16 Jul 2019

މި ދެ ހިތް ގުޅުނޭ

ވަފިއްޔާ ބުނީ ރިންޒީ ގެއަށް އައި ވާހަކައެވެ. އެކަމަކު އެއްވެސް މީހަކާއި އަނގައިން ބުނުމެއް ނެތި ގޮސް ކޮޓަރިއަށް ވަނީތީ ވަފިއްޔާ ހުރީ ކަންބޮޑުވެފައެވެ. އެންމެ ކުޑަމިނުން ރިންޒީ އުޅެފައި އައި ތަނެއްވެސް ނޭނގެއެވެ.

އަޔާމީން ކޮޓަރިއަށް ވަންއިރު ރިންޒީ އޮތީ ފާރާއި ވީފަރާތަށް މޫނުލައި އޮށޯވެލައިގެންނެވެ. ރިންޒީގެ ނަމުން ގޮވާލުމުން ޖަވާބެއް ނުދެއެވެ. ރިންޒީ ނިދީކަމެއް ނޭނގެއެވެ. އެވަރުން ރިންޒީ އާއި ވާހަކަ ދައްކާހިތެއް އަޔާމީން ނެތެވެ. ހެޑްބޯޑުގައި ލެނގިލައި އުނގުމަތީ ބާލީސް ބާއްވާލިގޮތަށް އަޔާމީން އިނެވެ. އަނެއްކާވެސް ރިންޒީ ކުރީގެ އުޅުމަށް ރުޖޫޢު ވެއްޖެނަމަ މިފަހަރު އަޔާމީން މަޢާފެއް ނުކުރާނެއެވެ. ރިންޒީއަށް ބަދަލަކީ ވަގުތީގޮތުން އެންމެންގެ ލޮލަށް ދެއްކި ދަޅައެއް ނަމަ ރިންޒީއަށް ނަގައިލެވުނީ އަޔާމީން ދެވަނަ ފަހަރަށް ކުރި އިތުބާރެވެ.

ނިދިއަންނަން ފެށުމުން އަޔާމީން ފާޚާނާއަށްވަދެ މޫނު ދޮވެލިއެވެ. އިސްކުރު ބަންދުކުރަން އުޅެނިކޮށް ލޮލުގައި އަޅައިގަތީ އަތްދޮންނަ ތަށިމަތީ ބާއްވާފައި އޮތް "ޕްރެގްނެންސީ." ކިޓެވެ. އޭތި ނަގައި އަޔާމީން ބަލާލިއެވެ. ފާހަގަވެފައިވާ ދެރޮނގުކޮޅަށް ބަލާފައި އޭގެ މާނަ އަޔާމީންއަށް އެނގެއެވެ. އޭނާ ވިސްނައިލީ އެމީހުންގެ ދިރިއުޅުމާއި މެދުއެވެ. އަޒާން އެންމެ ކުޑައިރުން ފެށިގެން އަޒާން ވަކި ކޮޓަރިއެއްގައި ނިންދުވަން އާދަކުރުމުގެގޮތުން އެތަނުގައި އަޔާމީން ނިދާތާ އަހަރެއްވަނީއެވެ. ދެމީހުންގެ ގުޅުން ހީނަރުކަމުން އެންމެ ކުޑަމިނުން އެކަކު އަނެކަކުގެ އަތުގައި ހިފާލި ހަނދާނެއްވެސް ނެތެވެ.

"ރިންޒީ" ފާޚާނާއިން ނިކުންނަމުން އަޔާމީން ގޮވައިލީ ބާރަށެވެ. މުށުތެރެއަށް ކިޓުލައި ބާރުކޮށްލަމުން އަޑަށްވެސް އެހާމެ ބާރުލީ ނިދިފައި އޮތްކަމުގައިވިއަސް ރިންޒީއަށް ހޭލެވޭހާ ބާރަށެވެ. ނުހޭލައިފިނަމަ ރިންޒީ ނަގައިގެންވެސް އަޔާމީން ހުރީ ވާހަކަ ދައްކަން ބޭނުންވެފައެވެ.

