ތިއީ އިންސާނެއްތޯ އަހަން އަހަރެންގެ ހިތަށްއެރިއެވެ. އެކަމަކު އޭގެ ބަދަލުގައި ދިވެއްސެއް ނޫންދޯ އޭ އަހަރެން ބުނީމެވެ. އެހިނދު އޭނާ އާނއެކޭ ބުނަން ބޯޖަހާލިއެވެ. އޭނާއަކީ އިންޑިޔާ މީހެއްކަމުގައި ބުންޏެވެ. އޭނާ މިރަށުގައި އުޅޭތާ ވަރަށް ދުވަސް ވެއްޖެކަމަށާއި ދިވެހިން އެހާ ރަނގަޅަށް ވާހަކަ ދައްކަން އެނގެނީ އެހެންވެގެންކަމުގައި ބުނެލިއެވެ.
އަހަންނަށް އަނެއްކާވެސް ބަލައިލެވުނީ އޭނާގެ މޫނަށެވެ. އެދެލޮލޯ ރީތިކަމުން ހަމަ ބަލާހިތްވީއެވެ. އޭނާވެސް ވަރަށް ފަރުވާތެރިކަމާއި އެކު އަހަރެންގެ މޫނަށް ބަލަން ހުއްޓެވެ. މާގިނައިރެއް ނުވަނީސް އަހަރެންގެ ދެފައިކޮޅުން ވާގިދާން އުޅޭހެން ހީވިއެވެ. އަހަރެން ޖޯލީގައި އިށީނުމުން މާބަނޑުމީހުން ތިގޮތަށް ޖޯއްޔަށް ފެތިފައި އޮންނާކަށް ނުވާނެއޭ ބުނާއަޑު އަހަންކަމުގައި އޭނާ ބުނެލިއެވެ. އެހެންކިޔާ އަޑު އަހަރެންވެސް އަހަމެވެ. އަވަހަށް އެތަނުން ތެދުވަން އުޅުނީމެވެ. އެވަގުތު އޭނާ އަހަރެންގެ އަތުގައި ހިފާ ތެދުވަން އެހީތެރިވެދިނެވެ. އޭނާގެ އަތުގައި ބީހިލިވަގުތު އަހަރެންނަށް ވަރަށް އެހެންކަހަލަ އިހުސާސްތަކެއް ކުރަން ފެށިއެވެ. އަހަރެން އަވަހަށް ގެއަށް ދިމާލަށް ހިނގައިގަތްތަނާ އޭނާ އަހަންނަށް ގޮވާލާފައި ދޮން އަނބެއް ދިއްކޮށްލިއެވެ. އެއަނބުގެ ވަސް ޖެހުމުން އަހަރެން ކުޅުދިޔާވިއެވެ. މިހާރު އަހަރެން އެންމެ ކާހިތްވަނީ ދޮން އަނބުކަން އޭނާއަށް އެނގުނީ ކިހިނެތްބާވައެވެ؟ . އޭނާއަކީ މިރަށު ވަލުތެރޭގައި ދަނޑު ހައްދަން އުޅޭ މީހެއް ކަމަށާއި އަހަރެން ބޭނުމިއްޔާ ދޮންއަނބު ގެނެސްދީފާނަމޭ ބުނެލިއެވެ.
