15 Oct 2020

By: Ifraz Ali

އާ އައިފޯނެއް ތައާރަފުކުރާއިރަށް "ކިޑްނީއެއް ވިއްކާލައިގެން" ނޫން ގޮތަކަށް އެ ފޯނެއް ނުގަނެވޭނޭ ކިޔައި އެއްބަޔަކު އަބަދުވެސް ޖޯކު ޖަހަ އެވެ. އައިފޯނަކީ އެންމެ އަގުބޮޑު ފޯނު ކަމަށް ބުނެ އެވެ. ބޮޑު ހަރަދެއްކޮށްފައި އައިފޯނެއް ނުގަނެ އެ ފައިސާ އިން އެވެނި، މިވެނި މާ ރަނގަޅު ކަމެއް ކުރެވިދާނެއޭ ކިޔައި ބައެއް މީހުން ރުޅިވެރިކަން ވެސް ދައްކަ އެވެ. ކޮންމެ އަހަރަކު ވެސް ސޯޝަލް މީޑިއާގައި މި ވާހަކަތައް ތަކުރާރުވެ އެވެ. އެކި ފާޑުގެ މީމްތައް ހަދައިގެން ދައުރުކުރެ އެވެ.

އެންމެފަހުން މި ނިކުތް، އައިފޯން 12ގެ ތަފާތު ހަތަރު މޮޑެލެއް ތައާރަފުކުރި އެވެ. އޭގެ އަގުތައް އުޅެނީ 799-1،099 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ. އެކަމަކު މި އައިފޯނަކީ އެންމެ އަގުބޮޑު "ފްލެގްޝިޕް" ސްމާޓްފޯން ކަމަށް ހީވުމަކީ ގޯހެކެވެ.

މިހާރު އެންމެ އަގުބޮޑު ސްމާޓްފޯނަކީ ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 2 އެވެ. މި 5ޖީ ފޯނުގެ އަގަކީ 1،999 ޑޮލަރެވެ. ސެމްސަންގްގެ ފުރަތަމަ 5ޖީ ފޯނު، ގެލެކްސީ އެސް 10ގެ އަގުތައް ވެސް، އައިފޯންގެ ފުރަތަމަ 5ޖީ ފޯނަށް ވުރެ ބޮޑެވެ. ގެލެކްސީ އެސް 10ގެ އަގުތައް އުޅެނީ 459 - 1،299 ޑޮލަރާއި ދެމެދުގެ އަގުތަކެއްގަ އެވެ.

ދެން އެންމެ އަގުބޮޑު ސްމާޓްފޯނުތައް

- ސެމްސަންގް ގެލެކްސީ ފޯލްޑް / 1،979 ޑޮލަރަށް

- ސެމްސަންގް ގެލެކްސީ ނޯޓް 10 ޕްލަސް / އަގުތައް އުޅެނީ 1،099 - 1،299 ޑޮލަރާއި ދެމެދު

- ސެމްސަންގް ގެލެކްސީ އެސް 20 / 999 ޑޮލަރު

- ސެމްސަންގް ގެލެކްސީ ނޯޓް 20 ޕްލަސް / 1،199 - 1،299 ޑޮލަރާއި ދެމެދު

- ސެމްސަންގް ގެލެކްސީ ނޯޓް 20 އަލްޓްރާ / 1،399 - 1499 ޑޮލަރާއި ދެމެދު

- ގޫގުލް ޕިކްސެލް 4 އެކްސް އެލް / އަގުތައް އުޅެނީ 899 - 799 ޑޮލަރާއި ދެމެދު

- އެލްޖީ ޖީ8އެކްސް ތިންކިއު ޑުއަލް ސްކްރީން / 799.99 ޑޮލަރަށް

- ވަން ޕްލަސް އެއިޓް ޕްރޯ / 749 - 899 ޑޮލަރާއި ދެމެދު

- އެޕަލް އައިފޯން އެކްސް / 649 ޑޮލަރަށް

"ކިޑްނީ ވިއްކާލާށޭ" ކިޔުން ހުއްޓާލަމާ!

މިއީ މަޖަލަކަށް ހަދައިގެން ދައްކާ ވަރަށް، ވުރެ މާ ސީރިއަސް ވާހަކައެކެވެ. ހަގީގަތުގައި ކިޑްނީއަކަށް ބޭނުންވެފައި ތިބި އެތައް ބައިވަރު މީހުން ތިބިއިރު، މަޖަލަކަށް ވިޔަސް މި ކަހަލަ ވާހަކައެއް ދެއްކުމަކީ އެ މީހުންނަށް ކުރެވޭ މަލާމާތެއް ފަދަ ކަމެކެވެ. ކިޑްނީއެއް ހޯދުމަށް އުޅެންޖެހޭ ދަތި އުނދަގޫ ހާލު، އެމީހުންގެ ވާހަކަތައް އަޑުއަހާ، ބަލާ މީހަކަށް ރަނގަޅަށް އެނގޭނެ އެވެ. އެހެންވެ، އަހަރެމެންގެ ތެރޭގައި މި އޮތް ނުރަނގަޅު މި އާދަ ވެސް ދޫކޮށްލަން ވެއްޖެ އެވެ.

އެ މީހެއްގެ އަމިއްލަ ހިތްހަމަޖެހުމަށްޓަކައި، އަމިއްލަ އަތުން ހަރަދުކޮށްފައި، މޮޅު ސްމާޓްފޯނެއް ގަތަސް އަދި އެއީ ކޮންމެ ބްރޭންޑެއްގެ ފޯނެއް ކަމުގައި ވިޔަސް، އެހެން މީހުންނަށް އެއީ ކޮން ބެހޭ ކަމެއް ހެއްޔެވެ؟

އައިފޯން އެޕަލް

Popular