8 Aug 2019

ނުވަ މަސް ފަހުން

ނުވަ މަސް ފަހުން

By: Mariyam Yasma

"ނަވާލް!" އަބްދުލް ހަންނާނު މައިތިރި އަޑަކުން ގޮވައިލި އެވެ. އަތުން ދޮރާއި ދިމާއަށް އިޝާރާތް ކޮށްލާފައި ތެދުވެގެން ހިނގައިތުމާއެކު ނަވާލް ވެސް ކިޔަމަންވި އެވެ. އެކަމަކު އޭނަ ހަމަ ގޮނޑި ދުރުކޮށްލާފައި ހިނގައިގަތް އިރަށް އައިދަން އެދިމާއަށް ދާންވެގެން ޝެހެނާޒްގެ އަތްދަށުން ވީއްލިގަތެވެ. އޭނަ ހިފެހެއްޓީ، ދޮރާއި އެންމެ ކައިރިން ގޮނޑިއެއްގައި އިން އާހިލް ތެދުވެފަ އެވެ.

"ކާމް ޑައުން އައިދަން! ތިއުޅެނީ ކުޑަކުދިން އުޅޭހެން.." އާހިލް އައިދަންގެ ކޮނޑުގައި ހިފާލައިގެން ހުރެ ދޮރާއި ދިމާއަށް ކަޅިއެއް އެއްލާފައި އެމޫނަށް ހުއްޓައިލި އެވެ.

"އާ ޔޫ ކިޑިން މީ؟ ނަވާލް އެދައްކަނީ އަހަރެންގެ ދަރިފުޅުގެ މަންމަގެ ވާހަކައޭ. އެން ޔޫ އެކްސްޕެކްޓް މީ ޓު ސިޓް އެން ވޮޗް؟ އަންބިލީވެބްލް!" އައިދަން އާހިލްގެ އަތް ފޮޅުވާލައިފައި އެތަނުން ނިކުންނަން ދިމާކުރި އެވެ.

އެވަގުތު އާހިލް އަނެއްކާ ވެސް އޭނަ ހިފަހައްޓަން އުޅުމުން އެއަތުގައި ޖަހާ ދުރަށް ވިއްސާލައިފައި ބުނީ އޭނަ އެދަނީ ބައްޕަމެން ފަހަތުން ނޫންކަމަށެވެ. އާހިލް ފުން ނޭވައެއް ދޫކޮށްލާފައި އައިދަން ގެއިން ނިކުންނަން ދިޔަތަން ބަލަން ހުއްޓެވެ.

***

އަންޖަލް ނިދާފައި އޮތް ވަގުތު އަވަސް އަވަހަށް ފެންވަރާލައިގެން ނިކުތްއިރު ކޮޓަރި ތެރެއިން އައިދަން ފެނުމުން އައިރީން ދިޔައީ ސިއްސައިގެންނެވެ. ކުރިއްސުރެ ހައްޔަރުކޮށްފައި އޮތް ރޯބްގެ ދެއަރިމަތިގުޅޭ ހިސާބުން ބާރު ބާރަށް ހިފަހައްޓައިލެވުނެވެ. ދެލޯ ހުރީ ބޮޑުކޮށްލެވިފަ އެވެ.

ކުޑަ އެނދުގައި އޮތް ދަރިފުޅުގެ މޫނަށް ބަލަން ހުރި އައިދަން އަށް ވެސް ދޮރު ހުޅުވުނު އަޑު އިވިގެން އިސްއުފުލައި ބަލައިލެވުނެވެ. ކަކުލަށްވުރެ ތަންކޮޅެއް މައްޗަށް ހުރި ހުދު ރޯބްގައި އެދެފައި ހާމައަށް އޮތްވާ ފެނުމުން އޭނައަށް ހިންދިރުވައިލެވުނެވެ.

"ރީންގެ ދައްތަ އަހަރެން ގެއަށް ވެއްދީ. އޭނަ ބުނި އޯކޭއޭ ރީން ނިމެންދެން އަންޖަލް ކައިރީ މަޑުކުރިއަސް.." އައިދަން ކުށްވެރިއަކު ފަދައިން ވާހަކަދެއްކި އެވެ.