ރިންޒީ އިނީ އެނދުގައި އިށީދެއެވެ. އަޔާމީން ފާޚާނާއަށް ވަން އަޑާ އެކު ރިންޒީ ތެދުވީއެވެ. އަޔާމީންއަށް ކިޓް ފެންނާނެކަން ޔަޤީންވާތީ އޭނާއަށް ކަންތައް ވާނެ ގޮތް އެނގެއެވެ. މިރޭ ރިންޒީ ގެއިން ނިކުތީ ފައްޔާޒު އާއި ބައްދަލުކުރާށެވެ. އެއީ ރިންޒީގެ ދެބެން ދެދަރި ފިރިހެނެކެވެ. ހެލްތު ސެންޓަރުގައި މަސައްކަތްކުރާ އެންމެ ތަޖުރިބާ ގިނަ ހެލްތު ވޯކަރެވެ. ފައްޔާޒުގެ އެހީތެރިކަން ލިބޭނެކަމުގެ އުއްމީދުގައެވެ. އޭގެ ބަދަލުގައި ފައްޔާޒު ރިންޒީއަށް އެހީވާން ދެކޮޅު ހެދިއެވެ. އަދި އެކަމުގެ ނުރައްކާތެރިކަން ވިސްނައިދެން މަސައްކަތްކުރިއެވެ. ރިންޒީއަށް ނަޞޭހަތް ދިނެވެ. އެންމެ ރަނގަޅުގޮތަކީ އަޔާމީންއަށް ކިޔައިދިނުން ކަމުގައި ފައްޔާޒު ބުންޏެވެ. އެކަމަކު އަޔާމީންގެ ކުރިމައްޗަށް އަރައި އެހެން ބުނާނެ ހިތްވަރެއް ނެތެވެ. އެހެންވެ ކިޓު ބޭއްވީ ގަސްތުގައި ދައްކާށެވެ.

"މިއީ ސަމާސާއެއްތަ؟" އަޔާމީންގެ މޫނަށް ބަލާލިއިރު އެމޫނުމަތިން ރުޅިވެރިކަން ފެންނަން ހުއްޓެވެ. ރިންޒީ ދެފަރާތަށް ބޯހޫރުވާލަމުން ނޫނެކޭ ބުނެލިއެވެ. ކުއްލިއަކަށް ފެނުނީ އަޔާމީން އައިސް ރިންޒީގެ އަތުގައި ހިފާ ކޮޅަށް ނެގިތަނެވެ.

"މިއީ ކޮންކަމެއް؟" ރިންޒީ ކުރެ އަޔާމީން އެހިއެވެ.

"މަޢާފްކު.." ރިންޒީއަށް ރޮވުނެވެ. ބިރާއި އެކު ޖުމްލަ ފުރިހަމަ ނުވަނީސް އޭނާގެ އަނގަމަތީ އަޔާމީން ހިފިއެވެ.

"ތިހެން ބުނަން ރިންޒީ ލަދުގަންނަން ޖެހޭނެ، ރިންޒީގެ ފަރުވާކުޑަކަމަށް އަހަރެން ހާސް ފަހަރުވެސް މަޢާފްކޮށްފާނަން." އަޔާމީން ރިންޒީގެ އަނގަމަތިން އަތް ނަގަމުން ބުނެލިއެވެ. ރުޅި އައި ނަމަވެސް އަތް އިސްކުރެވުނީތީ އަޔާމީން ދެރަވިއެވެ. ދެން އޭނާ ފަހަތަށް ޖެހިލައި ދުރުގައި ބަލަން ހުރީއެވެ.

"މިފަހަރުވެސް، އަހަރެންނަށް އެހީވެދީ، އަހަރެން މުޅި ރަށަށް ބޭޒާރުވާނެ. އެއީ އަހަންނަށް ހެދުނު ގޯހެއް." ރިންޒީ ދެލޮލުން ފެނުނު ކަރުނަ އަކީ ތެދު ހަޤީޤަތެވެ. ކުރެވުނު ފާފަ އާއި މެދު ރިންޒީ ލަދުގަނެއެވެ. އެއަށްވުރެ ބޮޑަށް ފަޟީހަވެދާނެކަމުގެ ބިރު އެބައޮތެވެ. އަޔާމީން ވަރިކޮށްލައިފިނަމަ ވަފިއްޔާ ގެއަށް ވައްދާނެހެން ހިއެއް ނުވެއެވެ.

