24 Apr 2018

ރިވިއު: ތިޔަ ލޯތްބާ ދުރަށް

ރިވިއު: ތިޔަ ލޯތްބާ ދުރަށް

By: Aishath Maaha

ދިވެހި ސިނަމާއިން މިހާރު އަބަދުވެސް ފެންނަނީ މުހައްމަދު ޖުމައްޔިލް ނިމާލާއި މަރިޔަމް މަޖުދާ އަދި މަރިޔަމް އައްޒަ އޭ ކިޔާފައި ޝަކުވާ ކުރަނިކޮށް، މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) އޮލިމްފަހަށް މި އައީ އާންމުކޮށް އެކުގައި ނުފެންނަ ޖޯޑެއްގެ އަތުގައި ހިފައިގެންނެވެ. ޓެކްނޯ މީޑިއާ އިން ޕްރޮޑިއުސްކޮށް މަރީ ޑައިރެކްޓްކުރި "ތިޔަ ލޯތްބާ ދުރަށް" މި މަހުގެ 21 ވަނަ ދުވަހު މިވަނީ ރިލީޒްކޮށްފަ އެވެ.

"ޝަޒާ"، "ހިތުގެ އެދުން" އަދި "ހިތު ވިންދު" ފަދަ ފިލްމުތަކުގެ ވާހަކަ ލިޔުންތެރިޔާ ގެނެސްދޭ ފިލްމަކަށްވާތީ ފިލްމަށް ކުރެވުނު އުންމީދާއެކު ފިލްމު ބަލަން ދިޔައީ ފިލްމު ރީތިވާނެ ކަމުގެ އުންމީދެއް ހިތުގައި އޮވެގެންނެވެ. ތަޖުރިބާކާރު ޓީމެއް މަސައްކަތްކުރާ ފިލްމަކަށްވާތީ ފިލްމަށް ކުރެވުނު އުންމީދު ބޮޑެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ މަރީ އަދި ކެމެރާމަން އަލީ ރަޝީދު (ގޮޅާ) އެވެ.

ތިޔަ ލޯތްބާ ދުރަށްގެ ޕޯސްޓަރެއް. --

ފިލްމުގައި ގިނަ ތަރިންތަކެއް ފެނިގެން ދިޔައިރު ފިލްމު ނަގާފައިވަނީ އަވައްޓެރި ސްރީ ލަންކާގަ އެވެ. ފިލްމުން ލަންކާގެ ބަތަލާއެއް ވެސް ފެނިގެން ދިޔަ އެވެ.

މެއިން ކާސްޓް އަދި ޕްރޮޑަކްޝަން ޓީމު:

އަހްމަދު އަޒްމީލް - އާމިރު

މަލީހާ ވަހީދު - ލީން

އަހްމަދު އަމަން - ފާއިޒު

މަރިޔަމް ޝަހުޒާ - ޝިއު

އުދޭނީ - ރޮޝާލީ

ޑައިރެކްޓަރު: މަރިޔަމް މޫސާ

ޕްރޮޑިއުސަރު: ޓެކްނޯމީޑިއާ

ސްކްރީންޕްލޭ: މަރިޔަމް މޫސާ / އަލީ ރަޝީދު (ގޮޅާ)

މި ފިލްމުގެ ޕްރޮމޯޝަންގައި އަބަދުވެސް ޕްރޮޑަކްޝަން ޓީމުން ބުނަނީ މިއީ ލޯބީގެ އަސަރު ގަދަ ފިލްމެކޭ އެވެ. ލޯބިވެރިން ބަލައިލަން ރަނގަޅު ފިލްމެއްގެ ގޮތުގަ އެވެ. ވަރަށް ގަދަ އަށް އެކަކު އަނެކަކު ދެކެ ލޯބިވެގެން ނުލާހިކު ލޯބިން އުޅެނިކޮށް ކޮންމެވެސް ސަބަބަކާއި މަޖުބޫރީއެއް ދިމާވެ، ބިނާކުރަމުން އައި ލޯބީގެ ގަނޑުވަރު ބިމާ ހަމަވެއްޖެނަމަ އެއީ ހަމަ އަސަރު ގަދަ ވާހަކައަކަށް ނޫނީ ނުވާނެ އެވެ.

