21 Jan 2021

އިންނާނެ މީހަކު

By: Mariyam Yasma

އަހަރެންގެ ނަމަކީ ހޭޒަލް އިސްމާއީލް އަމީނެވެ. އުމުރުން ސައުވީސް ފުރި ފަންސަވީހަށް އަޅައިފިއެވެ. އަދި އަހަރެން ކައިރީ އެއްގޮތަކަށް ވެސް އަހައިގެން ނުވާނެ ސުވާލަކީ އަހަރެން މީހަކާ އިންނަނީ ކޮންއިރަކުންތޯ އެވެ. އޭގެ ޖަވާބުގައި އަހަރެން ބުނާ އެއްޗަކުން ލަދުގަންނަން ޖެހޭނީ އެ ސުވާލުކުރި މީހެކެވެ. އެ ސުވާލު ނުކުރެވުނު ނަމައޭ ހިތަށް އަރާނެކަން ޔަޤީނެވެ.

"ހާދަ ރަނގަޅޭ އެހާ ދުވަސް ފަހުން އަލަށް ބައްދަލުވީމަ ހާލު އަހައިލީތީ. އަހަރެން ހަމަ ބަރާބަރު..." ޗުއްޓީއަކަށް ރަށަށް ގޮސް ހުއްޓާ ވަރަށް ދުވަސް ފަހުން ކުރީގެ އެކުވެރިއަކު ދިމާވެގެން އެހެން އަހައިލުމުން އަހަރެން ދިން ޖަވާބަކީ އެއީއެވެ. ވަގުތުން އޭނަ ލަދުގަނެގެން ފާޑަކަށް ހީގަތެވެ. އޭގެ ފަހުން މަގެއްގެ މަތިން އަހަރެން ފެނުނަސް ކައިރިއަކަށް ނާދެއެވެ.

"ހައްވަ ދައިތަ އަޅެ ހާދަ ރަނގަޅޭ ތިގޭ ޞޯދިގު ބޮއިގެން ފަޓްލޫނު ފައިބާފަ ހުރެގެން ރޯނެއްގަ އަޅާފަ އޮތް މީހަކުހެން އެލިފަ އޮތް ވީޑިއޯ މުޅި ފޭސްބުކުގަ. އެކަމަކު ވެސް ހައްވަދައިތަ ތި ވިސްނަނީ އަހަރެން މީހަކާ ނީނދެހުރީމަ އެކަމާ.. އަހަރެން ހަމަ އުފަލުން ރޮވޭވަރު ވެއްޖެ..." އަވަށްޓެރި ހައްވަ ދައިތަ އަހަރެން ކައިރީ އެސުވާލުކުރި ދުވަހު ދިން ޖަވާބަކީ އެއީއެވެ.

ހައްވަ ދައިތަ ދެލޮލުން އަލިފާންކަނި ބުރުވަމުން ގޮސް ގެއްލުނެވެ. ފަހުން އައިސް މަންމަ ކައިރީ ކުޓުވާލިއެވެ. ނަތީޖާއަކަށްވީ މަންމަގެ ރުޅިއާ ކުރިމަތިލާން ޖެހުމެވެ. މަންމަ އެހުރިހާ ހަޅޭކެއް ލެވިއިރު އަހަރެން އިނީ ހެޑްސެޓު އަޅާލައިގެން ނިކަން އަރާމު އޯޑިއޯ ފޮތެއް އަޑުއަހާށެވެ. ދުރުގައި ހުރެ ހަޅޭތްލަވަލަވާފައި މަންމަ އައިސް އަހަރެން ކުރާކަމެއް ފެނިގެން ކަންފަތުގައި ހިފާ އިރާލީނުން އެކަންފަތް މިހާރު ވީ ގޭދޮށުގައި ހުރި ފޭރުގަސްދޮށުގައި ވަޅުލާފަ އެވެ. މަހާނައެއް ހަދާފައި ފިލާކޮޅެއްގައި "ހޭޒަލްގެ ކަންފަތް" ޖަހާފައި ބަހައްޓާފައި ހުއްޓާ މަންމަގެ ލޮލުގައި އަޅައިގަތެވެ. މަންމަ އިލޮށިފަތި ނެގުމުން ގެއިން ނިކުމެގެން ގޮސް އަހަރެން އިނީ އެ ދުވަހު އިރު އޮއްސެންދެން އެކުވެރިއެއްގެ ގެއެއްގަ އެވެ. ގެއަށް އައީ އަނދިރިވީފަހުން ސިއްރުންނެވެ. އައިސް ވަދެ ކޮޓަރި ތަޅުލައިގެން ނިދީ އެވެ.