"ރިންޒީ އަހަންނަށް ވަފާތެރިނުވެވުނު އިރު އެހެންވެސް ހިތަށް އެރިނަމަ ރަނގަޅުވީސް، މިފަހަރު ރިންޒީއަށް ނޯންނާނެ އެހެން އެއްވެސް ގޮތެއް، އަހަރެން ނުކުރާކަމެއް ބޮލަކު ނާޅާނަން، " އަޔާމީން ރިންޒިއަށް ފުރަގަސް ދިނެވެ. އެވަގުތު ރިންޒީ އައިސް އޭނާގެ ފައިބުޑަށް ވެއްޓުނެވެ. ގިސްލާ އަޑު އިވުނެވެ. ރިންޒީގެ މޫނު އަޔާމީންގެ ފައިގައި ޖައްސައިގެން އިނދެ ރޮމުން ތަކުރާރުކޮށް އެދުނީ އެންމެ ފަހު ފަހަރަށް މަޢާފްކުރުމަށެވެ.

ރިންޒީގެ ކިބައިން ގަދަކަމުން ސަލާމަތްވެ އަޔާމީން އަނެއްކާވެސް ދުރަށް ޖެހިލިއެވެ. ރިންޒީގެ އަތުގައި ހިފާ ކޮޅަށް ނަގާފައި ރިންޒީގެ މޫނަށް އަޔާމީން ބަލައިލިއެވެ. ގިސްލަމުން އަޔާމީންގެ މޫނަށް ރިންޒީ އިސްއުފުލާލިއެވެ.

"ކޮންމެ ފަހަރަކު ކަރުނައިން ކާމިޔާބެއް ނުވާނެކަން ރިންޒީ ހަނދާންބަހައްޓައްޗޭ، ތި ނޫން ކޮންމެ ކަމަކަށް އަހަރެން މަޢާފްކުރީސް، ރިންޒީ މިގެއިން ދިއުމަކުން މިގޭގައި ނޫޅޭނެ ދެރަވާނެ އެއްވެސް މީހަކު، އަޒާން އަދިވެސް ފަރިތައީ އަހަންނަށް، ރިންޒީ ނެތުމުން އެކުއްޖާ ވަކި ދެރައެއް ނުވާނެ، ރިންޒީ އަބަދުވެސް ބުނަމެއްނު އަހަންނަކީ ރިންޒީ ހުރިހާ އުފަލެއްގެ ހުރަހެކޭ، އެކަމަކު އެއީ އަހަރެންގެ ޒިންމާ ވީމައި ރިންޒީ ކައިރީ ބުނަނީ.، މިއަދުން ފެށިގެން އަހަރެން ރިންޒީ ކުރާ އެއްވެސް ކަމެއް މަނައެއް ނުކުރާނަން، އެވަރުގެ މަޤާމެއްގައި އަހަރެން ހުރުމުގެ ބޭނުމެއް ނެތް، ރިންޒީ ތިހުރީ މިނިވަންކޮށްފައި." އަޔާމީން ރިންޒީގެ ދެކޮނޑުގައި އަޅާ ކޮއްޕާލިއެވެ. ހަށިގަނޑުގައި ބާރު ދޫކޮށްލައިގެން ހުރުމުން ރިންޒީ ގޮސް އުންޑުން ވެއްޓުނެވެ. ރިންޒީއަށް ބެލުމެއް ނެތި އަޔާމީން އެކޮޓަރިން ނިކުމެ ދޮރު ލެއްޕި އަޑު އިވުނެވެ. އެއިންގޮތަށް އިނދެ ރިންޒީ ރުއީ ކިހާ އިރަކުކަމެއް ނޭނގެއެވެ،. ވަރުބަލިކަމާއި ލޮލުގެ ރިހުން އޭނާއަށް އިޙްޞާސްވެއެވެ. ބޮލުގައި ބަރުކަމެއް އުފެދެމުން ގޮސް ރިހުމަށް ބަދަލުވެގެން ދިޔައިރުވެސް ރިންޒީއަށް އަމިއްލަ ނަފްސު ހަމައަކަށް ނޭޅުވުނެވެ.