އައިރީން ވަކި އެއްޗެއް ނުބުނެ އަވަސްއަވަހަށް ދިޔައީ އަލަމާރިއާ ދިމާއަށެވެ. އޭނަ އަލަމާރި ތެރެއިނން ލާނެ އަންނައުނު ނަގައި ހަމަކޮށްގެން ދޮރާއި ދިމާއަށް ދަމުން އަދި އެއްފަހަރު އައިދަން ކުރަނީ ކީއްތޯ ބަލައިލި އެވެ. އައިދަން އަނެއްކާ ވެސް ހުރީ އަންޖަލްގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނަ އިސްއުފުލައިލީ އައިރީން ދެވަނަ ފަހަރަށް ވަދެ ދޮރު ލައްޕައިލީމަ އެވެ. ބޮލުގެ އިސްތަށިގަނޑަށް އަތުގެ އިނގިލިތައްމަހާލުމަށްފަހު ތިރިކޮށްލާފައި ދެން ގޮސް އިށީނދެލީ އައިރީން ނިދާ އެނދުގަ އެވެ.

ކުޑައިރުކޮޅެއް ފަހުން އައިރީން ނިކުމެގެން އައީ ދޫ ހެދުމަކާއި ހަރުވާޅެއްގަ އެވެ. އަތުގައި އޮތް ތުވާއްޔަކުން އިސްތަށިގަނޑު ހިއްކަމުން އައިދަންއަށް ނަޒަރެއް ދީފައި ގޮސް ޑްރެސިންޓޭބަލް ކުރިމަތީ އިށީނެވެ. ތުވާލި ނައްޓާލައިފައި ހެއަރ ޑްރަޔާއިން ބޯހިއްކަން ފެށުމުން އައިދަން ބަލަހައްޓައިގެން އިނެވެ.

"އައިދަން ކީއްކުރަން ތިއައީ؟" މަސައްކަތް ނިންމާފައި އެނބުރި ހަތަރުކަޅި ހަމަކޮށްލާފައި އައިރީން އެހި އެވެ.

އައިދަންގެ ފުރަތަމަ ހަރަކާތަކަށް ވީ އިސްޖަހައިލުމެވެ. ދެން އަލުން އިސްއުފުލައިލިއިރު ވެސް އައިރީން އިނީ ބަލަހައްޓައިގެންނެވެ.

"ވީ ނީޑް ޓު ޓޯކް..." އައިދަން ކޮޅަށް ތެދުވި އެވެ.

އޭނަ އައިސް ދާދި ކައިރިއަށް ހުއްޓުމުން އެމޫނަށް ބަލަންވެގެން އައިރީންއަށް ޖެހުނީ ކުޑަކޮށް މޫނު އުފުލައިލާށެވެ.

"ކޮންކަމަކާ؟" އައިރީން އަނެއްކާ ވެސް އެހި އެވެ.

"އަހަރެން މިހާ ވަންދެން މިމަޑުކުރީ ރީންއަށް ވަގުތު ދޭންވެގެން...އެކަމަކު މިހާރު ހީވަނީ މާ ލަސްކުރެވިއްޖެ ހެން.." އައިދަންގެ ޖުމްލަ ނިމުނު އިރު ނިތަށް ރޫގިނަވި އެވެ.

އައިރީން ތަކުރާރުކޮށް އެސްފިޔަ ޖަހާލައިފައި ވަކި އެއްޗެއް ނުބުނެ ތެދުވެގެން ދިޔައީ ކުޑަ އެނދާއި ދިމާއަށެވެ. އައިދަންއާ ފުރަގަސްދީގެން އެނދުކައިރީ އޭނަ ހުއްޓުނީ އެދެމެދުގައި ކޮންމެވެސް ވަރެއްގެ ދުރުމިނެއް ބާއްވަން ބޭނުންވިވަރުންނެވެ. އެކަމަކު އެކަން ހާސިލް ވީ ކުޑަ ހިނދުކޮޅަކަށެވެ. އައިދަން ދެން އައިސް ހުއްޓުނީ އޭނައާ ޖެހިގެން އެނދު ކައިރިއަށެވެ. އޭގެ އެއްފަރާތުން އަރިމަތީގައި އައިރީން ހިފާލައިގެން ހުރިތަނާއި ނުހަނު ކައިރިން އައިދަން ވެސް ހިފަހައްޓައިލި އެވެ. ވަގުތުން އައިރީންގެ ނަޒަރު ދިޔައީ އެދެއަތުގެ މެދުގައި އޮތް ހަނި ހުސްތަނަށެވެ.

"އައިމް ނޮޓް ޕްރައުޑް އޮފް މައި ބިހޭވިއާ. ޤަބޫލުކުރަން އަހަރެންނަށް ރީންއާ ދޭތެރޭ ކަންތައް ކުރެވުނީ ބޭއިންސާފުންކަން. އަދި އަލުން އަހަންނަށް އިތުބާރު ކުރަން ރީންއަށް ދަތިވާނެކަން ވެސް އެނގޭ. އެކަމަކު އަހަރެން... އަހަރެން ހަމަ އަސްލުވެސް ކުށް ޤަބޫލުކޮށްގެން މިއަދު އައިސް މިހުރީ. ރީން އަހަރެން ބޭނުން އިތުރު ފުރުސަތެއް..." ވާހަކަދައްކަމުން އައިދަން އެދެއަތުގެ މެދުގައި އޮތް ހުސްތަން ނެތިކޮށްލާފައި އައިރީންގެ އަތުގައި ހިފާލި ވަގުތު އައިރީންއަށް އަތް ދަމައިގަނެވުނެވެ.

