13 May 2019

ކަޅުދަތުރު

ކަޅުދަތުރު

By: Ahmed Nadym

(މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ބަޔާ ގުޅޭ)

ބަންޑާރަނައިކައިން ފުރައިގެން މާލެ އަށް ދިއުމަށް ހޭދަވި އެއްގަޑިއިރާއި ފަނަރަ މިނެޓު ވެގެންދިޔައީ ޝަމާގެ ހަޔާތުގައި އޭނާ ކުރަން ޖެހުނު އެންމެ ދިގު ދަތުރަށެވެ. ހީވީ އެތަކެއް އަލި އަހަރު ދުރުން ފުރައިގެން މާލެ އަށް ދަތުރުކުރަމުން ދިޔަ ހެންނެވެ.

ބޯޓު ޖެއްސުމާއެކު ތެޅެމުންފޮޅެމުން ގޮސް ޝަމާ ވަނީ ފާހާނާއަށެވެ. ހާސްވެގެން ދާހިއްލައި ފޯވެފައިވާ އޭނާގެ މޫނު ހީވަނީ އެއްކޮށް ދުޅަވެފައިވާ ހެންނެވެ. ނުވަތަ އެއީ ބިރުގެންފައިވާވަރު ބޮޑުކަމުން ޝަމާ އަށް ހީވާ ގޮތެކެވެ. ނޭފަތުން ކޮންމެވެސް ވަރަކަށް ލޭ އައިސްފައި ހުރިކަން އޭނާ އަށް ފާހަގަކުރެވުނީ މޫނު ދޮވެލައިގެން ލޯގަނޑުކުރިމަތީގައި ގެއްލިފައި ހުއްޓައެވެ. އަވަސްއަވަަހަށް ޓިޝޫތަކެއް ޖަހައިގެންފައި ލޭތައް ފޮހެލުމަށް ފަހު، އިތުރު މީހަކު އެތަނަށް ނުވަންނަނީސް ޝަމާ ބޭރަށް ނުކުމެއްޖެއެވެ. އޭރު އޭނާގެ ބޮލަށް ވަނީ ފާޑެއްގެ އެނބުރުންގަނޑެއް އަރައިގެންފައެވެ. އެކަމަކު ގަޑިއެއްހާއިރު ތެރޭގައި އޭނާ ޖެހޭނީ އަނެއްކާވެސް ގޮސް ފްލައިޓަކަށް އަރާށެވެ. އަރާމުކުރަން ކިތަންމެ ބޭނުންވިޔަސް އެ ފުރުސަތެއް ނެތެވެ. ހައިވެގެން ހާންތިވެފައި ވިޔަސް އެ ބަނޑު ފުރަން އަދި ކެވޭކަށް ވެސް ނެތެވެ. ފައިޒަން ދިން ފޯނު ނަގައިގެން ޝަމާ ދެން ގުޅީ އޭގައި އޮތް ހަމައެކަނި ނަމްބަރަށެވެ. އިރުގަނޑެއް ފަހުން ގޮސް އޭނާ ބޯޑިން ކިޔޫގައި ޖެހުނެވެ.

މާލެއިން ފުރިތާ ގަޑިއެއްހާ އިރުތެރޭގައި ފްލައިޓު ދެން ގޮސް ޖެއްސީ ކައްދުއަށެވެ. ވަރުބަލިވެފައިވާ މޫނަކާއިގެން ދަބަސްގަނޑު ދަމަމުން ގޮސް ޓާމިނަލުން ބޭރަށް ނުކުމެވުނުއިރު ޝަމާ އަށް ކިރިޔާ ކޮޅަށް ހުރެލެވެނީއެވެ. އެ މަންޒަރު ބަލަން ދުރުގައި މަޑުކޮށްލައިގެން ހުރި ފާޒިލް ދުވެފައި ގޮސް ޝަމާ އަތުން ދަބަސް އަތުލައި އޭނާއާ އެކު ދިއުމަށް އެންގިއެވެ. އެއް އިރެއްގައި އުނގަށް ވެއްޓި އޮތް ކުރީގެ ލޯބިވެރިޔާ ފެނުނަސް ޝަމާ އަށް އެ މޫނެއް ރަނގަޅަކަށް ފަހުމެއް ނުވިއެވެ. ނުވަތަ ބަނޑު ކައްކަމުން އެތެރެހަށިން އަރައިގެން އެ އަންނަ ދިލަހޫނާއި ވޭނުގެ ކަނޑުގައި ކަރުތާފެނަށް ގެނބި އަސްލު ވަކިކުރަން ނޭނގޭ ފަދަ ހާލަތެއްގައި އޭނާ އެ ވަނީ ބަންދުވެފައެވެ.

