12 Feb 2018

ރާޅުގަނޑާ އެކު ހަމްޕް ހުއްޓުމެއް ނެތި ކުރިއަށް

ވަރަށް ކުޑައިރު ބޮޑުބެރާ އެކު ނިކުމެ އަޑު ގަދަކޮށްލި އެވެ. ނެށުމުގައި ވެސް ފައި ހަމަކުރި އެވެ. މިހާރު އެއީ މި ހުރިހާ ކަމެެއްގައި އަމިއްލަ ފައިމައްޗަށް ތެދުވެ ހުރި ހިތްވަރުގަދަ ޒުވާނެކެވެ.

ވަރަށް ކުޑައިރު ބޮޑުބެރާ އެކު ނިކުމެ އަޑު ގަދަކޮށްލި އެވެ. ނެށުމުގައި ވެސް ފައި ހަމަކުރި އެވެ. މިހާރު އެއީ މި ހުރިހާ ކަމެެއްގައި އަމިއްލަ ފައިމައްޗަށް ތެދުވެ ހުރި ހިތްވަރުގަދަ ޒުވާނެކެވެ.

By: Ahmed Adhushan

ރާއްޖޭގެ ނަގާ ކިޔާ ބޮޑުބެރު ގްރޫޕްތަކުގެ ތެރެއިން ރާޅުގަނޑު ބޮޑުބެރު ގްރޫޕަކީ ވެސް ވިދުން ގަދަ ބޭންޑެކެވެ. ކުރިން ވަރުނުލާ ބޮޑުބެރު ގްރޫޕްގެ ނަމުގައި ހިންގި ބޭންޑް ރާޅުގަނޑު ބޮޑުބެރު ގްރޫޕަށް ރިބްރޭންޑްކޮށް، އެ މީހުންގެ މިއުޒިކާއި ވަރުގަދަ ހުށަހެޅުންތަކުގެ ޖާދޫގައި މިހާރު ވަނީ އެތައް ބަޔަކު ޖައްސައިފަ އެވެ.

ބޭންޑްގެ ފާއިތުވި 10 ވަރަކަށް އަހަރުގެ މާޒީ އަށް ބަލާއިރު، މިއީ ކުރިއަރަމުން ވިދުން ގަދަކުރަމުން އަދި ބޮޑުބެރުގެ މައިދާނުގައި ކުޅަދާނަކަން ދައްކަމުން އަންނަ ބޭންޑެކެވެ. މީގެ ފަހަތުގައި ހުރި މީހަކީ ފިސާރަ ވަރުގަދަ ފިރިހެނެކެވެ. ހައްމާދު ރަޝީދު (ހަމްޕް) އަންނަނީ ރޭވުންތަކާ އެކު، ރާޅުގަނޑުގައި ހުރި ހަކަަތަ ސާބިތުކޮށް ދެމުންނެވެ.

އޭނާ ސިފަކުރާ ގޮތުގައި ބޭންޑް މިހާރު އޮތީ ހަމަ ރަނގަޅު ހިސާބެއްގައި ރާޅުތައް ބިންދާލަބިންދާލަ އެވެ.

ރާޅުގަނޑ ބޮޑުބެރު ބޭންޑް: މިއީ ބޮޑުބެރުގައި އެންމެ ނަގާ ކިޔާ އެއް ބޭންޑް.

"ބުނާ ހިތެއް ނެތް އަހަރެމެން މި ތިބީ އެންމެ ކުރީގައޭ. ނުވަތަ އެންމެ ފަހަތުގައޭ ވެސް. ބޮޑުބެރުގެ ވާދެވަރިކަން މިހާ ބޮޑު ޒަމާނެއްގައި، މިހާ ދުވަސްވަންދެން އަހަރަމެން ހިފަހައްޓާލެވުނީ ބަޔަކު އަހަރެމެން ބަލައިގެންފައިވާތީ،" ހަމްޕް ބުންޏެވެ. "އޭގެ މާނައަކީ ރަނގަޅު މަސައްކަތްތަކެއް ކުރެވޭތީއޭ ހިފަހައްޓާލެވެނީ."