ދެލޯ ބޮޑުކޮށްލައިގެން ހުރެ އެމޫނަށް ބަލަން ފެށިއިރު އޭނަގެ މޭ ނެގި ނެގިފައި ޖެހެމުންދިޔަ އެވެ. ފަހަކަށް އައިސް އައިދަންގެ ފުށުން ފެނުނު ކަންތައްތަކުން އެއީ އިވޭނެ ކަމަށް ލަފާކުރެވުނު ވާހަކަތަކަކަށް ވިއަސް އަޑު އިވުމުން ލިބުނނު ސިހުން ކުޑައެއް ނޫނެވެ.

"ރީން ޕްލީޒް... އަންޖަލްއަށްޓަކާ..." އައިދަންގެ ޖުމްލަ ފުރިހަމަ ނުވަނީސް އައިރީން މެދުކަނޑާލި އެވެ. "ޑޯންޓް ޔޫ ޑެއާ ބްރިން ހާ އިންޓު ދިސް..." ޝަހާދަތް އިނގިލިން އައިދަންގެ މެއާ ހަމައިން ވިއްދާލައިފައި އައިރީން އެންގި އެވެ. އެލޮލާއި އަޑުގައި ސާބިތުކަމެވެ.

އޭނަ އަތް ތިރިކޮށްލީ އައިދަން އަތް އުފުލާލައިފައި އޭނަގެ އަތުގައި ހިފައިލަން އުޅުނީމަ އެވެ.

"އައިދަން އަހަންނަށް އެހުރިހާ އަނިޔާއެއް ދިންއިރު ވެސް އަންޖަލް އޮތީ ދިރި ދިރި. ހަމައެކަނި ތަފާތަކީ އޭނަ އުފަން ނުވާކަން. އަހަރެންގެ ބަނޑުގައި އޮތްކަން. އެކަމަކު އަންޖަލް ވުޖޫދުގައި ވުމަކުން އައިދަންގެ އަމަލުތަކަކަށް އެއްވެސް ބަދަލެއް ނައި. ނިޝާލް އައިދަންގެ މޫނުގެ ކޮޅުފައިން ޖަހާފަ ނުދިޔަނަމަ އަދިވެސް..." އައިރީން ލޯމަރާ ބާރުކޮށްލުމަށްފަހު މަޑުމަޑުން ބޯ ހޫރާލައިފައި ވާހަކަ ފުރިހަމަނުކޮށް ހުއްޓައިލީ އައިދަން ލަދުގަނެފައިވާވަރު ފެނި ހަމްދަރްދީ ވެގެނެއް ނޫނނެވެ. އެވާހަކަތައް ދެއްކުމުން މިއަދު ވެސް އޭނަގެ އުޅުނު ޚާލު ހަނދާންވެ ހިތުގައި ރިހުމެއް އުފެދެން ފެށީމަ އެވެ. އެއީ މިހާރު ހުވަފެނެއްގައި ވެސް އޭނަ ދާން ބޭނުން ދިމާއެއް ނޫނެވެ. އަމިއްލަ ބާރެއް ހިނގާނޭ ނަމަ މާޒީން ވެސް އެދުވަސްތައް ފުހެލައިފީހެވެ.

އޭނަ ލޯ ހުޅުވާލުމަށްފަހު އައިދަންގެ މޫނަށް ބަލައިލާފައި އަނެއްކާ ވެސް ފަހަތަށް ޖެހެން ފެށީ އެދެމެދުގައި އެކަށީގެންވާ ދުރުމިނެއް ބަހައްޓަން ބޭނުންވި ވަރުންނެވެ. އެކަމަކު އޭނަ ހިތްހަމަޖެހޭވަރު ނުވަނީސް އައިދަން ކުރިއަށް ފިޔަވަޅެއް އަޅާލައިފައި އޭނަގެ އެއްއަތުގައި ހިފަހައްޓައިފި އެވެ. އައިރީން އަތް ފޮޅުވާލަން އުޅުމުން ހައްތަހާ ބޮޑަށް އެއިނގިލިތަކުން އޭނަގެ ކުޑަހުޅަށް ބާރުކޮށްލި އެވެ.

