* އޭޕްރީލް 18 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...
* އޭޕްރީލް 18 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...
އެތަން ބަލަން ހުރެފައި އާހިލް ޖަހައިލީ ލުއި ހިނިގަނޑެކެވެ. ދެން އައިސް އެނދަށް ވެއްޓިގަނެގެން އޮވެ ހިތާއި ދިމާލުން މޭގައި މަޑުމަޑުން ފިރުމައިލި އެވެ. ފޯނު ރިންގް ވާން ފެށީ އޭނަ އެތާ އޮތްވަ އެވެ. ނަގައި ބަލައިލާފައި ސްކްރީނުގައި އޮތް ނަން ފެނުމުން ފުންމައިގެން ތެދުވެވުނެވެ.
ފެންވަރަން ވަދެފައި އަވަސްކުރާކަށް ރާމީން ނޫޅެ އެވެ. ނިކުމެ އަޞުރު ނަމާދުކުރަން ހުއްޓާ ދޮރު ހުޅުވިފައި ލެއްޕުނުއަޑު އިވުނެވެ. ނަމާދުން ފައިބައިގެން ދޮޅި ބާލާފައި ކޮޓަރިން ބޭރަށް ބޯދިއްކޮށްލިއިރު އެތަން ހުހެވެ. އަޑު އަހަން ހުރެލލާފައި އާހިލްގެ ނަން ގޮވާލީމައި ވެސް ޖަވާބެއް ނައެވެ. އަނބުރާލައިފައި އޭނަ ވަނީ އަނެއްކާ ވެސް ކޮޓަރިއަށެވެ.
އާހިލް ގޭގައި ނެތި ގިނައިރު ވީވަރަކަށް ރާމީންގެ ނުތަނަވަސްކަން އިތުރުވަމުންދިޔަ އެވެ. ބޭރުން ކިރރިޔާ އަޑެއް އިވިލާއިރަށް ދޮރާއި ދިމާއަށް ބަލައިލެވެ އެވެ. ރޭގަނޑަށް ކައްކަން ވެގެން އުޅެފައި އޭނައަށް މޮޅު ހިޔާލެއް އައެވެ. އާހިލް ފޯނު ނަގައިފިނަމަ ބަހަނާއަކަށް ދައްކާނީ ކައްކަން އުޅެފައި ގުޅީކަމަށެވެ. އެކަމަކު އޭނަ ހީކުރި ގޮތަކަށް ނުވި އެވެ. އާހިލް އޭނަގެ ފޯނަކަށް ޖަވާބެއް ނުދިނެވެ. ހިތްހަމަނުޖެހިގެން ފޯނު މޭޒުމައްޗަށް ދޫކޮށްލައިފައި އޭނަ ދެން އުޅުނީ މަސައްކަތުގަ އެވެ.
އެކަނި އެގޭގައި އުޅުނުހާ ދުވަހު އޭނައަށް އިހްސާސް ކުރެވިފައި ނުވާ އެކަނިވެރިކަމެއް ކުއްލިއަކަށް މިރޭ އިހްސާސްވާންފެށީ އާހިލްއާ ގުޅިގެން ހެއްޔެވެ؟ އޭނަ އަމިއްލަ ހިތަށް ވިސްނައިދިނީ މިހާ އަވަހަށް އާހިލް އޭނަގެ އިހްސާސްތަކަށް ބާރު ފޯރުވަން ފަށައިފިއްޔާ ދާދި އަވަހަށް އޭނަގެ އަޒުމް ގުޑައިގެން ހިނގައިދާނެކަމެވެ.
