21 Apr 2019

ހިތުލޯބި ހިތާ ވަކިވާނޭހޭ

ހިތުލޯބި ހިތާ ވަކިވާނޭހޭ

* އޭޕްރީލް 17 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"ޒޯޔާ ކިހިނެއްވާނެ؟ ކިނާންގެ މަންމަވެސް ވަރަށް ގަޔާވޭ ޒޯޔާ އާ.. އަދި ޒޯޔާވެސް..." ހަމައިން ނެއްޓެމުންދިޔަ ހިތުގެ އިހްސާސްތަކުގެ މައްޗަށް ގަދަވެ ގަނެ، މަގުމަތީ ހުރި ފިތުރޯނު ގަސްތަކުން ފުރޭނެމުން ތިރިއަށް ވެހެމުންދިޔަ ވާރޭގެ ތިކިތަކަށް ނަޒަރު ހުއްޓާލަމުން އަހަރެން ބުނެލީމެވެ. އެއިރު ހަމަރަނގަޅަށްވެސް އަރުތެރެ ބެދިގެން ދިޔަ ކަހަލަ އިހްސާސަކާއެކު އަހަންނަށް ހިންދިރުވާލެވުނެވެ. އަހަރެންގެ އެޖުމްލަ އާއެކު މަރުވުމެއްނެތް އަހަރެންގެ ހިތުގެ ލޯބި، އަމިއްލަ އަތުން ކަފުންކޮށް ވަޅުލުމުގެ ދަތުރު އަހަރެން ފެށީމެވެ.

އަހަރެންގެ އެ ޖުމްލައާއެކު ކިނާން ސިހިފައި އަތުގައި އިން ކޮފީތަށި މޭޒުމަތީގައި ބެހެއްޓި އަޑަށް އެ މޫނަށް ފަރުވާތެރިކަމާއެކު އަހަންނަށް ބަލައިލެވިއްޖެއެވެ. އެވަގުތު އަހަރެންގެ ދެލޮލަށް އޭނަވެސް ނަޒަރު ހުއްޓާލުމާއެކު އަހަރެމެން ދެމީހުންގެ ނަޒަރު ބައްދަލުވެ ހިނދުކޮޅެއްގެ ހިމޭންކަމެއް އަހަރެމެންގެ ދެމެދަށް ވެރިވެއްޖެއެވެ. ވެހެމުންދިޔަ ބޯވާރެ އާއި ތަނުގެ ފަޅުކަމަށް އިތުރު ދިރުމެއް ދެމުންދިޔަ އެރޭގެ އެ ފިނިކަން އަހަރެންގެ ހިއްސުތައް ގަނޑު ކުރުވިއެވެ. އަހަރެންގެ އެ ޖުމްލައަކީ އޭނާ އެއްވެސް ވަރަކަށް އުންމީދުކޮށްގެން އިން ޖުމްލައެއް ނޫންކަން އޭނާގެ މޫނުމަތިން ފާޅުވި ނުރުހުމުގެ އަސަރުތަކުން ރަނގަޅަށް ހާމަވިއެވެ. އެމޫނު މައްޗަށް ފާޅުވެފައި ހުރި ރީތި ހިނިތުންވުން އޮއްސިގެން ގޮސް އެ ނަފްސަށް ވެރިވި ކުއްލި ހިމޭންކަމުން، ހީވީ ހޭލާ އިނދެ އޭނާ ދެކެމުންދިޔަ ފޮނި ހުވަފެނެއް ކުއްލިއަކަށް ފުނޑު ފުނޑުވި ހެންނެވެ. ނިތްކުރިން ފެށިގެން ދަތްދޮޅީގެ ކޮޅަށް ކަނާއަތްތިލަ ހިންގާލަމުން، ޝަބްނަމްގެ ތިކިތަކެއްހެން އެ ފިރިހެންވަންތަ ރީތި މޫނު މަތީގައި އެތުރިފައި ހުރި ފެންތިކިތައް ފޮހެލަމުން އޭނާ ދުރު ބަލައިލައިފިއެވެ.

"ތިއީ.. ހަމަ މިޝްކާ ހިތުގެ އަޑިން ބުނާއެއްޗެއްތަ؟!...." ލަސްލަހުން ހިންދިރުވާލަމުން، އެހެން ބުނެލުމަށްފަހު އިތުރު އެއްޗެއް ބުނަން އަނގަ ހުޅުވާލުމަށްފަހުވެސް އޭނާ ހިމޭންވެއްޖެއެވެ. އޭނާ އެހެން ބުނިއިރު، ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ރިހުމެއް އެމޫނުމަތިން އެރޭ އަހަރެން ދުށީމެވެ. އޭނާގެ އެ ސުވާލަށް ދޭންވީ ޖަވާބު ނޭނގިފައި އަހަންނަށް އިނދެވުނީއެވެ.

