5 Sep 2019

By: Ifraz Ali

🚨 ސްޕޮއިލާ އެލާޓް 🚨

ވަރަށް ތަފާތު ވާނެއޭ ކިޔައިގެން އަބަދުވެސް ދިވެހި ސިނަމާއަށް އާންމުކޮށް ގެންނާނީ އެއް ރަހަގަނޑެއްގެ ފިލްމުތަކެވެ. ގުޅަ، ބަޖިޔަލަށް އެއް މަސްގަނޑެއް އަޅައިގެން ކާންދޭ އުސޫލުން، ތަފާތު ޖޯންރާއަކަށް ވިޔަސް، އަދިވެސް ދިވެހި މުސްކުޅި ފިލްމީ ސްޓައިލު ދޫކޮށްލާކަށް ނޫޅެ އެވެ. މި ޝަކުވާގެ ހައްލު ލިބިދާނެކަމުގެ އުއްމީދުގެ ހުޅުކޮޅު ނިވެމުން ދަނިކޮށް، އަނެއްކާ ވެސް އޮލިމްޕަހުގެ އިސްކުރީނުގެ އެ ހުޅުކޮޅު ނިވުނަނުދީ މި ވަނީ ހިފަހައްޓައިފަ އެވެ. އެ ހުޅުކޮޅަކީ "ބަވަތި" އެވެ.

މިއީ ދިވެހި ސިނަމާއަށް މުޅިން އާ ބައެއް ކަމަށްވާ "އައި ފިލްމްސް" އަދި "ޕެންޑުލަމް އިންވެސްޓަމަންޓްސް" ގުޅިގެން ގެނެސްދިން ފުރަތަމަ ޕްރޮޑަކްޝަނެވެ. ގާތްގަނޑަކަށް ދެ ގަޑި އިރާއި އެއް މިނެޓުގެ ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާއެކެވެ.

އިންޑަސްޓްރީގައި ވަކި ހިއްޕާލައިގެން ތިބި ބައު އެކްޓަރުން ކޮންމެ ފިލްމެއްގައި ދައްކަމުންދާ އެއް ޖަރުބާތުތަކެއްގައި ޖެހި ފޫހިވެފައި ވަނިކޮށް، ކުއްލިއަށް އެ މަންޒަރު ބަދަލުކޮށްލީ އަރަމުން އަންނަ އާ ބަތަލާ ނުޒުހަތު ޝުއައިބު )ނުޒޫ( އާއި ދާއިރާއަށް މުޅިން އަލަށް ތައާރަފުކުރި އަހުމަދު އިފްނާޒެވެ. މި ފިލްމަށް ފަހު، ނުޒޫ އަކީ ކޮންމެ ރޯލަކަށް ވެސް ފިޓުވާނެ ބަތަލާއެކަން ނިންމައި ތައްގަނޑު ޖަހާ ވަރުވެއެވެ. އަލަށް ފީޗާ ފިލްމެއް ކުޅުނު މީހެކޭ ބުނާވަރަށް ވުރެ ފިލްމުގެ ބަތަލު މާ ބޮޑަށް ވެސް މޮޅެވެ.

ބަވަތި ރެޑްކާޕެޓް: ފިލްމުގެ ލީޑު ބަތަލާ ނުޒޫ، ޑައިރެކްޓަރު އިލްޔާސް އަދި ބަތަލު އިފްނާޒް.-- ދޯ ފޮޓޯ/ ހުސެން ވަހީދު

ޑައިރެކްޓަރު އިލްޔާސް ވަހީދު، އޭނާގެ އަމިއްލަ ސްކްރީންޕްލޭއަކަށް ނުޒޫ އާއި އިފްނާޒް އަދި ދާއިރާއަށް މުޅިން އާ ކާސްޓެއް ފިޓުކޮށްގެން ގެނެސްދީފައިވާލެއް ހަގީގަތުގައި ވަރަށް ވެސް މޮޅެވެ. ފުރަތަމަ ޑައިރެކްޝަނަށް ބަލާއިރު އޭނާއަކީ މި ދާއިރާއަށް އާ މީހެކޭ ނުބުނެވޭހާ ފުރިހަމަ އެވެ. ދިވެހި ސިނަމާ އަށް އުއްމީދީ މުޅިން އާ ފިލްމު އުފެއްދުންތެރިއެއް އުފަންވީ އެވެ. ފީޗާ ފިލްމެއް ގެނެސްދިނުމަށް އިޔްލާސް 20 އަހަރުވަންދެން ދެކެމުން އައި ބޮޑު ހުވަފެނެއް ހަގީގަތަކަށްވީ އެވެ.

މެއިން ކާސްޓު

- ނުޒުހަތު ޝުއައިބު

- އަހްމަދު އިފްނާޒް ފިރާގު

- ފާތިމަތު ލަތީފާ

- މުހައްމަދު ރަޝީދު

- އިބްރާހިމް ފައިޒޫޒް އާދަމް

ޕްރޮޑަކްޝަން ކްރެޑިޓްސް

- ވާހަކަ / ސްކްރީންޕްލޭ / ޑައިރެކްޝަން: އިލްޔާސް ވަހީދު

- ޕްރޮޑިއުސަރު: އާސިމް އަލީ އަދި އަހްމަދު ވަހީދު

- އެސިސްޓެންޓް ޑައިރެކްޓަރު: އަހްމަދު އިފްނާޒް ފިރާގު

- ސިނަމެޓޯގްރެފީ: އަހުމަދު ވިޝާން (ކަނޑި)

- ވިޝުއަލް އިފެކްޓްސް: މުހައްމަދު ސާމީ

- އެޑިޓިން: އަމީދު

- ޕޯސްޓް ޕްރޮޑަކްޝަން: އޯކޭޒް އިންކް

- ޕްރޮޑަކްޝަން މެނޭޖަރު: ފާތިމަތު މައިޝާ އާދަމް

- މިއުޒިކް: އިސްމާއިލް އަދީލް (މިސްޓީ)

- މޭކަޕް އެންޑް ހެއާ: ރުތުބާ އަހްމަދު

- ކޮސްޓިއުމް: އަސްމާ ވަހީދު

"ބަވަތި" ގެ އޮފިޝަލް ޓްރެއިލާ.