"ހަފްސާގެ ފިރިމީހާ އަދުހަމް އަކީ އަހަރެން ކުޑައިރުއްސުރެ ހިތްކިޔައިގެން އުޅޭ ފިރިހެނަކީ. އެކަމަކު އަދުހަމްވެއްޖެ ހަފްސާއާ އިންނަން. އަޅެ އޭނަ އަހަންނާއި ދެއަންބަށް އިންނަން ހުއްދަ ދީބަލަ ހަފްސާ!" ހަފްސާ އަހަންނާއި އެންމެފަހުން ވާހަކަދެއްކި ދުވަހަކީ އަހަރެން އޭނައަށް އެޖަވާބު ދިން ދުވަހެވެ.

މަންމަ ބުނިގޮތުން ވިއްޔާ މިހާރު ރަށުގެ އާބާދީގެ ބޮޑުބައެއް މަންމައާ ރުޅިވެއްޖެ އެވެ. އަށްހާސް މީހުންގެ އާބާދީއެއް އުޅޭ ރަށެއްގައި އެންމެން މަންމައާ ރަތްޓެހި ވާނީ ކިހިނަކުން ހެއްޔެވެ؟ ތެދެއް ބުނަން ހެއްޔެވެ؟ އަހަރެންގެ މަންމަ އަކީ ވާހަކަ ދައްކާއިރު ބޮޑުކޮށްލާފައި އިތުރުކޮށްލާފައި ވާހަކަދައްކާ މީހެކެވެ.

ހެނދުނު އަހަރެން ނުތެދުވެ ނިދަން އޮތް ދުވަހަކު ވިއްޔާ އައިސް ގޮވާނީ މިހެންނެވެ. "އަޅެ މީހަކު އަންތަރީހެއް ނުވާނެތަ އެއޮއްގެން ބާރަޖެހީއޭ. އަންހެންކުދިން ނިދަން އޮންނަ ގަޑިއެއް ނޫނޭ މީ..."

މަންމަ އެހެން ބުނާއިރު ވެސް ގަޑިން ޖަހާނީ ދިހައެއް ނޫނީ ނުވައެއްކަން އަހަންނަށް އެނގެއެވެ. މަންމަ ދޮރު ޖަހާފައި ދިއުމުން ބަލައިލާއިރު ހަޤީޤަތުގައި ވެސް ޖަހާނީ ދިހައެކެވެ. އަހަރެން އަދި ބައިގަޑިއެއްހާއިރު ނިދާލައިފައި އޮންނަން ނުކެރިގެން ތެދުވެގެން ދާއިރު މަންމަ ބައިގަޑިއިރު ކުރިން ގޮވަންފެށި ގޮވެލިފަތި އަދި ހަމަ ދާނީ ކުރިއަށެވެ.

"މާލޭގަ ކިޔަވަން ހުއްޓަކަސް މާލޭ ބޭފުޅަކަށް ވީއެއްނޫން ވިއްޔަ. ކަލޭމެނަށް އަޅެ ނުފެންނަނީތަ އެހެން އަންހެންކުދިން އުޅޭގޮތް. ބޮޑު ފަތިހާ ތެދުވެ ގޭދޮށް ކުނިކަހާ ސައިހަދާ ނިންމާފަ އެހުންނަނީ ހަތެއް ޖަހަންވާއިރަށް....އިންނާނެ މީހަކުވެސް ނުވަނީ ނުވާން ވެގެން. އަހަރުމެން ތިއުމުރުގަ ތިން ދަރިން ލިބިއްޖެ." މަންމަ އަބަދުވެސް ދައްކާނީ އެއް ވާހަކަތަކެކެވެ. އަބަދުވެސް އަޅާކިޔާނީ އަހަންނާއި ކޮންމެވެސް އަވަށްޓެރިއެއްގެ ދަރިއަކާ އެވެ.