"މިޝްކާ ބުނަން ބޭނުން ކޮންމެ އެއްޗެއް އަހަރެން ކައިރީ ބުނެވޭނެ! ... އަޑުއަހާ ހިތުން އަޑުއަހާނަން!..." އަހަރެން ނުވެސް ވިސްނައި އިންދައި ކިނާންގެ ކަނާއަތްގެނެސް އަހަރެންގެ ވާއަތްތިލަ މަތީ ބާއްވާލަމުން ޔަގީން ކަމާއެކު އޭނާ ބުނެލިއެވެ. އެ ފިނީގައި ފިނިވެފައިވާ އަހަރެންގެ އަތްތިލައަށް ކިނާންގެ އަތްތިލައިގެ އެ ހޫނު ބީހުން އިހްސާސް ކުރެވުމާއެކު އަހަރެންގެ ހިތް ތެޅިލިއެވެ. އިސްޖަހައިލައިގެން އޭނާގެ އަތްތިލައަށް ބަލަހައްޓައިގެން އިންދައި އަހަރެންގެ އަތްތިލައަށް މަޑުމަޑުން އޭނާ ފިތާލައިފިއެވެ. އޭނާގެ އެ ޢަމަލުތައް ތަރުޖަމާ ކުރަން ވީގޮތް ނޭނގިފައި ދެންވެސް އަހަންނަށް އެއިން ގޮތަށް އިނދެވުނީއެވެ. އަހަރެންގެ ހިތުގައި އޭނައަށްޓަކައި މިޖަހާ ވިންދުތަކާއި އޭނަގެ ހިތުގެ ވިންދުތައް ގުޅިލާމެހިއްޖެނަމަ ނުކުންނާނެ ނުބައި ނަތީޖާތަކެއް އެބަހުއްޓެވެ. ކުރިން ދުވަހު މެހެރު ދިން އިންޒާރު އަހަރެންގެ ސިކުނޑިން، ހިތާ ހަމައަށް ފޯރުވައި ދިނުމާއެކު އަވަސް އަވަހަށް އަހަރެންގެ އަތްތިލަ ކިނާންގެ އަތުގެ ތެރެއިން ދަމައިގަނެވިއްޖެއެވެ.

އޭނާގެ އެ ބީހުންތަކަށް ރުހިގެން އިންނަން އަހަރެން ކިތައްމެ ބޭނުންވިޔަސް ނޭނގޭ ބިރުވެރިކަމެއް އަހަރެންގެ ހިއްސުތަކުގައި ޓަކިދެމުން ދާންފަށައިފިއެވެ. ކުއްލިއަކަށް ކިނާންގެ ނަފްސަށް ވެރިވަމުންއެދާ މަސްތީ އިހްސާސްތަކަކީ ނުސިޔާރު މަގަކަށް ޙަޔާތުގެ ނައު އަނބުރާލަން ދެވޭ ދަޢުވަތެއް ނޫންބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ކާވެނީގެ ލައްޒަތާއި ފޮނިކަމުން މަޙުރޫމް ވެފައިވާ އެ ނަފްސުގެ ފެންބޮވައި ގަތުމުން ރެކި ފުރިހަމަ ކަރު ހިއްކުމަކުން އޭނާގެ ކަރުހިއްކުން ފިލުވުމަށް އަހަރެން ނޫން މީހަކަށް އޭނާއަށް ރުހުމެއްވެސް ނުދެވޭނެއެވެ. އަހަރެން ފެންނަ ކޮންމެ ފަހަރަކު ފަޒްލީން މަތިން ނޫނީ އޭނާ ހަނދާން ނުހުންނާނެތީއެވެ. މިކަހަލަ ޚިޔާލުތަކެއް ކުރެވެން ފެށުމުން، އަހަރެންގެ ހިތުގެ ޖަޒްބާތުތަކާއި މުސްތަޤުބަލުގެ ހުވަފެންތައް ވިއްސިވިހާލި ކުރަމުންދިޔަ އަހަރެންގެ ދުޝްމަނަކީ ޚުދު އަހަރެންގެ ބުރުސޫރަކަމުގައި އަހަންނަށް ޤަބޫލުކުރެވެން ފެށުނެވެ.

