14 Jun 2021

ކްރުއެލާ: ތަފާތު ރީތި ހެދުންތަކެއް

ކްރުއެލާ: ތަފާތު ރީތި ހެދުންތަކެއް

ކުޑަ އިރުއްސުރެއް އެންމެން ދަންނަ ކާޓޫން "101 ޑެލްމޭޝަންސް" ގައި އުޅޭ ވިލަންގެ ކެރެކްޓާ އަށް އުފައްދާފައިވާ ފިލްމު "ކްރުއެލާ" ގައި އުޅޭ މި ކެރެކްޓާގެ ރީތި ހެދުންތަކުގެ ވާހަކަ ނުދައްކާ ދޫކޮށްލެވޭކަށް ނެތެވެ.

ފިލްމުގައި ކްރުއެލާ އަކީ ލަންޑަންގައި ދިރިއުޅޭ، ފެޝަން ޑިޒައިނަރަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ މީހެކެވެ. ލަންޑަނަކީ 1970ގެ އަހަރުތަކުގައި ދުނިޔޭގެ އެންމެ ބޮޑު އެއް ފެޝަން ކެޕިޓަލެވެ. ޖެނީ ބެވަން މި ފިލްމުގެ ކޮސްޓިއުމް ޑިޒައިން ކޮށްފައި ވަނީ އެޒަމާނުގެ ލަންޑަންގެ "އެޖީ ޕަންކް" ސްޓައިލް ދައްކުވައިދޭ ގޮތަށެވެ. އެގޮތުން ފާހަގަކޮށްލެވުނު އެއް ސްޓައިލަކީ ކްރުއެލާގެ މިލިޓަރީ ޖެކެޓެވެ.

ބެވަން އަދި އޭނާގެ ޓީމުން އެންމެ 10 ހަފްތާގެ ތެރޭގައި ހުރިހާ ކާސްޓުންގެ 277 ކޮސްޓިއުމް ތައްޔާރުކޮށްފައިވާއިރު، އެމާ ސްޓޯންގެ އެކަނި ވެސް 47 ހެދުމެއްގައި ފެނެ އެވެ. ފިލްމުގައި ގިނައީ އަހަރެމެން އެންމެން ވެސް އަލަމާރިތައް ފުރާލަން ބޭނުންވާ އަދި ދާނެތަނެއް ނެތަސް ލައިގެން އިންސްޓަގްރާމް ކޮށްލަން ބޭނުންވާ ކަހަލަ އާދަޔާ ހިލާފަށް ރީތި ހެދުންތަކެކެވެ.

ކްރުއެލާގައި ފެންނަ ގޮތްބޮޑު ހެދުންތަކަކީ އެލެކްޒެންޑާ މެކް ކުއީން އަދި ވިވިއަން ވެސްޓްވޫޑް ފަދަ މަޝްހޫރު އަވަންގާޑް ޑިޒައިނަރުންގެ ފަރާތުން އިންސްޕަޔާވެގެން އުފައްދާފައިވާ ހެދުންތަކެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު ވަނީ ބުނެފަ އެވެ. ފިލްމުގެ އެއް މަންޒަރުގައި ކުނި އުފުލާ ޓްރަކުން އެމާ ސްޓޯން ނުކުންނައިރު ލައިގެން ހުންނަ 40 ފޫޓުގެ ދިގު ހެދުން ވަރަށް ކަމުދެ އެވެ. އަދި އޭނާ ޑިޒައިންކުރާ ކަމަށް ފިލްމުގައި ދައްކާލާ ރަންކުލައިގެ ފިޓަޑް އާކިޓެކްޗަރަލް ގައުން ފެނުނު ވަގުތު ހެދުމުގެ ރީތިކަމާ މެދު އާޝޯހުވީ މީހުން މަދެއް ނޫނެވެ.

ކްރުއެލާ އޭނާގެ ކެރެކްޓާ ހުރިހާ ވާހަކަ ފޮތެއްގައި ދައްކައިދީފައިވާ ގޮތަށް ކަޅާއި ހުދުކުލައިގެ ޑެލްމޭޝަން ޑޯގްގެ ގަައިގައި ހުންނަ ޕެޓާން އިން ހަދާފައިވާ ހެދުން ފާހަގަކޮށްލެވެ. ބެވަން އަށް އެންމެ މުހިންމުވީ ކްރުއެލާގެ ކެރެކްޓާ ކަޅާއި ހުދާއި އަޅި އަދި ރަތްކުލައިން ދައްކާލަދިނުންކަން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ. ހުރިހާ ހެދުންތަކަކުން އެންމެންގެ ސަމާލުކަމަށް އައި ހެދުމުގެ އޯގެންޒާ ސްކާޓުގައި 5،060 މާ އަތުން ފަހައި ހަރުކޮށްފައިވެ އެވެ. ޕަންކް ސްޓައިލްގެ މި ހެދުންމުން އެކަނި ފެންނަންހުރި މަސައްކަތް އެހާ ހިތްގައިމެވެ.

ކްރުއެލާގެ ކެރެކްޓާގެ އިތުރުން ފިލްމުގައި "ދަ ބަރޮނަސް" ގެ ކެރެކްޓާ ލާފައިވާ ހެދުންތައް ފާހަގަކޮށްލާނަމެވެ. މި ކެރެކްޓާގެ ކޮސްޓިއުމްތަކަކީ ސްޓްރަކްޗަރަލް ޑިޒައިންތަކަކަށް "ޑިއޯ" ބްރޭންޑްގެ ހެދުންތަކުން އިންސްޕިރޭޝަން ލިބިގެން ކުރީގެ "ޑީވާ" ސްޓައިލްތަށް ދޭހަވާގޮތަށް ހަދާފައިވާ ޑިޒައިންތަކެެކެވެ.

ފިލްމުގެ ހެދުންތަކުގެ ރީތި ވާހަކައިގެ އިތުރުން މިހާރު ފެންމަތިވެފައި ވަނީ ކްރުއެލާގެ ކޮސްޓިއުމް ޑިޒައިނަރަށް ނޭނގި މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ރެގް އެންޑް ބޯން" އިން ޑިޒްނީއާ އެކު ބެވަންގެ ޑިޒައިންތަކަށް ނިސްބަތްވާ ގޮތަށް ނެރެފައިވާ އެ މީހުންގެ ލިމިޓެޑް އެޑިޝަން ކެޕްސުލް ކަލެކްޝަންގެ ވާހަކަ އެވެ.

ބެވަން ބުނި ގޮތުގައި މިއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ފިލްމަށް އޭނާ ޑިޒައިންކުރި ކޮސްޓިއުމްތަކަކީ އެެއްވެސް ގޮތަކަށް އެއިން އިތުރު ޕްރޮޑަކްޓުތަކެއް ހަދައި އޭނާ އަށް ކްރެޑިޓް ނުދީ އަދި އޭނާ އަށް ފައިދާއެއް ނުލިބޭ ގޮތަށް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ބުންޏެވެ.

ފެޝަން

Popular