"އެންމެ ރަނގަޅު. އަންޖަލް އަހަރެން މިދޭތެރެއަކަށް ނުވައްދާނަން. އެކަމަކު އަހަރެން ހަމަ ހަޤީޤަތުގގައި ވެސް އައިރީން ބޭނުން. އަންޖަލްގެ މަންމަގެ ގޮތުގައެއް ނޫން. އަހަރެންގެ އަންބެއްގެ ގޮތުގާ ބޭނުންވަނީ. އަހަންނަށް އިހްސާސްވެއްޖެ އަހަރެންގެ އަތުން ގެއްލުވާލެވުނީ ކިހާ އަގުބޮޑު ޖަވާހިރެއްކަން... ރީން ޕްލީޒް އަހަންނަށް މާފުކޮށްދީ!" އައިދަންގެ ވާހަކަތައް އާދޭހަކަށް ބަދަލުވި އެވެ.

އައިރީންގެ އަތުގައި ހިފާ އަދިވެސް ބޮޑަށް ބާރުކޮށްލައިފައި ގެންގޮސް އަމިއްލަ ހިތާއި ދިމާއިން މޭގައި ޖައްސާ ބާރުކޮށްލީ އެހިތުގެ ތެޅުން އޭނައަށް އިހްސާސްކޮށްދޭން ކަހަލަ އެވެ. ފެންކަޅިވެފައިވާ ދެލޯ އެކަނި ވެސް ފެންނަ މީހާގެ ހިތް މަޑުކޮށްލުމަށް ފުދޭނެ އެވެ.

"އަހަންނަށް މާފުކުރެވިދާނެ އައިދަން. އެކަމަކު ހަނދާން ނައްތައެއްނުލެވޭނެ..." އައިރީން މަޑުމަޑުން ބުނެލި އެވެ.

އެއަޑު އަހާފައި އައިދަން ވަގުތުން ގަނޑުވި އެވެ. އެލޮލަށް ބަލަން ފެށީ އޭނަ ބުނި ބަސް ދޮގުކޮށްދޭފަދަ އެއްވެސް ކުލަވަރެއް ފެނޭތޯ ހޯދާފަދަ ގޮތަކަށެވެ. ނޫނީ އޭނަ އަދިވެސް އައިދަންއަށް އެދޭކަން ހާމަވާފަދަ ނިޝާނެއް ހޯދަނީ އެވެ.

"އައިދަން އެގޮތް ބޭނުންވަންޏާ އަހަރެން އަންޖަލްގެ ދިރިއުޅުމުން އޭނަގެ ބައްޕަގެ މަޤާމު ދޭނަން. އައިދަން ބޭނުން އިރަކު ދަރިފުޅާއި ބައްދަލު ކުރެވޭނެ. އެކަމަކު އޭނަގެ މަންމަގެ ދިރިއުޅުމުން ދެން ފުރުސަތެއް ނެތް..." އަދިވެސް ޔަޤީންކޮށްދިނުމުގެ ގޮތުން އައިރީން ހާމަކުރި އެވެ.

އެވަގުތު އައިދަން ކުއްލިއަކަށް ބާރުކޮށްލިގޮތުން ނިޔަފަތިތަކުން ހަންގަނޑުވެސް ހީވީ ތޮރުފައިލި ހެންނެވެ. ލޮލަށް ގިނަވި ކަރުނައާއެކު އައިރީން އަތް ދަމައިގަނެވޭތޯ އުޅުނެވެ. އައިދަން ވެސް އެކަން އިހްސާސްވީ ނޫންކަމެއް ނޭނގެ އެވެ. ކުއްލިއަކަށް އެއަތުން ދޫކޮށްލައިފައި އަތް އެލުވާލައިފި އެވެ. އެކަމަކު އޭނަގެ ދެލޯ އައިރީންގެ މޫނަކާއި ވައްކެއްނުވެ އެވެ. ތަދުވިތަނުގައި އަނެއް އަތުން ފިރުމާލައިފައި އައިރީން އިސްއުފުލައިލި އިރުވެސް އައިދަން ހުރީ ބަލާށެވެ.

"ނަވާލްގެ ސަބަބުންތަ؟" އަސަރެއްނެތް އަޑަކުން އައިދަން އެހި އެވެ.

"ނޫނީ އައިރީން ތިއުޅެނީ އަހަރެންގެ ކިބައިން ބަދަލެއް ހިފަންވެގެންތަ؟ ތިއުޅެނީ އަހަރެންގެ ސަބަބުން އައިރީން އިހްސާސްކުރި ވޭނާއި ހިތާމަ އަހަންނަށް ވެސް ޖައްސަންތަ؟ އެހެންވެގެންތަ ނަވާލްއާ އިންނަން ތިއުޅެނީ؟" އޭނަ ކުރި ފުރަތަމަ ސުވާލަށް ޖަވާބު ދޭނެ ފުރުސަތެއް ނުދީ އައިދިން އިތުރު ސުވާލުތައް ކުރިމަތިކުރުވި އެވެ.

