14 Nov 2018

ހަމްދާނަށް އަބަދު އެއް ފާޑެއްގެ ރޯލުތަކެއް

އަބަދު އެއްކަހަލަ ރޯލުތަކެއް ލިބުނަސް، ކޮންމެ ރޯލެއް ވެސް ކުޅެވޭނެކަމުގެ ޔަގީންކަން ހަމްދާނަށް އޮވޭ

އަބަދު އެއްކަހަލަ ރޯލުތަކެއް ލިބުނަސް، ކޮންމެ ރޯލެއް ވެސް ކުޅެވޭނެކަމުގެ ޔަގީންކަން ހަމްދާނަށް އޮވޭ

By: Shamila Ibrahim

މި ފަހަކަށް އައިސް އެކްޓަރު ހަމްދާން ފާރޫގު ފެންނަނީ އާންމު ގޮތެއްގައި ޑާކްރެއިން އެންޓަޓައިންމެންޓްގެ ފިލްމުތަކުގެ ކޮމެޑީ ރޯލުތަކުންނެވެ. އުމުރުން 13 ވަރަކަށް އަހަރުގައި ފިލްމީ މަސައްކަތަށް ނިކުތް ގޮތަށް އަދިވެސް ދެގޮތެއް ނުވެ އެވެ. އެކަމަކު އޭނާ އާންމުކޮށް ފެންނަނީ އެއްކަހަލަ ރޯލުތަކަކުންނެވެ.

އެއީ ކޮންމެވެސް މަޖާ ރޯލެކެވެ. އެއީ އޭނާ އަށް ވަރަށް ފަސޭހަ ވެސް ކަމެކެވެ.

ހަމްދާން އަކީ މީހުންނާ ގުޅޭ މަޖާ މީހެއް

އެކަމަކު ހަމްދާނަށް ނުކުޅެވޭނެ ރޯލެއް އޮންނާނެއެކޭ ހިޔެއް ނުވެއެވެ. މީގެ 12 ވަރަކަށް އަހަރު ކުރިން އޭނާ ވަނީ އޯޓިޒަމް ކުއްޖެއްގެ ރޯލު ވެސް ކުޅެފަ އެވެ.

ތަފާތު ރޯލުތަކަށް ތައްޔާރުވުމަށް ފިލްމުތައް ބަލައިގެން ވެސް އެ ކެރެކްޓާއަކާ ގުޅޭގޮތަށް އެކްޓް ކުރެވޭތޯ ހަމްދާން ބަލައެވެ. ސްކްރިޕްޓްގައި އޮންނަ ގޮތަށްވުރެ ފްރީ ސްޓައިލްގައި މަޖާ އަދި ބެލުންތެރިންނަށް ކަމުދާނެ ކަހަލަ ގޮތަކަށް އެ ޑައިލޮގެއް ގެނެސްދޭން އޭނާ މަސައްކަތްކުރެ އެވެ.

"މީ ލޯތްބަކީ"ގެ ޕޯސްޓަރެއް

ހަމްދާން ބުނީ ޝޫޓިންއެއް އޮންނަ ނަމަ، އޮފީހާއި އަމިއްލަ މަސައްކަތްތަކުން ވެސް ދުރުވެލައި ޝޫޓިން އަށް ތައްޔާރުވެ ވަގުތު ހުސްކުރާ ކަމަށެވެ.

ޝޫޓިންއަކަށް ތައްޔާރުވާން އޭނާ އަށް އެންމެ ފަސޭހައީ ސްކްރިޕްޓް ހިތު ދަސްކޮށްގެންނެވެ. އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކުރި "ފަރިހިބެ 3" ނަމަކަށް ކިޔާ ފިލްމަކީ މުޅި ސްކްރިޕްޓް ހިތުދަސްކޮށްގެން ހަމްދާން ކުޅުނު ފިލްމެވެ.

މިހާރުވެސް ހަމްދާނަށް ދެ ފިލްމަކުން ފުރުސަތު ލިބިފައި އެބަ އޮތެވެ. އަދިވެސް މި ތަރި ފިލްމީ ދާއިރާއިން އޮއްސުމެއް ނެތެވެ.

ފިލްމު "މީ ލޯތްބަކީ"

މި ފިލްމުގައި މާ ބޮޑު ރޯލަކުން ހަމްދާން ނުފެނު ނަމަވެސް، އޭނާ ފެނިގެންދަނީ "ރަނޑު" ރޯލަކުންނެވެ. އުނދަގުލަސް އޭނާ މީގެ ޝޫޓިން ވަރަށް އަވަހަށް ނިންމާލި އެވެ.