"އެކަމަކު އިއްޔެ އަހަރެން ހޭލައިގެން ދިޔައިރުވެސް ހައްވަދައިތަގެ ނީމާ އޮތީ ތަންމަތީގަ... މަންމައަށް އެނގޭތަ އޭނަ ކޮންމެ ގޮތަކަށް އުޅުނަސް މިރަށު ފިރިހެނުން އޭނަ ފަހަތުން ދުވަނީ ދޮންވެފަ ރީތި ވީމަ. އަދި ކޮންމެ ފިރިހެނަކަށް ސެޓުވާތީ. ކިތަންމެ ކާމިޔާބަސް އިނދެވޭނީ އެންމެ ފިރިހެނަކާ.." މަންމަ އިތުރަށް ރުޅި އަރުވައިލަން އަހަރެން ބުނެލަނީ އެކަހަލަ ކޮންމެވެސް އެއްޗެކެވެ. މަންމަ ގާތަށް އަންނަ ރުޅިން އަހަރެން ކާންއިންނަ ތަށި އަތުލާފައި އެތަނުން ފޮނުވައިލި ދުވަސް މަދެއް ނުވާނެ އެވެ.

***

ސެލޫން ތެރޭގައި ހުރި އޭސީ ހުރީ މައްސަލަޖެހިފަ އެވެ. އެހެންވެ ވާ ފިންޏަށްވުރެ ހޫނުގަދަ އެވެ. މެގަޒިންއެއް ހުޅުވާލައިގެން އޭގައިވާ ފޮޓޯތަކަށް ސަމާލުކަންދެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އަހަރެން އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި އަހަރެންގެ އެކުވެރިޔާ ފަޒީ އިނެވެ.

ދިގު އިސްކޮޅަކާއި މޮޑެލްއެއްގެ ހަށިގަނޑެއް ލިބިފައި ވުމާއެކު ފަންފަން ރީތި ދިގު އިސްތަށިގަނޑަކާއި ރީތި ބޮޑު ދެލޮލެއް ޤުދުރަތުން ފަޒީއަށް ލިބިފައިވެ އެވެ. އެހާ ހަން އޮމާނެވެ. މޫނުގައި ބިއްސެއް ޖަހައިގެން ދުވަހަކު އުޅޭތަނެއް ނުފެނެއެވެ. އެކަމަކު އޭނަގެ އެނަސީބު އެއްވެސް ގުޅުމަކުން ނުފެނެއެވެ. ފަޒީގެ މަންމަ އާއި ބައްޕަ ހުންނަނީ ވަރިކޮށްފަ އެވެ. އޭނަ އުޅެ ބޮޑުވީ ދެފަހަރު ދެ ގޭގައި ގަނަތެޅެމުންނެވެ. ކައިވެންޏަކާއި އެންމެ ގާތަށް ދެވުނީ ދެއަހަރު ރަތްޓެހިވެގެން އުޅުނު ޒުވާނަކާއެކުގަ އެވެ. އެކަމަކު އިންނަންވީއިރު އެޒުވާނާގެ އިތުރު އަންބަކު ހުންނަކަން ފަޅާއަރައިފި އެވެ. އަހަރެން އެންމެ އަޖައިބުވާ ތަންކޮޅަކީ އެކިފަހަރު މަތިން ކޮޅުކެހި ލިބޭއިރުވެސް ލޯއްބަށް އޭނަގެ އެއޮންނަ އިތުބާރު ގުޑާނުލީމަ އެވެ. އެންމެ ގިނަވެގެންވެސް ހަފްތާއެއްފަހުން އައިސް ދައްކާނީ އެހެން ފިރިހެނަކު ރީތިވެގެން އެވާހަކަ އެވެ.