"ހާދަ ދަށު ދަރަޖައަކަށް އަހަރެން ތިވައްޓައިލީ؟ ތީތަ އައިދަން އަހަންނާއި ދޭތެރޭ ވިސްނާ ގޮތަކީ؟" އައިރީންގެ އަޑުގައި ޝަކުވާ އެކުލެވުނެވެ. އެސްފިޔަ ޖަހާލައިފައި ލޯ ފުސްކޮށްލަން އުޅުނު ކަރުނަތައް ހިންދައިލި އެވެ. އައިދަން ކުރިމަތީ ބަލިކަށިކަމުގެ އެއްވެސް ކުލައެއް ދައްކާކަށް އޭނަ މިއަދު ބޭނުމެއް ނޫނެވެ. އެރަހުމެއް ނެތް އިލްޒާމުން ވެސް އޭނައަށް އަސަރުކުރިކަން އެނގިގެންނުވާނެ އެވެ.

"މީ އަހަރެން ބުނާ އެއްޗެއް ނޫން. އައިރީން އަމިއްލައަށް ވެއްޓިގަތީ. އެހެންނޫންނަމަ އަހަރެންގެ ކުރީގެ އަންބެއްގެ ގޮތުގައި ހުރެފަ އަހަރެންގެ ބޭބެއާ އިންނާކަށް ނޫޅޭނެ. އެއްފަހަރުވެސް ވިސްނާލިންތަ މީހުން ކިޔާނެ އެއްޗިއްސާއިމެދު؟" އައިދަން އަލުން ވާހަކަދެއްކީ މުޅިން އާ ޖޯޝަކާއެކުގަ އެވެ. ދުލުން ބޭރުކޮށްލި ކޮންމެ ޖުމްލައަކާ އެކު އައިރީންއާ ގާތަށް ވެސް އޭނަ ފިޔަވަޅެއް އެޅި އެވެ.

ފުރަތަމަ ފަހަތަށް ޖެހުނު ނަމަވެސް ވަކި ހިސާބަކުން އައިރީން ހުއްޓި ފައިތިލަ ސާބިތުކުރި އެވެ. އަތްފޯރާ ހިސާބަށް އައިދަން އައުމުން އަތް ހުރަސްކޮށްލައި އިތުރަށް ކުރިއަށް އައުން މަނާކުރި އެވެ.

"ހަމަ އެންމެ ފަހަރަކު ރިޖެކްޝަންއަކާ ކުރިމަތިވީއިރަށް އައިދަންގެ އަސްލު ތިހުރީ ފެންނަން. ތީ ހަމަ ކުރީގެ ވެސް އައިދަން. އަހަރެން ބުނަން އޮތީ އެންމެ ވާހަކައެއް. އަހަރެން ކުރަން ބޭނުންވާ ކަންކަމާއި އޭގެ ސަބަބު ކިޔައިދޭވަރުގެ ހައިސިއްޔަތެއް އައިދަންގެ މިހާރު ނެތް. ނަވާލް އަހަރެން ޤަބޫލު ކުރިއަސް އަދި ނުކުރިއަސް އައިދަންއަށް އަހަރެންގެ ދިރިއއުޅުމުން އިތުރު ފުރުސަތެއް ނެތް. ނައު ލީވް!" އައިރީންގެ ވާހަކަ ނިމުމުން ބޮލުން ދޮރު ދައްކައިލުމަށްފަހު ހަށަން ބަނދެލި އެވެ.

އައިދަން އެވަގުތު ރުޅިއައިސްގެން މުޅި ހަށިގަނޑުން ފާހަގަ ވާވަރުގެ ފުން ދެތިން ނޭވައެއް ދޫކޮށްލާފައި ދޮރާއި ދިމާއަށް ހިނގައިގެންފި އެވެ.

***

ގެއަށް ވަދެފައި އާހިލްގެ ނަޒަރު ފުރަތަމަ ދަތުރުކޮށްފައި ދިޔައީ އައިރީންގެ ކޮޓަރި ދޮރާއި ދިމާއަށެވެ. އޭނަ ބަލަން ހުރެލާފައި ތަޅުދަނޑި ގެންގޮސް ޓިވީރެކް މަތީ ހުރި އުނބުގަނޑަށް ވައްޓައިލި އެވެ. އެވަގުތު ރާމީން ބަދިގެއިން ބޯދިއްކޮށްލާފައި އޭނަގެ ނަމުން ގޮވާލައިފި އެވެ.