"ތިޔަ ލޯތްބާ ދުރަށް" އަކީ ޕްރޮޑަކްޝަން ޓީމުން ބުނިހެން ލޯބީގެ އަސަރުގަދަ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ. ފިލްމު ފެށިގެން އަންނަނީ އެކަނިވެރި ދިރިއުޅުމެއް އުޅެމުން އަންނަ އެކަމަކު މުއްސަނދިކަމާ އެކު އެހާ ބުރަކޮށް އުޅޭ އާމިރާއި ލަންކާގައި ދިރިއުޅޭ ލީން އާ ލިފްޓުން ދިމާވާ ހިސާބުންނެވެ.

ލިފްޓް ތެރެއިން އަލަށް ދިމާވެގެން ލީން ދަނީ އާމިރުގެ އެކަނިވެރި ހިތް އެ މުށު ތެރެއަށް ލައިގެންނެވެ. މިއިން ކަމެއްގެ ހިލަމެއް ނެތް ލީން އާ އާމިރު އާ ވާހަކަ ދެއްކެނީ ދެތިން ފަހަރަކު އާމިރު އާ ދިމާވެ ކުދިކުދި އެކްސިޑެންޓުތައް ހިނގާ ފަހުންނެވެ. ފިލްމު އެންމެ ރަނގަޅަށް ނިއުޅިގަންނަނީ ފުރަތަމަ ނަޒަރުން ވެވޭ ލޯބި ހާސިލްކުރަން އާމިރު މަސައްކަތް ފަށާ މިހިސާބުންނެވެ. އަތުގައި ކިތަންމެ ގިނަ ފައިސާއެއް ހުރެ ލަންކާގައި ވިޔަފާރިތައް ހިންގި ނަމަވެސް އާމިރަށް ލީންގެ ލޯބި ހާސިލްކުރުން ވަނީ ފަސޭހަ ކަމަކަށް ނޫނެވެ.

ހިތްދަތި ކަމާއެކު ދުވަސްތައް ގުނަމުން ދިޔަ ނަމަވެސް އެންމެން ހީކުރި ގޮތަށް އާމިރަށް ލީން ގެ ލޯބި ކާމިޔާބުވެ ކައިވެނި ކުރެ އެވެ. ފިލްމުގެ ނަމަށް ބަލައިލާފަ ފިލްމުގެ ނިމުން ނުވަތަ ދެން ވާނެ ގޮތް ކޮންމެ މީހަކަށްވެސް ލަފާކޮށްލަން އެނގޭނެ އެވެ. ނަމަވެސް ބޮޑު ޓުވިސްޓެއް އެހާ ހިސާބުން ފެނިގެންދާނެ އެވެ. އަދި އަބަދުވެސް އާމިރަށް އެ ފެންނަ ބިރުވެރި ހުވަފެނުގެ ހަގީގަތް އެނގިގެންދާނެ އެވެ. ފިލްމުގައި ދެން ވާނެ ގޮތާއި ދެން ހިނގާ އެއްވެސް ކަމެއް އިތުރަކަށް ކިޔައެއް ނުދޭނަމެވެ. އެކަމަކު އޭގެ ކުރިން ޝިއު އަދި ފާއިޒުގެ ރޯލު ކުރު ގޮތަކަށް ކިޔާލަ ދޭނަމެވެ. އެއީ އާމިރުގެ އެންމެ ގާތް ދެމަފިރިންނެވެ. ފިލްމު ފެށިގެން އަންނަ އިރު ޝިއު އިންނަނީ އެމީހުންގެ އަލަތު ދަރިފުޅަށް ބަލިވެ އެވެ. ލީން އާއި އާމިރުގެ ލޯބީގެ ގުޅުމުގައި އެދެމަފިރިންގެ ހިއްސާ ބޮޑެވެ.