ސެލޫން ތެރޭ ބާކީ ހުރި ހަމައެކަނި ގޮނޑީގައި އިތުރު ކަސްޓަމަރަކަށް ޚިދުމަތްދިނުމުގައި އުޅެނީ އެވަގުތު ޑިއުޓީގައި ހުރި ލަންކާ ކުއްޖެކެވެ.

އަތްކެނޑި ކަޅު ޓޮޕަކާއި ކުރު ޖިންސް ސޯޓެއްގައި ހުރި އަންހެންކުއްޖާ ފެންނަ ފެނުމަށް ދިވެއްސަކާއި ތަފާތެއް ނެތެވެ. ކަޅު ލޮލަކާއި އާންމު ދިވެހިންގެ ހުންނަ މުށި ހަންގަނޑެކެވެ. އުނަގަނޑާއި ހަމައަށް ދެމިފައިވާ ބާނިތަކެއްފަދަ އިސްތަށިގަނޑު ހުރީ ބުޑުދަށުން ފެށިގެން މެދާކަށް ހަމައަށް ގަދަމުށި ކުލަ ޖައްސާފައި އޭގެ ތިރި އެކީއެކަށް ފިޔާތޮށި ކުލަ ޖައްސާލައިފަ އެވެ. ނިދިއަންނަ ގޮތްވެ ލޯމެރިފައި އިން އަންހެންކުއްޖެއްގެ އިސްތަށިގަނޑުގައި ކޮންމެވެސް ކުލައެއް ހާކަމުން އިރުއިރުކޮޅާ އަނގައިގައި އޮތް ޗުއިންގަމްއިން ބޮކި ހަދާފައި ފަޅައިލާ ވަގުތު އެއަންހެންކުއްޖާ ސިހިފައި ހޭލަ އެވެ. އަތުގައި އޮތް މެގަޒިންއަށްވުރެ އެމަންޒަރުން މުނިފޫހިފިލަ އެވެ.

"ކޮބާ ބޮލުގަ ޖައްސާނެ ކުލައެއް އެނގިއްޖެ..." މެގަޒިން ތިރިކޮށްލާފައި ފަޒީގެ މޮޅިވެރި މޫނަށް ބަލައިލަމުން އަހަރެން އެހީމެވެ.

އޭނަ އޭރު ވެސް އިނީ ފޯނުގައި ލޯޖަހައިގެންނެވެ. އަދި އޭނަ މިހާރުވެސް އެއިނީ ހަތަރު ދުވަސްކުރިން ރުޅިވި ލޯބިވެރިޔާގެ އިންސްޓަގްރާމް ޕްރޮފައިލް ހާވަންކަން އަހަންނަށް ޔަޤީނެވެ. އެހަތަރު ދުވަސްވެސް ފަޒީ ހޭދަކުރީ ކޮޓަރީގައި ހާލިހަދައިގެން އެތާގައެވެ. އޭނަ ބޭރަށް ނެރެން ޖެހުނީ އަހަންނާއި ދިޔާނާވެގެން ގަދަކަމުންނެވެ. އޭގެ ކުރިން ރުޅިވި ކުއްޖާ ދޫކޮށްލުމުން އޭނަ އެހާ ލޯބިން ދިގުކޮށްގެން އުޅޭ އިސްތަށިގަނޑު ކޮށައިލީ ކިރިޔާ ކަނދުރާގައި ކޭއްތިލާ ވަރަށެވެ. ދެން ފަހަރު ކުލަބަދަލުކޮށްލީ ގަދަ މުށި ކުލައަށެވެ. މިހާރުދެން ކޮންމެ ބްރޭކްއަޕް އަކާއެކު "ގެޓްއޯވާ" ވާން އޭނައަށް ބޭނުންވަނީ ބަދަލެކެވެ. މާގިނައިން ތަކުރާރުވާން ވެއްޖެއްޔާ އުމުރުން ސާޅީހަކަށްވާއިރު ބޮލުގައި އިސްތަށްޓެއް ހުންނާނެކަމެއް ނޭނގެއެވެ. ވަގުތުން ހިޔާލަށް އައީ ތަލަވެފައި ހުރި ފަޒީއެވެ. އަބަދުވެސް ކަންކަމާއި ވިސްނާއިރު އިސްތަށިގަނޑާއި ކުޅެން އާދަވެފައި ހުންނަ ކުއްޖާ ތަލަވެގެން އިސްތަށްޓެއްގައި އަތް ނުޖެހިގެން ތަލައިގައި ފިރުމައިލާ މަންޒަރެވެ. އަހަރެންގެ ހިނިގަނޑު ފަޅައިގެންދިޔަ އެވެ.

