25 Feb 2021

އިންނާނެ މީހަކު

By: Mariyam Yasma

އޭނަ ލިޔެފައި އޮތް އެއްޗެއް ފެނިގެން އަހަރެން ގާތަށް ހިނި އަތުވެއްޖެ އެވެ. ސުކޫލް ނިންމާފައި އޭނައާ ބައްދަލުކުރަންވީޔޯލަ އެވެ. އަހަރެން މިހުރީ ބޮލުރޮދި ކެނޑިފައި ހެއްޔެވެ؟

އަހަރެން ހުސްމެސެޖެއް ފޮނުވައިލުމުން އައްފާން ހީވީ ޅަކުއްޖަކަށް އާވައްތަރެއްގެ ކުޅޭއެއްޗެއް ލިބިގެން ފޮނިވިހެންނެވެ. އެކަމަކު ހަމަ މެސެޖު ހުޅުވާލިހާއިރުން މޫނުމައްޗަށް ކަޅުވިލާ އަރައިފިއެވެ. ސުވާލު އުފެދިފައި ދެން ބަލައއިލީ އަހަންނަށެވެ. އަހަރެން ކޮނޑުއަރުވާލައިފައި ކުރަން ފެށި މަސައްކަތަށް ސަމާލުކަން ހުއްޓައިލީމެވެ. ނަސީބަކުން އައްފާން އިތުރު ވާހަކައެއްނުދައްކާ އެތަނުން ތެދުވެގެން ހިނގައްޖެއެވެ. މައުސޫމާ ކުރިމަތީ އިނުމުން ކަމަށްވެސްވެދާނެ އެވެ. ކޮންމެސަބަބަކާއިހުރެވިއަސް އެވީ ހެޔޮކޮށެވެ.

ދުވަހުގެ ބޮޑުބައެއް ނަސީބަކުން އައްފާންއާ ދުރުގައި ހޭދަކުރެވުނެވެ. އެއްކުލާހުން ނިކުމެގެން އަނެއް ކުލާހަށް ވަންނަން ދިޔަގަޑީ ހޯލްތެރެއިން ފެނުނު ފަހަރުވެސް ފެނުނީ އަނގައިން ބުނާވަރަށްވުރެ ދުރުންނެވެ. ދޮރު ހުޅުވާލުމާއެކު މަސްމާރުކޭޓުގެ އަޑުފަތްގަނޑު އައިސް މޫނުގައި ޖެހުނުލެއްބާރުކަމުން ފަހަތަށްވެސް ދިޔައެވެ. މީހާ ހަމައަކަށް އެޅިލަން ބޮޑުނޭވާގެ ދެތިން ނޭވާ ބޭރުކޮށްލަން ޖެހުނެވެ. ކެތްތެރިކަމުގެ އިނާމު ހިތަށް އަރުވާލައިފައި ފޮނި އެންމެ ފޮނި ހިނިތުންވުމަކާއެކު ވަދެގެން ހިނގައްޖައީމެވެ.

ދަބަހާއި ފޮތްތައް މޭޒުމަތީ ބާއްވަން ކައިރިވެލީއިރު ޤައުމީ މަލެއް އޮތެވެ. ފެނުނުހާއިރުން ކުޅުދިޔާވިއެވެ. ފޮތްތަކާއި ދަބަސް މޭޒުގެ އެއްފަރާތެއްގައި ބަހައްޓާފައި މާ ނަގައި ވަސްކޮޅުދާހާ ގަދައަށް ވަސްގަނެލުމަށްފަހު ދުރުކޮށްލާފައި އެއްފަރާތުން ނައްޓާލި ފިޔަތައް އެކީ އަނގައައަށްލައި ހަފަން ފެށީމެވެ. ދަރިވަރުންކޮޅަށް އަހަރެން އެތަނަށް ވަންކަން އެނގޭތޯ ބަލައިލަން އިރުކޮޅަކު މަޑުކޮށްލަން ޖެހުނެވެ. ކިތަންމެ އިރަކު ހުއްޓަސް އެނގޭނީވެސް އެނގޭ ބަޔަކަށް ނޫން ހެއްޔެވެ؟ ކުރީ ސީޓުގައި ތިބޭ ބަސްއަހާ ކުދިންކޮޅުގެ ސަމާލުކަން ލިބުނެވެ. އެކަމަކު ފަހަތުގައި ސީޓުގައި ތިބި ޤުރޫޕް ހީވަނީ ދެންމެދެންމެ މާލޫދު ފަށައިފާނެ ހެންނެވެ. އެތަނުންވެސް އެންމެ ފާހަގަކޮށްލެވޭ އެކަކީ ސިދުޤީ އެވެ. އިސްކޮޅުން ދިގުކަމުން ސާދަ އަހަރުގައިވެސް ހީވަނީ އަށާރަ ވަރަކަށް އަހަރުގެ ސޮރެއް ހެންނެވެ. އުޅުމާއި ވާހަކަވެސް ހުންނަނީ އުމުރަށްވުރެ ދޮށީކޮށެވެ. އއަނގައިގަ ދަބަރުޖަހައިފާނެކަމުގެ ބިރަށް އަބަދުވެސް ޗުއިންގަމް ކިރުގަނޑެއް ނުގެންގުޅޭއިރެއް ނުދާނެއެވެ. އަތުން އިސްތަށިގަނޑު ރީތިކުރާވަރަށް އަންހެންކުއްޖަކުވެސް އިސްތަށިގަނޑަކާއި ނުކުޅޭނެއެވެ. މިސޮރުމެނަށްވާ ޗުއިންގަމް އެބަ ލިބޭތާއެވެ. އަހަރުން ކުޑައިރު އަހަރުން އަނގައިގައި ގެންގުޅެނީ ބަނބުކެޔޮ ކިރަށް ހަކުރު އަޅައިގެންނެވެ. ފޮނިކޮޅު ދާއިރަށް އަނނެއްކާ ހަކުރު އަޅަންވީއެވެ.