***

އިރުގެ އަލިކަން ދުނިޔެއަށް ފެތުރުނުއިރު ދާނިޔާ އިނީ މުސައްލަމަތީގައެވެ. ނަމާދަށްފަހު ޒިކުރުތައް ކިޔާ ނިންމާލިއިރު އެލާމްގެ އަޑު އިވުނެވެ. ދޮޅި ވަކިކޮށްލާފައި ގޮސް އެލާމް ނިއްވާލުމަށްފަހު ދާނިޔާ އައިސް މުސައްލަ ފަތްޖަހާ ބޭއްވިއެވެ. ދެން ޒޯހާއަށް ގޮވައި ފާޚާނާއަށް ވައްދާފައ ނިކުންއިރު ފާއިޒާ ހުރީ ބަދިގޭގައެވެ.

"ބޭބެ ގުޅާފައި އަހައިފި ރަށަށް އަންނަނީ ކޮންއިރަކުންހޭ، ރީމާ އިނީ ވިހަންވެފައި، މަންމަގެ އެހީތެރިކަން އެމީހުން ބޭނުންވާނެ." ފާއިޒާ އެނބުރުނެވެ. ދާނިޔާ މަޑުމަޑުން ބޯޖަހާލިއެވެ. ފާއިޒާ އައިސް ހިފީ ދާނިޔާގެ އަތުގައެވެ.

"ދާނިޔާ ދެކުދިން ބޮޑުކުރީ މަންމަގެ އެހީތެރިކަންނެތި ވަރަށް ބުރަކޮށް، އެކަން އެނގޭ މަންމައަށް، ކުއްޖަކު އުފަންކުރުމަށްވުރެ ބުރައީ ތަރުބިއްޔަތު ކުރުންކަން އެނގޭ މަންމައަށް، އެހާ ޅަކޮށް އުޅެފައި އައިސް ދާނިޔާ އަކީ ހިތްވަރުގަދަ އަންހެނަކަށް ބަދަލުވީ ކޮންއިރަކުކަމެއް ނޭނގެ، ދަރިފުޅާ، މިއަދު ވެސް ތިއީ ހިތްވަރުގަދަ މަންމައެއް، މަންމަ އެދެން ދަރިފުޅު ހިތްވަރު އެލޭ ކަމެއް ދިމާވާއިރު މަންމަ ކައިރީގައި ނެތަސް މަންމަގެ ދުޢާ ދަރިފުޅާއި އެކު ވާނެކން ޤަބޫލުކުރަން، ދިމާވި ކޮންމެ ދަތިކަމަކީ ފިލާވަޅެއް، ކެއްތެރިކަމަކީ ޖިހާދެއް، ދަރިފުޅާއި މެދު މަންމަ ފަޚުރުވެރިވޭ، މަންމަ އަދި އެއްފަހަރު ދެކެން ބޭނުން ދާނިޔާ ޒަވާޖީހަޔާތެއް ފަށާތަން، ކައިވެނި ރޫޅުމަކީ އުމުރުގެ ބާކީ ބައި އެކަނިވެރިކަމުގައި ހޭދަކުރަންޖެހޭކަމެއްކަމުގައި ނުދެކޭތި، ހުރިހާކަމެއްގެވެސް ވަގުތެއްވޭ، އަދި ދަރިފުޅަށްވެސް ހެއްދެވި ފަރާތުގެ މިންވަރު ފުޅާއި އެކު އެދުވަސް ދައްކަވާށި،" ފާއިޒާގެ އަޑު ކުރަކިވިއެވެ. ދެލޮލުގައި ކަރުނަތައް ޖަމާވެ ގިނަވާންފެށިއެވެ. ދާނިޔާގެ އަތުގައި ފިރުމަމުން ދިޔައިރު މަންމަގެ އަތް ތުރުތުރުލާކަން އެނގެއެވެ.