"ކިހިނެއްވީ؟" ފަޒީ ކުއްލިއަކަށް ފޯނުގެ ސްކްރީނުން ލޯ ވަކިކޮށްލާފައި ބަލައިލި އެވެ.

އަހަންނަށް ވާހަކަނުދެއްކިގެން ވައިގެތެރޭ އަތް ހޫރާލައިފައި ކަމެއްނޫނޭ ބުނީމެވެ. އެވަގުތު ނަސީބަކުން ސެލޫންގެ ދޮރު ހުޅުވާލައިފައި ކޮންމެވެސް މީހަކު ވަދެއްޖެ އެވެ. އެނބުރުނުއިރު ދިޔާނާއެވެ. އަހަރެން ހިތްހަމަޖެހުނެވެ.

އަހަންނާއި ދިޔާނާ އަދި ފަޒީ ފުރަތަމަ ބައްދަލުވީ އޭލެވެލް ހެދިއިރު ސީއެޗްއެސްއީންނެވެ. ފުރަތަމަ ބައްދަލުވުމުން އަހަންނާއި ދިޔާނާ އެކުވެރިންނަށް ވިއެވެ. ފަޒީއަކީ ކުރިއްސުރެ ދިޔާނާގެ އެކުވެރިއެކެވެ. އެހެންވެ ފަޒީއަކީ ދިޔާނާ ގުޅުވައިދިން އެކުވެރިއެކެވެ. ކިޔަވާ ނިންމާފައި އަހަރެން ފުރަތަމަ ބަދަލުވީ ރަށަށެވެ. ހަމަސް ފަހުން ދިޔާނާގެ އަލަތު ކައިވެންޏަށް ދައުވަތު ލިބުނެވެ. އެކަމަކު ކަމާ ކަންކަންފަށާ ބޮޑު ޚަރަދެއްކޮށްފައި މާލެ އަންނާކަށް އަހަރެންނަކަށް ނުކެރުނެވެ.. ހަމައެކަނި ދިޔާނާ ފޮނުވި ފޮޓޯތަކުން ފުއްދައިލީ އެވެ. ވަޒީފާއަކަށް ނުދާތީ މަންމަ އާއި ބައްޕަ ދޭ ޚަރަދުގައި އުޅެމުން ކޮންމެހެން މަޖުބޫރު ނުވާ އެއްވެސް ޚަރަދެއް ނުކޮށްވޭތޯ އަހަރެން ބަލަމެވެ.

ގިނަވެގެން އަހަރެއްހާ ދުވަހު ރަށުގައި ހުރެފައި އަހަރެން އެނބުރި މާލެ އައީ ކުރިއްސުރެ ޓީޗަރަކަށް ވުމަށް ދެކެމުން އައި ހުވަފެނުގައި ހަޤީޤީ ކުލަ ޖެއްސުމަށެވެ.

"ކޮބާ ކުލައެއް ފާސްވެއްޖެ...؟" ކައިރިއަށް އައިސް ހުއްޓެމުން ދިޔާނާވެސް ކޮށްލީ އަހަރެން ކުރި ސުވާލެވެ.

"ބަބްލްގަމް ޕިންކް...." މިނިޓަކަށްވެސް މަޑުކޮށްލުމެއްނެތި ފަޒީ ޖަވާބުދިނެވެ.

އަހަންނާއި ދިޔާނާއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ.

