17 Jan 2018

ހަމައެކަނި އެކްޓަރެއް ނޫން، ހުރިހާ ހުނަރެއް އެބަހުރި

އެކްޓުކުރަން ޝިފާ އަބަދުވެސް ޝައުގުވެރިވެ އެވެ. އެ ހުނަރު އޭނާގެ އެބަހުއްޓެވެ. މުނިފޫހިފިލުވުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ސިފަތައް ހަމަވެ އެވެ.

އެކްޓުކުރަން ޝިފާ އަބަދުވެސް ޝައުގުވެރިވެ އެވެ. އެ ހުނަރު އޭނާގެ އެބަހުއްޓެވެ. މުނިފޫހިފިލުވުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ސިފަތައް ހަމަވެ އެވެ.

By: Aishath Maaha

މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތްތަކެއް ދައުވައިދޭ "ދެވަންސޫރަ" ހަދަން ނިންމައި، ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބޭނުންވީ، އާ، އެހެން ނަމަވެސް ޑެޑިކޭޓެޑް ބަތަލާއެއް ހޯދާށެވެ. އޭނާ ބޭނުންވީ ފިލްމީ ދާއިރާއިން ނުކުމެގެން މީހުންގެ ހިތްތަކަށް ވެރިވެގަންނާނެ ކަހަލަ މޫނެކެވެ.

ބުރަ އެ މަސައްކަތަށް ނިމުމެއް ގެނުވައި، ޔޫއްޕެގެ މޫނަށް ހިނިތުންވުމެއް އައީ މިދިޔަ އަހަރު ޔޫއްޕެ ގެނެސްދިން ފިލްމު "ނޯޓީ 40"ގެ ޕްރިމިއާއަށް ގެންދިޔަ ޑާންސް ގްރޫޕްގެ ނެށުންތެރިޔާ މަރިޔަމް ޝިފާ ޔޫއްޕެގެ ރާޑަރަށް އެރި ހިސާބުންނެވެ.

އެކްޓް ކުރުމުގެ ހުނަރު ދައްކާލައި، ފިލްމީ ދާއިރާއަށް ނުކުންނަން އެދިއެދި ހުރި ޝިފާ އަށް ލިބުނު އެ ފުރުސަތުގެ ބޭނުން ހިފައި ޝިފާ މިހާރު ވަނީ ޔޫއްޕެގެ އެހެން ފިލްމުތަކުން ވެސް ފުރުސަތު ހޯދައިފަ އެވެ. އަންނަ މަހުގެ ހަ ވަނަ ދުވަހު ޝިފާގެ ފުރަތަމަ ފިލްމު ރިލީޒްކުރާއިރު އޭނާގެ އެކްޓިން އާ ދޭތެރޭ ޔޫއްޕެ ވެސް ހުރީ ހިތްހަމަޖެހިފަ އެވެ. އިތުރު ފިލްމުތަކުން ފުރުސަތު ދިނީ ވެސް ޝިފާގެ އެކްޓިން ޔޫއްޕެ އަށް ކަމުގޮސްގެންނެވެ.

"ޝިފާގެ އެކްޓިން އާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ވަރަށް މޮޅު. އެކްޓިން އަށް ބަލައިފަ އިތުރު ފިލްމުން ފުރުސަތު ދީފައިވާނީ ވެސް،" ޔޫއްޕެ ބުންޏެވެ.

ދެވަންސޫރަގެ އެކްޓިން ނިންމާލުމަށް ފަހު ޝިފާ މިހާރު އަންނަނީ "40 ޕްލަސް"ގެ މަންޒަރުތައް ނަގަމުންނެވެ. އޭގެ ފަހުން "ހައްޔަރު" އަދި "ކަަޅަކި"ގެ ޝޫޓިން ފަށާނެ އެވެ.