"މަންމާ، މަންމަ ކަންބޮޑުނުވޭ، މަންމަ ރަށަށް ދިޔަޔަސް އަހަރެން އެކަނި އުޅޭނަން، ރީމާ ދައްތަ ގަދަވީމައި މަންމަ ބޭނުން ނަމަ އެނބުރި އަންނަންވީ، މިގޭގައި މަންމައަށް އަބަދުވެސް ޖާގަ އޮންނާނެ، މަންމަގެ ދުޢާއަކީ އަހަރެންގެ ހުރިހާ ކާމިޔާބީއަކީ، މަންމަ ނެތީމައި ޒޯހާ ވަރަށް ފޫހިވާނެ، ވަރަށް ހަނދާންވާނެ މަންމަ މަތިން." ދާނިޔާ މަންމަގެ ގައިގައި ބައްދާލިއެވެ. މަންމަ ދެއްކި ހުރިހާ ވާހަކައަކަށް ޖަވާބު ދިންއިރުވެސް ކައިވެނީގެ ވާހަކައަށް ދާނިޔާ ޖަވާބެއް ނުދެއެވެ.

"އެކަމަކު ބުނަން، އެ ލީވާން އާއި ދުވަހަކުވެސް ނީންނާތި، " ދާނިޔާގެ ބުރަކަށީގައި ފިރުމަމުން ފާއިޒާ އެހެން ބުނެލިއިރު އަޑުގައި ޖޯޝެއް ހުއްޓެވެ. މަންމަ އާއި ދުރަށްޖެހިލައި މަންމަގެ މޫނަށް ދާނިޔާ ބަލައިލީ ހިނި އައިސްހުރެއެވެ. އަނެއްކާވެސް ބޯޖަހާލާފައި މަންމަގެ ކޮނޑުގައި މޫނު ޖައްސައިލީ ހިތަށް ލިބުނު އުފާވެރިކަމުންނެވެ.

***

އަޔާމީން ހުރީ އަޒާން އުރާލައިގެން ތަންކޮޅެއް ދުރުގައެވެ. އެނދުގައި ރިންޒީ އޮތްއިރު މަގަތުގައި އިނީ ވަފިއްޔާއެވެ. އަޔާމީންގެ މަންމަ ކައިރީގައި ހުއްޓެވެ. ހެނދުނު ހޭލެވިގެން އަޔާމީން އާއިރު ރިންޒީ އޮތީ ހެޔަށްގޮތްވެ ވެއްޓިފައެވެ. ރިންޒީގެ މޫނުމަތީ ކަރުނައިގެ އަސަރު ހުއްޓެވެ.، ރިންޒީ ނަގައި އެނދުގައި ބާއްވާފައި އަޔާމީން މަންމައަށް ގޮވިއެވެ. ވަފިއްޔާއަށް ޚަބަރު ދިނީ އަޔާމީންގެ މަންމައެވެ.

"ޑޮކްޓަރަށް ދައްކަން ގެންދަންވީނު؟" ރިންޒީގެ މޫނުގައި ފެންފޮދެއް ލައިދެމުން ވަފިއްޔާ ބުނެލިއެވެ. ވަފިއްޔާ ބޭނުންނަމަ އެގޮތަށް އަޔާމީންގެ މައްސަލައެއް ނެތެވެ. ވަފިއްޔާގެ އަތުގައި ހިފަހައްޓާލަމުން އެކަމުން މަނާވެގަތީ ރިންޒީއެވެ. ވަފިއްޔާ ހައިރާންވެފައި އެއީ ކީއްވެތޯ އަހާލިއެވެ. ރިންޒީ އަޔާމީންގެ މޫނަށް ބަލާލިއެވެ. ދެން މޫނު އަނެއްފަރާތަށް އަނބުރާލާފައި އަނގަމަތީ އަތް އަޅާލިއެވެ. އެހެންވިއަސް ރުއިމުގެ އަޑު އެންމެންނަށްވެސް އިވުނެވެ. ވަފިއްޔާ ކަންބޮޑުވެ ރިންޒީ ގެނެސް މޭގައި ޖައްސާލިއެވެ. އަޔާމީންގެ މަންމަ އޭނާގެ މޫނަށް ބަލާލިއެވެ. ވެގެން އުޅޭގޮތް އޮޅުންފިލުވަން ބޭނުންވާކަން މަންމަގެ މޫނުމަތިން އެނގެއެވެ.

