13 Apr 2024

މޭކަޕް ކޮށްގެން ކަސްރަތު ކުރުމުން ހަލާކުވާނީ މޫނު

މޭކަޕް ކޮށްގެން ކަސްރަތު ކުރުމުން ހަލާކުވާނީ މޫނު

ގަދަޔަށް ނުވަތަ ކޮންމެވެސް ވަރަކަށް މޭކަޕް ކޮށްލައިގެން ޖިމަށް ގޮސް ކަސްރަތު ކުރާތީ ވަރަށް ގިނައިން ފެނެ އެވެ. މިކަމުގެ ގެއްލުންތައް އެނގޭ ނަމަ މިކަން މިހެން ކުރާހެން ހިއެއް ނުވެ އެވެ.

އޭ އެންޑް އެމް ޔުނިވާސިޓީން ޖާނަލް އޮފް ކޮސްމެޓިކްސްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި މޫނުގައި މޭކަޕް ކޮށްގެން ހުރެ، ދާހިއްލާ ފަދަ ކަންކަން ކުރާ ނަމަ ހަންގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ. ހަންގަނޑުގެ ތެތްކަމުން ފެށިގެން ގޮސް "ސީބަމް" އުފެދުމާ ހަމައަށް މިކަމުގެ އަސަރު ކުރާކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

ހަންގަނޑުގައި ހުންނަ ޕޯސްތައް ނުވަތަ ލޯވަޅުތައް، ދާހިއްލުމުގެ ސަބަބުން މޭކަޕްތަކާ އެކު ބަންދުވެ ބިހި ނަގާގޮތް މެދުވެރިވެ އެވެ. އަދި ބައެއް މީހުންގެ ހަންގަނޑު ރަތްވެ އެވެ. މޫނުގައި ބިހި ނަގާ މީހުންނަށް މިކަން ކަން އިތުރަށް ގޯސްވާން ވެސް މެދުވެރިވެ އެވެ.

މިއީ ނިދުމުގެ ކުރިން މޫނު ދޮންނަން ޑާމިޓޮލޮޖިސްޓުން ދޭ އިރުޝާދުގެ ފަހަތުގައި އޮންނަ ސަބަބުތަކެވެ. މަރުވެފައި ހުންނަ ހަންކޮޅުތަކާއި ހަމުގައި ގުދުރަތީ ގޮތުން ހުންނަ ޕޯސްތަކަށް ގެއްލުން ލިބޭ މިންވަރު ބޮޑީ އެވެ.

ނަމަވެސް ކަސްރަތު ކުރަން ޖިމަށް ދާއިރު މޫނު ދޮވެ ހަންގަނޑުގައި އެއްވެސް އެއްޗެއް ނޫނގުޅާ ދިއުމަކީވެސް ބުއްދިވެރި ކަމެއް ނޫނެވެ. އެސްޕީއެފް އެންމެ ދަށްވެގެން 30 އަށް އަރާ ސަންސްކްރީނެއް އުނގުޅުން އެއީ މުހިންމު ކަމެކެވެ. އަދި ލޮލުގެ ކައިރި ރައްކާތެރި ކުރުމަށް އަވި އައިނެއް އަޅާށެވެ.

މޫނުގައި ހުންނަ ބައެއް ކަހަލަ ލަކުނުތައް ކޮންމެހެން ފޮރުވަން ބޭނުންވާ މީހުންނަށް އޮތް ރަނގަޅު ގޮތަކަކީ ޓިންޓެޑް ނުވަތަ ކޮންމެވެސް ވަރަކަށް ކުލައެއް ހުންނަ ސަންސްކްރީނެއް އުނގުޅުމެވެ. އަދި ކަސްރަތުކޮށް ނިމުމަށް ފަހު ރަނގަޅަށް މޫނު ދޮވެ ސާފުކުރަން ވާނެ އެވެ. މޫނުގައި އުފެދިފައި ހުންނަ ދާ އަދި ތެލާ އެއްވެފައި ހުންނަ ބެކްޓީރިއާ ފިލުވުމަށް ފަހު މޮއިސްޗަރައިޒް ކުރުން މުހިންމެވެ.

މޭކަޕްކުރުން

Popular