"ސިދުޤީ އިސްމާއީލް!" އަހަރެން ގޮވައިލީ ސިދުޤީގެ ސަމާލުކަން އެންމެ ފަސޭހައިން ލިބޭ މޭރުމުންނެވެ.

ސިދުޤީ އެކަމަކު ކަހާތަން ހިރުވާވެސްނުލިއެވެ. ކައިރީތިބި ކުދިން ހިމޭންކަން އިޚުތިޔާރުކުރިފަހުންވވެސް ސިދުޤީ ހުއްޓާނުލާ ކައިރީ އިން ކުއްޖަކާ ވާހަކަދައްކަނީއެވެ. އެފިރިހެންކުއްޖާވެސް އެއްފަހަރު ސިދުޤީއަށް ބެލިއްޔާ އަނެއްފަހަރު ބަލަނީ އަހަރެންގެ މޫނަށެވެ. މަދު ވަގުތުކޮޅެއްގެ ތެރޭ ގިނަކުދިންގެ ސަމާލުކަން ލިބިއްޖެއެވެ. އެންމެންވެސް އިންތިޒާރު ކުރަމުންދިޔައީ އަހަރެން އެހާލަތުގައި ކަންތައްކުރާނެ ގޮތެއް ބެލުމަށް ކަހަލަ އެވެ.

"ހަނާ ބުނީމެއްނު ބޮޑުވެގެން ވާން ބޭނުމީ ޓީޗަރަކަށޭ. ބުނެބަލަ ހަނާ މިވަގުތު މިސްގެ މަޤާމުގައި ހުރިނަމަ ސިދުޤީއާ ދޭތެރޭ ކަންތައްކުރާނީ ކިހިނެތް؟" އަހަރެންގެ ހަނާގެ ނަން ބުނިހާއިރުން ސިދުޤީ ބަލައިލިތަން ފެނުނީ ލޮލުކޮޅުންނެވެ.

ހަނާގެ ނަން އަހަރެން ގޮވި ހަމައެކަނި ސަބަބަކީ އޭނަ ޓީޗަރަކަށް ވާން ބޭނުންވުމެއް ނޫނެވެ. މުޅި ކުލާހުގައި ސިދުޤީގެ ސަމާލުކަން އަތުލެވޭނެ ހަމައެކަނި ކުއްޖަކީ އެއީކަން އިނގޭތީއެވެ. އެހެން އެކަކުވެސް ނުބަލާ ގަޑީގައި އޭނނަ ހަނާއަށް ބަލަން އިނދެ ސޮނިބާލާތީ އަހަރެން ދެކުނީމެވެ. ހަނާއަކީ ކުލާހުގައި އުޅޭ އެންމެ ރީތިކުއްޖާ އެކަންޏެއްވެސް ނޫނެވެ. އެންމެ ބަސްއަހާ އަދި އެންމެ މޮޅު އެކަކުވެސްމެ އެވެ.

" އައި ވިލް ތްރޯ ހިމް އައުޓް!" ހަނާ ވަގުތުން ބުނެލައިފިއެވެ.