"މި ފިލްމުގައި އެންމެ އުނދަގޫވީ ކާރު ޑިކީ ތެރޭގަ އޮންނަ ސީން. އެއީ ހާސްވާ ކަހަލަ ގޮތެއް ހުރޭ އޭގެ ތެރޭގަ އޮންނައިރު. އެކިކަހަލަ ފޮއްޓާ އޭތިމީތި އަރުވާތަނެއްވީމަ އެހާ ވެންޓިލޭޝަނެއް ނުވާނެތާ."

ހަމްދާން

މިއީ ޝޫޓިންގައި ވަރަށް މަޖާ ކަންކަމާ ދިމާވި ފިލްމެކެވެ. އޭގެ ތެރެއިން ވެސް އެއް ސީން އޭނާ ފާހަގަކުރި އެވެ.

"އޭ ސޮރާއޭ ކިޔާފަ ހަމްދާން ފަހަތުން ބަޔަކު ދުއްވައިގަންނަ ސީންއެއް އިންނާނެ. އެ މަންޒަރު ނަގަންވެގެން ކެމެރާ ހައިޑް ކޮށްފަ ކޮންމެވެސް ވަރަކަށް ބޭންދީ. މީހުންނަށް ކެމެރާ ނުފެންނާތީ ހަމްދާން ފަހަތުން އަސްލަށް ވެސް ބަޔަކު ތަޅައިގަންނަން ދުވަނީ އޭ ހީކޮށް ހުއްޓުވަން އުޅެފަވެސް އެބަ ހުރި. އެކަހަލަ ބައިވަރު މަޖާ ކަންތައް ދިމާވި"

ފިލްމު "ވާށޭ މަށާ އެކީ"

"ގޮތެއް ހުންނަ" ނަރުހެއްގެ ރޯލުން މި ފިލްމުގައި ހަމްދާން ފެނިގެންދިޔައިރު، މިއީވެސް އޭނާއަށް ލަދުވެތި އަދި އެހާމެ ތަފާތު ތަޖުރިބާއެކެވެ.

"ވިއްސަންވެގެން އުޅުނު ސީން މީހުންނަށް ހީވަނީ އަސްލޭ. އެކަމަކު އަސްލު އިންނާނީ ފޮތި ގަނޑު އަޅާފަ ފޮތިގަނޑު ހިއްލާލައިފަ ބަލާލުން. އެކަމަކު އެ ސީންގަ އުނދަގޫ ކަމެއް އައި ކުރިމަތީގައި އޮތީ (އުންމު) ރައްޓެއްސެއްވީމަ. ކޮންމެ ގޮތެއްވިޔަސް އަންހެނެއް ކުރިމަތީގަ މި އޮންނަނީ. ކޮންމެވެސް ވަރެއްގެ ލަދުވެތިކަމެއް ހުންނާނެ ދޯ. އެބަހުރި މީހުން ގުޅާފަ އަހާފަވެސް އޭ އަސްލު ހޭ އެއީ."

"ވާށޭ މަށާ އެކީ" ގެ ޕޯސްޓަރެއްގައި ހަމްދާން

ރީތި ގިނަ ލަވަތަކެއްވެސް ފެނުނު މި ފިލްމުގެ ލަވައެއްގެ ޝޫޓިންގައި މަތިންދާބޯޓެއްގެ ތެރޭގައި އެންމެން އުޅުނު ގޮތް ސިފަކޮށް ހަމްދާން ބުނީ އެއީ ވަރަށް މަޖާ ތަޖުރިބާއެއް ކަމަށެވެ.

ކުރިއަށް އޮތީ "މާމުއި"

މި ފިލްމުގައި ވެސް ހަމްދާންގެ ކެރެކްޓާ އޭނާ އާންމުކޮށް ކުޅެފައިވާ ކެރެކްޓާތަކާ މާބޮޑު ތަފާތެއް ނެތެވެ. މިއީ އަދި ކުރިއަށްދާ މަސައްކަތެކެވެ. އެހެންވެ އެ ވާހަކަ ބާއްވާނީ އެވެ.

ހަމްދާނަށް ޔަގީންވާ ކަމަކީ އޭނާ އަށް ކޮންމެ ރޯލެއް ވެސް ކުޅެވޭނެ ކަމެވެ. އަބަދު އެއްކަހަލަ ރޯލުތައް ލިބޭތީ ބައެއް ފަހަރު ދެކޮޅުހަދާފައި ވެސް އެބަހުއްޓެވެ. އެކަމަކު ފިލްމު ކުޅުވަން އަންނަ މީހުންނަށް ހަމްދާން ނޫން މީހަކު އެ ރޯލުތަކަށް ކަމުނުދަނީ އެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓް

Popular