ޚިޔާލާއި ވަސްވާސްތަކުން ޙަޤީޤީ މަންޒަރާ ދުރަށް އަހަރެންގެ ނަފްސު ދީލާލަން ފެށުމުން، އަހަންނަށް ކުއްލިއަކަށް ކޮޅަށް ތެދުވެވިއްޖެއެެވެ. ވެހެމުންދާ ބޯ ވާރެއަށް ސަމާލުކަން ދިނުމެއްނެތި ކެފޭއިން ނުކުމެ އެ ވިއްސާރައިގެ ތެރެއިން އަހަރެން ކުރިއަށް ހިނގައިގަތީމެވެ. ނަމަވެސް މާދުރަށް ނުދެވިގެން އުޅެނިކޮށް ކިނާން އައިސް އަހަރެންގެ އަތްތިލައިގައި ހިފައި އޭނާއާ ގާތަށް ދަމާލިއެވެ. އަހަރެންގެ ކަނާއަތުން އެ ވަރުގަދަ މޭމަތީ އަތްވިދެލަމުން އޭނާ އާ ދުރަށް ދެވޭތޯ ކުރި މަސައްކަތްވީ ބޭކާރެވެ. އަހަރެންގެ ހިމަ އުނަގަނޑު ވަށާލެވިފައިވަނީ އެ ބާރު ގަދަ މުލައްދަނޑިން ކަމުގައި ވާތީއެވެ.

"މިޝްކާ ކޮން ކަމަކަށް ފިލަންތަ ތިއުޅެނީ؟!...ހީކުރީތަ އަހަންނަށް އެއްވެސް ކަމެއް ނޭނގޭ ކަމަށް؟! މަށަށް އެނގިއްޖެ ހުރިހާ ކަމެއްވެސް!"

އަހަރެންގެ މޫނަށް އޭނާގެ ހޫނު ނޭވާ އެޅޭހާ މޫނު ކައިރި ކޮށްލުމަށްފަހު މަޑުމަޑުން އަހަރެންގެ ކަންފަތް ދަށުގައި އޭނާ ބުނެލިއެވެ. ލިބުނު ސިހުމުގައި ކަންފަތާ ދިމާއިން މުޅި ގަޔަށް އަރައިގެން ދިޔަ ހީލިގަނޑާއެކު ބުނަން ވީ އެއްޗެއް ނޭނގިފައި އެ މޫނަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނެވެ. އެއިރު ކިނާންގެ ހަށިގަނޑުގައި އަޅަމުންދިޔަ މަޑުމަޑު ރޫރުއާއި އެ އަވަސްވެފައިވާ ނޭވާތަކުން އޭނާގެ ކެތްތެރިކަން ކޮޅުންލަމުން ދިޔަ މިންވަރު ހާމަވަމުން ދިޔައެވެ.

"ސޮރީ.. އެކަމް މިޝްކާއާއި މިޝްކާގެ މާމަ ދެއްކި ވާހަކަ އަހަރެން އަޑުއެހިން!.."