ކައިގެން ނިކުމެ ސިޓިންރޫމްގައި ޓީވީ ހުޅުވައިގެން އިންދާ ގޭގެ ބެލްޖެހި އަޑު އިވުނެވެ. އޭރު ނުވައެއް ޖަހައި ބޮޑުވެއްޖެ އެވެ. ރާމީން ތެދުވެގެން ދުވެލާފައި ގޮސް ދޮރު ހުޅުވާލިއިރު އާހިލް އެވެ. ދިޔަތަނެއް އޮޅުންފިލުވަން ކުރަން ބޭނުންވި ސުވާލު އޮތީ ދުލުކުރީގަ އެވެ. އެކަމަކު ބޭރުވުމުގެ ކުރީން ރާމީން އަވަހަށް ފުރަގަސްދީފައި ސޯފާއާ ދިމާއަށް ހިނގައިގަތެވެ.
"ކީއްކުރަން ގުޅާފަ އެހުރީ؟" ފަހަތުން އަންނަމުން އާހިލް އެހި އެވެ.
ފަރުވާކުޑަ ގޮތަކަށް ކޮނޑު އަރުވާލައިފައި ރާމީން ބުނީ ކައްކަން އުޅެފައި އެތިކޮޅެއް އިތުރުކުރަން ބޭނުންތޯ އަހަންވެގެން ގުޅީކަމަށެވެ. ތެދުވެގެން ދިޔަ ތަނުގައި އަލުން އިށީނދެފައި ސޯފާގެ އަތްގަނޑުމަތީ އޮތް ރިމޯޓް ނަގައި އަޑުގަދަކޮށްލި އެވެ. އެވަރުން އޭނަ ވާހަކަދައްކަން ޝައުޤެއް ނެތްކަން އާހިލްއަށް ވިސްނޭނެކަމަށް ބެލި އެވެ. އާހިލް އިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ ރާމީންގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ.
"ސޮރީ. ފޯނު ސައިލެންޓަށްލެވިފަ އޮތީމަ ރިންގްވީކަމެއް ނޭނގުނީ.." އާހިލް ބުނެލި އެވެ.
ރާމީން އަނެއްކާ ވެސް ފަރުވާކުޑަ ގޮތަކަށް އެއްކޮނޑު އަރުވައިލި އެވެ. އޭނަގެ ނަޒަރު ޓީވީގެ ސްކްރީނަކުން ނުނެއްޓެ އެވެ. އެކަމަކު އޭނަ އިނީ ފެންނަމުންދިޔަ ޕްރޮގްރާމާއި ގަޔާވެގެން ނޫންކަން އާހިލްއަށް އެނގުނެވެ.އަރިމަތީ ޖީބުގައި އޮތް ފޯނާއި ފަހަތު ޖީބުގައި އޮތް ވޮލެޓް ނަގައި އެތާ ހުރި ކުޑަ މޭޒުމަތީ ބާއްވާފައި އާހިލް އިށީނދެލީ ސޯފާގެ މެދާކަށް ހިސާބުގަ އެވެ.
"ކޯއްޗެއް ތިބަލަނީ؟" އާހިލް ސުވާލުކުރީ ރާމީންލައްވާ ވާހަކަދައްކުވަންވެގެންނެވެ.
"އަނދިރިއެއްނޫނެއްނު. ސީ ފޮ ޔޯސެލްފް.." ރާމީންގެ ޖަވާބުއައީ ރުންކުރުކޮށެވެ.
އާހިލްގާތަށް ހިނި އަންނަގޮތްވި އެވެ. އެކަމަކު އަނގައިން ބޭރު ނުވަނީސް އޭނަ އަތް މުށްކަވާލުމަށްފަހު އަނގަމަތީ އަޅައި ކެއްސައިގެންކަމަށް ހެދުނެވެ. އިތުރަށް ވާހަކަދައްކަން ވެގެން ރާމީންއާ ކުރިމަތިވާނެހެން އެނބުރިލައިފައި ސޯފާގެ ލެނގޭބައިމަތީ ދިގުދިގަށް އަތް ބާއްވައިލައިގެން ބަލަން އިނެވެ. ރުޅި އައިސްފައިތޯ އެހުމުން ރާމީން ހަތަރުކަޅިހަމަކޮށްލާފައި އެހީ އޭނަ ރުޅި އަންނަންވީ ކީއްވެތޯ އެވެ.