"ރަންކޮޅާ..." ދިޔާނާ ފަޒީގެ ކޮނޑުގައި ހިފާލައިފައި ވާހަކަދައްކަން އުޅުނެވެ. އެކަމަކު އޭނަގެ ވާހަކަ ފުރިހަމަނުވަނީސް ފަޒީ އޭނަ ބޭނުންވާ ގޮތް ސްޓައިލިޝްޓަށް އަންގައިފި އެވެ. ބުނެފި ގޮތެއްގައި ފަޒީ ހިފަހައްޓާނެކަން އެނގޭތީ އަހަރެން ނިންމީ އިތުރު އެއްވެސް އެއްޗެއް ނުބުނުމަށެވެ. އަނެއްކާވެސް އަތުތެރޭ އޮތް މެގަޒިން ހުޅުވައިލަމުން އަހަރެންގެ ސަމާލުކަން ހުއްޓައިލީ އެއަށެވެ. ދިޔާނާ އައިސް އިށީނދެލީ ޖެހިގެން ހުރި ގޮނޑީގަ އެވެ.

"ކޮންއިރަކުން ނިއު އެޕާޓްމެންޓަށް ބަދަލުވަނީ؟" ދިޔާނާ އިރުކޮޅެއް ވަންދެން ފޯނު ނަގައިގެން ހާވަން އިނދެފައި ހަނދާންވެގެން އެހިއެވެ.

"ވީކްއެންޑްގަ..." އަހަރެން ޖަވާބުދިނީމެވެ.

ބޯޖަހައިލުމަށްފަހު ދިޔާނާ އަލުން ފޯނަށް ގެއްލުނެވެ. ކުޑައިރުކޮޅެއް ފަހުން ސްޓައިލިޝްޓް އައިސް އަހަރެންގެ އެކުވެރިޔާގެ އިސްތަށިގަނޑުގައި ކުލަ ޖެއްސުމުގެ މަސައްކަތް ފެށިއެވެ.

ކޯހުގެ ބޮޑުބައެއް އަހަރެން ހޭދަކުރީ ކިޔަވާކުދިން ބަހައްޓާ ގޭގޭގަ އެވެ. މިހާރުވެސް މިއުޅެނީ ތިންވަނަ ގޭގައެވެ. ދައްތަމެން ގޯހެއް ނޫނެވެ. އެކަމަކު ކުޑަ ކޮޓަރިގަނޑެއްގައި ތަފާތު މިޒާޖުގެ ހައެއްކަކުދިން އެކީ އުޅެން ޖެހުމަކީ ވޭނެކެވެ. އެކަކު ނިދާގަޑީ އަނެކަކު ނުނިދާނެ އެވެ. ދައްތަމެން ނިދުމަށްފަހު އެދެން ކަންތަކާއި ލައްވާލީ އެވެ. އެންމެން ތިއްބާވެސް އެކަކު ބޯއިފްރެންޑް ގޮވައިގެން އައިސް ކޮޓަރިއަށް ވަދެފާނެ އެވެ. އެތަނުން ކޮންމެވެސް ކުއްޖަކު ބޯއިފްރެންޑް ގޮވައިގެން ވަދެ ކޮޓަރި ތަޅުލައިގެން އުޅޭތީ ކޮޓަރިއަށް ނުވަދެވިގެން ސިޓިންރޫމްގައި އަހަރެން ކިތަންމެ ރެއަކު އެބަ އިންނަމެވެ. ތާއްޔާ ޖެހި ޖެހިފައި ނިދޭއިރުވެސް ކޮޓަރި ދޮރެއް ނުހުޅުވާނެ އެވެ. އަހަންނަށް ހޭލެވޭއިރު ބައެއް ރޭރޭ ހުންނަނީ ފަތިސްވެފަ އެވެ. ކުރިން އުޅުނު ދެގެއިންވެސް ނިކުތީ އެކަހަލަ މައްސަލަ ތަކުގަ އެވެ. މިހާރު މިއުޅޭ ގޭގައިވެސް ވަކި ސަހަލެއް ނޫނެވެ. އަދި ހަމައެކަނި އެއް މައްސަލައަކުން ނިމުނީއެއް ނޫނެވެ. ކިޔަން ފަށައިފިއްޔާ ދެ ރޭ ދެ ދުވާ ވަންދެން މައްސަލަތަކުގެ ވާހަކަ ކިޔަންވީ އެވެ. އެކަމަކު ދުނިޔޭގައި އުޅެވޭނީވެސް ކެތްކޮށްގެންނެވެ. އިރުއިރުކޮޅާ ގެ ބަދަލު ކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. އެހެންވެ ހިންދިރުވާލައިގެން ހުންނަނީ އެވެ.