އޭނާ އެހެން ބުނެލުމާއެކު އޭނާގެ އަތްދަށުން ސަލާމަތްވާން އަހަރެންކުރި މަސައްކަތް ކުއްލިއަކަށް ހުއްޓާލެވުނެވެ. އެވަގުތު އަހަރެންވާންވީ އުފާކަމެއް ނުވަތަ ކުރިމަތިލާން އޮތް ތޫފާން ދެކެ ގަންގަންވީ ބިރުކަމެއް ނޭނގި އަހަންނަށް އެ ހުރިގޮތަށް ހުރެވުނެވެ. މިހުރިހާ ދުވަހު އަހަރެން އޭނާއަށް ސިއްރުކުރަމުން އައި ހަގީގަތާ ހަމައަށް އޭނާއަށް ވާސިލްވެވިއްޖެކަން އެނގުމުން ލަދުވެތި ކަމެއް އިހްސާސްކުރެވުނެވެ. ކިނާން އަހަންނާ ދޭތެރޭ ދެކޭނެ ގޮތެއް ވެސް ނޭނގެއެވެ. ގަތް ލަދާއި ހިތުގެ އެ ސިއްރު އިހްސާސްތައް އެ އިހްސާސްތަކުގެ ޙައްޤުވެރިފަރާތާ ހަމައަށް ވާސިލްވެއްޖެކަން އެނގުމާއެކު ހިތުގައި އުފެދުނު ޖަޒުބާތުތަކުގެ މައްޗަށް ގަދަވެ ނުގަނެވިގެން އުޅެނިކޮށް އަހަރެންގެ ލޮލުން ނިރާލި ކަރުނަތައް ނުހުއްޓުވި އަހަންނަށް އިސްޖަހާލެވިއްޖެއެވެ. ދެން އިޚްތިޔާރެއްނެތި މަޑުމަޑުން އޭނާގެ ސަމައްތަރުހެޔޮ މޭމަތީގައި ބޯ ޖައްސާލެވުނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވާރޭގެ ތިކިތަކާއެކު ދޮވެވެމުންދިޔަޔަސް، ހިތްފުރެންދެން އެ މޭމަތީގައި މޫނުޖައްސާލައިގެންހުރެ އަހަރެން ރުއީމެވެ. ހަގީގީ ލޯބީގެ ފޮނި ކަމާއި ޖާދޫ އެ ހިނދުކޮޅުގައި އަހަންނަށް ރަނގަޅަށް އިހްސާސްކުރެވުނެވެ. މަގުމެދުގައި މަގު ހިނގާ މީހުންނާއި ގޭގޭ ކުޑަދޮރުތަކުން އެ މަންޒަރު ދެކެންތިބި މަދު ބައެއްގެ ނަޒަރުތަކަށްވެސް ސަމާލުކަން ދެވޭވަރަށްވުރެ ބޮޑަށް ލޯބީގެ އެ އިހްސާސް އަހަރެންގެ ހިއްސުތަކާ ކުޅެމުން ދިޔައެވެ. ކިނާން އަހަރެން ހުއްޓުވާކަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. ބަދަލުގައި އަހަރެންގެ ބޮލުގެ ފުށްކިބައިން ފެށިގެން ކަނދުރާއާ ހަމައަށް އަތް ހިންގަމުން އަހަރެންގެ ހިތަށް ތަސައްލީއެއް ލިބޭތޯ އޭނާ ބެލިއެވެ.

"މިޝްކާ ތިވަރަށް އަހަރެން ދެކެ ލޯބިވާއިރު އަހަރެން ޒޯޔާ އާ އިންނަންޖެހޭ ސަބަބަކީ ކޮބާ؟!" އަހަރެންގެ ދެ ކޮލުން ފެށިގެން ދަތްދޮޅިއާ ހަމައަށް އޭނާގެ ދެ އަތުން ހިފަހައްޓާލަމުން ލޯތްބާއެކު އޭނާ އެހިއެވެ. އޭނާގެ އެ ސުވާލާއެކު ހީވީ އަހަރެންގެ ހިތަށް ކަށްޓެއް ހެރުނުހެނެވެ. އަހަރެން ލައްވައި ސުރައްޔާ ކުރުވަން ބޭނުންވި ކަންތައް ހަނދާންވިއެވެ. އަހަރެންގެ ވަޒީފާއަކީ ޒޯޔާއާ ކާވެނިކުރަން ކިނާން އެއްބަސް ކުރުވުމެވެ.

" ކަލޭގެ މަންމަ އަހަރެމެންގެ ދިރިއުޅުމަށް ފެތުރި ސުންޕާކަން ކަލޭގެ ފަރާތުން އަހަރެންގެ ދަރިންނަށް ޖެހޭކަށް އަހަރެން އެއްގޮތަކަށްވެސް ބޭނުމެއްނޫން!..އެކަހަލަ ކަމެއް ވެއްޖިއްޔާ މިފަހަރު އަހަރެން މަޑަކުން ނުހުންނާނަން!"

.....ކިނާންގެ ހުވަފެން ދުށުމަކީ ކުރެވޭ މޮޔަކަމަކަށް ނޫނީ ނުވާނެ.. އޭނަގެ ހިތުގަ ކަލެއަށްޓަކައި ދުވަހަކުވެސް ލޯތްބެއް ނުއުފެދޭނެ!"

އެއާއެކު، މެހެރުގެ އެ ޖުމްލަތައް އަހަރެންގެ ކަންފަތްދޮށުގައި ތަކުރާރުވަމުންދިޔަ ކަހަލަ އިހްސާސަކާއެކު އެވަގުތު ކުއްލިއަކަށް ކިނާންއާ ދުރަށް ޖެހިލެވިއްޖެއެވެ.