ޝަމާ ގޮވައިގެން ގޮސް ފާޒިލް އެރީ އޭނާގެ ޖުޕިޓާ ސައިކަލަށެވެ. މުއްގަނޑަށް ފެލާލާފައި ރޭސް އަރުވަމުން ކުއްލިއަކަށް ނައްޓާލުމުން ވިއްސައިގެން ގޮސް ފަހަތަށް ވެއްޓިދާނެހެން ހީވި ހިނދު ޝަމާ ގޮސް ފާޒިލުގެ ގައިގައި ނިކަން ބާރަށް ދެ އަތުން ބައްދައިގެންފިއެވެ. އުޑުމަތީގައި ޖަހާލާފައިވާ ވިލާތަކުން ޖަހަމުންދިޔަ ކަނިތައް ވާރެއަށް ބަދަލުވެ ބޯކޮށްލީ ލިންކުރޯޑުގެ މެދަކާ ހިސާބުންނެވެ. ސައިކަލުގައި ގޮސް އެ މަގުގެ އެންމެ ކޮޅުގައި ހުރި ގެސްޓު ހައުސްއެއްގެ ކުރިމައްޗަށް މަޑުކޮށްލިއިރު ދެ މީހުން ވެސް ތިބީ ތެމިފޯވެފައެވެ. މާމެންދުއަށް ފުރުމުގެ ކުރިން އެމީހުން މިރޭ މަޑުކުރާނީ މި ގެސްޓުހައުސްގައެވެ. އެކަމަކު އޭގެ ކުރިން ކުރަން ޖެހޭ ކަންތައް އަދި ވަރަށް ވެސް ބައިވަރެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް ޝަމާގެ ހަތަރެސްފައިގައި ވަރުހުރިހެނެއް ހީއެއްނުވެއެވެ.

ކޮޓަރިއަށް ވަދެ ކުރިއަށް އެޅި ފިޔަވަޅާއެކު އޭނާ ކާޕެޓްގަނޑު މައްޗަށް އަނގަވަތަށް ވެއްޓިއްޖެއެވެ. އަވަސް އަވަހަށް ދޮރުގައި ތަޅުލުމަށް ފަހު ފާޒިލް ގޮސް ޝަމާ ނަގައި އަނބުރާލުމަށް ފަހު މޫނުގައި އަތްތިލައިން ތަޅައި ތަޅުވައިގެންފިއެވެ. އެވަގުތު ޝަމާ ކުއްލިއަކަށް ފުންމައިގެން ތެދުވެ ދެ ލޯ ހުޅުވާލިއެވެ. ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވި އެ ވަގުތު ހީވީ ޝަމާގެ ހޫނުން ފާޒިލް ފިއްސާލިހެންނެވެ. އެއީ ލޯބީގެ ހޫނެއް ނޫނެވެ. ޝަމާގެ ހަށިގަނޑު އަނދަމުން އެދާ ސަބަބު ފާޒިލަށް އެނގޭ ކަހަލައެވެ. ނަމަވެސް އެހުރިހާ ވާހަކައެއް ކިޔައިދޭން ނުވަތަ އެކަމަކާ ބޯގޮއްވަން މިހާރަކު ވަގުތެއް ނެތެވެ. އަރައިގެން އަންނަ އިރާއެކު ނައްޓާލާ ފެރީ ކަޓައިފި ނަމަ ހަތަރެސްކަން ހަމަވާނެއެވެ. މި ހިޔާލެއްގެ ތެރެއިން ނުކުމެ ޝަމާގެ އަތަށް ބޭސްފުޅިއެއް ދީފައި ފާހާނާ އަށް ދިއުމަށް އިޝާރާތްކުރަމުން ގޮސް ފާޒިލް ދެން ނުކުތީ ކޮޓަރިން ބޭރަށެވެ.

އޭގެ ގަޑިއެއްހާއިރު ފަހުން ކާއެއްޗިއްސާއެކު އޭނާ އެނބުރި އައިއިރު ޝަމާ އޮތީ އެނދުމަތީގައެވެ. ލައިގެން ހުރި ހެދުންތައް ފާހާނާގެ ދޮރު ކައިރީގައި ހުރި ގޮނޑިއެއްގެ މައްޗަށް އުކާލާފައި ހުއްޓެވެ. ކްއިލްޓް ދަށަށް ވަދެ ފިލައިގެން އޮތަސް ޝަމާގެ ދޮންދޮން ދެ ފައިގެ ކަކުލުން ތިރި އޮތީ ފެންނާށެވެ. އެ ދެ ފައިގެ އިނގިލިތައް ވަނީ ހިސާބަކަށް ނޫފައިގެންފައެވެ.