އަޔާމީން އަޒާން އުރާލައިގެން އެކޮޓަރިން ނިކުތީއެވެ. ރިންޒީ އަމިއްލައަށް ބުނަން ފުރުޞަތު ދީފައެވެ. އަޒާންގެ ކޮޓަރިއަށް ވަދެ އެނދުގައި ދެބަފައިން އިށީނެވެ. އަޒާން އނީ ވަރަށް މަޑުންނެވެ. ރިންޒީ ރުއިތަން ފެނި އެ ތުއްތު ހިތުގައި ވެސް ސުވާލު އުފެދިފައިހެން ހީވެއެވެ. އެކަމަކު ވާހަކަ ދެއްކުމަށް އަދި އަޒާން އެހާ ފަރިތައެއް ނޫނެވެ.

އަޒާން ވަކިން ބައިންދާފައި އަޔާމީން ކަންބޮޑުވެ މޫނުގައި އަތް ފިރުމަމުން ދިޔައެވެ. ބައެއްފަހަރު އިސްތަށިގަނޑުގައިވެސް ހިފާލައެވެ. އަޔާމީން ބަލައިލީ އޭނާގެ އުޅަބޮށިކޮޅުގައި އަޒާން ހިފާލުމުންނެވެ. މޫނުން އަތްނަގައި އަޔާމީން ބަލާލިއިރު އަޒާންގެ މޫނު ހުރީ ކޮޓަރީގެ ދޮރާއި ދިމާލަށެވެ. ދޮރުމަތީ ރިންޒީ ހުރިއިރު އޭނާގެ އެއްފަރާތުގައި ވަފިއްޔާ ހުއްޓެވެ. އަނެއްފަރާތުގައި ހުރީ އަޔާމީންގެ މަންމައެވެ. އެދެމަންމަގެ ހިމާޔަތުގައި ހުރި މީހެއްފަދައިން ރިންޒީ މެދުގައި ހުއްޓެވެ.

"ދަރިފުޅު އާދެ މާމަ އާއި އެކު." އަޒާން އަށް ގޮވާލުމުން އަޒާން ގޮސް ހުއްޓުނީ އަޔާމީންގެ މަންމަ ކައިރީގައެވެ. ރިންޒީގެ އަތުގައި ހިފައިގެން ވަންނަން އުޅުމުން ވަފިއްޔާގެ އަތް ފޮޅާލާފައި ރިންޒީ ފަހަތަށް ޖެހުނެވެ. ދެން ފެނުނީ އެކޮޓަރިން ނިކުންނަން ދުއްވައިގެންތަނެވެ. އެދިމާލަށް ބަލަން ހުރެފައި އަޔާމީންގެ މޫނަށް ވަފިއްޔާ ބަލާލިއެވެ.

"ވާހަކައެއް ދައްކާލަންވެގެން." ޖެހިލުންވެފައި ވަފިއްޔާ ބުނެލިއެވެ. އަޔާމީން އިސްޖަހާލިއެވެ. ވަފިއްޔާ ކިޔަން އުޅޭ އެއްޗެއް އަޑުއެހުމުގެ ޝައުޤުވރިކަމެއް ނެތެވެ. އަޑުއަހަން ބޭނުން ނުވާކަމަށް ބުނެ ތެދުވަން އެތައް ފަހަރަކު ހިތަށް އެރިއެވެ. އެކަމަކު ވަފިއްޔާއަށް ކުރާ އިހްތިރާމެއްގެ ބޮޑުކަމުން ބަހެއްވެސް ނުބުނެ އިނީއެވެ.

***

ލީވާންގެ ޚަބަރެއް ނުވެއްޖެނަމަ އެދުވަހަކު ޒޯހާގެ ލޮލަށް ނިދިވެސް ނާންނަ ފަދައެވެ. މިފަހަކަށް އައިސް ލީވާން ހީވަނީ ނޭވާ ލެވެނީވެސް އެކުދިން ފެނިގެންހެންނެވެ. ކޮންމެ ދުވަހަކު ގެންނަ ހަދިޔާތަކުގެ ސަބަބުން ޒާންވެސް ހިތް ލެނބޭކަން ދާނިޔާއަށް އެނގެއެވެ. ދުވަހުގެ އިރު އޮއްސުނު އިރު ލީވާން އަށް ޒޯހާ އެތއް ފަހަރަކު ގުޅިއެވެ. އެންމެ ފަހުން ލީވާން ގެއަށް ދާން ޒޯހާ ކިޔަންފަށައިފިއެވެ.