"އެއްޗެއް ކައްކަނީތަ؟" ކައިރިއަށް ދަމުން އާހިލް ސުވާލުކުރި އެވެ.

ރާމީން ބޯޖަހާލުމަށްފަހު އޭނަ ފަހަތުން ދާން އަތުން އިޝާރާތްކޮށްލާފައި އަވަސް އަވަހަށް ވަދެގެން ދިޔަ އެވެ. ސަމުސަލެއްނަގައި އުނދުންމަތީ ހުރި ތެލިން އެތިކޮޅެއް އެއަށް އަޅައިގެން އެނބުރެންވާއިރަށް އާހިލް ގޮސް ގޮނޑިއެއް ދަމާލައިގެން އިށީނދެލީ މޭޒު ދޮށުގަ އެވެ. ރާމީން ކައިރިވެފައި ފުރަތަމަ ސަމުސަލުގައި ހުރި ކާއެއްޗިއްސަށް ފުމެ ކުޑަކޮށް ހިހޫކޮށްލި އެވެ. އިރުކޮޅަކުން އާހިލް އަނގަ ހުޅުވާލައިފައި ރާމީން ދިއްކޮށްލި ސަމުސަލުން އެތިކޮޅެއް ރަހަ ބަލައިލި އެވެ.

"ކޮން ރަހައެއް މަޑީ؟" ރާމީން އެހި އެވެ.

ދެނެގަންނަން މަސައްކަތް ކުރާފަދަ ގޮތަކަށް ބުމަ ކައިރިކޮށްލައިގެން އިނދެ ކާއެތިކޮޅު ދިރުވާލައިފައި އާހިލް ބަލާލިއިރު ރާމީން ހުރީ ޖަވާބަކަށް އިންތިޒާރުކޮށްގެންނެވެ. އޭނަ ކޮނޑު އަރުވައިލުމުން އަނގައަށް ވައްތަރެއް ޖައްސާލައިފައި އަނެއްކާ އެތިކޮޅެއް ނަގާފައި މިފަހަރު ރަހަ ބެލީ އަމިއްލަ އަށެވެ.

އާހިލް ދުރު ބަލަން ވިސްނުމަކަށް ގެއްލިފައި އިންދާ ރާމީން ދެ ތައްޓަށް ކާއެއްޗެހި އަޅައިގެން އައިސް އަނެއްފަރާތުގައި އިށީނދެލި އެވެ. ރާމީން ގޮވައިލުމުން އަޑު ނީވިގެން މޭޒުމައްޗަށް އަތް ނަގައި އާހިލްގެ އަތްތިލައިގައި ހިފައިލުމާއެކު ކުއްލިއަކަށް ބަލައިލި އެވެ.

"އަހަރެންގެ ކޮއްކޮ ބޭނުންވޭ ރީންއާ އިންނަން..." އަނބިމީހާއާ ހަތަރުކަޅި ހަމަކޮށްލަމުން އާހިލް ހާމަކޮށްލި އެވެ.

"އެހެންވެތަ އައިދަން އައިސް އެއުޅެނީ؟ އިންނަން އަހަންވެގެންތަ؟" އާހިލް އުންމީދުނުކުރާފަދަ ޖޯޝަކާއިއެކު ރާމީން އެހި އެވެ.

ވަގުތުން އާހިލްގެ ބުމަ ގޮށްޖެހުނެވެ. އޭނަ އަވަސް އަވަހަށް ކޮޅަށް ތެދުވީ އައިދަން އައިސް އުޅޭ ހެއްޔޭ ސުވާލުކުރަމުންނެވެ. އަދި ރާމީންއަށް ޖަވާބުވެސް ނުދެވެނީސް އެތަނުން ނިކުންނަން ހިނގައިގެންފި އެވެ. ފަހަތުން ރާމީން ވެސް ދިޔަ އެވެ. އެދެމީހުންނަށް ގޮސް އެކޮޓަރި ދޮރުމައްޗަށް އެރުނީ އިއްތިފާޤުން އައިދަން ދޮރު ހުޅުވާލައިފައި ނިކުތް ގަޑީގަ އެވެ. ކުރިމަތިން އެމީހުން ފެނުމުން އައިދަންއަށް ހުއްޓެވުނެވެ. އެކަމަކު ދެން އަނެއްކާ ވެސް އެމީހުން ކައިރިން ރެކިގެން ދާން ހިނގައިގެންފި އެވެ.