"ކިނާންގެ މައިންބަފައިންގެ އުފަލަށްޓަކައި.. ދެ އާއިލާގެ ހަމަޖެހުމަށްޓަކައި..." ކިނާންއަށް ފުރަގަސް ދެމުން ހިތްވަރުކޮށްފައި އަހަރެން ބުނެލީމެވެ. އަދި އިތުރު އެއްޗެއް ބުނަން ފުރުސަތު ދިނުމެއްނެތި އަހަރެން ކުރިއަށް ހިނގައިގަތީމެވެ.

ނިދަން އެނދުގައި އޮށޯއޮތް އިރުވެސް އަހަރެންގެ ހިތާއި ސިކުނޑީގެ ޙިޞާރުކުރުމަކަށް ވެފައިވަނީ މިރޭގެ މަންޒަރުތަކެވެ. އެ ކޮންމެ ހިނދުކޮޅަކީ އަހަރެންގެ ޙަޔާތުގެ ހާއްސަ ހިނދުކޮޅުތަކެވެ. ކުޑަމިނުން ކިނާންގެ ހިތުގައިވެސް އަހަންނަށްޓަކައި އިހްސާސްތަކެއް ހޭލަމުން ދާކަން މިރޭ އަހަންނަށް އެނގިއްޖެއެވެ. އެހެންނޫންނަމަ އެ މޭމަތީގެ ޙިމާޔަތް އަހަންނަށްދީ އެ ލޯބި ބެލުންތަކުން އަހަރެންގެ ހިތް ދިވާނާ ކުރުވާކަށް އޭނާ ނޫޅުނީހެވެ.

އަހަރެމެންގެ ދިރިއުޅުމުގެ ހަގީގަތްތައް ބަދަލުވެ ދާ ބީދައިން، ރޭ ވެހުނު ވާރޭގެ އަސަރު ފިލައި ރަން އަވިން ދުނިޔެ އުޖާލާ ކުރަމުންދަނީއެވެ. އާދުވަހަކަށް އިރު އަރައިގެން އައި އިރު އަހަރެންގެ ބޮލަށް ބަރުކަމެއް އިހްސާސް ކުރެވެމުން ދިޔައެވެ. ހެނދުނުގެ ނާސްތާގެ ގަޑި ޖެހެމުންދިޔަ އިރުވެސް، އެނދުން ބޯހިއްލާލަން ނުކެރިފައި އަހަންނަށް އޮވެވުނެވެ.

"އަދިވެސް ހޭލެވޭ ވަރު ނުވަނީ ދޯ؟!...އަޒްކާގެ ސްޕޯޓްސްމީޓް ފެށޭ ދުވަސްކަމެއް ނޭނގޭތަ މިއީ؟!" ކޮޓަރީގެ ދޮރުގައި ބާރު ބާރަށް ތަޅައިގަންނަމުން ބޭރުން އިފާޝާގެ އަޑުއައެވެ. ހިތްވަރުކޮށްފައި އެނދުން ތެދުވެވޭތޯ އަހަރެން މަސައްކަތްކުރީމެވެ. ނަމަވެސް ބޮލުގައި ރިހޭލެއް ގަދަކަމުން ބޮލުގެ ނާރުތައް ބުރިބުރިވެގެން ދާފަދަ ތޫނު ވޭނެއް އަހަރެންގެ ބޮލުގައި އަޅަމުން ދިޔައީތީ އަހަންނަށް އިފާޝާއަށް އިޖާބައެއް ނުދެވުނެވެ.

"މިޝްކާ؟!.." ދެވަނަ ފަހަރަށް ވެސް އިފާޝާ ގޮވާލިއަޑު އިވުނެވެ. ހިއްވަރުކޮށްފައި އެނދުން ތެދުވެގެންގޮސް އަހަރެން ކޮޓަރީގެ ދޮރު ހުޅުވާލީމެވެ.

" ސާބަހޭ އަދިވެސް ދެލޯ ހުޅުވޭވަރު ނުވަނީ ދޯ؟! އަވަސްކޮށްގެން އާދޭ އަޒްކާ ރެޑީ ކުރަން.. މަންމަވެސް ކުއްލިއަކަށް އޮފީހަށް ދާންޖެހިގެން ހިނގައްޖެ!.." އަހަރެންގެ ހަށިގަނޑުގައި އަޅަމުންދިޔަވޭނާ މޫނު މަތީގެ ބަދަލުވެފައިވާ ކުލަވަރުން އަހަރެންގެ ތަހައްމަލްތައް އިފާޝާއަކަށް ދެނެއެއް ނުގަނެވުނެވެ. ނޫނީ ހަމަ ގަސްދުގައި އޭނާ ނޭނގޭ ކަމަށް ހެދުނީއެވެ.