ބައްޕައަށް ފެނިގެން ކޮންތާކުން ހޯދި އަނބެއްތޯ އަހާލީއެވެ. އެއީ މަގުމަތިން ދިމާވި މީހަކު ދިން އެއްޗެއް ކަމުގައިބުނީމެވެ. ބައްޕަ އިތުރު ސުވާލެއް ނުކުރިއެވެ. ރޭދަންވަރު އަހަރެން އަނބުރައިގަނެގެން ގެއަށް ގެނައިކަން ހަމަ ބައްޕައަކަށް ނޭނގޭނީބާވައެވެ؟ މީގެކުރިން އަހަރެން އުޅޭނޫޅޭ ގޮތް ބައްޕައަށް އެނގެއެވެ. އަހަރެން މީހަކާ އިނީމާ އަހަންނަށް ފާރަލާން އެސޮރުމެން ފޮނުވުން ހުއްޓާލީބާވައެވެ؟
މިރަށު ވަލުތެރޭގައި ދަނޑު ހައްދާ ބަޔަކު އުޅޭތޯ ބައްޕަކުރެން އަހާލީމާ ތިހެންތިއެހީ ކީއްވެގެންތޯ ސުވާލުކުރިއެވެ. އަހަންނަށް އަނބު ގެނެސްދިންމީހާ އެހެންބުނީމާ ކަމުގައި އަހަރެން ބުނެދިނީމެވެ. އެހެންވިއްޔާ ތިވާނީ އުތުރުފަރާތުގައި ކަމަށޭ ބައްޕަ ބުންޏެވެ. ބައްޕަ އިތުރު އެއްޗެއް ނުބުނެ ސަރަންފީ ގޮޑީގައި އިށީނީއެވެ. އަހަރެން ސެންޓަރަށް ދިޔަވާހަކައާއި ލޭމަދުވީމާ މިހިރީ ބޭސް ދީފައޭ ކިޔާފައި ބޭސްގުޅަތައް ދައްކާލީމެވެ. އެހެންވިއްޔާ ދެން އަބަދު މަގުމައްޗަށް ނުކުމެ ހިނގަން ނޫޅޭ ގޭގައި މަޑުމަޑުން އިނދެބަލާށޭ ބައްޕަ ބުނެލިއެވެ."
" މިއަދު ހެދުނު އަހަރެން ދިޔައީ ކުރީދުވަހު ގަރުދިޔަ ކެއްކި ތެލި އުކާލާ ދޮވެލާ ހަދަން އަތިރިމައްޗަށެވެ. ބޯކަށިކެޔޮ ގަސްތަކުގެ ތެރެއިން ދެވެން އޮންނަ ހަނިމަގަށް ނުކުތްއިރު މޫދުގައި މީހަކު އުޅޭތަން އަހަންނަށް ފެނުނެވެ. އެކަމަކު އަހަރެން ގޮނޑުދޮށަށް ފޭބިއިރު އެތާގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއީ ނާމާން ހިސާބެކޭ އެތަނުން އެއްޗެތި ފެނެޔޭ ކިޔާފައި ރަށުމީހުން އެއްގޮތަކަށްވެސް އައިސްއުޅޭ ހިސާބެއްނޫނޭވެ. އެހެންކަމުން އެއީ އަހަންނަށް ހީވި ގޮތެއްކަމަށް ނިންމީމެވެ. ތެލީގައިހުރި މަސްކަށިތައް މޫދަށް އުކާލާފައި މަސްތައް އައިސް އެކާން އުޅޭތަން ބަލަން އަހަރެން ހުރީއެވެ. އެހެންހުއްޓާ ކުއްލިއަކަށް ކުރިމަތިން މީހަކު ބޯހިއްކާލީމާ އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެއީ ހަމަ އެމީހާއެވެ. އޭނާ ވަރަށް ހިނިއައިސްފައި ބިރުން ސިހުނީހޭ އަހާލިއެވެ. އަހަރެން ބިރެއްނުގަންނަކަމަށާ ސިހުނީ ބޮޑު މިޔަރެއް ފުންމައިގެން އަރަނީ ކަމަށް ހީކޮށްކަމުގައި ބުނީމެވެ.