އާހިލް ކޮއްކޮގެ ފަހަތުން ދާން ފެށި ވަގުތު ރާމީން ވަނީ އައިރީން ކައިރިއަށް ކޮޓަރިއަށެވެ. އައިރީން ފުރަގަސްދީގެން ހުރީ ހަށަން ބަނދެލައިގެންނެވެ. އޭނަ ވަދެގެންދާ އަޑު އިވިގެން ވެސް ބަލައެއްނުލި އެވެ. އޭނަގެ ސަމާލުކަން ލިބުނީ ރާމީން ގޮސް ކުރިމައްޗަށް ހުއްޓި މުލައްދަނޑީގައި ހިފައިލީމަ އެވެ. ސިހިފައި ހަށަން މޮހައިލި ވަގުތު ދައްތަގެ މޫނުން ސުވާލުތައް ހުރީ ފެންނާށެވެ. ދައްތަ އޮޅުންފިލުވަން ބޭނުންވަނީ އޭނައާ އައިދަންގެ މެދުގައި ދެކެވުނު ވާހަކަ އެވެ.

ނަސީބަކުން އަންޖަލް ކުކުރާލުމުން އެވަގުތަށް އައިރީން ސަލާމަތްވި އެވެ. ދަރިފުޅު ނިންދަވަން އަތުން މަޑުމަޑުން ފިރުމައިލަ ފިރުމައިލާ ހުރި އޮތް ވަގުތުކޮޅު ވިސްނައިލަން ލިބުނެވެ. ތެދުވެ ހިންދެމިލީއިރު އަނެއްކޮޅުން އާހިލް އައިސް ދޮރުގައި ޓަކި ޖަހައިފި އެވެ. ރާމީން ދޮރު ހުޅުވާލުމުން އާހިލް ވަނީ ތަންކޮޅަށެވެ. ދެން ހުއްޓިއްޖެ އެވެ.

"ޔޫ ރިޖެކްޓެޑް ހިމް." އާހިލް އެސުވާލުކުރީ އައިރީންގެ ޖަވާބަކަށް އެދިގެން ކުރި ސުވާލެއްގެ ގޮތުގައެއް ނޫނެވެ.

"ކީކޭ ތިކިޔަނީ؟ ރީން ދެކޮޅުހެދީއޭ؟" އާހިލްގެ ފަހަތުން ކަހަލަ ގޮތަކަށް ރާމީން ވާހަކަދެއްކި އެވެ.

ޖަވާބުދިނުމުގެ ބަދަލުގައި އައިރީން ގޮސް އިށީނދެލީ އެނދުގަ އެވެ. އޭނަ އެއްއަތުން ނިއްކުރި މޮޑެލާފައި ތިރިކޮށްލައި ދެއަތް އެކީ އުނގުތެރެއަށް ލައިގެން ބަލަން އިނެވެ. އާހިލް އާއި ރާމީން އެކަކު އަނެކަކަށް ބަލާލުމަށްފަހު އައިސް ރާމީން ކޮއްކޮގެ މަގަތުގައި އިށީނދެލި އެވެ.

"އެއްވެސް މީހެއްގެ ޕްރެޝަރުގަ ނުޖެހި ރީން އެކަނި ނިންމި ނިންމުމެއް ކަމަށް ވަންޏާ އާހިލްބެ މިހުރީ ރީންއަށް އެއްބާރުލުން ދޭގޮތަށް. ނަވާލް އަކ ވަރަށް ރަނގަޅު ޒުވާނެއް. ކޮއްކޮއަށް ވިއަސް އަހަރެން ބުނާނީ އައިދަންއަށްވުރެ މާ އުފާވެރި ދިރިއުޅުމެއް ނަވާލް ހޯދަދޭނެ އޭ..." އާހިލް ވާހަކަދެއްކި އަޑު އިވުނެވެ.