"ވަރަށް ގަދައަށް ބޮލުގަ ރިއްސާތީ މިއުޅޭނީ... ހީވަނީ ހުންއައިސްފަ ހުރިހެން... މިއަދު އަޒްކާ ރެޑީކޮށްލަދެވިދާނެތަ؟.." އުނދަގުލުން ލަސްލަހުން އަހަރެން އިފާޝާގެ ކިބައިން އެދުނީމެވެ. ބަދަލުގައި އަހަރެންގެ ފައިން ފެށިގެން ބޮލާ ހަމައަށް ނަޒަރު ހިންގާލަމުން އަހަރެން ބުނި އެއްޗަކާމެދު ޝައްކު އުފައްދާފަދަ ބެލުމަކުން އޭނާ އަހަންނާ ދިމާއަށް ބަލައިލިއެވެ.

"ކޮންތަނެއް ބަލީ؟! ބަލިއްޔާ ބަލި ވައްތަރުވެސް ޖަހާނެއެއްނު؟! ގޭގަ މާމަ ކައިރީ ޖައްސާކަހަލަ ފޭކް ސްޓަންޓެއް ނުޖެއްސޭނެ މިގެއަކު!.. އެހެން ނޫނަސް މިގެއަށް އަޒްކާ ބަލަން ގެނައީ މަތަ؟!.." އިފާޝާގެ އަޑުގައިވަނީ ހަރުކަށިކަމެވެ. އެއީ ލޯތްބާއި އުޚުއްވަތްތެރި ކަމުގެ ގުޅުން ކެނޑި ކިލަނބުވެފައިވާ ބަސްމަގެކެވެ. ހަމަ އިހެކޭ އެއްފަދައިން އޭނާގެ އެ ކޮންމެ ޖުމްލައެއް އަހަރެންގެ ހިތަށް ތަދުކުރުވިއެވެ. އޭނާގެ އެ ހަރުކަށި ބަސްތަކަށް ދޭނެ ރައްދެއް ނޭނގުމުން އަހަންނަށް ހިމޭނުން ހުރެވުނެވެ. މޫނަށް ފޫހި ވައްތަރެއް ޖައްސާލަމުން އިފާޝާ އެތަނުން ދިޔައީއެވެ.

އަހަރެންގޮސް އެނދުގައި ކުރުގެޅިލަމުން އޮށޯވެލީމެވެ. މަންމަގެ ހަނދާން އެންމެ ބޮޑަށް ވަނީ މިފަދަ ދަނޑިވަޅުތަކުގައެވެ. މަންމަ ހުރިނަމަ އަހަރެންގެ ހަށިގަނޑުގެ މިވޭންތައް ދެކެންވެސް ހިތަށް ކެތްނުވީހެވެ. ނޭނގިނަމަވެސް، މިފަދަ ޖަލެއްގައި އަހަރެން ހައްޔަރުވެފައި މި އޮންނަން ޖެހުނީ އަހަރެންގެ ހިތުގެ އެދުންތަކަކާ ހެދިއެވެ. މިގެއިން ނުކުންނަށް އަހަރެން ހަދާނީ ވެސް ކިހިނެތް ހެއްޔެވެ؟ ބުނާ ބަހާއި ޢަމަލު ދިމާވުމެއްނެތް އުޒުރުތަކެއް އަހަންނަށް ދެއްކިދާނެއެވެ. ނަމަވެސް އުއްމުގެ ހިތުުގެ އުންމީދުތަކާއި ބަދަހިކުރުވަން ގަސްދުކުރި ގުޅުން ވަނީ މުޅިން އެހެން މިސްރާބަކަށް ދަތުރު ފަށާފައިކަން އަހަރެން އުއްމު އަށް ބުނެދޭނީ ކިހިނެއް ހެއްޔެވެ؟

އިރުކޮޅަކު، އެގޮތުގައި ވިސްނުންތަކެއްގެ ތެރެއަށް ސިކުނޑި ދޫކޮށްލައިގެން އޮއްވައި ކޮޓަރީގެ ދޮރުގައި މަޑު މަޑުން ޓަކިޖަހާލުމަށްފަހު، އަހަންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ދޮރުމަތީގައި ހުރީ ކިނާންއެވެ. މަޑުމަޑުން އެނދުން ތެދުވެ އަހަރެން އެނދުގައި އިށީނދެލީމެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން ކިނާންއައިސް އަހަރެންގެ ކުރި މައްޗަށް ހުއްޓުނެވެ.