އެންމެން އެއްފަހަރާ ހީގަތްއަޑުން ކުލާސްތެރެ ގުގުމައިލި އެވެ. އަހަރެން ބަލާލިއިރު ސިދުޤީ އަނެއްފފަރާތަށް މޫނު އަނބުރައިލަނީއެވެ. އެކަމަކު ކޯކަށިގަނޑު ހަރަކާތްކުރިގޮތް ފާހަގަވިއެވެ. ތިޔަ ކޯކަށިގަނޑު ނައްޓައިގެން ނައިސް ހުންނާނެ ބާވައެވެ. ދެން ފެނުނީ ފުންމައިގެން ތެދުވިތަނެވެ. އޭނަ ދުންޖަހާފައި ނިކުމެ ދޮރު ލައްޕައިލުމަށްފަހު އަހަރެން ބޭނުންވިފަދައިން ކުލާސް ކޮންޓްރޯލްގެ ދަށަށް ގެނެވުނެވެ. އެކަމަކު އެއީ ވަގުތީ ހައްލެއްކަން އެނގުނެވެ. ސިދުޤީވެސް ޖެހޭނީ އަހަރެންގެ މުށުތެރެއަށްލާށެވެ.

ގެއަށް ދިޔައިރު މާލޫދަށް ތައްޔާރުވުން އޮތީ ގޭގައެވެ. މާދުރުން މީރުވަސް އައިސް ނޭފަތުގައި ޖެހި ކުޅުދިޔާކޮށްލައިފިއެވެ. ދޮރާށިން ވަދެފައި ފުރަތަމަވެސް ރާސްތާ ސާފުތޯ ބަލައިލީމެވެ. މަންމައަށް ނުފެނި ބަދިގެ ހުރަސްކުރަން އުޅެނިކޮށް ބޮޑުއަޑުން އަހަންނަށް ގޮވައިފިއެވެ.

"ހޭޒަލް އިސްމާއީލް އަމީން!!!"

"މަންމަ އަޅެ ހެޔޮނުވާނެ ތިގޮތަށް އަހަރެންގެ ފުރިހަމަނަމުން ނުގޮވަފާނަންތަ؟ ތިހެން ގޮވައިލާ ކޮންމެފަހަރަކު އަހަރެންގެ ހިތް ހީވަނީ އައިސްއަލަމާރި ގަނޑުކުރާބައިގަ އޮންނަ އެއްޗެއްހެން. ދޮންދީދީ ބިންމައްޗަށް ވައްޓާލިއަސް ތެޅޭނީ މިވަރަކަށް..." އެނބުރި ބަދިގެ ދޮރާއި ދިމާއަށް ބަލައިލަމުން ޝަކުވާގެ ރާގެއްގައި އަހަރެން ވާހަކަދެއްކީމެވެ.

"އަޖައިބު! ހޭޒަލްއާ ވާހަކަދައްކަންވެސް މިހާރު މަށަކަށް ނޭނގެ. ބަލާބޮޑުކޮށް ތިވަރު ކުރީމަ ތީދޯ ކަންތައްކުރަންޖެހޭ ގޮތަކީ..." މަންމަ ގާތަށް ރުޅިއައިސްގެން ބަދިގެއިން ނިކުމެއްޖެއެވެ. އޭރު އަތުގައި ކޮންމެވެސް އެއްޗެއް އޮތެވެ.

"މަންމަ އަޅެ އަހަރެން ބަލާބޮޑުނުކުރިނަމަ..." އަހަންނަށް ބުނެވިއްޖެއެވެ.

"ދެމައިން ކޮންޒުވާބެއް ކުރާ ދުވަހެއް؟" އެންމެ ފައްކާ ގަޑިއަށް ބައްޕަ ކޮރުޖަހަމުން ވައްޓާލައިފިއެވެ.

ބަލާލިއިރު ދާހިލި ފޯވެގެން ދޮރާށިން ވަދެގެން އަންނަނީ އެވެ. ލައިފައިހުރި ޓީޝާޓުގެ މޭމައްޗާ ދިމާއިން ފަޅައިގެން ގޮސްފައިވާ ތަންކޮޅަކުން ހަންގަނޑު ފެނެއެވެ. އަޅެ އެހެން ނުބަހައްޓާ އެތާ ޕެޗެއް ނަމަވެސް އަޅާނަމައެވެ. މަސައްކަތު ހެދުމަކަސް ބޮޑުވަރުނޫން ހެއްޔެވެ؟

"އިސްމާލު ބުނާނެ ކޮން ޒުވާބެއްހޭ؟ މިއަދު ރޮށި ފިހަންބުނީމަ މީނަ މަށަށްކޮށްފަ ހުރި ޖެއްސުން މީ. ނިކަން ބަލާބަލަ! މި ހީވަނީ ހަމަ ޖަންގިޔަލެއްހެނެއްނު.." މަންމަގެ އަތުގައި އޮތް ރޮށި ބައްޕައާ އަހަރެންނަށް ފެންނާނެހެން ނިއއުޅާލާފައި ދައްކައިލަމުން ވާހަކަދެއްކިއެވެ.

