By: Ifraz Ali
ބޮޑު ޗުއްޓީ ފެށިފައި އޮތްއިރު، މި މަހު ބޮލީވުޑްގެ ވަރުގަދަ ތިން ފިލްމެއް ނިކުންނާނެ އެވެ. އެއީ އަބީޝެކް ކަޕޫރްގެ "ކެދަރުނާތު" އާއި ޝާހްރުކް ޚާންގެ "ޒީރޯ" އަދި ރޯހިތު ޝެޓީ އާއި ކަރަން ޖޯހަރްގެ "ސިމްބާ" އެވެ. މި ތިން ފިލްމު ވެސް ޝުވެކް ސިނަމާގައި ދައްކާނެ އެވެ.
މި ފިލްމުތަކުގެ ތެރެއިން "ކެދަރުނާތު" ކުރިއަށް އޮތް ހަފްތާ ބަންދުގައި ޕްރިމިއާކުރާނެ އެވެ.
"ކެދަރުނާތު" އަކީ އިންޑިއާގެ ހިންދޫން އަޅުކަން ކުރަން ދާ ރަށެއް ކަމުގައިވާ އުތުރަކާންދުގައި 2013 ވަނަ އަހަރު ފެންބޮޑުވެ ހިނގި ނުރައްކާތެރި ހާދިސާގައި ދެ ލޯބިވެރިންނަށް ކުރިމަތިވި ތަފާތު އެކި ކަންކަން ގެނެސްދޭ ފިލްމެކެވެ. ސުޝާންތު ސިންގް ރާޖްޕުތު އާއި ސާރާ އަލީ ޚާން، ލޯބިވެރިންގެ ރޯލުން ފެނިގެންދާ މި ފިލްމުގައި ދެ މީހުނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ދެ މީހުން ދެ ދީނަކަށް ތަބާވުމެވެ.
"ކެދަރުނާތު" ގެ ޓްރެއިލާ.
ސުޝާންތު ކުޅެނީ މުސްލިމެއްގެ ރޯލެވެ. އަދި މި ފިލްމުން ބޮލީވުޑަށް އަލަށް ތައާރަފުވާނެ ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅު، ސާރާ ފެނިގެންދާނީ ހިންދޫއެއްގެ ރޯލުންނެވެ. މި ފިލްމު ޑައިރެކްޓުކުރީ އަބީޝެކް ކަޕޫރް އެވެ. ޕްރޮޑިއުސަރުންނަކީ އަބީޝެކް އާއި ވިޔަފާރިވެރިޔާ ރޯނީ ސްކުރޫވާލާ އެވެ.
އިތުރު ފިލްމަކަށް މި ހަފްތާ ބަންދުގައި ޕްރިމިއާކުރާނީ ޔުނިވާސަލް ޕިކްޗާސްގެ "މޯޓަލް އިންޖީންސް" އެވެ.
"މޯޓަލް އިންޖީންސް" ގެ ޓްރެއިލާ.
މި ފިލްމަކީ ކުޑަކުދިންގެ އިނގިރޭސި ވާހަކަ ލިޔުންތެރިޔާ ފިލިޕް ރީވީ އެންމެ ފުރަތަމަ ލިޔުނު ހަތަރު ވާހަކައިގެ ތެރެއިން އެއް ވާހަކަ ކަމުގައިވާ "މޯޓަލް އިންޖީންސް" އަށް ތައްޔާރުކުރި ސައިންސް ފިކްޝަން ފިލްމެކެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ "ލޯޑް އޮފް ދި ރިންގްސް" އާއި "ހޮބިޓް" ގެ ސްކްރީންޕްލޭ ވެސް ލިޔުނު ސްކްރީން ރައިޓަރުންނެވެ.
ކްރިސްޓިއަން ރީވީ ޑައިރެކްޓުކުރި މި ފިލްމުގައި މުހިންމު ރޯލުތަކުން ހިއުގޯ ވީވިން، ހެރާ ހިލްމާ އަދި ރޮބާޓް ޝީހަން ފެންނާނެ އެވެ.