"އޯކޭ..." އާހިލް އިތުރަށް ބާރު ނާޅައި ދޫކޮށްލި އެވެ.
މަދު މިނިޓްކޮޅެއް ވަންދެން ތަނަށް ވެރިވެފައި އޮތީ ހަމައެކަނި ޓީވީގެ އަޑެވެ.
"އަހަރެން ދިޔައީ ބައްޕަ ގުޅައިގެން ބައްޕައާއެކު ކާންވެގެން. މިގެއަށް އަހަރެން އައީ ބައްޕަ ކައިރީ ނުބުނެ މަންމަ ކައިރީ ބުނެފަ..." އާހިލް ވާހަކަ ފެށުމާއެކު ރާމީން ކުއްލިއަކަށް ބަލައިލި އެވެ.
އެކަމަކު އާހިލް އިނީ ދުރު ބަލަހައްޓައިގެންނެވެ. އަނެއްކާ ވެސް ޓީވީއަށް ނަޒަރު ހުއްޓައިލީ އާހިލް ބަލައިލަން އުޅޭހެން ހީވީމައެވެ.
އާހިލް ނުބުންޏަސް ބައްޕައާ ދެމެދު ވާހަކަ ހުންނާނެ ގޮތް ރާމީންއަށް ކޮންމެވެސް މިންވަރަކަށް ލަފާކޮށްލެވުނެވެ. އެއް އިރެއްގައި ވެސް އެއާއިލާގެ މީހުންނަކަށް އޭނަ ކަމަކުނުދެ އެވެ. ދެމީހުން ވަކިވެދާނެހެން ހީވުމަށްފަހު އަލުން އާހިލް އެކައިވެންޏަށް ފުރުސަތެއް ދިންކަން އެނގިގެން އެކަކު ވެސް ހިތްހަމައެއް ނުޖެހޭނެ އެވެ.
ބަލަން އިނދެލާފައި އާހިލް ކުއްލިއަކަށް އޮށޯވެ ބޯ އަޅައިލީ ރާމީންގެ އުނގުގައެވެ. ރާމީންއަށް ލިބުނު ސިހުމުގައި ތެޅިގަނެވުނެވެ.
"ފައިވް މިނިޓްސް.." ރާމީން އެއްޗެކޭ ބުނުމުގެ ކުރިން އާހިލް ބުނެލި އެވެ.
މިނިޓެއްހާއިރުވަންދެން ރާމީން އިނީ ގުޑިނުލަ އެވެ. ދެން މަޑުމަޑުން ހަމަޖެހިލިކަން އާހިލްއަށް އިހްސާސްވި އެވެ. ލޯމަރާލައިގެން އޮތްވާ ރާމީންގެ އަތް އޭނަގެ އިސްތަށިގަނޑުގެ ތެރޭ ހަރަކާތްކުރަން ފެށިކަން އެނގުނެވެ. އެއީ ރާމީންއަށް ނޭނގުމުގައި ފެށުނުކަމެއްކަން އެނގުނީ އަނެއްކާ ވެސް ކުއްލިއަކަށް އެހަށިގަނޑަށް ހުއްޓުން އެރީމަ އެވެ. ދެން އަވަހަށް ރާމީން އޭނަގެ އިސްތަށިގަނޑުން އަތް ނަގައިފި އެވެ.