ކެތްތެރިކަމުގެ މޭވާ ފޮނި ވާނެއޭ މީހުން އާންމުކޮށް ބުނާ އަޑު އިވެއެވެ. އެކަމަކު މިހާ ފޮނިވެދާނެކަމަކަށް ހިއެއްނުކުރަމެވެ. މީގެ ތިން ދުވަސްކުރިން އަހަންނަށް ނުދަންނަ ނަންބަރަކުން ގުޅި އެވެ.

"ހަލޯ ހޭޒަލް؟ އެނގިއްތަ އަހަރެން؟ މީ އަޒްކާ..." އެކޮޅުން ވާހަކަދެއްކި އަންހެންކުއްޖާގެ ވާހަކަ ހުރީ މިހެންނެވެ.

އެނަމުން އަދި އަހަރެންގެ ސިކުނޑިން އެއްވެސް ރަނގަބީލެއް ނުޖެހިއެވެ. އެނަމުގައި ދަންނަ ގޮތެއް ނެތތެވެ. އަހަރެން ސިކުނޑިއަށް ބާރުލީމެވެ.

"އަދި ހަނދާނެއް ނުވޭ..." ޖަވާބުދިންއިރު ކުށްވެރިކަން އިހްސާސްވިއެވެ. ހީވަނީ ހަޤީޤަތުގައިވެސް ދަންނަ މީހަކު ހަނދާން ނައްތާލެވުނީ ހެންނެވެ.

"ނަޝާއާއެކު ދިޔައީމެއްނު އަހަރުން ގޭގަ އޮތް ޕާޓީއަކަށް..." އަޒްކާ ހަނދާންކޮށްދޭންވެގެން ބުނެލިއެވެ.

އޭނަގެ ޖުމްލަ ނިމުނުތަނާ އަހަރެން ހަނދާންވި އެވެ. ނަޝާއަކީ އަހަރެން ފުރަތަމަ އައިސް އުޅުނު ގޭގައި ކޯހެއް ހަދަން ހުރި ކުއްޖެކެވެ. އަދި މިހާރު އޭގެ ފަހުން ދެއަހަރު ފާއިތުވެގެން ދިޔައީއެވެ. އެކަމަކު ދާދި ފަހުން ނަޝާ މާލެ އައިސް އުޅެނިކޮށް އަހަންނާއި ދިމާވިއެވެ. ރަށުގައި އޭނަ އުޅެނީ ނަރުހެއްގެ ވަޒީފާގަ އެވެ. "ނަޝާއާ ދިމާވެގެން އޭނަ ބުނި ހޭޒަލް ބަދަލުވާންވެގެން ރޫމެއް ހޯދާ ވާހަކަ.. އެހެންވެ މިގުޅައިލީ... އަހަރެންގެ ހުންނާނެ އެޕާޓްމެންޓެއް. އަދި އަހަރެން މިއުޅެނީ އިންގްލެންޑަށް ފުރަން. އަހަރެން ބޭނުމެއް ނުވޭ ފްރެންޑަކަށް ނޫނީ ދޫކޮށްލާކަށް. ހޭޒަލް ނުޖެހޭނެ މިއަހަރު ނިމެންދެން ރެންޓްވެސް ދައްކާކަށް. އޯލް ޔޫ ހޭވް ޓު ޑޫ އިޒް ލުކް އާފްޓާ ދަ ޕްލޭސް ފޮ މީ..." އަޒްކާގެ ވާހަކަ އަހަން ހުރެގެން އަހަރެން ދެފަހަރު މަތިން އަމިއްލަ ކޮލުގައި ވިކައިގަތީމެވެ. ދެއަހަރު ކުރިން އަހަންނާއި އެންމެ ރެއަކަށް ދިމާވެ ވާހަކަދެއްކި ކުއްޖަކު ގުޅާފައި އަހަރު ދުވަހު ހުންނަން ހިލޭ އެޕާޓްމެންޓެއް ދިނުމަކީ ހުވަފެނެއްގައި ނޫނީ ވެދާނެކަމެއް ހެއްޔެވެ؟

ހިތް ބުނީ ކޮންމެވެސް ގޯހެއް އުޅެނީ ކަމުގައެވެ. ވިސްނައިލާނަމޭ ކިޔާފައި ފޯނު ބޭއްވީ އެހެންވެ އެވެ.

"ހޭޒް މޮޔަތަ ފަހުން ވިސްނައިލާނަމޭ ބުނީ؟ ކާކު އެކަހަލަ އޮފާއަކަށް ފުރަތަމަ ފުރުސަތުގައި އާނއެކޭ ނުބުނެ ފޯނު ބާއްވާނީ؟ ހޭޒްއަށް އެނގޭތަ އަޒްކާ އެބުނާ އެޕާޓްމެންޓް އެއީ ކޮން ބިލްޑިންއެއްގަ ހުރި ތަނެއްކަން؟ އެއީ މަށާ މަގޭ ފްރެންޑެއް ވެގެން އަބަދު ފާރަލާ "ސިލްވަރ" ބިލްޑިން. ބުނީމެއްނު އެތަނުން ދުވަހަކު ވޭކެންޓްކޮށް ލައްވާނުލައޭ. އެތަނުގެ ފަސސްވަނަ ފްލޯއޭ އަޒްކާ އެބުނީ...އެތާ ނޫޅޭނެ އާދައިގެ މީހަކު.. އަހަރު ދުވަހު އެތާ އުޅެލަންލިބުމަކީ ލޯޓްރީލިބުން ކަހަލަ ކަމެއް..."އަހަރެން އަޒްކާގެ ފޯނު ނިންމާފައި އެކުވެރިންގާތު އެވާހަކަ ދެއްކިހާއިރުން ފަޒީއަށް ގޮނޑީގައިވެސް ނީނދެވިގެން ތެދދުވެގެން އައިސް ޖަވާބުދިނެވެ.

އަދި ހަމަ ވަގުތުން އަހަރެންލައްވާ އަޒްކާއަށް ގުޅައިގެން އާބަސް ބުނުވައިފި އެވެ.

***

ގެއިން ނިކުންނަން ބެލިއިރު އަހަރެން ގެންދަން މާގިނައެއްޗެއް ނެތެވެ. އެންމެ ސޫޓުކޭހަކާއި އެންމެ ދެ ކަރުދާސް ފޮށިގަނޑެވެ. ދެން އަހަރެންގެ ބެސްޓްފްރެންޑް ދޮންދީދީ އެވެ. ދޮންދީދީއަކީ އަހަރެން ގެންގުޅޭ މަހެވެ. އަހަންނަށްޓަކައި ވަގުތު ހުސްކޮށްގެން ދިޔާނާ އާއި ފަޒީވެސް އައެވެ. ދިޔާނާ ހުރީ އަހަރެންގެ ފޮށި ހިފައިގެންނެވެ. ފަޒީ އަތުގައި އަހަރެންގެ ދޮންދީދީގެ ގެކަމަށްވާ ބިއްލޫރި ބޯތަށްޓެވެ. ދެފޮށިގަނޑު ގެނެސް ލިފްޓަށް އަރުވައިދިނީ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓަން މަސައްކަތްކުރާ މެދުއުމުރުގެ ފިރިހެނެކެވެ.

ފަސްވަނަ ފަންގިފިލާއަށް ދޮރު ހުޅުވުމާއެކު އެންމެ ފުރަތަމަ ނިކުތީ އަހަންނެވެ. -- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: އިންނާނެ މީހަކު

Popular