އެބުނާހެން އެހީވަނީ ހަމަ ބޮޑުސިންގާ ޖަންގިޔަލެއް ހެންނެވެ. ވަގުތުން އަހަރެންގެ ހިނިގަނޑު ފަޅައިގެންދިޔަ އެވެ. މަންމަ އަލިފާންކަނި ބުރުވަމުން އަހަރެންގެ މޫނަށް ބަލައިލިއެވެ. ރޯނުވަނީސް އަހަރެން ދުވީ އެތެރެއަށެވެ. އަހަރެންއަދި ހިތުން ޑިޒައިންކުރީ ޤައުމުތަކެވެ. އަންނައުނު ޑިޒައިން ކުރުމުގެ ހުނަރުވެސް އެބަހުރިކަން އަދި މިއެނގުނީއެވެ. މުސްތަޤްބަލުގައި އެހެންވީމަ ކްލޯތިން ލައިންއެއްވެސް ނުހުޅުވޭނެކަމެއް ނޭނގެއެވެ.

ހެދުން ބަދަލުކޮށްލައިގެން ބޭރަށް ނިކުތީ ކާންވެގެންނެވެ. މަންމަ ކަމެއް ހަވާލުކުރާނެކަމަށް ހީވިއަސް ކަންވީ އޭގެ އިދިކޮޅަށެވެ. ހެނދުނު އަހަރެން ފިހެދިން ރޮށިތަކުގެ ރަހަ އަރުގައި ލީ އެވެ. އެހެންވެ އަހަރެން ގޯހެއް ހަދާފާނެތީ އަހަރެންގެ އެހީއެއް ބޭނުމެއް ނުކުރިއެވެ. އަހަރެންވެސް ކުރިކަމަކީ ބޮނޑު އުނދޯއްޔަށް އަރާ ހެއްލަން އޮތީއެވެ. ހައްވަދައިތަ ތިންފަހަރުމަތިން ކުރުކާލިކެނޑިއެވެ. އެއްފަހަރު ލޮނުފުޅި ހުސްވެފައި ހުރެގެން ލޮނުބަލައެވެ. އަނެއްފަހަރު އިނގުރު ނެތިގެންނެވެ. ދެން އައީ އަހަރުމެންގޭގައި ހުންނަ ތިޔަރަ ގަސްތަކުން ފަތްކޮޅެއްގެ ބޭނުމުގައެވެ. އެދައިތައަށް ތިޔަރަ ފަތް ގެނެސްދޭން މަންމަ ހަވާލުކުރީ އަހަންނާއެވެ. އެހާ އަރާމުކޮށް އޮވެފައި ތެދުވަންޖެހުނީއެވެ.

އެނބުރި އައިއިރު ހައްވަދައިތަ ބަދިގެ ދާރައިގައި އަތް އަޅުވާލައިގެން ހުރެ ނީމާގެ ކައިވެނީގެ ވާހަކައިން އަހަރެންގެ މަންމަގެ ޒަޚަމްތަކުގައި ލޮނުހާކަނީއެވެ. ދައިތަގަނޑަށް ނޭނގިގެން އުޅޭ އެއްޗަކީ ނީމާގެ ކައިވެންޏަކީ ހަމަ އިބިލީހުގެ ކައިވެނިކަމެވެ. މިހާރު އެހެން ކިތައް ފިރިހެނުންނާއި ގުޅުވައިގެން އެފޮނިއަނގަތަޅައިފިހެއްޔެވެ؟ ދައިތަގެ މިއަނގައާ ހުރެ މިރޭ ކެއުމުގައި މަންމަ މަޖުދީގެ ކިބައިން ކައިވެންޏަށް ނާހައިފިއްޔާ ވެދާނެއެވެ.

މަޖުދީ މަތިން ހަނދާންކޮށްލިހާއިރުން ހަނދާންނައްތާލެވިފައި އޮތް އެހެން ކަމެއް ހަނދާންވެއްޖެއެވެ. ފަތްކޮޅު ދައިތައަށް ދީފައި އަހަރެން އަވަހަށް ދުވީ ފޯނު ބަލައެވެ. ޗާޖު ފުލްވެފައި އޮތްއިރު އަދި ދިޔާނާގެ މިސްކޯލެއްވެސް އިނެވެ. ޗާޖަރާއި ވަކިކޮށްލާފައި އެކުވެރިޔާއަށް ގުޅާލައިގެން އަހަރެން އިށީނދެލީ އެނދުގައެވެ.

"ރެސްކިއުއަށް ދާންވީތަ؟" ފޯނު ނެގިހާއިރުން އަހަރެން އެހީމެވެ.

"ހާ! ހާ! ވެރީ ފަނީ... ކީއްވެތަ އަބަދު އަހަރެން އެހީއަށް ބޭނުންވެފައޭ ހިތަށްއަރަނީ..." ދިޔާނާ ސީރިއަސްވެލިއެވެ.