ހިފައިގެން ގެނައި ކާއެއްޗެހިތައް މޭޒުމަތީގައި ބެހެއްޓުމަށް ފަހު ގޮސް ފާޒިލް ހުޅުވާލީ ފާހާނައިގެ ދޮރެވެ. އޭރު މޫނުދޮންނަ ސިންކު ތެރޭގައި ވިއްސަކަށް ގުޅަ ހެރޮއިން ކެޕްސޫލް އޮތެވެ. އެހެންވީމަ އަދިވެސް ޝަމާގެ ގޮހޮރު ހުހެއް ނުވެއެވެ. ސިންކުތެރޭގައި ހުރި ކެޕްސޫލްތައް ނަގައި ދަބަހަކަށް ލުމަށް ފަހު މޭޒުމަތީގައި ހުރި ކޮތަޅު ތެރެއިން ބަތްޕާރުސަލް ތަށްޓެއް ނަގައިގެން ގޮސް ގޮނޑިއެއްގައި ޖައްސާލަމުން އެ ތަށި ހުޅުވާލިއެވެ. އެއީ ބިރިޔާނީގަނޑެކެވެ.

އެ ކައި ނިމިގެން އިނގިލިތައް ބޮމުން ގޮސް ފާޒިލް ފާހާނާ އަށް ވަންއިރު ޝަމާ ހޭލައިފިއެވެ. ކޮޓަރި ތެރޭގައި ފާޒިލް އުޅޭކަން އިހުސާސުވުމާ އެކު ކްއިލްޓް ނަގައި ގައިގައި އޮޅައިގަތެވެ. އެއް އިރެއްގައި، އެއް އެނދެއްގައި މަޖާކޮށް ސަކަރާތްޖެހި ދެ ލޯބިވެރިން ކަމަށް ވިޔަސް އެ ދެ މީހުންގެ ދެމެދުގައި މިހާރަކު އޭގެ އެއްވެސް އަސަރެއް ބާކީ ނެތެވެ. ނުވަތަ ހިތް އޮތް ގޮތް އެއިން އެކަކު ވެސް ދައްކަން ބޭނުންނުވަނީ ތޯއްޗެވެ.

އަތް ދޮވެލައިގެން ފާޒިލް ނުކުތީ ކޮޓަރީގެ ބެލްކަންޏަށެވެ. ސިނގިރޭޓެއް ރޯކޮށް ދުންއަރުވަން ފެށިއިރު އެނދުމަތީގައި އޮތް ފޮތިގަނޑެއް ގައިގައި އޮޅާލާއިގެން ގޮސް ޝަމާ ފާހާނާ އަށް ވަންނަނީއެވެ. ހީވަނީ އޭނަގެ ގައިގައި މިހާރު ކޮންމެވެސް ވަރަަކަށް ވަރުޖެހިފައިވާ ހެންނެވެ.

ސިނގިރޭޓު ބޮއެ ހުސްކޮށް ފާޒިލް އެތެރެއަށް ވަންއިރު މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. މިހާރު އެނދުމަތީގައި އިން ޝަމާ ބިރިޔާނީގަނޑު ކަނީއެވެ. ފާޚާނާ އަށް ވަދެ ސިންކުތެރެއިން ހެރޮއިންގެ ކެޕްސޫލުތައް ހޮވައިގެން ގޮސް ދަބަހަށް ލައި ޒިބު އެޅުވުމަށް ފަހު ފާޒިލް އަނެއްކާވެސް ނުކުތީ ކޮޓަރިން ބޭރަށެވެ. ނިދާ ހިތެއް އޭނާގެ ނެތެވެ. ނިންޖެއް އެ ދެ ލޮލަކަށް ނުވެސް އަންނަ ކަހަލައެވެ.