އޭނާ މޫދުން އަރަން އައެެވެ. އޭނާ ހުރީ ހަމައެކަނި ހުދުކުލައިގެ ކުރުކުރު ސޯޓުބުރިއެއް ލައިގެންނެވެ. އެނާގެ ދޮން ހަށިގަނޑަށް އަހަންނަށް ސަމާލުވެވުނެވެ. ގޮޅި ޖަހާފައިވާ ބަނޑެކެވެ. ފުޅާ ބައިމައްޗެކެވެ. ތެމިފައިވާ ސޯޓު އޭނާގެ ގައިގަ ތަތްލާފައިވާތީ، އެހަށިގަނޑުގެ ވަނާތައް ހަމަ ރީތިކޮށް ހާމަވާން ހުއްޓެވެ. އޭނާ އެއްގަމަށް އަރާ މުންޑުއަނދެގެން އައެވެ. އޭރު އަހަރެން އުޅުނީ ތެލި އުނގުޅާށެވެ. އޭނާ އަހަރެން އަތުން ތެލި އަތުލިއެވެ. އަހަރެން ކައިރީ މިތާ ވެލިގަނޑުމަތީ ހަމަ ޖެހިލައިގެން އިށީނދެގެން އިނދެ ބަލާށޭ ބުނަމުން އޭނާ ތެލި ދޮންނަން ފެށިއެވެ.
އޭނާއަށް ކިޔަނީ ކޮންނަމެއްތޯ އަހަރެން އެހީމާ އޭނާގެ ނަމަކީ އުބޭދު ކަމުގައި ބުންޏެވެ. އެކަމަކު ފަރީ ބޭނުން ނަމަކުން އަހަންނާއި މުހާތަބު ކުރަންވިއްޔޭ ބުނެލިއެވެ. އަހަރެންގެ ނަމަކީ ފަރީ އެއް ނޫނޭ ފަރީޝާއޭ ބުނީމެވެ. ތިކަން އިގެޔޭ އެކަމަކު ހަނީފުވެސް ކިޔަނީ ފަރީ ނޫންހޭ އޭނާ ބުނެލިއެވެ. އެއީ އަހަރެންގެ ފިރިމީހާއަށް ޚާއްސަ ނަމެއްކަމަށާއި އެހެން ނުކިޔުމަށް އެދުނީމެވެ. އެވަގުތު އަހަރެން ހިތްހަމަ ނުޖެހުނެވެ. ތެދުވެގެންގޮސް އޭނާ އަތުން ތެލި އަތުލީމެވެ. އެވީ ކުޑަވަގުތު ކޮޅުގެ ތެރޭގައި މުޅިތެލި އޮތީ ރީތިކޮށްލާފައެވެ. އެންމެ ދެލިކޮޅެއްވެސް ނެތެވެ. އަހަރެން ހިނގައިގަތީމާ އޭނާ އަހަރެންގެ ފަހަތުން އައެވެ. ހަނީފުވެސް ފަރީ ކިޔަނީ ލޯބިންނެއްނޫންހޭ .. އަހަރެންވެސް އެހެންމިކިޔަނީ ފަރީދެކެ ލޯބިވާތީއޭ ބުނެލިއެވެ. އެހެންބުނީމާ އަހަރެން އޭނާ ދެކެ އިތުރަށް ފޫހިވިއެވެ. ކޮންމެހެން އަހަރެންދެކެ ލޯބިވާނެކަމެއް ނެތޭ ބުނީމެވެ. އަދި އުނދަގޫ ނުކޮށްދާން އުޅޭށޭ ބުނީމެވެ. ދެންވެސް އޭނާ ދާކަށް ނޫޅުނެވެ. ހަނީފު ލޯބިވާހެން ކަލޭ އަހަރެންދެކެ ލޯބިވާނީ ކިހިނެތްހޭ ތިއީ އިންސާނެއްވެސް ނޫނޭ އަހަރެން ބުނީމެވެ. އެޔާއިއެކު އޭނާ ޖަހާލީ ހިނިގަނޑެކެވެ. ފަރީއަށް އެގިނޖެދޯއޭ ބުނެލިއެވެ. މަށަށް ތިއީ ކާކުކަން ނޭނގިއްޖިއްޔާ އަަހަރެންގެ ބައްޕައަށްވެސް ހުތުރުދޯއޭ އަހަރެންބުނީމެވެ. ބައްޕަގެ ނަން ބުނުމުންވެސް އޭނާ ޖެހިލުމެއް ނުވިއެވެ. އަހަރެން ދެއްކިވާހަކަ އިވުނު ހެނެއްވެސް ހިޔެއްނުވެއެވެ. ހަނީފުއަށްވުރެ މާބޮޑަށް އަހަރެންދެކެ ލޯބިވެޔޭ ބުނެލިއެވެ. އެލޯބި ޔަގީންކޮށްދިނުމަށްޓަކައި އަހަރެން ބުނި ކޮންމެކަމެއްވެސް ކުރަން ތައްޔާރަށް ހުރިކަމުގައި ބުނެލިއެވެ. އޭރު އަހަރެން ހުރީ ކަޅުއޮށު ގަރުދިޔަ ކާހިތްވެފައެވެ. އެހެންކަމުން އަހަންނަށް ކަޅުއޮށެއް ގެނެސްދޭށޭ ބުނީމެވެ. އެހެންބުނެފައި ފަހަތް ބަލައިލިއިރު އޭނާއެއް ނެތެވެ. އަހަރެން އަވަސްއަވަހަށް ގެއާއި ދިމާލަށް ހިނގައިގަތީމެވެ. އެހެންނަމަވެސް އަހަންނަށް ވަލުން ނުނިކުމެވެނީސް އޭނާ އައެވެ. އޭރު އޭނާގެ އަތުގައި ދިރިދިރި އޮތް ކަޅުއޮށެއް އޮތެވެ. އެދައްކާލާފައި އޭނާ ލޯބިވާކަން މިހާރު ގަބޫލުކޮށްފިންތޯ އެހިއެވެ. އަހަރެން ގަބޫލު ކުރާނީ ދެން މިވަގުތު އަހަންނަށް އުނދަގޫނުކޮށް ދިޔައިއްޔާ އޭ ބުނީމާ ތެލީތެރެއަށް އެމަސް އެއްލާފައި އޭނާ ގޮސް ގަސްތަކުގެ ތެރެއަށް ވަދެ ގެއްލުނެވެ.
މިއޮއްހާ ދުވަސް ވީއިރު އަހަންނަށް ނުފެންނައެއްޗެއް ކުއްލިއަކަށް މިފެނުނީ ކީއްވެގެންބާވައޭ ހިތަށްއެރިއެވެ. އަަހަރެން ގެއަށް ދިޔައީ ބައްޕަ ކައިރީ އެވާހަކަ ދައްކަން ނިންމައިގެންނެވެ. އެކަމަކު ބައްޕައެއް ގެއަކު ނެތެވެ. ގަރުދިޔަ ކައްކާ ނިންމާފައި ފެންވަރާހަދައިގެން ނުކުތް އިރުވެސް ބައްޕައެއް ނާދެއެވެ. ބައްޕައައީ ހަވީރުއެވެ. ބަލި މީހެއްގޮވައިގެންނެވެ. މިއަދުދެން ބައްޕައާއި ވާހަކައެއް ނުދެއްކޭނެކަން އަހަންނަށް އިނގުނެވެ.
ރޭގަނޑު ކައި ހަދައިގެން ގިފިއްޔަށް ވަދެފައި ނުކުމެވުނީ އުބޭދުގެ ކުރިމައްޗަށެވެ. އޭނާ ފެނުމުން އަހަރެން ވީ ފޫއްސެވެ. ތިއައީ ކީއްކުރަންތޯ އެހީމެވެ. އޭނާ ދައްކާލީ އޭނާގެ އަތުގައި ވަރަށް ރީތިކޮށް ފޮތިކޮޅެއްގެ ތެރޭގައި ބަނދެލާފައި އޮތް އެއްޗެކެވެ. އެވަގުތު ދޮން އަނބުވަސް އަހަންނަށް ދުވިއެވެ. އަނބު ގެނެސްދޭނަމޭ ބުނީމެއްނޫންހޭ އޭނާ ބުނެލިއެވެ. މިގަޑީގައި ތިއައީ ކީއްކުރަން ހެއްޔޭ މާދަމާވެސް ގެނެވުނީސް އެއްނޫންހޭ އަހަރެން ބުނީމެވެ. އަހަރެން ކިތަންމެ ދަހިވިއަސް އެއަނބުތަކުގައި ހިފާކަށް ބޭނުމެއްނުވިއެވެ. ތި ހިފައިގެން އައިތާކަށް ދާށޭ އެހެންނޫނީއްޔާ ބައްޕައަށް ގޮވަނީ ކަމުގައި ބުނީމެވެ. އެނާ ހީލާފައި އެއް ފިޔަވަޅު އަހަންނާއި ކައިރިއަށް ޖެހިލިއެވެ. ބައްޕަ މިވަގުތު ވަރަށް ބިޒީއޭ ބައްޕައެއް ނާންނާނެއޭ ބުނެލިއެވެ. އަހަރެން ފަހަތަށް ފިޔަވަޅު އެޅިތަނާ އަހަރެންގެ ދެފަޔަށް ފާޑެއްގެ ތަދެއް އަރަންފެށިއެވެ. ފުންނާބުން ފެށިގެން މައިނާރުން ލާފައި ފަޔަށް އެދަތު ދުވަން ފެށިއެވެ. އަދި މޫނުމައްޗަށް އަނދިރިވާންފެށިއެވެ.
ދެން ހޭލެވުނީ އަހަރެން ގެންގޮސް އެނދުގައި ބޭއްވިތަނާއެވެ. އޭރު އަހަރެންގެގައިގަ އެއްވެސް ވަރެއް ނެތެވެ. އަހަރެން ވާހަކަ ދައްކަން މަސައްކަތް ކުރީމެވެ. އެކަމަކު އަޑު ބޭރެއްނުވިއެވެ. އޭނާ އަހަރެންގެ ފައިލާކޮޅުގައި ބިންމަތީގައި އިށީނެވެ. އަދި އަހަރެންގެ ފައިތިލައަށް ފިތާ މޮޑެން ފެށިއެވެ. އޭނާ އަތްޖައްސާލުމާއިއެކު އަހަންނަށް ވަރަށް އަރާމު ވެގެން ދިޔައެވެ.
އޭނާގެ އަތްތިލަ މަޑުމަޑުން މައްޗަށް އަންނަން ފެށުމުން އަހަރެން ނޫނެކޭ ބުނަން އުޅުނީމެވެ. ތެދުވަންވެސް އުޅުނީމެވެ. އެކަމަކު އެންމެ ކުޑަވެގެން އަތް އުފުލާލާނެ ހާ ވަރެއްވެސް އަހަރެންގެ ގައިގަ ނެތެވެ. އޭނާ އަހަރެންގެ ގައިގެ އެތަންމިތާނގައި ބީހެމުން ގެންދިޔައެވެ. އެބީހުމުން އަހަރެންގެ ހަށިގަނޑަށް އަރާމް ވަމުން ދިޔައެއްކަމަކު އަހަރެން އެގޮތެއް ބޭނުމެއްނުވިއެވެ. އެހެންނަަމަވެސް އަހަންނަށް އުބޭދު ހުއްޓުވޭ ވަރުގެ ބާރެއް އެވަގުތަކު ނުލިބުނެވެ."
އެގަނޑު ކިޔާ ނިމުނުއިރު ޝިއުނާގެ މުޅިގައިން ހީބިނަގައިފިއެވެ. މަންމައަށް އެޖިންނި އެކުރީ ކޮންކަމެއްހެއްޔެވެ؟
އޭނާ އަނެއްގަނޑަށް އެއްލައި ކިޔަންފެށިއެވެ.
" އަހަރެން އެންމެ ފުރަތަމަ ހީކުރީ އެއީ އަހަންނަށް ފެނުނު ހުވަފެނެއްކަމަށެވެ. އެހެންނަމަވެސް ކޮޓަރި މޭޒުމަތީގައި އޮތް ތިން އަނބު ފެނުމުން އެއީ ހަަމަ ވީގޮތެއްކަން އަހަންނަށް ވިސްނުނެވެ. އަހަރެން ދެރަވިއެވެ. ހަނީފު މަތިން ވަރަށް ބޮޑަށް ހަނދާންވާން ފެށިއެވެ. އޭނާއަށް އިނގުނީމާ ކިހާ ދެރަވާނެ ހެއްޔޭ އަހަރެންގެ ހިތަށް އެރިއެވެ. އެކަމަކު އަހަރެން މިވާހަކަ ދައްކާނީ ކާކު ކައިރީގައި ހެއްޔެވެ؟
އެންމެފަހުން އަހަރެން ބައްޕައަށް އެވާހަކަ ކިޔައިދިނީމެވެ. އަހަރެން ފެށީ ރޭގައި އަހަންނަށް މީހަކު އުނދަގޫ ކުރިއޭ ކިޔާފައެވެ. އެހެންބުނީމާ އެއީ ކާކުތޯއާއި އޭނާ ކުރީ ކީއްތޯ ބައްޕަ އެއްސެވެ. އަހަންނަށް އޭނާ ކުރި ހުރިހާކަމެއް ބައްޕަ ކައިރީގައި ކިޔައިދޭކަށް ނުކެރޭނެއެވެ. އެއީ އަހަންނަށް ދޮން އަނބު ގެނެސްދިން މީހާކަމުގައި ބުނީމެވެ. އޭނާ ރޭގައިވެސް އައީ އަނބު ހިފައިގެންކަމަށާއި އޭނާ އަހަރެންގެ ކޮޓަރިއަށް ވައިން ވާހަކައަށް ދަންދެން ކިޔައިދިނީމެވެ. އޭނާގެ ނަމަކީ އުބޭދު ކަމަށާއި އެއީ އިންސާނެއް ނޫންކަމުގައިވެސް އަހަރެން ބުނީމެވެ.
ދަރިފުޅު ދެއަނގައިން ވާހަކަ ދައްކަންޏާ ވާނީ ތިހެންނޭ ބައްޕަ ބުނެލިއެވެ. އަހަންނަކަށް އެބުނި އެއްޗެއް ނޭނގުނެވެ. އޭނާ ކައިރީ މަހެއް ގެނެސްދޭން ބުނިންތޯ ބައްޕަ އެއްސެވެ. އަހަރެން ބޯޖަހާލީމެވެ. އެހެންވިއްޔާ ދެން ކުރެވޭނެ ކަމެއް ތިއަކު ނެތޭ ބައްްޕަ ބުންޏެވެ. އޭނާ ދެކޭނީ މިހާރު ދަރިފުޅު އޭނާ ލޯބިވާކަން ގަބޫލުކުރީ ކަމަށޭ ބައްޕަ ބުނެލިއެވެ. އެއީ އޭނާއަކީ ހަމަ އަސްލުވެސް ޖިންނިއެއްތޯ ބަލަންވެގެން އަހަރެން ސަމާސޭކަށް ބުނިއެއްޗެއް ކަމުގައި އަހަރެން ބުނީމެވެ. އެސޮރުމެންނަކަށް އެކަމެއް ނޭނގޭނެއޭ ބައްޕަ ބުންޏެވެ. ދަރިފުޅު ސަމާސާއަށް ތިކަންކުރިއަސް އެނާ އެކަން ނަގާނީ ވަރަށް ސީރިއަސްކޮށް ކަމުގައި ބައްޕަ ބުނެލިއެވެ. އެސޮރުމެން މާ ތެދުވެރިވާނެއޭ ބުނުމުން އެއީ ބައްޕައަށްވެސް އެނގިގެން ހިނގިކަމެއްކަން އަހަންނަށް ޔަގީންވިއެވެ.
-- ނުނިމޭ --