"ބިކަޒް އައިކެން ސީ ތްރޫ ޔޯ ވޮމެނައިޒާ އޮފް އެ ހަޒްބެންޑް..." ފިލްޓަރނެތް އަހަރެންގެ އަނގަގަނޑުން ނިކުތެވެ. ވަގުތުން ނިތުގައިވެސް ޖަހައިލެވިއްޖެ އެވެ. މިވަރުންދަންޏާ އަދި އަހަރުމެންގެ ގުޅުން ނުކެނޑޭނެ ކަމެއްވެސް ނޭނގެއއެވެ. އެއިރުން އަހަންނަށް ހެޔޮ ނަސޭހަތްދޭނެ މީހަކުވެސް ނުހުންނާނެއެވެ.

"ތިހެން ބުނީމައޭ މި ހަނދާންވީ ކުރީ ރޭ އަހަރުމެން ވަރަށް ސީރިއަސްކޮށް ވާހަކަދެއްކީ. އަހަރެން ބުނެފިން އޭނަ ބޭނުމިއްޔާ ހަލާލު ގުޅުމަކުން އިތުރު ކުއްޖަކާ ގުޅުނަސް ހެވޭ. ދެއިންބަށް އިންނަ ވާހަކަ މިބުނީ..." ދިޔާނާ ކުއްލިއަކަށް ހަނދާންވެގެން ކިޔައިދިނެވެ.

"ދެން؟...." އަހަންނަށް އިތުރު މޮޔައެއްނުގޮވެނީސް އަމިއްލަ ނަފްސް ހިފެހެއްޓީމެވެ. ވާހަކަދައްކަން ފުރުސަތު ދިނީ ދިޔާނާއަށެވެ.

"އައްދެ އެހެން ބުނިހާއިރުން މީނަ އޮފެންޑްވެއްޖެ ހީވީ އޭނަ ދުވަހަކު ނުކުރާކަމެއްގެ އިލްޒާމު ބޮލުގަ އެޅުވިހެން... ހޭޒްބުނާހެން ކިނބޫކަރުނަ އަތުވެއްޖެ ލޮލުންވެސް. އެންމެފަހުން އަހަންނަށް ޖެހުނީ މާފަށްއެދެން. ދެން ނޭނގެ އޭނަ މިހާރު ހިއެއްނުވޭ އެކަހަލަ އެއްވެސްކަމެއް ކުރާ ހެނެއްވެސް.. އެކަމަކު އަހަރެން އަބަދު މިހުންނަނީ ބިރުން. ކިހާ އަވަހަކަށްބާއޭ މި ބިލާހުން ހޭލެވި އިތުރު ކަންތައްގަނޑެއް ހިލޭނީ ހިތަށްއަރާފަ..." ދިޔާނާ އަސަރާއެކު ކިޔައިދިނެވެ.

"ރަނގަޅުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު..." އަހަރެން ބޭނުންވީ އެކުވެރިޔާގެ ހިތްހަމަޖައްސައިދޭށެވެ. އެކަމަކު ޔަޤީނާއި ގާތަށް އެނގޭ އެއްޗަކީ ސަންފާއޮނަކަށްލައިގެންވެސް ތެދުނުވާއެއްޗެހި ހުންނަކަމެކެވެ. ވާގޮތެއް ދެން ބުނެދޭނީ ވަގުތެވެ.

ދިޔާނާ ގުޅި މަޤްސަދު އަދި ކިޔައިދިނީ އޭގެ ފަހުންނެވެ. އަހަރެން އައްފާންގެ ޚަބަރު ދިންފަހުން އޭނަ ވިސްނީ އެކަމާއިއެވެ. ފަޒީ ފަދައިން ދިޔާނާވެސް މޮޔަ ވިސްނުން ގެންގުޅެން ފެށީއެވެ. އައްފާންއާ ބައްދަލުވުމުން އޭނަގެ ވާހަކަ ނުހުއްޓުވައި އޭނަގެ މަޤްސަދު އޮޅުންފިލުވަން ބާރުއެޅިއެވެ. ފަޒީ ބުނިހެން އައްފާންގެ ހިތުން ހަޤީޤަތުގައިވެސް އަހަންނަށްޓަކާ އިހްސާސްތަކެއް ވަނީކަމުގައި އޭނަވެސް ލަފާކޮށްފިއެވެ. ހިލަގަނޑެއްގައި އުފެދޭނީ ކޮން އިހްސާސެއް ހެއްޔެވެ؟ އަހަންނަށް ހީވަނީ މާލޭގައި ހުރިއިރު އަހަރެން ޖެއްސި ތުރާގެ ބަދަލުގައި އޭނަ އަހަރެން ސައިޒުކޮށްލަން ކޮށްގެން އުޅޭކަމެއް ހެންނެވެ.. ކޮންމެގޮތެއްވިއަސް އޭނަގެ ދޮގުން ފައިދާމިވަނީ އަހަންނަށެވެ.