"މިޝްކާ ހާދަ ހުންގަދައޭ... ބޭސްކައިފިންތަ؟!.." އަހަރެންގެ ނިތްކުރީގައި އަތް ޖައްސާލަމުން އަހަރެންގެ ކުރިމަތިން އެނދުގައި އޭނާ އިށީނދެލިއެވެ. އަދި އެނދުގައި އޮތް ހުދު ބާލީސް ހެޔޮވަރުކޮށްލަމުން އަހަރެންގެ ދެއަތުގެ މުލައްދަނޑީގައި ހިފައި އަހަރެން އެނދުމަތީގައި ބާވާލަމުން ކިނާން ކޮޅަށް ތެދުވެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ކުޑައިރުކޮޅެއް ފަހުން އޭނާ އެނބުރި އައިއިރު، އެއްއަތުގައި އޮރެންޖް ޖޫސްތައްޓެއް އިނެވެ. އަނެއް އަތުގައި އޮތީ ބޭސް ކާޑެކެވެ.

"ވަރަށް ބޮޑަށް ސޮރީ..." ބޭސްގުޅަ ކާލުމަށްފަހު ޖޫސްތަށި ތުނބުގައި ޖެހުމާއެކު އޭނާ މަޑުމަޑުން ބުނެލިއެވެ. އަހަރެންގެ ބަލިވުމުގެ ހުރިހާ ޒިންމާއެއް ނަގައި ކުރެވުނު ކަންތަކާމެދު ހިތާމަ ކުރަމުންދިޔަކަމުގެ ކުލަވަރު އެ މޫނު މަތިން ފެންނަމުން ދިޔައެވެ.

"ބަލިވާން ހުރިއްޔާ ބަލިވާނެ ކިތައްމެ ބަލައިގެން އުޅުނަސް..!" އޭނާގެ އެ އޯގާތެރިކަމާއި ލޯތްބަށް ދޭނެ އިތުރު ރައްދެއް ނޭނގުމުން މަޑުމަޑުން އަހަރެން ބުނެލީމެވެ. އެއިރުވެސް ކުށްވެރިއެއް ފަދައިން އަހަރެންގެ މޫނަށް ނަޒަރު ހުއްޓާލައިގެން އޭނަ އިނެވެ.

ބަލިވެ އުޅުމަށްފަހު އަހަންނަށް ހަމަނޭވާއެއް ލެވޭވަރުވީ ބަރާބަރު ތިންދުވަސް ފަހުންނެވެ. ވަގުތަކީ މެންދުރުގެ ކެއުމަށް ސުރައްޔާގެ ތިމާގެ ބަޔަކުވެސް އައިސް އުޅުނު ވަގުތެކެވެ. ގިނަ ދުވަސް ތަކަކަށްފަހު ތިމާގެކަމުގެ ގުޅުން ބަދަހިކުރަން ފުރުސަތު ލިބުނީތީ އޭނާގެ މެހެމާންދާރީއަށް ކުޑަވެސް އުނިކަމެއް އަޔަނުދީ ވޭތޯ ސުރައްޔާ ބެލިއެވެ. ކިނާން ފިޔަވައި އެ އާއިލާގެ ހުރިހާ މެންބަރުން އެތަނުގައިވިއެވެ. ކެއުން ތައްޔާރުވަންދެން ސިޓިންގ ރޫމުގައި އެންމެން ތިބިއިރު ތަފާތު އާއިލީ ވާހަކަތަކުން އެ މާހައުލު ދިޔައީ ހަލަބޮލިވަމުންނެވެ. އެމީހުންނާ ތަންކޮޅެއް ދުރުގައި ހުރިއިރު މި އާއިލާއަށް ނިސްބަތްނުވާ ބޭރު ހިލޭ މީހެއްކަމުގެ އިހްސާސް އަހަންނަށް ކުރެވެމުން ދިޔައެވެ.

އެގޮތުގައި އަހަރެން ހުއްޓައި އުއްމުކުލްޘޫމާއެކު މެހެރުއާއި ޒޯޔާ އެގެއަށް ވަދެގެން އަންނާތީ ފެނުނެވެ. ޒޯޔާ އައިސް އަޒްކާ އުރާލަމުން އަތުގައި އޮތް ޗޮކްލެޓް އަޒްކާގެ މުށުތެރެއަށް ލައިދިނެވެ. އަޒްކާ އުފަލުން ޒޯޔާގެ ކޯތާފަތަށް ބޮސްދިނެވެ. މި މަންޒަރު ދެކެންތިބި ސުރައްޔާ އާއި މެހެރުގެ މޫނުމައްޗަށް ވެރިވި ހިނިތުންވުން އަހަރެން ދުށީމެވެ. އެމީހުން އިށީނދެ ތިބި ތަނުން ތެދުވަމުން ބަދިގެއާ ދިމާއަށް މިސްރާބު ޖެހުމަށްފަހު ސުރައްޔާގެ ލޮލުގައި އެވަގުތު އަހަރެން އަޅައިގަތުމުން، އޭނާ އައިސް އަހަރެންގެ ކުރި މައްޗަށް ހުއްޓިއްޖެއެވެ.