އެވަގުތު ރާމީންއަށް ލިބުނު ސިހުމުގައި އާހެއްގެ އަޑު އިއްވައިލެވުނެވެ. އެކަމަކު ދެކޮޅަށް އޭނަ އެއްވެސް އެއްޗެއް ނުބުނެ އެވެ. އައިރީން އިރުކޮޅަކުން އިސްއުފުލާލައިފައި ހަތަރުކަޅި ހަމަކޮށްލި ވަގުތު އާހިލް ފަދައިން އެއްބަސްވުމުގެ ގޮތުން ބޯޖަހާލައިފައި އޭނަގެ ކޯތާފަތުގައި އަތް ޖައްސާލައި ހިނިތުންވެލި އެވެ. އައިރީން އެހުރިހާއިރު ހިފަހައްޓައިގެން ހުރި އިހްސާސްތައް ބަންޑުންވީ އެގަޑީގަ އެވެ. ދައްތަގެ އަތާއެކު ކޯތާފަތުގައި ހިފަހައްޓައިލެވުނު ވަގުތު ލޯ ފުރިގެން ކަރުނަ އަތުވެއްޖެ އެވެ. އެކަމަކު އެއީ ހިތާމައިގެ ކަރުނައެއް އަދި އުފާވެރިކަމުގެ ކަރުނައެއް ވެސް ނޫނެވެ. އެއީ އެތައް ދުވަހަކަށްފަހު އިންސާފު ލިބުމުން އައި ކަރުނަ އެވެ. އެތައް ދުވަހެއްވީ ޒަޚަމްތަކަށް ޝިފާ ލިބުމުން އައި ކަރުނަ އެވެ. އެހިތުގެ ހަމަޖެހުން ނަގާލައި މޭގައި ނުފިލާވި ރިހުމާއި ނުތަނަވަސްކަން ނެތި އުދުހިގެން ދިއުމުގެ ނަތީޖާ އެވެ. ދެން އޭނައަށް މާޒީގެ އަނދިރިކަން ހަނދާން ނައްތާލައިފައި މުސްތަޤްބަލާއިގެން ކުރިއަށް ދެވިދާނެ އެވެ.

"މިކަމާ އައިދަންއަކާ އެއްވެސް ގުޅުމެއް ނެތް. މީ އަހަރެން އައިދަން ދަށްކޮށްލަން ނޫނީ އޭނަ ދެރަކޮށްލަން ކުރާ ކަމެއް ނޫން. އަހަރެން ރީންއާ އިންނަން ބޭނުންވަނީ އުމުރަށް އެކީ އުޅެން... އަހަރެން ވަރަށް މަސައްކަތް ކުރާނަން އޭނަ އުފަލުގަ ބަހައްޓަން. އަދި އަންޖަލްއަށް ބައްޕައެއްގެ ލޯބި ދޭނީ އެއީ އަހަރެން އަމިއްލަ ދަރިއަކު ކަމުގައި ދެކިގެން. އެކަމަކު އައިދަން ވެސް ބާކީކޮށެއް ނުލާނަން. އޭނައާ އޭނަގެ ދަރިފުޅުގެ މެދަށް ހުރަހަކަށް ނުވާނަން. އޭނަ ބޭނުމިއްޔާ އޭނައަށް އޮންނާނެ އަންޖަލްއާ ގުޅުން ބޭއްވުމުގެ ފުރުސަތު.." ބައްޕަގެ ސުވާލުތަކަށް ޖަވާބުދެމުން ނަވާލް ކިޔައިދިނެވެ.

އޭނަގެ ކޮންމެ ލަފްޒެއްގައި ތެދުވެރިކަންވި އެވެ. އެކަން އޭނަގެ މޫނާއި ލޮލުން ވެސް ހުރީ ފެންނާށެވެ. އަދި އަބްދުލްހަންނާނުއަށް އަމިއްލަ ދަރިފުޅު އެނގެ އެވެ.

"ބައްޕަ ޝައްކެއް ނުކުރަން ނަވާލް އަންޖަލްއަށް ބައްޕައެއްގެ ލޯބިދޭނެ ކަމާއިމެދަކު އެއް. އަދި އައިދަންއަށްވުރެ ދެގުނަ ރަނގަޅަށް އަންޖަލްއާއި އަންޖަލްގެ މަންމައަށް ބަލާނެކަން ވެސް އެނގޭ. އެކަމަކު ދަރިފުޅާ! އެއްއާއިލާއެއްގެ ގޮތުގައި އުޅެން ބަލާއިރު ނިކުންނާނެ މައްސަލަތައް ހަނދާން ނައްތައިލާފަ އަވަސް އަރުވާލައިގެން ކަމެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން..." އަބްދުލްހަންނާނު އިށީނދެއިން ގޮނޑިއަށް ގެނބިލަމުން އެއް އަތުން ނިތުގައި އަތް ހާކައިލި އެވެ.

ނަވާލް ހިމޭނުން އިނދެލާފައި އެވާހަކައަށް ދިން ޖަވާބު އިވުމުން ކުއްލިއަކަށް އަތްތިރިކޮށްލާފައި ބަލައިލެވުނެވެ.

***

ގޭގެ ބެލް ޖަހާ އަޑު އިވުނީ އައިރީން ބަދިގޭގައި ހުއްޓަ އެވެ. އޭރު އަންޖަލް ކައިރީ ކޮޓަރީގައި ވީ ރާމީން އެވެ. ކެއުން މެދުކަނޑައިލުމަށްފަހު ތުން ފުހެލާފައި އޭނަ ގޮސް ދޮރު ހުޅުވައިލި އެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular