By: Ahmed Jaishan
ބިރުވެރި ފިލްމުތަކާއި ލަވަތަކަކީ ދިވެހި ފިލްމު އިންޑަސްޓްރީ އަށް އާ އެއްޗެއް ނޫނެވެ. އެކި ކަހަލަ ބިރުވެރި ފިލްމުތައް ނެރުނަސް ގިނަ ފަހަރަށް ފެންނާނީ އެއް ފޯމިއުލާއެކެވެ. އެކަމަކު ދިވެހި ފިލްމު އިންޑަސްޓްރީ އަށް ޒުވާން ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) އަލަށް ނެރެން އުޅޭ "ޝައިތޯނާ" އާ އެކު އެ ފޯމިއުލާ ބަދަލުކޮށްލާނެ ކަމަށް ބެލެވެ އެވެ.
ދިވެހި ފިލްމު އިންޑަސްޓްރީއަށް ނިކުތް ފަހުން މިހާތަނަށް އެންމެ ދެ ފިލްމު ނެރުނަސް އިއްލެއަކީ ތަފާތު މީހެއްކަން ވަނީ ދައްކާލާފަ އެވެ. ތުރިލާ އާއި މިސްޓްރީ އެއްޗެހި އުފައްދަން ބޮޑު ޝައުގުވެރިކަމެއް ހުންނަ އިއްލެ މިފަހަރު ތައްޔާރު މި ވަނީ ބިރުވެރި ވާހަތަކެއް އާންމުންނަށް ގެނެސްދިނުމަށެވެ.
"ޝައިތޯނާ" އަކީ ބިރުވެރި ވާހަކަތައް ހިމެނޭ ސީރީޒެކެވެ. މިއީ ތަފާތު އެއްޗަކަށް ވާނެ ކަމަށް އިއްލެ ބުނެ އެވެ. އެއީ އިއްލެ އަމިއްލަ މަސައްކަތަކަށް ވުމަކީ އުފެއްދުން ތަފާތުވުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމަށް އިއްލެ ބުނެ އެވެ.
ބެލުންތެރިންނަށް އެކަމަށް ބާރުލިބޭ ކަންތައް ވެސް އެބަހުއްޓެވެ. ޝައިތޯނާ ރިލީޒްކުރަން ތައްޔާރުވާއިރު އިއްލެގެ ޕްރޮޑަކްޝަން އައިފިލްމްސް އިން ވަނީ މިހާރު އެ ސީރީޒްގެ ޕްރޮމޯޝަނަލް ލަވައެއް ރިލީޒްކޮށްފަ އެވެ.
މިއުޒިކް ވީޑިއޯއާ އެކު ނެރުނު ޕްރޮމޯޝަނަލް ލަވައިން ފެންނަނީ ދިވެހި ފިލްމުތަކުން މީގެކުރިން ފެނިފައި ނުވާ އާދަޔާ ހިލާފު އެއްޗެހިތަކެކެވެ.
ޝައިތޯނާ ލަވަ ކިޔާފައިވަނީ އަންދަލާ ހަލީމް (އަންޔާ) އެވެ. މިއުޒިކް ވީޑިއޯ އިން އޭނާ ފެންނަނީ ބިރުވެރި ތިން ލުކެއްގަ އެވެ. އެ ބިރުވެރި ތިން ލުކަކީ ޝައިތޯނާ ސީރީޒްގެ ތިން ވާހަކައެއްގައި ހިމެނޭނެ ބިރުވެރި އެއްޗެހީގެ ލުކް ކަމަށް އިއްލެ ބުންޏެވެ.
މަޝްހޫރު ސްޕެޝަލް އިފެކްޓްސް (އެސްއެފްއެކްސް) މޭކަޕް އާޓިސްޓު ރުތުބާ އަހުމަދުގެ ހުނަރުތައް ވަނީ މި ލަވައަށް ބޭނުންކޮށްފަ އެވެ. އަދި އެ ލުކްތަކަކީ ވަރަށް ވަގުތު ހޭދަކޮށްފައިވާ ލުކް ތަކެއް ކަން މިއުޒިކް ވީޑިއޯއިން ފެނެ އެވެ.
"ބައެއް ލުކް ތަކަށް ހުންނާނެ ހަ ވަރަކަށް ގަޑިއިރު ހޭދަ ވެފައި ތައްޔާރު ކުރުމަށް،" އިއްލެ ބުންޏެވެ.
އިއްޔެ ބުނި ގޮތުގައި ލަވައިގެ ލުކްތަކުގެ ޝޫޓިން ނިންމުމަށް ތިން ދުވަސް ހޭދަކުރި އެވެ. އެއީ ކޮންމެ ލުކަކަށް ދުވަހެއް ދީގެންނެވެ. މިއީ ވަގުތު ހޭދަކޮށްފައިވާ ބުރަ މަސައްކަތްތަކުގެ ނަތީޖާކަން މިއުޒިކް ވީޑިއޯ އިން އެނގެ އެވެ.
ޕްރޮމޯޝަނަލް ލަވައާ އެކު ޝައިތޯނާއަށް އޮތް "އެންޓިސިޕޭޝަން" ވަރުގަދަ ވެއްޖެ އެވެ. އިއްލެ ބުނި ގޮތުގައި ޝައިތޯނާ ވަރަށް އަވަހަށް ރިލީޒްކުރާނެ އެވެ. އެ ސީރީޒް ނެރުމަށް ހަމަޖެހިފައިވަނީ ދިރާގު ޓީވީ އަށެވެ.