"ކޮބާ އަހަރެން ކުރަން ބުނި ކަންތައް ކުރެވިއްޖެތަ؟..." ޒޯޔާއާ ދިމާއަށް ނަޒަރު ހުއްޓާލަމުން އަހަރެންގެ މޫނަށްވެސް ބެލުމެއްނެތި ސުރައްޔާ އެހިއެވެ. ޖަވާބުގައި އެއްވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަހަރެންގެ މޫނަށް ބަލައިލަމުން އެ ސުވާލު އޭނާ ތަކުރާރު ކުރިއެވެ. އަހަރެން ޖަވާބުގައި ބޯޖަހާލީމެވެ. ހަގީގަތުގައި އަހަރެން ހެދީ ދޮގެކެވެ. ޒޯޔާއާ މެދުގައި ކިނާންގެ އެއްވެސް ޝައުޤުވެރިކަމެއް ނެތްކަމުގައި އަހަރެން ބުނާނީ ކިހިނެތް ހެއްޔެވެ؟ ފަހަރުގައި އަހަރެންގެ އެ ދޮގު ކިނާންގެ ދިރިއުޅުން މުޅިން އައު މިސްރާބަކަށް ގެންގޮސްދީފާނެ ނޫންހެއްޔެވެ؟

ސުރައްޔާގެ ހިފެހެއްޓުމެއްނެތް ޝުކުރާއެކު ފުރަތަމަ ފަހަރަށް އަހަރެންގެ ގައިގައި އޭނަ ބައްދާލިއެވެ. އަހަރެންގެ ޤުރުބާނީގެ އަގު އޭނާ ވަޒަންކުރި ފުރަތަމަ ފަހަރަކީ އެއީއެވެ. އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ކިނާން އައިސް އެމީހުންެ ތެރެއަށް ހުއްޓުނުތަން އަހަރެން ދުށީމެވެ.

މެންދުރުގެ ކެއުމެއްގެ ބަދަލުގައި ގޭގެ މާހައުލު ބަދަލުވީ ކުޑަވަރެއްގެ ޕާޓީ އަކަށެވެ. އަހަރެން ދިން ޚަބަރާއެކު ސުރައްޔާގެ އުފާތަކުގެ ކޮޅެއްނެތެވެ. ކަރުކެހިލަމުން އެ އެންމެންގެ ކުރިއަށް ނުކުމެ އެންމެންގެ ސަމާލުކަން އޭނާ ހޯދިއެވެ.

"މިއަދަކީ ވަރަށް އުފާވެރި ދުވަހެއް!... މިއީ..އަހަރެންގެ ކިނާންގެ ދިރިއުޅުން އަލުން އާބާދުވުމުގެ ފެށުން ފާހަގަކުރާ ދުވަސް... އުފަލާއެކު އިޢުލާން ކުރަން ކުރިއަށް އޮތީ ކިނާންއާ ޒޯޔާގެ ކާވެނި!..." ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގޭފަދަ ޖަޒުބާތީ އަސަރުތަކަކާއެކު ސުރައްޔާ ބުނެލިއެވެ. އޭނާގެ އެ ކޮންމެ ބުނުމަކާ އެކު އުފަލުން ފުރުނު ހިތްތަކެއް އެތަނުގައި ވިއެވެ. ހަމަ އެއާއެކު އެ އުފާވެރިކަމަށްވުރެ ބޮޑު މޮޅިވެރިކަމެއް ލިބުނު ދެ ހިތެއްވެސް އެތަނުގައި ވިއެވެ. އުއްމުކުލްޘޫމުގެ ނަފްސަށް ލިބުނު ސިހުމާއެކު އޭނާގެ ދެފައިން ވާގި ދޫވި ކަހަލައެވެ. --ނުނިމޭ--

ދިގު ވާހަކަ ހިތުލޯބި ހިތާ ވަކިވާނޭހޭ

Popular