ކެއުމަށް އަންނަން ދައުވަތުގެ މެސެޖުކުރިހާއިރުން އައްފާންގެ ޖަވާބު އައިލެއް އަވަހހެވެ. ކެތްނުވެގެން ގަޑިނުޖެހެނީސް ނައިސްހުރިއްޔާ ސާބަހެވެ.

ބައިގަޑިއިރު ކުރިން ޝެހެނާޒްމެން އަތުވެއްޖެއެވެ. ފަލަކްއައީ އޭގައިވާ ހުރިހާ ތަރިތައްވެސް ހިފައިގެންނެވެ. ސައުދާ ހުރީ ޕްރިންސެސް ހެދިފައެވެ. ޝެހެނާޒްވެސް އަލަތުކައިވެންޏަށް ފަރިވެފައިވާ އަލަތުއަންބަކަށް ދޫނުކުރެއެވެ. އަހަންނަށް ނިކުމެވުނީ ގޮޅިޖެހި ގަމީހަކާއި ޖިންސެއްގައެވެ. މަންމަގެ ބަހުރުވައިންނަމަ ގަޅިޖެހި ގަންޖުފަރާހަކާއި ފަރަންޖީ ތަތްކުރި ހަރުވާޅެކެވެ. އަހަރެން ފެނުނީއްސުރެ މަންމަ ފާޑުކިޔަން ފަށައިފިއެވެ. ބޯ ނާއްސާހުރުމުން ހަންޑިއަކާ ވައްތަރު ވާހަކައެވެ. ގަމީހާ ޖިންސާ ލުމުން އަންހެންވަންތަކަމެއް ނެތް ވާހަކައެވެ. ތުންފަތް ރަތްނުކޮށްގެން އެވާހަކަ އެވެ. މަންމަ ހުރީ ދުފައއިގެން ތުންފަތް ރަތްވެފައެވެ. ދެން އަހަރެން ކޮންރަތެއް ކުރާކަށް ހެއްޔެވެ؟ މަންމަ އެހުރިހާ ބަންޖެއްކީއިރު އަހަރެން އިވޭކަމަށްވެސް ނުހަދަމެވެ.

"ޝެހެނާޒް އަޅެ ހޭޒަލްއަށް ވިސްނައިދީބަލަ!" މަންމަ އެންމެފަހުން މަޑުންއިންނަ ގުރާގެ އެހީއަށް އެދެފިއެވެ.

މަންމަގެ ވާހަކަ އިތުރަށް ކުރިއަށް ގެންދެވޭގޮތް ނުވީ މަޖުދީ ދޮރާށިން ވަދެ ސަލާމް ގޮވާލީމައެވެ. މަންމަ ވަގުތުން ފުންމައިގެން ތެދުވިއެވެ. ދުވަހަކު ބައްޕަގެ އިސްތިޤުބާލުގައިވެސް އެހާ ޖޯޝްއެރިކަމެއް ނޭނގެއެވެ. ބޭރުތެރެ އަހަރެން ބަލައިލީ ކުޑަދޮރުގެ ބިއްލޫރިގަނޑުންނެވެ. ވަގުތުން އަހަންނަށްވެސް ތެދުވެވުނެވެ. މަޖުދީއާ އެކުއެކީގައި އެހެރަވަނީ އައްފާންއއެވެ. ދެވެރިން ހީވަނީ އެކީގައި އައިހެންނެވެ. އައްފާން ފެނިފައި މަންމަގެ ދިއްލިފައިވާ ވޮށެއްފަދަ މޫނަށް ހިޔަނިއެޅިއްޖެއެވެ. އަހަރެން ކުޑަކޮށް ހާސްވިއެވެ. މަންމަގެ ބޮލުން އަރާ އާވިން އެތާ ނޭވާ ލެވޭނެކަމެއްވެސް ނޭނގެއެވެ.

މަޖުދީ ހިތުން މަންމައަކަށް އައްފާންއެއް ނޭނގޭނެއެވެ. އެހެންވެ އަމިއްލަ އެކުވެރިއެއްގެ ގޮތުގައި އައްފާން ތައާރަފްކޮށްދީފިއެވެ. މަންމައަށް ޖެހުނީ ގަދަކަމުން ހިނިތުންވެލާށެވެ. އަހަންނަށް އެތަން ފެނުމުން މަޖާވިއެވެ. އެވަގުތު އައްފާން އަހަރެން ހޯދައިލިތަން ފެނިގެން ފާޑަކަށް ހިތް ތެޅިލިއެވެ. އައިސް ގެއަށް ވަންގަޑީ އޭނަގެ ލޮލާއި އަހަރެންގެ ލޯ ދިމާވިއެވެ. ވަގުތުން އެއްކަހަލަ ގޮތަށް ހިނިތުންވެއްޖެއެވެ. އަހަންނަށް އަތް މުށްކަވައިލެވުނެވެ. އޭނަ ހިނި އަންނައިރަށް އަހަރެން ގާތަށް އަންނަ ރުޅިއެކެވެ.