ސްކޫލް ދައުރުން ފެށިގެން ނެށުމާއި ބޮޑުބެރަށް އޮތް ލޯތްބަތަކާ ހެދި ވުޖޫދަށް އައި ރާޅުގަނޑުގެ ކުރިން ވެސް ހަމްޕްއަކީ ވަރަށް ފޯރީގައި ބޮޑުބެރާއި ނެށުމުގެ ތެރޭގައި އުޅުނު ޒުވާނެވެ. ދަރިވަރެއްގެ ގޮތުގައި ހުރެގެން ހެންވޭރު ބޮޑުބެރު ގްރޫޕާ އެކު، ވަރަށް ޒުވާން އުމުރުގައި ހަމްޕް ބޮޑުބެރުގައި ތަޅަން ފަށައިފަ އެވެ.

"މީގެ ތެރޭގައި އެހާ ބޮޑަށް އުޅެން ފެށީމަ އޭރު ޕޭރަންޓުން ވެސް އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވޭ. އެކަމަކު ޝައުގުވެރިކަން ހުންނާތީ ބައިވެރިވަމުން ދިޔައީ،" ވީ ބައުންސްގެ ނަމުގައި ވަރަށް ކުރިންފެށިގެން ޑާންސް ގްރޫޕެއް ވުޖޫދަށް ގެނައި ހުނަރުވެރިޔާ ބުންޏެވެ.

ހަމްޕް ޝޯއެއްގައި ލަވަ ކިޔަނީ.

ފަހުން އޭނާ ވަނީ މިހާރުގެ މަޝްހޫރު ޑައިރެކްޓަރު/އެކްޓަރު ރަވީ ފާރޫގްގެ ނެށުމުގެ ރަންޒަމާނުގައި ހަދައިގެން އުޅުނު "ގޯސްޓް" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

"ރަވީގެ ފަރާތުން ޗާންސެއް ލިބުނީމަ އޭރު ޑާންސް ގްރޫޕެއް ހަދައިގެން އުޅުނުސް ބޭނުންވި ޖޮއިން ކުރަން. އެގޮތުން ޖޮއިންކޮށްފައި ދުވަސްތަކެއް ވަންދެން ގޯސްޓާ އެކު އުޅުނިން،" ބޮޑުބެރު ޝޯތަކުގައި ވެސް މިހާރު ގަދައަށް ނަށާ އެކަމަކު ހިޕްހޮޕް ޑާންސަށް ލޯބިކުރާ ހަމްޕް ބުންޏެވެ. "އޭރު ހިތަށް އެރީ މި ޗާންސް ދޫކޮށްލައިފިއްޔާ ފަހުން ރިގްރެޓް ކުރަންށޭ ޖެހޭނީ. އަސްލު ބުނާނީ ވަރަށް ސަޅި އެކްސްޕީރިއަންސެއް އެއީ."

ބަބުރު ލަވަ އަށް ޝައުގު ހުންނަ ހަމްޕް ބުނި ގޮތުގައި މިހާރުގެ ރާޅުގަނޑު އަދި ކުރީގެ ވަރުނުލާއަކީ ޓީވީއެމުން ގެނެސް ދޭން ފެށި ބޮޑުބެރު ޗެލަންޖަށް އަރަންވެގެން އުފެއްދި ބޭންޑެކެވެ. ފަހުން އެ މުބާރާތުގައި ވާދަކޮށް، ވަނީ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރުގެ ބޮޑުބެރުގެ ޗެލެންޖްގެ ދެވަނަ ހޯދުމާއި އެންމެ މޮޅު ހުނަރުވެރިޔާގެ މަގާމު ހަމްޕް އަށް ލިބުން ހިމެނެ އެވެ.

ރާޅުގަނޑަކީ މިހާރު ވިއްސަކަށް ޒުވާނުން ތިބި ބޭންޑެކެވެ. އެކަމަކު އެ ހުރިހާ އެންމެންނަކީ ހަމައެކަނި މިއަށް ހުސްވެގެން ތިބި ބައެއް ނޫނެވެ.

ހަމްޕްގެ ކަވާއެއް: ހިމްދީ ލަވަ "ޖީނާ ޖީނާ ޖީނާ ރޭ."

"ބޭންޑް ނުވަދިހަ އަށް ޕަސަންޓް ކުދިންނަކީ ވަޒީފާ އަށް ދަމުން މީގެ ތެރޭގައި އުޅޭ ކުދިން. ހަމްޕް އަބަދު ވެސް ވަަރަށް ބޮޑަށް ބާރު އަޅަން ވަޒީފާއެއްގައި އުޅެމުން މިކަން ކުރަން. އަސްލުވާ ގޮތަކީ ސީދާ މިކަމަކުން ދިރިއުޅުން ހިފަހައްޓާލެވޭ ވަރުގެ އާމްދަނީއެއް ނުލިބޭ." އާއިލާގެ ސަޕޯޓާ އެކު މިހާރު މާލޭގައި ކެފޭއެއް ވެސް ހިންގަމުން އަންނަ ހަމްޕް ބުންޏެވެ.

