7 Jan 2019

ނިވައިރޯޅި ޕްރިމިއާގައި އެންމެ ރީތިކޮށް ހެދުންއެޅީ ކާކު؟

ނިވައިރޯޅި ޕްރިމިއާގައި އެންމެ ރީތިކޮށް ހެދުންއެޅީ ކާކު؟

By: Aishath Maaha

ދުވަސްގަނޑަކަށްފަހު ރެޑްކާޕެޓްގެ މަތީގައި ހިނގާލައި ރީތި ހެދުންތަކެއް ދައްކާލަން، ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުންނަށް އަނެއްކާވެސް މިވަނީ ފުރުސަތު ލިބިފަ އެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ޕްރިމިއާކުރަން ބޭއްވި ރެޑްކާޕެޓް އިވެންޓުގަ އެވެ.

ފިލްމީ ތަރިންނާއި ލަވަކިޔުންތެރިން އަދި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަންނާނުން ވަނީ އެރޭގެ އިވެންޓުގައި ރީތި ހެދުންތަކެއް ދައްކާލައިފަ އެވެ. އެގޮތުން މި ބަލައިލަނީ އަޅުގަނޑަށް އެންމެ ރީތިކޮށް ހެދުން އަޅައިގެން ދިޔަ ފަންނާނުންނަށެވެ. މިއީ ޕާސަނަލް ލިސްޓެކެވެ. އަމިއްލަ ލިސްޓުތައް ތިރީގައި ކޮމެންޓުކޮށްލާށެވެ.

މާ ގިނަ ހެދުންތަކެއް އެރޭ ފެނިގެނެއް ނުދެ އެވެ. ނަމަވެސް ފެނިގެން ދިޔަ އެންމެ ރީތި ހެދުންތަކުގެ ތެރޭގައި ހިމެނެނީ ޑިޒައިނަރު ރަޒީނާ ތައުފީގުގެ ހެދުމާއި، އައިޝަތު ރިޝްމީގެ ހެދުން އަދި އިސްމާއިލް ޖުމައިހްގެ ހެދުމެވެ.

ނިވައިރޯޅި ޕްރިމިއާ ކުރި ހަފްލާގައި. -- ފޮޓޯ: އަހްމަދު ނިޝާތު / މިހާރު

ރަޒީ

ނިވައިރޯޅި ޕްރިމިއާގައި ރަޒީ ފެނިގެން ދިޔައީ ވިލު ނޫކުލައަކަށްދާ ދިގު އިވްނިން ޑްރެސްއެއްގަ އެވެ. އާންމުކޮށް ރެޑްކާޕެޓް މަތިން ފެނިގެންދާ ރަތް ނުވަތަ ކަޅު ކުލައިގެ ބަދަލުގައި ރަޒީ ބޭނުންކޮށްފައި ހުރި ކުލަ ފާހަގަކޮށްލެވެނީ ވަރަށް ސިމްޕަލް، ރިފްރެޝިން އަދި އެފަދަ ރަސްމިއްޔާތުތަކާއި ގުޅޭ ކުލައެއްގެ ގޮތުގަ އެވެ.

ފިލްމު "ނިވައިރޯޅި" ޕްރިމިއާކުރުން: -- ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

ރިޝްމީ

އެރޭގެ ރެޑްކާޕެޓްމަތިން ރިޝްމީ ފެނިގެން ދިޔައީ ކަކުލާ ހަމައަށް އަރާވަރުގެ ކަޅު ކުލައިގެ ހެދުމެއްގަ އެވެ. ހެދުމުގެ މޭމަތި އަދި ދެ ފަރާތު އަރިމަތި ޒީނަތްތެރިކޮށްލާފައިވާއިރު ދެ ފަރާތު ކޮނޑުމަތިން ފަހަތަށް އޮތީ ފޮތިކޮޅެއް ދޫކޮށްލާފަ އެވެ. އެ ހެދުމަކީ މަޝްހޫރު ޑިޒައިނަރު ސޭންޑީގެ ޑިޒައިނެކެވެ.

