By: Fathimath Ajufan
ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޑައިރެކްޓަރު ފާތިމަތު ނަހުލާ އަކީ އޭނާ ހަދާ ފިލްމުތަކުގެ އެކި ކަންކަމުގައި ސޯޝަލް މީޑިއާގައި އާންމުންގެ ހިޔާލު ހޯދާ މީހެކެވެ. އޭނާ މިފަހަރު އާންމުންގެ އެހީއަށް އެދުނީ ލޯބީގައި ދީވާނާވާ މީހެއް އުޅޭ ފިލްމަކަށް ކިޔާނެ ނަމެއް ހޯދާށެވެ.
"ހަގީގީ ވާހަކަތަކަށް ފިލްމު ހެދުމަކީ ވަރަށް ކުރާހިތްވާ ކަމެއް. ލޯބީގައި ދިވާނާވާ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމަކަށް ކިޔާނީ ކޮން ނަމެއް؟،" ނަހުލާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.
މި ޕޯސްޓް ކުރުމާ އެކު އެތައް ސަތޭކަ ބަޔަކު ވަނީ އެކި ނަންތައް ލިޔެ ކޮމެންޓްކޮށްފަ އެވެ.
ކާމިޔާބު އެތައް ފިލްމެއް ހަދާފައިވާ ނަހުލާ މިހާރުވެސް އަންނަނީ ފިލްމެއް ހަދަމުންނެވެ. އެކަމަކު ނަހުލާ ނަމެއް މި ހޯދަނީ ފިލްމެއް ހަދަން ކަމެއް ނުވަތަ ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމަށް ކިޔަން ކަމެއް އެ ޕޯސްޓުން ސާފުކޮށް އެނގޭކަށް ނެތެވެ.
އޭނާ ލިޔެ، ޑައިރެކްޓު ކޮށްފައިވާ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި ޒުލޭހާ، ފަހުނޭވާ، ޔޫސުފް ފާހަގަކޮށްލެވެ އެވެ.
ރީތި އަދި އެހާމެ ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ނަހުލާ އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު އެޅުވި "ސޮރީ" އެވެ. އެ ފިލްމު އޮލިމްޕަހާއި ރަށްރަށުގައި ވެސް އެޅުވިއިރު ހުރިހާ ޝޯތަކެއް ފުރި، ޓިކެޓް ހުސްވި އެވެ.