ނުކުތެވެ. އޭރު ޒަމީލު ހުރީ ކާށި އުކުރާށެވެ. ޖިނާ ދިއްގާފަތެއް ނައްޓާލައިގެން އައިސް މަސްކޮޅެއް ލާފައި ޝިފާއަށް ދިއްކޮށްލިއެވެ. "ހޫނު ވާނެ އިނގޭ!" ޝިފާ އޭގާއި ހިފުމުން ޖިނާ ބުނެލިއެވެ.
ޒަމީލު އެމަންޒަރު ބަލަން ހުރިތަން ޝިފާ އަށްވެސް ފެނުނެވެ. އެޔާއި އެކު އޭނާ ނުތަނަވަސް ވިއެވެ. މިއޮއްހާ ދުވަހު އޭނާއާއި ޖިނާއޭ ކިޔައިގެން މީހުން ވާހަކަ ދައްކާ ހެދިއަސް އޭނާ އެއްޗެކޭ ހިތަކަށް ނާރައެވެ. އެކަމަކު ޒަމީލަށް އެމަންޒަރު ފެނުނީމާ އޭނާއަށް ވަރަށް ބޮޑަށް އުނދަގޫވިއެވެ. އޭނާ އައީ ޖިނާ އާއި އޮންނަނީ އެކަހަލަ ގުޅުމެކޭ ޒަމީލު ހިތަށް އަރާކަށް އޭނާ ބޭނުމެއް ނޫނެވެ. ޝިފާ ނޫންކަމަށް ހަދާފައި އިންތަނުން ތެދުވިއެވެ. އަދި ގޮސް އަމިއްލެއަށް މަސް ނައްޓައިގެން ކާންފެށީއެވެ.
***
އަނެއްރޭ އިރު އޮއްސުމުން ޒަމީލު ޖިނާ ގޮވައިގެން ފަރުމައްޗަށް ފީނަން ދިޔައެވެ. އެތަނުން ބޮޑު ތިން އިހި ނަގައިގެން އައްމަޑޭ މެންގެއާއި ހަމައަށް ދެވުނުއިރު ޖިނާއަކީ ކާކުކަމާއި އޭނާ މިރަށަށް އަރުވާލީ ކީއްވެގެންކަން ޒަމީލަށް އެނގިއްޖެއެވެ. ޒަމީލު އެންމެ ހިތްހަމަ ޖެހުނީ އޭނާ ކުއްޖަކާއި ރައްޓެހިވެގެން އުޅޭ ކަމަށާއި އޭނާ މިކަމުން ސަލާމަތް ވެގެން ގޮސް އޭނާއާއި ކައިވެނި ކުރަން ނިންމާފައި ވާކަން އެނގުމުންނެވެ.
އެހިސާބުން ޒަމީލާއި ޖިނާ އާއި ގާތް ގުޅުމެއް އުފެދެން ފެށިއެވެ. އައްމަޑޭ އާއި ޚިލާފަށް ޒަމީލަކީ މޫދަށް އެރެންވެއްޖިއްޔާ ކޮންމެގަޑިއެއް ވިޔަސް ހަމަ ތައްޔާރަށް ހުންނަ މީހެއް ވީމާ ޖިނާއަށްވެސް އޭނާ ވަރަށް ކަމުދިޔައެވެ. ދުވާލު ގަޑީގައިވެސް ވަގުތެއް ވާއިރަށް މަސް ހިފަން ފީނާ، ރޭގަނޑު ގަޑީގައި ފާލަން މަތީ މަސްބާނާ، ނޫނީ އައްމަޑޭ މެންގޭ ޖޯލިފަތީގައި އަނގަ ތަޅާ ހެދުމުގައި ވަގުތު ހޭދަކުރަން ފެށިއެވެ. ޒަމީލުއަށް ވެސް ޖިނާއަކީ ވަރަށް ބަރާބަރު މީހެއްކަމަށް ގަބޫލު ކުރެވުނެވެ. ޖިނާ ވާހަކަ ދައްކާއިރު ބައެއް ފަހަރަށް ޝިފާގެ ނަންވެސް އާދެއެވެ. އެހެންނަމަވެސް ޒަމީލުއަކަށް މިހާރު ޝިފާގެ ވާހަކަ އަހާކަށް މާ ގަޔާއެއް ނުވެވެއެވެ. އޭނާ މިހާރު ކުރިންހެން ޝިފާ އާއި އެކީގައި ވަގުތު ހޭދަކުރާ ހިތެއްވެސް ނުވެއެވެ. އެއީ ކީއްވެގެން ކަމެއް ޚުދު އޭނާއަކަށްވެސް ބުނެދޭކަށް ނޭނގެއެވެ. ޝިފާ ފެނުމުން އޭނާއަށް އެއީ ކުރީގައި އޭނާއާއި އެކީގައި އުޅުނު ޝިފާ އޭ ހީނުވާތީ ކަމުގައި އޭނާ ނިންމިއެވެ. އެ ޝިފާ ދެކެ އޭނާ ވީ ލޯތްބާއި ކުލުނެއް މިހާރު ފެންނަ ޝިފާއަކަށް އޭނާގެ ހިތުގައި ހަމަ ނެތްކަމަށް އޭނާ އަށް ގަބޫލު ކުރެވުނެވެ.
އެއްރެއަކު ޖިނާ ޒީނަތުގެ ވާހަކަ ފެށުމުން އެކަން ހިނގި ގޮތް ޒަމީލު ކިޔައިދިނެވެ. ޖިނާ ޒަމީލަށް ތަޢުރީފު ކުރިއެވެ. ޒީނަތު ސަލާމަތް ކޮށްދޭން އޭނާ އަމިއްލެއަށް ކުށުގައި ބެދުނީތީއެވެ. ޖިނާ ވާހަކަ ދައްކަމުން ގޮސް ޒީނަތު މާލޭގައި އުޅޭ ގެއެއް އިނގޭތޯ އަހާލިއެވެ. ކުޑަ އިރުކޮލަކު ވިސްނާލަން އިނުމަށް ފަހު ޒަމީލު ބޯހޫރާލިއެވެ. އޭނާ ޒީނަތު ހޯދަން އެގެއަށް ދިޔަވާހަކަ އެއްވެސް މީހަކަށް އަންގާކަށް ބޭނުމެއް ނޫނެވެ.
"އެވަރަކުން ނޫޅެން. އޭނާ ހޯދާކަށް!.. އެހެންނޫނަސް އޭނާ އަހަރެން ބޭނުމިއްޔާ އެނބުރި އަންނާނެ އެއްނު!" ޒަމީލު ބުނެލިއެވެ.
އައްމަޑޭގެ މަންމައާއި ބައްޕައާ ރަށަށް އައުމުން ރޭގަނޑު ގަޑީގައި އެމީހުން މަޖާކުރަން އެގޭގައި ތިބުން ނިމުމަކަށް އައެވެ. އެކަމަކު ޝިފާ ގަވާއިދުން ކޮންމެ ރެއަކުހެން އެގެއަށް ދެއެވެ. އަޒުރާ ވިހާދުވަސް ކައިރިވާތީ އޭނާގެ ހާލު ބެލުމަކީ ޝިފާގެ ޒިންމާއެއް ވީމަޔާވެސް އެކީގައެވެ. އެގޭތެރެއިން ޖިނާއަކާވެސް ޒަމީލު އަކާވެސް ދިމަލެއް ނުވެއެވެ. އެމީހުން ރޭގަނޑު ގަޑީގައި ޖިނާ އުޅޭ ގެއަށް ވަދެ ފިލްމް ބަލަން ތިބެނީކަން އަޒުރާގެ ވާހަކައިން ޝިފާއަށް އެގުނެވެ.
ދުވާލު ގަޑީގައި ވެސް ޝިފާއަށް ޒަމީލު ފެންނަނީ ވަރަށް މަދުންނެވެ. ފެންނަ ފަހަރަކުވެސް ކުރިންހެން އަނގަތަޅަން ހަދަން ތިބޭކަށް ފުރުސަތެއް ނުލިބެއެވެ. ޒަމީލު މިހާރު އުޅެނީ އަލިބެ ދަރިފުޅުގެ ގެ ހިޔާކުރުމުގެ މަސައްކަތުގައި ކަން ޝިފާއަށް އެނގުނީވެސް ޒަމީލުމަންމަގެ ފަރާތުންނެވެ. އެހާ ދުވަސް ވެގެން ދިޔައިރު އެނާއައި ޒަމީލުއާއި ދެމެދު ހީނަރު ވެފައިވާ ގުޅުން އަލުން އަނބުރާ އިއާދަ ނުކުރެވޭނެކަން ޝިފާއަށް ގަބޫލު ކުރެވިއްޖެއެވެ.
***
އަޒުރާއަށް ލޯބިލޯބި އަންހެން ކުއްޖެކު ލިބުނެވެ. އެހިސާބުން ޝިފާ އެގޭގައި ހޭދަކުރާ ވަގުތު ކުރިއަށް ވުރެވެސް ގިނަވެގެންދިޔައެވެ. ދަރިފުޅަށް ހަތް ދުވަސް ވެގެން ކެއްކި ދުވަހު އެގޭގައި އުޅުނު އަންހެން ވެރިންގެ ތެރެއިން އެކަކު ޝިފާ ކައިރީގައި މީހަކާ އިނދެ ކުއްޖަކު ހޯދާނި ކޮންއިރަކުން ތޯ ސުވާލު ކުރިއެވެ.
"އޭރުން ތިޔަމީހުން ބަލިވީމާ ބަލަނީ ކާކު؟" ޝިފާ އަހާލިއެވެ.
އަޒުރާގެ ދަރިފުޅު އުރާލައިގެން ޝިފާ އިންނަ ވަގުތު ތަކުގައި އޭނާގެ ސިކުނޑިއަށް އެ ސުވާލު ވަދެއެވެ. އެނާގެ އުމުރުންވެސް މިހާރު އެކާވީސް އަހަރު ވަނީއެވެ. ރަށް ފުށުގެ އާދަ ކާދައިގެ މަތިން މީހަކަ އިނދެ ކުއްޖަކު ހޯދާ އުމުރަށް އެޅީއެވެ. އެހެންނަމަވެސް އޭނާއަކަށް ހަޔާތުގެ ބައިވެރިއަކަށް ހަދަން ކަމުދާ ކަހަލަ އެއްވެސް މީހަކާ އަދި ދިމަލެއް ނުވެޔޭ އޭނާގެ ހިތަށް އަރައެވެ. އޭނާ ބޭނުންވާ މީހާއަކީ އެނިޔަތުގައި އޭނާއާއި ދިމާލަށް ދުވަހަކުވެސް ނުބަލާނެ މީހެއްކަން ހަމަ ޔަގީނެވެ. އެހެންކަމުން މީހަކާއި އިނދެގެން ދިރިއުޅުމުގެ ޚިޔާލުވެސް ޝިފާ ހަގީގަތުގައިވެސް ނުގެންގުޅެއެވެ.
-- ނުނިމޭ --