މަޖުދީ އިނުމުން އެކަކުވެސް އައްފާން އާއި އަހަރެންގެ ގުޅުމުގެ ވާހަކައެއް ނުދައްކައެވެ. އެކަމަކު އަހަންނަށް އިނދެވެނީ މަންމަގެ ކެތްތެރިކަން ކޮޅުންލައިގެން ބުނެލާނެ އެއްޗަކާއިމެދު ވިސްނާށެވެ.

"ހޭޒަލް ނުކަންތަ؟" މަންމަގެ އެދުމުގެ މަތިން ތަށިތައް ކައިރިކޮށްދީ އެންމެންގެ ޚިދުމަތުގައި ހުއްޓިލައިގެން ހުއްޓާ އައްފާން ކުއްލިއަކަށް އަހާލައިފިއެވެ.

ވަގުތުން ހުރިހާ ލޮލެއް އަހަންނަށް ހުއްޓުނެވެ.

"އާދޭ ކާން!" އައްފާން ދައުވަތުދިނެވެ. އަހަރެންގެ ހިތް އެދުނީ އެންމެކައިރީ ހުރި މުށިތަށިނަގާ އައްފާންގެ ބޮލާއި ދިމާއަށް ހޫރައިލާށެވެ. އެއޮތް އެންމެން ތިއްބާ ކޮންސަކަރާތެއް ހެއްޔެވެ؟ ފާޑަކަށް އަތްފައި ފިނިވެ ލަދުވެސްގަންނަން ފަށައިފިއެވެ.

"އެބުނާހެން އާދޭ އަހަރުމެންނާއި ބައިވެރިވާން!" މަޖުދީވެސް އަހަރެންނަށް ބަލައިލަމުން އައްފފާންގެ ވާހަކައަށް ބާރުދީ ބުނެލިއެވެ.

މަންމަގެ ރޫއަރާފައިވާ ނިތުން ރޫތައް ފިލައި ސާދަވިލޭރޭގެ ހަނދުހެން މިހިރަ ދިއްލުނީއެވެ. އަހަންނާއި ހަތަރުކަޅި ހަމަކޮށްފައި ބޯޖަހާލައިފިއެވެ.

އިށީންހާއިރުން ކޮންމެވެސް މީހަކު އަހަރެންގެ ފައިތިލައިގައި ކޮށްޓާލައިފިއެވެ. މޭޒުގެ އަނެއްފަރާތުގައި އަހަންނާއި ދިމާގައި ތިބީ އައްފާން އާއި މަޖުދީއެވެ. އެތަނުން ކާކުގެ ފައެއްކަން އެނގޭނީ ކިހިނެތް ހެއްޔެވެ؟ ޔަޤީންކުރަން އަހަރެން ބަލައިލީ އައްފާންއަށެވެ. އޭނަގެ ލާނެތް ލޮލުން ޖަވާބު އަންގައިދިނެވެ. ބަލާކަށް ނީނދެ އަހަރެންވެސް އޭނަގެ ފައިގައި ޖަހައިފީމެވެ. އައްފާންއަށް އެވަގުތު ތަދުވެގެން އަޑެއްލައްވާލައިފައި އެކަން ފޮރުވަން ކެއްސައިގަތެވެ.

އަހަރެން ކާމިޔާބުގެ ހިނިތުންވުމެއް ވެރިކޮށްލާފައި ފެށީ ކާށެވެ.

ނަސީބަކުން މާ ސީރިއަސް ވާހަކަތަކެއް އެތާ ނުދެކެވެއެވެ. ގިނަ ވާހަކަދެއްކީ މަޖުދީއާ އަހަރެން ބައްޕައެވެ. ދެން ފަލަކްއާއި އައްފާން ތިބި ބަސްމަދުވާ ތަންތަނަށް ބަސް އިތުރުކުރަން ކަހަލައެވެ. ފަލަކް އާއި އައްފާންގެ އޮތް އެކުވެރިކަންވެސް އެންމެނަށް އެވަގުތު އެނގުނެވެ. އައްފާން އައުމުން ހީވާގޮތުން މަންމަގެ ޕްލޭން ފަނިފެނަށް ދިޔައީއެވެ. ނޫނީ އެއީ މަޖުދީއަށް އޮތް މަޤާމު އަންގައިދޭން އަދި ގުޅުން ބަދަހިކޮށްލަން ދިން ދައުވަތަކަށްވެސް ވެދާނެއެވެ. މަންމަގެ ސިކުނޑީގައި އެނބުރޭ އެއްޗެއް އެކަކަށްވެސް ނޭނގޭނެއެވެ.

ފަހަރަކު މީހަކު ކައިނިމިގެން ތެދުވަމުން ދިޔައިރު އައްފާން އިނީ އެންމެފަހުން ތެދުވަންހެން ހީވިއެވެ. އެކަމާއިހުރެ އަހަރެން މަންމައަށްވެސް އިނީ އެތަނުން ނުދެވިފައެވެ. ބައްޕަ އުނދޯލީގައި އިނދެފައި ގޮވަން ފެށުމުން ތެދުވެގެން ދިޔައީ އަހަންނަށް އިންޒާރުގެ ބެލުމަކުން ބަލާލައިފައެވެ. ނިމިފައި ހުރުމުން އަހަރެންވެސް ތެދުވެއްޖައީމެވެ. އަހަރެން ގޮސް ތަށިތައް ދޮންނަން ހުއްޓާ އައްފާން އަތް ދޮވެގެން އައިސް އަހަރެންގެ ކައިރިއަށް ހުއްޓުނެވެ.

"ހެލްޕެއް ބޭނުންތަ؟" އައްފާންގެ އަޑު އިވުނީ އަހަރެންގެ ކަންފަތްދޮށުންނެވެ. ކަންފަތަށްވީ ފާޑެއްގެ ގޮތެކެވެ. ކަންފަތް ކަހައިގެންފިއެވެ.

އަހަރެން އަވަހަށް އިސްކުރުބަންދު ކޮށްލާފައި އެނބުރުނު ވަގުތު އެކްސިޑެންޓަކުން މޫނާއި މޫނު ނުޖެހުނީ ކިރިޔާއެވެ. ވަގުތުން މޭގައި އަތް އަޅައިލެވުނެވެ. އައްފާން ހިނިގަނޑެއް ޖަހާލައިފައި ނަސީބަކުން ފަހަތަށް ޖެހިއްޖެއެވެ. އަހަންނަށް ހަމަޖެހިލެވުނީ ދެނެވެ.

"ބޭކާރު ވާހަކަނުދައްކާ ބުނޭ އައްފާން ބޭނުންވެގެން ތިއުޅޭކަމެއް. ކީއްވެ އަހަންނަށް ތި އެހީވަނީ؟" ހަށަން ބަނދެލަމުން އަހަރެން ޖަވާބަކަށް އެދުނީމެވެ.

އައްފާން ވަގުތުން ސީރިއަސްވެއްޖެ އެވެ. "ތެދަށް ބުނިއްޔާ ޤަބޫލެއްނުކުރާނެ.."

"ބުނީމަ ދޯ އެނގޭނީ. ފޮނިނުވެ ބުނެބަލަ! އަދި ސަސްޕެންސް ލާންޖެހޭތަ ކޮންމެހެން؟" އަހަރެންގެ ކެތްތެރިކަން ކޮޅުންލާންފެށިއެވެ. ދެއަތް އުފުލާލައިފައި އައްފާން ގަމީސް މޭމަތީ ހިފާހިތުންވެސް ދެއަތް މުނިމުނިކަވަން ފަށައިފިއެވެ. އަމިއްލައަށް ނުބުނިއްޔާ ގަދަކަމުންވެސް ޖަވާބުހޯދަން ބޭނުމެވެ. އަދި އެޖަވާބަކީ ފަޒީމެން ނޫނީ ދިޔާނާމެނން އެކިޔާ ޒާތުގެ ޖަވާބަކަށް ނުވުމަށް އެދި ހާސްފަހަރު ދުޢާކުރަން ބޭނުންވިއެވެ. މި އައްފާންއެއް ރަށަށް އައިފަހުން ކުރިން ނުވާކަހަލަ އުދަނގޫ ގޮތްތަކެއް އެބަވެއެވެ. ފިއްލި ފިއްލި ކުޅޭއިރު އެގަންނަ ބިރާއި ނުތަނަވަސްކަން އަލުން އައިސް އަނބުރާ ވަށާލައިފިއެވެ. އަހަރެންގެ ކޮންޓްރޯލް ނެތިގެން ދިއުމަކީ އަހަރެން ދުވަހަކު ބޭނުންވާ ކަންކަމެއް ނޫނެވެ.

"އަހަންނަށް ހޭޒަލް ވަރަށް ކަމުދޭ. ވަރަށް ގަޔާވޭ...އައި" އައްފާން ޖަވާބުދިނެވެ.

ނުނިމޭ

ދިގު ވާހަކަ ވާހަކަ: އިންނާނެ މީހަކު

Popular