ފަސްވަރަކަށް މިނިޓް ފަހުން ރާމީން ބަލައިލިއިރު އާހިލް ހީވަނީ ނިދިފައި އޮތް ހެންނެވެ. އޭނައަށް އެމޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. ދެން މަޑުމަޑުން އަތް ގެންގޮސް ދެވަނަ ފަހަރަށް އެއިސްތަށިގަނޑުތެރެއަށް އިނގިލިތައް މަހާލައިފައި ކުޅެން ފެށި އެވެ. އެހެން އިނދެ ނިދި ޖެހުނީ ކޮންއިރަކު ކަމެއް ނޭނގުނެވެ. ހޭލެވުނީ އާހިލް އޭނަ އަތްދަނޑިމައްޗަށް ނެގިތަނާ އެވެ. ބިރުން ތެޅިގެންފައި އަވަހަށް ދެއަތް ވަށާލައި ހިފެހެއްޓުނީ އާހިލްގެ ކަނދުރާގައެވެ.
"އައި ގޮޓް ޔޫ ބޭބީ..." އާހިލް ރާމީންގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ބުނެލި އެވެ. އެއަޑު ވެސް ހުރީ ނިދީގެ ސަބަބުން ބަރުވެފަ އެވެ.
ހިތާއި ކުޅެލީ އާހިލްއަށް އޭނައަށް މުޚާތަބުުކުރި ގޮތެވެ. ހީވީ މާޒީގެ ތެރެއަށް ދެވުނުހެންނެވެ.
ނިދީގެ އަސަރު ހުރުމުން ރާމީން ދެކޮޅެއް ނުހަދަ އެވެ. ބޯއަޅައިލީ އާހިލްގެ މޭގަ އެވެ. ކުޑައިރުކޮޅެއް ފަހުން ބުރަކަށި ޖެހުނުކަން އިހްސާސްވީ މަޑު ތަންމަތީގަ އެވެ. ގައިމަތީ ރަޖާ އަޅައިދީފައި ދެން އިވުނީ އާހިލްގެ ފިޔަވަޅުތައް ދުރުވަމުންދިޔަ އަޑެވެ. އެއަށްފަހު ދޮރު ހުޅުވައި ލައްޕައިލި އަޑެވެ. ދެން އަނެއްކާ ވެސް ރާމީންއަށް ނިދުނީ އެވެ.
ހެނދުނު ހޭލާފައި އެއީ ރޭ އޭނައަށް ފެނުނު ހުވަފެނެއްކަމުގައި ހީކުރެވުނެވެ. ނިކުމެގެން ހޯދަމުން އައިއިރު އާހިލް ދުވެގެން އައިސް ދަލުން ފެންވެރިފައި ބަދިގޭގައި ހުއްޓާ ފެނުމުން ހިތް ތެޅިލި އެވެ. ފްރިޖް ކައިރީ ފެން ބޯން ހުރިއިރު ދިރުވައިލާ ކޮންމެ ކޯވަރަކާއެކު ލަގޮނޑި ހަރަކާތްކުރާތަން ބަލަން ހުރެގެން ތުންފަތުގައި ދޫ ކާއްތައިލެވުނެވެ.
ފެންފުޅި ތުނބުން ނައްޓައިލިއިރު އާހިލްގެ ތުންފަތުގައި ލާނެތް ހިނިތުންވުމެކެވެ. ރާމީން ނޫންކަމަށް ހެދިފައި ކަރުކެހިލުމަށްފަހު އަވަހަށް ގޮސް ވަނީ އަނެއްކާ ވެސް ކޮޓަރިއަށެވެ.
***
ހެނދުނު އެންމެނަށްވުރެ ކުރިން ތައްޔާރުވެލައިގެން އައިރީން ކޮޓަރިން ނިކުތެވެ. ފަހަކަށް އައިސް އައިދަން އޮފީހަށް ދާ ދުވަހެއްގައި ވިއްޔާ އެންމެނަށްވުރެ ނިކުމެގެން ދާކަން އޭނަ ވަނީ ފާހަގަކޮށްފަ އެވެ. އައިދަން އެގޮތަށް ކަންތައް ކުރަނީ އެގަޑީގައި ވެސް އޭނަ ކުރިމައްޗަށް ނާންނަންވެގެން ކަމުގައި އައިރީންއަށް ޝައްކުވި އެވެ. އޮފީހުގައި ދެން ދެމީހުން މަސައްކަތް ކުރަނީ ދެ ޑިޕާޓްމެންޓެއްގަ އެވެ. ކޮންމެ ގޮތެއްވިއަސް އޮފީސްތެރޭ ހުރެގެން އެކަހަލަ ޒާތީ ވާހަކައެއް ދައްކާކަށް އޭނަގެ ވިސްނުމަކު ނެތެވެ.
ހުޅުވާފައި ހުރި މައިދޮރުން ގޯތިތެރެއަށް ނިކުމެގެން ފިނި ހިފާފައިވާ ވިނަގަނޑުމަތީ ދެކޮޅަށް ހިނގަން ހުއްޓާ ކާރު ފުހެން އޮތް ޑްރައިވަރަށް ފެނުނެވެ. ޑްރައިވަރު ކައިރިއަށް އައިސްފައި ދާންވީތޯ އެހުމުން އައިރީން ބުނީ މަޑުކުރުމަށެވެ. އޭނަ އަތުކުރީ ގަޑިއަށް ނަޒަރެއް ދީފައި ގޮސް ކާރުގެ އަނެއްފަރާތުގައި ހުއްޓި ހުރީ ގެއިން ނިކުންނަ މީހުންނަށް ނުފެންނާނެ ހެންނެވެ.
ގިނައިރެއްނުވެ އެވެ. އައިދަން އެއް އަތުން ބްރިފްކޭހެއް އެލުވާލައިގެން އަންނަތަން ފެނިއްޖެ އެވެ.. އައިރީން ކުރިއަށްވުރެ ބޮޑަށް ނިވާވެލި އެވެ. ޑްރައިވަރު ތަންދިނުމުން އައިދަން އައިސް އެފަރާތުން އަރައި އިށީނުމާއެކު އައިރީން އަވަހަށް އަނެއްފަރާތުން އަރައި ދޮރު ޖެހި އެވެ.
"ވަޓް ދަ ހެލް؟..." އައިދަންއަށް ލިބުނު ހައިރާންކަން ނުރުހުމުގެ ކުލަ އިޚުތިޔާރުކުރަން ނެގީ ސިކުންތުކޮޅެކެވެ.
އިއްޔެ ވެސް ރޭ ވެސް އުޅެއުޅެ އައިދަންއާ ވަކިން ވާހަކަދައްކާނެ ފުރުސަތެއް ނުލިބުނީމަ މިހެން ހަދަން މިޖެހުނީ. އަހަރެން މިއައީ ވާހަކައެއް ދައްކަންވެގެން..." އައިރީން ހިތްވަރާއެކު ވާހަކަދެއްކި އެވެ.
ނިކުންނަންވެގެން ދޮރުފަތް ހުޅުވާލައިފައި ވެސް ފަހު ވަގުތު އައިދަން ނިންމީ އޭގެ އަނެއްކޮޅަށެވެ. މޫނުމަތިން ފެންނަން ހުރި ހިތްހަމަނުޖެހުމާއިއެކު ވެސް ކާރު ސްޓާޓްކުރި އެވެ. އައިރީންއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވައެކެވެ. އައިދަންގެ މިއަމަލުން އުންމީދުގެ ދޯދިފަށެއް ފެނިލި އެވެ.
ރޮބިން ބްލޫ ގަމީހާއެކު ހުދު ޓައީއެއް އަޅާލައިފައި ތިރިން މުށި ފަޓްލޫނެއް ލައިފައި ހުރިއިރު ހެނދުނުފަދައިން އެމޫނު ހުރީ ތާޒާކޮށެވެ. ކައިވެނީގެ ކުރިން ވެސް އޭނަ އައިދަންގެ މޫނަށް ބެލީ ހަމަ އެހާ ލޯބިންނެވެ. ކުޑަ ދުވަސްކޮޅަކަށް ވިއަސް އޭނަގެ މީހަކަށް އައިދަން ވެދާނެ ކަމަކަށް އެއްފަހަރުވެސް ހިއެއްނުކުރެ އެވެ. ކިތަންމެ ކުޑަ ދުވަސްކޮޅަކަށް ވިއަސް އެއީ އޭނަގެ ހަޔާތުގައި ދުށް އެންމެ އުފާވެރި ދުވަސްތަކެވެ. ގިނަ އަންހެން ކުދިން ފިރިއެއްގެ ކިބައިން ބޭނުންވާ ސީރިއަސްކަމާއި މުސްތަޤްބަލަށް ވިސްނާ ގޮތެއް އޭނަގެ ނުހުރެ އެވެ.
ބަލަން އިނދެވުނުކަން އައިރީންއަށް އިހްސާސްވީ އައިދަންއަށް އުދަނގޫވެގެން ކަރުކެހިލީމަ އެވެ. ކޯތާފަތަށް އެރި ރަތްކުލައާއެކު އޭނަ އަވަހަށް އަނެއްފަރާތަށް އެނބުރި ދުރަށް ނަޒަރު ހުއްޓައިލި އެވެ.
"އަހަންނަށް އެނގިއްޖެ އައިދަން ޕްރޮޕޯސްކުރަން އުޅޭކަން.." އައިރީން ފެށި އެވެ.
"ދެން ކިހިނެތްވީ؟" ފަރުވާކުޑަ ގޮތަކަށް އައިދަން އެހި އެވެ.
އޭނަގެ ރައްދު އައިގޮތުން އައިރީން ހައިރާނެއް ނުވެ އެވެ. އެކަމަކު ހިތަށް ތަދުވިކަން ޔަޤީނެވެ. ލޮލަށްގިނަވި ކަރުނަތައް އޮއްބައިލަންވެގެން މަތި ބަލާލައިފައި އަލުން އެމޫނަށް ހުއްޓައިލި އެވެ. ކަރުނައިން އައިދަންގެ ހިތަށް އަސަރެއް ނުކުރާނެކަން އޭނައަށް މިހާރު ޔަޤީންވެއްޖެ އެވެ. މިފަހަރު އޭނަ ކާމިޔާބު ކުރަން ބޭނުމީ ރޮއިގެނެއްނޫނެވެ. ކެރިގެން ކުރިމަތިލައިގެންނެވެ. ހިތްވަރުކޮށްގެންނެވެ.
"އަހަރެން ޤަބޫލު ކަމެއް ނޫން ތީ.." އަޑަށް ސާބިތުކަން ގެންނަމުން އައިރީން އިއްވައިލި އެވެ.
އެވަގުތު އައިދަން ހީގަތުމުން އޭނަގެ ހިތްވަރަށް ކޮންމެވެސް ވަރެއްގެ އަސަރެއްކުރި އެވެ. އެކަން ނުދައްކަންވެގެން އޭނަ އިރުކޮޅެއް ވަންދެން ދުރުބަލަން އިނެވެ.
"އަހަރެން ނިޝާލް ކައިރީ ބުނާނަން..." އައިރީން އެންމެފަހުން ބުނަން އޮތް ވާހަކަ ދުލާއި ހަމައަށް ގެނަ އެވެ.
އައިދަންގެ ހިނިތުންވުން ސީރިއަސްކަމަށް ބަދަލުވީ ދެނެވެ. އޭނަގެ ސަމާލުކަން ލިބިއްޖެކަން ޔަޤީންވުމުން އޭނަ ވާހަކަ ކުރިއަށްގެންދަން ނިންމި އެވެ. އެކަމަކު އޭގެ ކުރިން އައިދަން ފެށި އެވެ.