ދާނިޔާ ލީވާންއަށް ގުޅީ ފޯނު ނަގައިތޯ ބަލާށެވެ. އޭރުން އެގެއަށް ނުގޮސް މައްސަލަ ހައްލުވެދާނެއެވެ. ފޯނަށް ބަލަހައްޓައިގެން ދާނިޔާ އަށް ހުންނަންޖެހުނެވެ. ލީވާން ޖަވާބެއް ނުދެއެވެ. ލީވާންއަށް ކަމެއްވީބާއޭ ދާނިޔާ ހިތަށް އެރިއެވެ. ލީވާން ރޯގާ ނުފިލައިގެން އުޅޭކަން އެނގެއެވެ.

ރޭގަނޑު ކައި ނިންމާލިއިރު ޒޯހާގެ ޝަކުވާ ބޮޑުވެއްޖެއެވެ. ފާއިޒާވެސް އެދުނީ ލީވާން ކޮބައިތޯ ބަލައިލަން ޒޯހާ ގެންގޮސް ދިނުމަށެވެ. ލީވާން ބަލިވެ އުޅޭތީ އެކަން ފާއިޒާ ފާހަގަ ކުރިއެވެ.

ބައުވެފައިވާ ދޮރާށި ކައިރިއަށް ހުއްޓުނުއިރު ދާނިޔާއަށް ހަނދާންކުރަން ބޭނުން ނުވި އެތައް މަންޒަރެއް ސިފަވެގެން ދިޔައެވެ. އެގެއިން ނިކުމެގެން ދިޔަފަހުން އެނބުރި އެގެއަށް ވަންނަ މިއީ ފުރަތަމަ ފަހަރެވެ. އެތެރެއަށް ވަދެގެން ދިޔައިރު އޭރުގެ ހަނދާންތައް ހީވީ ސިކުނޑި ފުރައި ހަމަޖެހުން ނަގައިލަން އުޅޭހެންނެވެ.

ހަނިގޯޅިތެރއިން ލާފައި ލީވާން އުޅޭ ކޮޓަރި ކުރިމަތީ ހުއްޓުނުއިރު ނޭފަތަށް އުދަނގޫވާ ވަހެއް ހުއްޓެވެ. ވާރޭފެން އެޅި ފުރިފައިހުރި ހަންބުރިއެއް ހުއްޓެވެ. ކުނިފުންޏެއްވެސް ހުއްޓެވެ. ފެންވަރައި ގަޔަށް އާ އަންނައުނެއް ލުން ފިޔަވައި ލީވާންގެ ތާހިރުކަމެއް ނުހުންނާނެއެވެ.

ދޮރުގައި ޓަކިދީފައި ދާނިޔާ މަޑުކޮށްލިއެވެ. އިރުކޮޅެއްގެ ފަހުން ދޮރު ހުޅުވާލިއެވެ. ހުސްގަޔާއި ހަމައެކަނި ސޯޓެއްގައި ހުރި ލީވާންގެ ދެލޯ ހުޅުވެނީ ކިރިޔާއެވެ. ހީވަނީ ނިދާފައި އޮވެފައި ތެދުވެގެން އައިހެންނެވެ. ޒޯހާ ފެނުމުން ލީވާން ގަދަކަމުން ލޯ ހުޅުވަން މަސައްކަތްކުރިއެވެ. ދާނިޔާގެ މޫނަށް ބަލާލާފައި މޫނަށް އެރި ކުލައިން ހީވަނީ ޤަބޫލުކުރަން ދަތި މަންޒަރެއް ފެނުނުހެންނެވެ.

"ބައްޕީ" ލީވާންގެ އުނަގަނޑުގައި ބައްދާލަމުން ޒޯހާ ބުނެލިއެވެ. ޒޯހާގެ ބޮލުގައި އަތް ފިރުމާލަމުން އަނެއްކާވެސް ލީވާންގެ ކަޅި ހުއްޓުނީ ދާނިޔާގެ މޫނަށެވެ. އެތެރެއަށް ވަންނަން ބުނެފައި ލީވާން އެތެރެއަށް ޖެހިލައި ތަންދެއްކިއެވެ. ކޮޓަރިއަށް ވަންނަން ނެގި ފުރަތަމަ ފިޔަވަޅާއި އެކު ދާނިޔާއަށް ފެނުނީ އޭނާ ނުލައި ލީވާންއަށް އެކަނި އުޅެން ދަސްވެފައިނުވާކަމެވެ. ފެންވަރާ ތުވާލިވެސް ނަގަންޖެހުނީ އެނދުމަތިންނެވެ. ކޮޓަރި ތެރޭ ގޮނޑިއެއް ހުރިނަމަ އޭގައިވެސް ހުރީ ގައިން ބޭލި އަންނައުނެވެ. ތަރުތީބުކަން ކުޑަވެފައި ދުވާވަހުން އެތަނުގައި ހުންނަން އުދަނގޫވާހާ ވެއެވެ.

ޒޯހާ އަންނަން ޖެހުނީ ބައްޕަ ފޯނު ނުނަގައިގެންކަން އެނގުމުން ލީވާން ޒޯހާ އާއި އެއްވަރަށް ތިރިވިއެވެ. ދެކަންފަތު ފޫޅުގައި އަތް ޖައްސާލިއެވެ.

"ސޮރީ، ބައްޕަ ބޭސްކައިގެން ނިދުނީ، ދެންމެ މިހޭލެވުނީ ޒޯ އައިސްގެން ގޮވީމައި،" ލީވާން މަޢާފަށް އެދިފައި ބުނެލިއެވެ. އަޑުގައި ހުރި ބަރުކަމުން އެއީ ހަމައެކަނި ނިދައިގެން ހޭލައިގެން ހުރުމުން އައިސްފައިހުރި ބަދަލެއް ނޫންކަން އެނގެއެވެ. އަދިވެސް ރޯގާ ނުފިލައެވެ. މިހާރު ހަފްތާއެއް ވާން ކައިރިވެއްޖެއެވެ.

"ޒޯހާ އިރުކޮޅަކުން އަންނާތި، މަންމަ މަޑުކުރާނަން ބޭރުގައި." ދާނިޔާ ޒޯހާއަށް ބުނެލިއެވެ. އޭނާ ދާން އުޅެފައި ސިހުނީ އަތުގައި ލީވާން ހިފީމައެވެ.

"ބޭރު އެހާ ސޭފްއެއް ނުވާނެ، މިތާ އެތެރޭ މަޑުކުރޭ، މި އަންނަނީ ގަމީހެއް ލައިގެން، " ލީވާން އެހާމެ އަވަހަށް ދާނިޔާގެ އަތުން ދޫކޮށްލިއެވެ. އެއީ ހަމައެކަނި ދާނިޔާ ހުއްޓުވަން ކުރިކަމެއް ފަދައެވެ. ލީވާން ފާޚާނާއަށް ވަނުމުން ދާނިޔާ ޒޯހާއަށް ހަނދާންކޮށްދިނީ ގޭގައި ހުރެ ޒާން ފޫހިވާނެކަމެވެ. އެތަނުން ނިކުމެގެން ދެވޭނެ އެންމެ ފަސޭހަ މަގަކީ އެއީކަން ދާނިޔާއަށް އެނގެއެވެ.

"ހިނގާ" ލީވާންގެ އަޑަށް އެނބުރުނުއިރު އޭނާ ހުރީ ގަމީހަކާއި ޖިންސެއްލައިގެންނެވެ. މޫނު ދޮވެލައިގެން ހުރިކަން އެނގެއެވެ. މޫނުމަތި ތާޒާވެފައި ބޮލުގެ އިސްތަށިގަނޑުގައިވެސް ފެނުގެ އަސަރުހުއްޓެވެ. ލީވާން އެމީހުންނާއި އެކު ދާން އަންނަނީބާއޭ ދާނިޔާ ހިތަށް އެރިއެވެ. އެކަން ޔަޤީންވީ ޒޯހާގެ އަތުގައި ހިފާލާފައި ލީވާން އެހެން ބުނުމުންނެވެ. ޒޯހާ އަނެއްއަތުން ދާނިޔާގެ އަތުގައި ހިފިއެވެ. ލީވާން އާއި ދާނިޔާއަށް އެކުއެކީގައި ބަލައިލެވުނެވެ. އެދެމީހުން ގުޅިފައިވީ ޒޯހާގެ މެދުވެރިވެގެންނެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular