މަޝްހޫރު ތަރިން މި ފަދަ ބޮޑެތި ހަފްލާތަކުގައި ގޮސް ވަކި ކޮޅަކަށް ނުޖެހި މީގެން ކޮންމެ މީހެއްގެ ބޮޑެތި ޕްލެޓްފޯމްތަކެއް ހުރި އިރު، ދުނިޔޭގައި ހިނގަމުން މިއަންނަ އެންމެ ބޮޑެތި މައްސަލަތަކަށް ހޭލުންތެރި ކުރުވާ މުޒާހަރާ ނުކުރުމުގެ މައްސަލަ އަކީ މި ފަހަކަށް އައިސް އެންމެ ގަދަޔަށް ދެކެވޭ ވާހަކައެވެ.

މާ ބައިވަރު އެއްޗެހިތަކެއް ނުބުނެ ކޭޓް ބްލެންޗެޓް މި ކޮށްލި ކުޑަކުޑަ ކަމަކުން މި ވަރުގެ ބޮޑު ގުޑުމެއް ސޯޝަލް މީޑިއާއަށް އަރާފައި ވާއިރު މި ފަދަ ބޮޑެތި ހަފްލާތަކުގައި ހެދުން ސްޓައިލް ކުރާއިރު ބޮޑެތި މެސެޖުތަކެއް ދުނިޔެއަށް ދެވިދާނެކަން ވަރަށް ރަނގަޅަށް ހާމަވެއްޖެއެވެ. ހާއްސަކޮށް ކޭންސް ފިލްމު ފެސްޓިވަލް ހިނގަމުން ދާއިރު އަޑުގަދަކޮށް ހަޅުތާލުކުރުން މަނާކޮށްފައިވާ ވަގުތެއްގައެވެ.

ކޭންސް ފެސްޓިވަލަށް ދިޔަ ގިނަ އަދަދެއްގެ ސެލެބްރިޓިންތަކާ ހިލާފަށް ކޭޓް އަކީ އަބަދުވެސް މި މައްސަލަ އަށް ބަސް ބުނެ ފަލަސްތީނަށް ހިމާޔަތް ހޯދުމަށް ގޮވާލާ ސެލެބްރިޓީއެކެވެ. ކޭޓްގެ މި ރީތި 'ހައިޑާ އަކާމަން' ޑިޒައިންގެ ހެދުމުގެ އެތެރެއަށް ލާފައި ހުރި ބަތާނަ ފޮތިގަނޑު ފޮޓޯތައް ނަގަމުން ދާއިރު މަޑުމަޑުން ހިއްލާލާފައި ދައްކާލައެވެ. މި ފޮތިގަނޑު ހުރީ ފަލަސްތީނުގެ ދިދައިގައި ހުންނަ ފެހި ކުލައިގެ ޝޭޑުން ތައްޔާރުކޮށްފައެވެ. ހެދުމުގެ ކުރިމަތި ކަޅު ކުލައިގައި ހުރި އިރު ފަހަތް ހުރީ ހުދުކުލައިގައެެވެ. އަދި ކޭންސް ފެސްޓިވަލުގެ ރަތް ދޫލަމަތީގައި މިގޮތަށް ހުއްޓިލައިގެން ހުންނަ އިރު ދޫލައިގައި ހުންނަ ރަތް ކުލަޔާއި އެކީ ފަލަސްތީނުގެ ދިދަ ފުރިހަމައަށް ރަމްޒުކޮށްލައިދިނެވެ.