2 Apr 2026

އޯޓިޒަމް ދުވަސް: ދަރިފުޅާ އެކު ގަދަ ހިތްވަރުގައި!

By: Asima Nizar

ފުރަތަމަ ދަރިފުޅު ވިހެއި އިރު ވެސް ފުރާނައެއް ނެތެވެ. ބަނޑަށް ހަ މަހުގައި ވިހެއި ދެ ވަނަ ދަރިފުޅުގެ ފުރާނަ ވެސް ސަލާމަތެއް ނުކުރެވުނެވެ. އެހެންވެ، ތިން ވަނަ ފަހަރަށް ބަލިވެ އިންކަން އެނގުމުން ގިނަ އުއްމީދުތަކެއް ކުރެވުނެވެ. ދެކެމުން އައި ހުވަފެންތަކާއި މަންޒަރުތައް އުފާވެރި އެވެ. ނަމަވެސް، ފާތުން [ފުރިހަމަ ނަމެއް ނޫން] އަށް ދިމާވީ މީގެ އިދިކޮޅަށެވެ.

އޭނާ ބުނީ ހިނގުމާއި ފިރުކުމާއި ވާހަކަދެއްކުމާއި ކަޅި ހަމަކުރުން ފަދަ ކަންތައްތަކުގައި ލަސްތަކެއް އުޅޭތީ ދަރިފުޅު "ނުންނު" ގެ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އެކަމަށް ބަދަލެއް ނާންނާތީ ދެ އަހަރުގައި ޑޮކްޓަރަށް ދެއްކުމުން އޯޓިޒަމަށް ޑައިގްނޯޒްކުރި އެވެ.

އެ ކުޑަ އާއިލާގެ ދިރިއުޅުން ހިނދުކޮޅަކަށް ހުއްޓުނެވެ. ބަދަލުވި އެވެ. ދަރިފުޅު މުޅި އުމުރަށް ތަހައްމަލުކުރަން ޖެހޭ ހާލަތެއް ހުރިކަން ގަބޫލުކުރަން ފާތުންއަށް ފުރަތަމަ އުނދަގޫވި އެވެ.

"އައި ކޮންޓެކްޓު ނުކުރާތީ އަސްލު ދެން އަމިއްލައަށް ވެސް އެނގުނީ. ފުރަތަމަ ކުޑަކޮށް ހަމަ ޖެހިލުންވި. ފެނޭ އެބަ އޯޓިޒަމް ފީޗާސް. ހަމަ ދެން ގަބޫލުކުރަން ދަތިވީ،" އޭނާ ބުންޏެވެ.

ފާތުން ބުނީ ދަރިފުޅު، އެ ގޮތުގައި ބަލައިގަންނަން ފަސޭހަވީ ޑޮކްޓަރުން ދިން ހިތްވަރުން ކަމަށެވެ. އެ ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ލިބޭނީ ދަރިފުޅު ބަލައިގަތުމުން ކަމަށް ވިސްނައިދިނެވެ. އެ ހިސާބުން އޯޓިޒަމްއާ ގުޅޭގޮތުން އޭނާ މައުލޫމާތު ހޯދަން ފެށި އެވެ. ދަރިފުޅަށް ފަސޭހަވާނެ ގޮތަށް ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރަން ފެށި އެވެ.

ތައުލީމާއި ސިއްހީ ނިޒާމުން އެހީތެރިކަމެއް ނުލިބޭ

އޯޓިޒަމްގެ މައުލޫމާތު ހޯދައި، އަމިއްލައަށް ގޭގައި ކަންކަން ކުރަން ފެށިޔަސް، ފާތުން ބުނީ ސިއްހީ އަދި ތައުލީމީ ދާއިރާއިން އެންމެ ރަނގަޅަށް އެހީތެރިކަން ނުލިބޭ ކަމަށެވެ.

އޭނާ ބުނި ގޮތުގައި ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނަށް، ރާއްޖޭގެ ތައުލީމީ ނިޒާމުން އެއްވެސް އުއްމީދެއް ނުލިބެ އެވެ. އިންކްލޫސިވް އެޑިއުކޭޝަން އޮންނަނީ ނަމަކަށެވެ. އަދި ތެރަޕީތައް ހޯދުމަކީ ވެސް އެ ސިސްޓަމްގެ ތެރެއިން ވާ ކަމެއް ނޫން ކަމަށް ބުންޏެވެ.

ނުންނު:

"ބޭނުންވާ ތެރަޕީތައް ހޯދުމަކީ އުނދަގޫކަމެއް. އެޑިއުކޭޝަން ސިސްޓަމްގައި ވެސް ނެތް އެހާ ބޮޑު އެހީތެރިކަމެއް މި ކުދިންނަށް. ސްޕެޝަލް ޓީޗަރުން ވަރަށް މަދު. އަދި ތިބީ ވެސް ރަނގަޅަށް ޓްރެއިން ވެފައި ތިބި ޓީޗަރުންނެއް ނޫން،" ފާތުން ބުންޏެވެ.

"ވަރަށް ހިތަށް އަރާ ޓީޗަރުން، މި ކުދިންނަށް ދަސްކޮށްދޭނަމައޭ ބިހޭވިއަރަލް އަދި އޮކިއުޕޭޝަނަލް ހެލްތުގެ ބައިތައް ވެސް. އެކަމަކު، ޓީޗަރުންގެ ނުހުރޭ އަމިއްލައަށް ދަސްކޮށްދިނުމުގެ ވިސްނުމެއް."

އުއްމީދު ގެއްލުވާނުލާތި

ދަރިފުޅާ އެކު ހަލަބޮލިވި ދިރިއުޅުމުގައި އެތައް ފަހަރަކު މާޔޫސްކަމާ ދިމާވެ އެވެ. ބާރަށް ވެއްޓެ އެވެ.

ވަކި ހިސާބަކުން ކައިވެނި ރޫޅުމުން އޭނާ އަމިއްލައަށް ނަގަންޖެހޭ ޒިންމާތައް ބޮޑުވި އެވެ. އެކަމަކު، ނުންނުއާ އެކު، ފާއިތު މިވީ ހަތް އަހަރު ފާތުން އަށް ދަސްވީ ކެތްތެރިކަމެވެ. މީހުން ކިޔާ ފާޑަށް ނުވަތަ ދައްކާ ވާހަކައަށް ފަރުވާލެއް ނުބަހައްޓައި، އެ ލިބުނު ނިއުމަތްތައް، އޭގެ ގޮތުގައި ބަލައިގަތުމުން ލިބުނު ހިތްހަމަޖެހުމެވެ. އެއަށްވުރެ ބޮޑު ހިތްހަމަޖެހުމެއް ނެތެވެ.

އޯޓިޒަމަށް ހޭލުންތެރިކުރުވުމުގެ މި ދުވަހު ފާތުން ދެނީ އުއްމީދު ގެއްލުވާނުލުމުގެ ހިތްވަރެވެ.

ބެލެނިވެރިން އޯޓިޒަމް

Popular