"ނިޝާލް ކައިރީ ބުނެގެން އަހަރެމެންގެ ގުޅުން ކަނޑާލިއަސް އަހަރެންގެ ދިރިއުޅުމަކަށް ދެން އައިރީންއެއް ނާންނާނެ. ކީއްވެތަ އެކަން ނުވިސްނިގެން ތިއުޅެނީ؟ އަހަރެން އައިރީން ބޭނުންވީ ކުޑަ ދުވަސްކޮޅަކަށް. އެގޮތް ރީންއަށް ކަމުނުދިޔައީމަ ކައިވެނިކުރީ. ރީން ބޭނުންވާހެން ފާފަނުކޮށް ހަލާލުގޮތުގަ އަހަރެމެން އުފާ ހާސިލް ކުރީ. މިހާރުދެން އެއީ މާޒީކަމަށް ނިންމާފަ އެދުވަސްތައް ފަހަށް ދޫކޮށްލަންވެއްޖެއެއްނު.." އައިދަން ވާހަކަދައްކާއިރު އެދައްކާ ރުޅީގެ ބަދަލުގައި މިފަހަރު ފުރަތަމަ ފަހަރަށް އައިރީންއަށް އެއްޗެއް ވިސްނަދޭން މަސައްކަތް ކުރި އެވެ.
އެކަމަކު އައިރީންއަކަށް އެޖަވާބަކާއި އެއްބަހެއް ނުވެވުނެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރަން އިނދެފައި އޭނަ ހަނދާންކޮށްދިނީ ދަރިފުޅު މަތިންނެވެ. މައިންބަފައިންނާ ނުލާ ދަރިން ބިކަވާނެ ގޮތުގެ ވާހަކަ އެވެ. ކުޑަ ދުވަސްކޮޅަކު އޭނައާއެކު އުފަލުގައި އުޅެވުނުނަމަ އަލުން އެއުފާ ނުލިބޭންވީ ކީއްވެ ހެއްޔެވެ؟
"އަހަރެންގެ އާއިލާއިން ދަރިފުޅު ބަލާނެ. ރީން ހަމައެކަނި ކުރަންވީ ކަމަކީ ދުނިޔެއަށް ގެނައުން. މިގޮތަށް ވިސްނަބަލަ ރީން. ތީ އަދި ޒުވާން ކުއްޖެއް. ރީންދެކެ ލޯބިވާ އެހެންމީހަކު ހޯދައިގެން އަހަންނާއެކު އުޅުނު ދިރިއުޅުމަށްވުރެ އުފާވެރި ދިރިއުޅުމެއް ހޯދިދާނެ. އެންމެ ދަރިއަކަށްޓަކާ އުމުރު ހުސްކޮށްނުލާ... އަދި ރީން ބޭނުންވިއަސް ނުވިއަސް އަހަންނާއި ނިޝާލްގެ ކައިވެނި ކުރރެވޭނެ..." ފަހު ޖުމްލަ ބުނިއިރު އައިދަންގެ އަޑަށް އަނެއްކާ ވެސް ހަރުކަށިކަމެއް އައެވެ. އެއީ އޭނަ ބުނެލި ބުނެލުމެއް ނޫނެވެ. އައިރީންއަށް ވަރަށް ސާފުބަހުން އެންގި އެންގުމެކެވެ.
ދަތުރުގެ ބާކީބައި އައިރީން ހޭދަކޮށްލީ މަގުމައްޗަށް ބަލަން އިނދެ އެވެ. އޮފީސް ދޮރުމައްޗަށް މަޑުކކޮށްލުމާއެކު އަވަހަށް ފައިބައިގެން ގޮސް އެތެރެއަށް ވަދެގެން ދިޔަ އެވެ. މޭޒާއި ދިމާއަށް ދިއުމުގެ ބަދަލުގައި އޭނަގެ މިސްރާބު ހުރީ ފާޚާނާބަރިއާ ދިމާއަށެވެ.