އޭނާ ބުނީ އަބަދު ވެސް އެންމެ ބޭނުންވި އެއް ކަމަކީ އަމިއްލަ މަސައްކަތެއްކޮށްގެން، އަމިއްލަ ފައިމައްޗަށް ތެދުވުން ކަމަށެވެ. ހަމްޕް ވަނީ ސްކޫލް ނިންމާލުމަށް ފަހު، ބައެއް ކުންފުނިތަކުގައި ވަަޒީފާ ވެސް އަދާކޮށްފަ އެވެ. އޭގެ ތެރޭގައި އުރީދު އާއި އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ހިމެނެ އެވެ.

ރާޅުގަނޑު ބޮޑުބެރު ބޭންޑް ހިތާނީ ޝޯއެއްގައި ޕަފޯމް ކުރަނީ.

"އަދިވެސް އަމިއްލަ މަސައްކަތް ފުޅާ ކުރަން ބޭނުން ވަނީ. އެގޮތުން ވަރަށް އަވަހަށް އިވެންޓް މެނޭޖްމަންޓް ކުންފުންޏެއް ރާޅުގަނޑުގެ ދަށުން ވުޖޫދަށް އަންނާނެ،" ބޭންޑްގެ ދަށުގައި އިތުރު ހަތަރު ބޭންޑް ވެސް އޮތްކަން ފާހަގަކޮށް ހަމްޕް ބުންޏެވެ.

ރާޅުގަނޑުގެ ވާހަކަތަކުގެ ތެރޭގައި އެ މީހުން ފުރަތަމަ އަލްބަމްގެ ވާހަކަ ވެސް ދައްކަން ޖެހެ އެވެ. ބޭންޑްގެ އަމިއްލަ އުފެއްދުންތަކެއް ހިމެނޭ މި އަލްބަމް އާންމުންނާ ހަމައަށް އަންނާނީ ވީޑިއޯ އަލްބަމެއްގެ ގޮތުގަ އެވެ. އޭގެ މަސައްކަތް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ. މި އަލްބަމްގެ ލަވަތަކުގެ ތެރެއިން އާންމުންނަށް ކުރިން އޯޑިއޯ ދޫކޮށްލި "ބާރަށް ދުއްވާ" އަކީ މިހާރު ވެސް ވަރަށް މަގުބޫލުވެފައި އޮތް ލަވައެކެވެ.

"މީގެ ލަވައެއް އިންނާނެ ހަތަރު ޝޫޓް ވެސްކޮށްފައި. ވަރަށް ފުރިހަމަ އަލްބަމެއްގެ ގޮތުގައި ގެނެސް ދޭނީ. މި އަހަރުގެ ކުރީކޮޅު ޔަގީނުން އަލްބަމް ނެރޭނަން،" ހަތަރު ފަހަރެއްގެ މަތިން މިސްރުގައި ވެސް ޕަފޯމްކޮށްފައިވާ ރާޅުގަނޑުގެ މަސައްކަތްތަކާ ބެހޭ ގޮތުން ހަމްޕް ބުންޏެވެ.

ބޭންޑާ ދޭތެރޭ ހަމްޕްގެ ތަސައްވުރު އޮތީ ކުރެހިފަ އެވެ. މިހާރު ވެސް ވަރަށް ގިނަ ގައުމުތަކުގައި ޕަފޯމްކޮށްފައިވާ ހަމްޕް ބުނީ ބޭނުން ވަނީ ރާއްޖޭގެ ބޮޑުބެރަކީ ދުނިޔޭގެ ސަމާލުކަން ހުއްޓޭ އެއްޗަކަަށް ވާން ބޭނުން ކަމަށެވެ.

"މިސާލަކަށް ނެޝަނަލް ޖިއޯގްރަފީ ކަހަލަ ޗެނެލްތަކުން އެބަހުރި އެފްރިކާގެ ގައުމުތަކުގައި މި ވައްތަރުގެ މިއުޒިކް ކުޅޭ މީހުންގެ ޑޮކިއުމަންޓްރީ ވެސް ހަދާފައި. އެކަހަލަ ފުރުސަތެއް ލިބޭނެ ދުވަހަކަށް ވަރަށް އެބަ ލުކްފޯވާޑް ކުރަން،" އޭނާ ބުންޏެވެ.

ރާޅުގަނޑުގެ މިސްރުގެ ދަތުރުގެ ތެރެއިން.

ރާޅުގަނޑާ އެކު ހަމްޕް އަންނަނީ އޭނާގެ ސަޅިކަމާއި ތަފާތުކަން ވެސް ދައްކަމުންނެވެ. އަބަދު ވެސް ވަރަށް ސްޓައިލިޝްކޮށް ހުންނަ މި ޒުވާނަކީ ރީތިކޮށް ހެދުން އެޅުމަށާއި ހަށިގަނޑު ރީތިކޮށް ބަހައްޓަން ވެސް އިސްކަންދޭ ޒުވާނެކެވެ. އޭނާގެ އެންމެ ހާއްސަ އެއް ސިފައަކީ ނަލަނަލަ ސްޓައިލްތަކަށް ގެންގުޅޭ ދިގު އިސްތަށިގަނޑެވެ.

"އަބަދު ވެސް ބަލަން ރީތީކޮށް އަދި މީހުން ބަލައި ގަންނަ ކަހަލަ ގޮތަކަށް ޑްރެސް ކުރެވޭތޯ. އަނެއްކާ ޕަފޯމަންސްޔތަކެއް ވެސް ރީތި ވާނީ އެ ހުށަހަޅައިދޭ ބަޔަކު ވެސް ރީތިކޮށް ތިބެގެން ކަމަށް އަހަރެން ގަބޫލު ކުރަން،" ޓީއެފްޖީން ޕާސަނަލް ޓްރޭނިން ވެސް ހަދާފައިވާ ހަމްޕް ބުންޏެވެ.

ބިޒީކޮށް އުޅެމުން ވެސް ހަމްޕްގެ އެންމެ ހާއްސަ އަނެއް ކަމަކީ ކަސްރަތަށް ދޭ ސަމާލު ކަމެކެވެ. މިހާރު ވަގުތު ހުންނަ ގޮތުން ކަމާކަން ފަށާފައި ޖިމަކަށް ނުދެވުނަސް ކަސްރަތާ އޭނާ އެއްގޮތަކަށް ވެސް ދުރެއް ނޫނެވެ. ފިޓްކޮށް، ރީތިކޮށް ހަމްޕް ހުރުމުގެ ސިއްރަކީ ވެސް އެއީ އެވެ.

"ގޭގައި ހަމަ އަބަދު ވެސް އެކްސައިޒް ކުރަން،" އޭނާ ބުންޏެވެ.

ހަމްޕް: ބޭނުން ވަނީ އަމިއްލަ މަސައްކަތްތަކުން ކުރިއަށް ދާން.

މި ހިސާބުން ދެން އޮތީ ހަމްޕް އަށް މުޅިން އެހެން ސުވާލެކެވެ. އޭނާ ފިލްމެއް ކުޅެފާނެތޯ އެވެ؟

"އެބަހުރި އޮފާތަކެއް އައިސްފައި. އެކަމަކު ވާ ގޮތަކީ ޓައިމް ހުންނަ ގޮތުން އެވަރުގެ ކަމަކަށް ކޮމިޓްވާން އެހާ ފަސޭހަ ކަމަށް ނުވާނެ. ބަޔަކާ އެއްބަސްވެފައި އަހަންނަށް އެ މީހުން ބޭނުންވާ ވަރަށް ވަގުތު ނުދެވެންޏާ ވަރަށް ބޮޑު މައްސަލައަކަށް ވާނީ ދޯ؟" ހަމްޕް ބުންޏެވެ.

އެކަމަކު ވާހަކަތައް ހުރި ގޮތަށް ބަލާ އިރު، ހަމްޕްގެ ޝައުގުވެރިކަން ވެސް އެބަ ހުއްޓެވެ.

"ނުފެންނާނެއެކޭ ބުނާ ހިތެއް ނެތް ކޮންމެވެސް ހިސާބެއްގައި،" ކުރިން ޓީވީ ކޮމާޝަލްތައް ވެސް ކުޅެފައި ހުންނާނެކަން ފާހަގަށް އޭނާ ބުންޏެވެ. "އަދި ވަރަށް އަވަހަށް އިތުރު ކޮމާޝަލްއަކުން ވެސް ފެނި ދާނެ."

ބޮޑު ބެރު

Popular