އޭނާ ދެން އެނބުރި އައީ އަރައިގެން އައިއިރާއެކުގައެވެ. ޝަމާގެ ގޮހޮރު ހުސްކޮށް ކެޕްސޫލުން އެ ދަބަސް ފުރާލައިގެން ފެރީގައި މިއަދު މާމެންދުއަށް ނުދެވިއްޖެ ނަމަ ފާޒިލުގެ ހުރިހާ ރޭވުންތަކަކަށް އޭގެ ނޭދެވޭ އަސަރުކުރާނެކަން އެނގޭތީ އޭނާ އެ އައީ ތެޅެމުން ފޮޅެމުންނެވެ. އެކަމަކު ދޮރު ހުޅުވާލާފައި ކޮޓަރިއަށް ވަންއިރު ފެންނަހިސާބުގައި ޝަމާއެއް ނެތެވެ. ދެ ލޯ ބޮޑުކޮށްގެން ފުންމައިގެން ގޮސް ފާޒިލް، އެނދުމަތީގައި އޮތް ފޮތިގަނޑު ދަމައި ހޫރުވާލިއެވެ. ޝަމާގެ ދަބަހާއި ފާޒިލްގެ ހެރޮއިން ދަބަސް ބެހެއްޓިތަނުގައި ހުއްޓެވެ. ކެޕްސޫލްތައް އަޅާފައިވާ ދަބަސް ވަނީ ހުޅުވައިފައެވެ. ފުންމައިގެން ގޮސް ފާޒިލަށް ދެން ބޯދިއްކޮށްލެވުނީ ހުޅުވާލާފައި ހުރި ބެލްކަންޏެވެ. އެތަނުގައި ވެސް ޝަމާގެ ހިލަމެއް ނެތެވެ. އެނބުރިގެން ގޮސް ކުއްލިއަކަށް އޭނާ ހިފާލީ ފާޚާނާގެ ދޮރު ތަޅުގައެވެ. އެތަނުގައި ހުރީ ތަޅުލެވިފައެވެ. އެވަގުތު އައި ރުޅިގަނޑާއެކު ފާޒިލް ދޮރުގައި ވަރަށް ބާރު އެތިފަހަރެއް އަޅުވައިލިއެވެ. ދެން އިވެން ފެށީ މީހެއްގެ ކުކުރުމުގެ އަޑެެވެ. ފާޚާނާ ތެރެއިން އެ އިވެނީ ޝަމާގެ އަޑެވެ. އެވަގުތު ހިތް ތެޅިގަތް ބާރުމިނާއެކު ފުންމައިގެން ގޮސް ކޮޅުފައިން ދޮރުފަތުގައި ޖަހައި ފާޒިލް އެ ދޮރުފަތް ލުއްސުވާލިއެވެ. އޭރު ބާތު ޓަބު ކައިރިއަށް ވެއްޓި އޮތް، ޝަމާގެ ގަޔަށް ވަރުވަރު އަރަމުން އޭނާގެ އަނގައާއި ނޭފަތުން ލެއާއެކު ފޮނުއަރުވަނީއެވެ. ދެ ލޯ ބޮޑުވެގެން ގޮސް ހީވަނީ ފުންމާލަފާނެހެންނެވެ. ހަލާކުކޮށް، ފަޅާލާފައި އޮތް ހެރޮއިން ކެޕްސޫލެއް އޭނާގެ ބަނޑުދަށުގައި އޮތެވެ. އެދިމާލަށް ފުންމައިގެން ދިޔަބޮނޑީގައި ފާޒިލް ވެސް ވެއްޓިއްޖެއެވެ. އެކަމަކު ހަމަ އެ ބާރުމިނުގައި އޭނާ އެ ތަނުން ތެދުވިގަތެވެ. އަތްދަނޑިމައްޗަށް ޝަމާ ލައިގެންނެވެ. އެދިޔަ ބާރުމިނުގައި ގެންގޮސް އެނދުމައްޗަށް ވައްޓާލުމަށް ފަހު ފާޒިލް ފެށީ ސީޕީއާރު ދޭށެވެ. އަނގައިން އަނގަޔަށާއި އަތުން މެއަށެވެ. އޭނާ އަށް އެނގުނު ގޮތަކަށެވެ. އެކަމަކު ޝަމާ އަށް ބަލައިލުމުން ހީވަނީ އެއްވެސް ފަރުވާއަކުން އޭނާ ދެން ސަލާމަތެއް ނުވާނެހެންނެވެ. އެ އިހުސާސުކުރެވިގެން އެންމެފަހުން ފާޒިލް ވެސް ހުއްޓުން އަރައިފިއެވެ. އަދި ޝަމާގެ ނޭވާ ހުއްޓިއްޖެކަން އިހުސާސުވި ވަގަތު ގަތްބިރާއެކު ފަހަތަށް ޖެހި ތެޅިގަތުމުން ފާޒިލް އެނދު ކައިރިއަށް ވެއްޓިއްޖެއެވެ. ވެއްޓުނު ގޮތަށް ނުތެދުވެވި އޭނާ އަށް އެގޮތަށް އޮވެވުނީއެވެ. ނުވަތަ ޝަމާ އެ ހާލަތުގައި އޮއްވައި ތެދުވެ ބަލަން ބޭނުންނުވަނީއެވެ. ދެންވީ އިރުކޮޅެކެވެ. ހިމޭން އެކަމަކު ތުރާލުން އުތުރިއަރައިގެން އައި ހިނދުކޮޅެކެވެ. ކުއްލިއަކަށް ކެއްސައިގެންފައި އަނގައިން ލޭތައް ބުރުވަމުން ފުންމައިގެންފައި ޝަމާ މަރުން ތެދުވެއްޖެއެވެ. މާނޭވާލަމުން ދިޔަ ޝަމާ މަޑުމަޑުން ގޮސް އޭނާގެ ހަމަނޭވާއާ އަރާ ހަމަކުރިއިރު ފާޒިލަށް ހުރެވުނީ ގަބުވެ ގަޑުވެފައެވެ.

އެހެން ތިއްބައި އިރުއަރައިފިއެވެ. ފެރީ ވެސް ކަޓައިފިއެވެ. އެހިސާބުން އަނެއްކާވެސް އަނެއް ބޮޮލުރިހުން އައިސް ފާޒިލުގެ ބޮލުގައި ތަޅައިގަތެވެ.

އިރުއަރައިގެން އައީ ނަލަ ނަލަ ދުވަހަކަށް ނޫނެވެ. އެއީ އުޑުމަތި ބަނަ، ވައިގަދަ ދުވަހެކެވެ. އެކަމަކުވެސް ވީހާލެއްގައި ވާން، އެ ގަދަ ކަނޑަށް ނުނިކުމެ ވެސް ވާކަށް ނެތެވެ. އަނެއްކޮޅުން ޝަމާ ގެސްޓު ހައުސް އަށް ދޫކޮށްލާފައި ދެވޭކަށް ވެސް ނެތެވެ. އޭނާގެ ގޮހޮރުން އަދިވެސް ހެރޮއިން ކެޕްސޫލް ހުހެއް ނުވެއެވެ. އަނެއްކޮޅުން ހިޔާލުތައް އެއްކޮށް ބަދަލުވެފައިވާ ޝަމާ މިހާރު ބޭނުންވަނީ ފުރައިގެން އެނބުރި ދިއުމުގެ ބަދަލުގައި އޭނާގެ އާއިލާ ކައިރިއަށް ދާށެވެ. މަސައްކަތުގެ އަގަށް ފާޒިލް ދިން ފައިސާ ވެސް އޭނާ އަތުނުލީ ރަށަށް ގެންގޮސްދިނުމަށް އާދޭސްކުރަމުންނެވެ. ފާޒިލްމެން އެންމެ ފުރަތަމަ ރާވައިގެން ތިބީ ގަމުގައި ޝަމާގެ ގޮހޮރުން ހެރޮއިން ހުސްކޮށް އެ ކެޕްސޫލްތައް މާމޭންދޫގައި ތިބި އޭނާގެ މީހުންނާ ހަވާލުކޮށްފައި އައިސް ގަމު ގެސްޓުހައުސްގައި އެއް ރޭ ހޭދަކޮށްފައި ޝަމާ ގޮވައިގެން އެނބުރި އެއާޕޯޓަށް ދާށެވެ. ޝަމާ ވެސް އެންމެ ފުރަތަމަ ހުރީ އެގޮތަށް އެއްބަސްވެގެންނެވެ. އާއިލާގެ މީހުންނަށް ފެނުމުގެ ހިޔާލެއް ނެތެވެ. އެކަމަކު އެ ހިޔާލު ބަދަލުވެ، ގޮހޮރު ވެސް ހުސްނުކުރެވި އެ ކެޕްސޫލްތަކާ އެކު އެންމެފަހުން ފާޒިލް ޝަމާ ކައިރީގައި ތާށިވީއެވެ. އެންމެފަހުން ރައްޓެއްސަކަށް ގުޅައިގެން ޑިންގީއެއްގައި ކަނޑަށް ނުކުތީ، އާދޭސްކޮށް ރޮމުން ގެންދިޔަ ޝަމާ ވެސް ގޮވައިގެންނެވެ. އަނެއްކޮޅުން، ގޮހޮރުން ހެރޮއިން ހުސްނުކުރާ ނަމަ ޝަމާ ގޮވައިގެން ފުރުން ނޫން އެހެން ގޮތެއް ވެސް ފާޒިލަކަށް ހަގީގަތުގައި ނެތެވެ.

ގަމުން ފުރައިގެން ގޮސް ކަނޑަށް ނުކުމެވުނުއިރު ޑިންގީގަނޑު ހީވަނީ ބަންޑުން ޖަހާލަފާނެ ހެންނެވެ. (ނުނިމޭ)

Popular