އެތެރެއަށް ވަދެ ވެނިޓީމަތީ ދަބަސް ބަހައްޓާފައި އެއިން ނެގި ފެންފުޅިއަކުން ދެތިން ކޯވަރެއް ދަމައިލާފައި ބެހެއްޓި އެވެ.. ދެން ނެގީ އޭނަ ހެނދުނަށް އަނގަމީރުކުރަން ކާން ގެންގުޅޭ ލުއި ކާނާ ޕެކެޓެކެވެ. ނުރޯންވެގެން އަނގަ ފުރާ ކާއެއްޗެހި އަޅައިގެން އަވަސް އަވަހަށް ހަފަން ފެށި އެވެ. އޭނަ ހުއްޓައިލީ އަނެއްކޮޅުން ހޮޑު އަތުވެދާނެހެން ހީވީމަ އެވެ.
ލޮލުގައި ހުރި ކަރުނައާއެކު ވެސް ރުޅި އަތުވެއްޖެ އެވެ. ހީވީ ހަމުގައި ވެސް އަލިފާން ހިފައިގެން އުޅޭހެންނެވެ. މުޅިކުއްޖާ ހޫނުވެ ދާހިތްލަން ފެށީ މިހެންނަކުން ނޫނެވެ. އިސްކުރު ދޫކޮށްލައިފައި މޫނު ދޮންނަން ފެށިތަނާ ފާޚާނާގެ ދޮރު ހުޅުވުނު އަޑު އިވުނެވެ.
"ރީން!" އާހިލްގެ އަޑު އިވުމުން އަތަށް ހުއްޓުމެއް އައެވެ.
ދަބަސް ކޮނޑުގައި އަޅުވާލައިގެން އަނެއް އަތުން ޓިޝޫއެއް ނަގައި މޫނު ފުހެމުން އެދިމާއަށް ދިޔައިރު އާހިލް މަޑުކޮށްގެން ހުރީ ބޭރުގަ އެވެ.
"ތަބީއަތު ރަނގަޅުތަ؟ ކިހިނެތްވީ؟" އާހިލްގެ އަޑުގައި ނުތަނަވަސްކަންވި އެވެ. އެދެލޮލުން އޭނައަށް ބަލަން ހުރީ އޯގާތެރިކަން އެކުލެވޭ ނަޒަރަކުންނެވެ.
ރަނގަޅޭ ބުނެ ދޮގު ހަދާނެ ހިތްވަރެއް އައިރީންއަކަށް ނުލިބުނެވެ. ތުން ފިއްތާލައިފައި އޭނަ މަޑުމަޑުން ބޯހޫރައިލީ ދެފަރާތަށެވެ. އާހިލް އޭނަގެ މޫނާއި އެއްހަމަ ވާނެހެން ގުދުވެލާފައި ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ އިތުރު ސުވާލުތައް ކުރި އެވެ. ތަނަކަށް ތަދުވަނީތޯ އާއި ހޮސްޕިޓަލަށް ދާންވީތޯ އެވެ.
"އެންމެންނާއި ދުރަށް މިތަނާއިވެސް ދުރަށް ކޮންމެވެސް އެހެން ތާކަށް ދާން ބޭނުމީ..." ލޮލުން ވެއްޓުނު ކަރުނަތިއްކެއް އަތުގެ ނުފުށުން ފުހެލަމުން އައިރީން ޖަވާބުދިނެވެ.
އާހިލްގެ ލޮލުން އެވަގުތު ހަމްދަރްދީ ފެނުނެވެ. އޭނަ ހިތްހަމަޖައްސަން އިތުރު އެއްޗެއް ބުނުމުގެ ބަދަލުގައި އަތުގައި ހިފައިލާފައި ގެންދަން ފެށީ ލިފްޓާއި ދިމާއަށެވެ. އޭނަ އެހެން ބުންޏަސް އާހިލް އޭނަ އެތަނުން އެހެންތާކަށް ގެންގޮސްދާނެކަމަކަށް އައިރީން ހިއެއްނުކުރެ އެވެ. -- ނުނިމޭ --