ނިވައިރޯޅި ޕްރިމިއާ ކުރި ހަފްލާގައި. -- ފޮޓޯ: އަހްމަދު ނިޝާތު / މިހާރު

ޖުމާ

ނިވައިރޯޅީގެ ޕްރިމިއާގައި ތިންވަނަ އަށް އެންމެ ރީތިކޮށް ހެދުން އަޅާފައި ހުރީ އިސްމާއިލް ޖުމައިހް (ޖުމާ) އެވެ. ހުދުކުލައިގެ ގަމީހަކާއެކު ކްރީމް ކުލައިގެ ވެސްޓަކާއި ފަޓުލޫނެއް ބޭނުންކޮށްފައި ހުރިއިރު އަރައިގެން ހުރީ ހުދުކުލައިގެ ކެޝުއަލް ބޫޓަކަށެވެ. ގަމީހުގެ ގިރުވާން އަދި ގޮށްފަތި ހުރީ ކްރީމްކުލައިގެ އެސްތަކަކުން ޒީނަތްތެރިކޮށްލާފަ އެވެ.

ނިވައިރޯޅި ޕްރިމިއާ ކުރި ހަފްލާގައި. -- ފޮޓޯ: އަހްމަދު ނިޝާތު / މިހާރު

ނުޒޫ

އަރަމުން އަންނަ ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ނިވައިރޯޅީގެ ޕްރިމިއާއިން ފެނިގެން ދިޔައީ ކަޅުކުލައިގެ ކުރު އިވްނިން ޑްރެސްއެއްގަ އެވެ. އެ ހެދުމުގެ ޓޮޕްކޮޅު ރޭނދާފޮތިން ފަހާފައިވާއިރު ހެދުމުގެ ސްކާޓް ފަހާފައި ހުރީ އޮފް ޕޮލިޝްޓަރު ފޮތިންނެވެ. ހެދުމުގެ އަތް ވެސް ހުރީ ހަމަ އެ ފޮތިންނެވެ. އެ ހެދުމަކީ ޖުމާގެ ޑިޒައިނެކެވެ.

ނިވައިރޯޅި ރެޑްކާޕެޓް: ނިއުމާ މުހައްމަދު އޭނާގެ ދަރިފުޅު ޒޯޔާއާއެކު -- | ފޮޓޯ: އަހްމަދު ނިޝާތު

ނިއުމާ

ނިއުމާ މުހައްމަދަށް ހާއްސަ އެ އިވެންޓުގައި ނިއުމާ ބޭނުންކޮށްފައިވަނީ ހުދު ކުލަ އެވެ. ހުދުކުލައިގެ ކޯޓަކާއި ބެލްސް އަދި ނޫޑްކުލައިގެ ޓޮޕްކޮޅެކެވެ. ޓޮޕްކޮޅުގެ މޭމަތި ޑިޒައިންކޮށްފައިވާއިރު އެފަދަ ރަސްމިއްޔާތަކާއި ގުޅޭ އަދި ސިމްޕަލް ހެދުމެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. އެ ހެދުމަކީ ޑިޒައިނަރު އިބޫ އަދި ޖުމައިހްގެ ޑިޒައިނެކެވެ.

ނިވައިރޯޅި ޕްރިމިއާ ކުރި ހަފްލާގައި. -- ފޮޓޯ: އަހްމަދު ނިޝާތު / މިހާރު

މީރާ

މީރާ މުހައްމަދު މާޖިދު ވެސް ނިވައިރޯޅީގެ ޕްރިމިއާގައި ބޭނުންކޮށްފައިވަނީ ކަކުލަށްވުރެ ތިރިއަށް ހުރި ކަޅުކުލައިގެ އިވްނިން ޑްރެސް އެކެވެ. މީރާ ބުނީ އެ ހެދުމަކީ ލަންޑަނުން ގަނެފައިވާ ހެދުމެއް ކަމަށެވެ.

ފެޝަން

Popular