ގާތްގަނޑަކަށް ތިން ގަޑިއިރުގެ މި ފިލްމު ބަލަން އޮލިމްޕަހުގައި ކެތްވީ ކިރިޔާ އޭ ބުނެވިދާނެ އެވެ. ފިލްމު މާބޮޑަށް އަސަރު ގަދަވެ ހިތްދަތިވާ ގޮތް ވީއެއް ނޫނެވެ. އުންމީދުކުރި ވަރަށް ޝައުގުވެރިކަން ހިފެހެއްޓިފައި ނެތީ އެވެ.

ފިލްމީ ދާއިރާގައި ތަޖުރިބާހުރި ތަރިންތަކެއް ފެނިގެން ދިޔަ ނަމަވެސް ތަރިންގެ ފަރާތުން އެންމެ ހިތްހަމަ ޖެހޭ އެކްޓިން އެއް ނުފެނެ އެވެ. އަޒޭ އަދި މަލްގެ އެކްޓިން އިން ވެސް މާބޮޑު އިމްޕްރޫވްމަންޓެއް ފެނިގެންނެއް ނުދެ އެވެ. ޝަހޫ އަދި އަމަންގެ އެކްޓިން ވެސް ހުރީ މީގެކުރިން ވެސް ފެނިގެންދިޔަ ހިސާބުގަ އެވެ. މިއީ މަރީގެ ފުރަތަމަ ޑައިރެކްޝަނަށް ވުމުން ތަރިންގެ ކިބައިން އެންމެ އެކަށީގެންވާ އެކްޓިން ނުނެރެވުނީ ކަމަށް ވެދާނެ އެވެ.

ފިލްމުގެ ޑައިލޮގް ޑެލިވަރީތަކުގައި ވެސް ކޮރުކަމެއް ހުއްޓެވެ. ހާއްސަކޮށް ލަންކާ ބަތަލާ އުދޭނީ އިނގިރޭސިން ވާހަކަ ދެއްކިއިރު ބޮލަށް އުނދަގޫވާ ގޮތެއް ހުއްޓެވެ. ކުރިން މި ބުނި ކޮރުކަމަކީ މި ފަހުން އެޅުވި ފިލްމުތަކުގައި ހުންނަ ގޮތަށް، އާންމުކޮށް ވާހަކަ ދައްކާ ބަހުރުވަޔަކުން ޑައިލޮގްތައް ގެނެސްދީފަ ނެތުން ކަމަށް ފާހަގަވި އެވެ. ކުރީގެ ޑްރެމެޓިކް ޑައިލޮގްތައް މި ފަހުގެ އޯޑިއަންސަކަށް އެހާ ކަމަކު ނުދެ އެވެ. އަދި ފިލްމަށް ކޮންމެހެން މުހިންމު ނޫން މަންޒަރުތައް ހިމެނިއިރު، ތަފްސީލަށް ދާން ޖެހޭ ބައެއް މަންޒަރުތައް އެންމެ ތަފްސީލަށް ނުގޮސް ހުރިކަން ފާހަގަވި އެވެ. ފިލްމު ފެށުނުތާ މާގިނަ އިރެއް ނުވެ ސަޕޯޓިން ރޯލަކުން ފެންނަ ހާދީގެ ގެއަށް ވަގަކު ވަދެގެން އުޅޭ މަންޒަރު ފެނުމުން ފިލްމުގައި މަޖާ ކަންތައްތަކެއް ފެނިގެންދާނެ ކަމަށް ހީކުރެވުނެވެ. ނަމަވެސް ފިލްމު ނިމިގެން ދިޔައިރު ވެސް އެފަދަ އެހެން މަންޒަރެއް ނުފެނުނެވެ.

ނަމަވެސް އަލީ ރަމީޒާއި ފަޒީލާ އާމިރުމެން ފަދަ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިންގެ ލަވަތަކާއެކު ފިލްމުގެ ލަވަ ލިސްޓް ރީއްޗެވެ. ފިލްމުގެ ތީމް ސޯންގު ވެސް ޗާލެވެ.

ދިވެހި ފިލްމް ދިވެހި ފިލްމް އިންޑަސްޓްރީ

Popular