ޝިފާއަކީ ހަމައެކަނި އެކްޓްކުރުމާއި ނަށަން ޝައުުވެރިވާ ޒުވާނެއް ނޫނެވެ. އަދި އެއީ އާ މޫނެއް ވެސް ނޫނެވެ. މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ބެލި މީހަކަށްވިއްޔާ ޝިފާ އެނގޭނެ އެވެ. އައިޑޮލްގެ ތިއޭޓާ ރައުންޑާ ހަމައަށް އޭނާ ދަތުރުކުރި އެވެ. ކަޓައިގެން ދިޔައީ އެ ހިސާބުންނެވެ. ޝިފާ މިހާރު ހުރީ ލަވަކިޔުން ހުއްޓާލާފައި ހަމައެކަނި އެކްޓް ކުރާކަށް ވެސް ނޫނެވެ.

"ލަވަ ވެސް ކިޔާނަން ފުުރުސަތެއް ލިބިއްޖިއްޔާ. ރަށުގައި އެހެން ކުދިކުދި ޝޯތަކުގައި ވެސް ލަވަ ކިޔަން. އަސްލު އުޅުނީ ފަހުން ވެސް އައިޑޮލްގައި ބައިވެރިވާން. އެކަމަކު ހިތަށް އެރީ ދެވަނަ ސީޒަންގައި ނުވާނަމޭ އެހާ އަވަސް އަވަހަކަށް. ތިން ވަނަ ސީޒަންގައި ބައިވެރިވާން ހުރީ، އެކަމަކު އޭރު ފިލްމުގެ ޝޫޓިންތައް ފެށިގެން އުޅޭތީ ނުވެވުނީ،" ޝިފާ ބުންޏެވެ.

ފިލްމް "ދެވަންސޫރަ" އިން ތައާރަފު ކުރާ ބަތަލާ ޝިފާ.

"ލަވަ ކިޔަސް ފިލްމު ކުޅެން ވެސް ވަރަށް ބޭނުން. ލަވަ އެއީ ފެމެލީ ސައިޑުން، އެންމެން ވެސް ބޭނުންވޭ ޝިފާ ލަވަ ކިޔަން. އެކަމަކު އެކްޓް ކުރުމަކީ ޝިފާ އެންމެ ކުރާ ހިތްވާ ކަމަށްވީމަ ވެސް ފެމެލީ އިން ވެސް ވަރަށް ސަޕޯޓިވް. ފުރުސަތު ލިބޭ ވަރަކުން ކުރިއަށް ދާން ވިސްނައިގެން މިހުރީ ވެސް،" މިހާރު އެނިމޭޝަން ބޭންޑްގެ ނެށުންތެރިޔާ ބުންޏެވެ.

ޝިފާގެ ޝައުގުވެރިކަމުގައި އަނެއް ބޮޅަކީ ނެށުމެވެ. ފިލްމީ ދާއިރާ އަށް ނުކުންނަން އޭނާ އަށް ފުރުސަތު ލިބުނީ ވެސް ނެށުމުގެ ތެރެއިންނެވެ. މަންމަ އާ އެކު ނަށަން ފެށި ޝިފާ ގްރޫޕަކާ ގުޅި ނަށަން ފެށީ އައިޑޮލަށް ފަހުގަ އެވެ.

"ނޯޓީ 40 ގެ ޕްރިމިއާގައި އޭރު އަޅުގަނޑު އުޅުނު ޕާޕަލް ވިންގް ގްރޫޕް އާ އެކު ނަށަން ގޮސް އުޅެނިކޮށް ޔޫއްޕެ ވާހަކަ ދެއްކީ، ދެން އަބަދުވެސް ކުރަން ބޭނުންވެފަ ހުރި ކަމެއްވީމަ ފިލްމު ކުޅެން ނިންމީ." އޭނާ ބުންޏެވެ. "ފިލްމުގެ އެކްޓްކުރެވުނު ޔޫއްޕެ ހިތްހަމަޖެހޭ ވަރަށް. އެއީ އޭރުގެ އެންމެ ބެސްޓް ދެއްކިން، ވަރަށް މަސައްކަތް ކުރިން، ފިލްމަކަށްވުރެ ފިލްމެއް އިމްޕްރޫވް ކުރަން މަސައްކަތް ކުރާނަން."

ދިވެހި ފިލްމް އިންޑަސްޓްރީ

Popular