އިބޫ (އިފްނާޒް) އަކީ މާލޭގައި ދިރިއުޅޭ ފިޓްނެސް އިންސްޓުރަކްޓަރެކެވެ. ޝެހެނާޒް (ނުޒޫ) އާއި އިބޫ ދިމާވަނީ، ފިޓްނެސް ޕްރޮގުރާމެއް ހިންގަން ތިން މަސް ދުވަހަށް ރަށަކަށް ގޮސް އުޅެނިކޮށެވެ. އެ ދިޔަ ދުވަސްތަކުގައި، ތަފާތު ދެ މިޒާޖެއްގެ މި ދެމީހުންގެ ދެމެދުގައި ލޯބީގެ ހާއްސަ ގުޅުމެއް އުފެދި، ކައިވެނި ކުރެ އެވެ. ކައިވެންޏަށް ފަހު އަނބިމީހާ ގޮވައިގެން އިބޫ އެނބުރި މާލެއައުމާއެކު ޝެހެނާޒުއަށް އާދަޔާ ހިލާފު ކަންތައްތަކެއް ދިމާވާން ފަށަ އެވެ.

ޝެހެނާޒްއަށް ކުރިމަތިވަމުން ދިޔަ މި އާދަޔާ ހިލާފު ކަންތައްތަކުގެ ސިއްރު ގެނެސްދިނުމަށް ފިލްމު ފެށިގެން ނިމެންދެކަށް، އިލްޔާސް މި ފިލްމުގެ ސްކްރީންޕްލޭ އަތުރާލައިފައި އޮތީ މިފަހުން ދިވެހި އެއްވެސް ފިލްމެއްގައި ސްކްރީންޕްލޭއެއް ގެނެސްދީފައި ނުވާހާ މޮޅަށެވެ. ބޭކާރު މަންޒަރުތަކާއި ދިގުދެއްމުންތައް ނުލައި، ފޫހިނުވެ، ހުޝިޔާރުވެ، ކަމާވެގެން މީހަކަށް ބަލަން އިނދެވޭނެ ގޮތަށެވެ.

އިބޫ އަދި ޝެހެނާޒް އެނބުރި މާލެ ދިޔަ ފަހުން ކޮންމެ މަންޒަރެއްގައި ވެސް އިންނަން ޖެހުނީ ނޭވާ ހިފައްޓާލައިގެންނެވެ. ދެން ވާނީ ކިހިނެއްތޯ ބެލުމަށެވެ. ފިލްމުގެ ނިމުން އައީ ވެސް ހީނުކުރާ ފަދަ ގޮތަކަށެވެ. މުޅި ފިލްމުގެ މަންޒަރު ބަދަލުވި އެވެ. އެ ހިސާބަށް ދަންދެން ވަރަށް ފެންވަރުގައި ފިލްމުގެ ސަސްޕެންސް އެއް ވަރެއްގައި ހިފަހައްޓައިލި އެވެ.

ބަވަތި ރެޑްކާޕެޓް: ފިލްމުގައި ނުޒޫގެ ބައްޕަގެ ރޯލު ކުޅުނު ފައިރޫޒް، ނުޒޫ އަދި ފިލްމުގައި ނުޒޫގެ މަންމަގެ ރޯލު ކުޅުނު ލަތީފާ.-- ދޯ ފޮޓޯ/ ހުސެން ވަހީދު

އެންމެ ކަމުދިޔައީ އެ ސަސްޕެންސް ބޮޑު މަންޒަރުތަކުގެ ދެމެދުން ކޮންމެވެސް ވަރަކަށް އޯޑިއެންސް ހެއްވާލާ ކަހަލަ ބައެއް މަންޒަރުތައް ވެސް ގެނެސްދިނުމަށް ކޮށްފައި ހުރި މަސައްކަތުންނެވެ. ސަސްޕެންސް ނުގެއްލޭ ގޮތަށް ހިއުމާ ކްރިއޭޓުކޮށްފައިވާ ގޮތް ވަރަށް ވެސް ފުރިހަމަ އެވެ. އެކަމަކު ޑައިރެކްޓަރު ނަހުލާގެ ލޯބީގެ ފިލްމުތަކުގައި މުޅި އޯޑިއެންސް އަބަދު ރޯންޖެހޭ އިސްޓައިލަކު ނޫނެވެ. އަދި ޑައިރެކްޓަރު އަމްޖޭގެ ބިރުވެރި ފިލްމުތަކުގައި ކޮންމެ މަންޒަރަކުން ފިތްކަނޑައިގެން ގޮސް އިންނަންޖެހޭ ގޮތަކަށް ވެސް ނޫނެވެ. މިއީ މުޅިން އެހެން ލެވެލެކެވެ.

ފިލްމުގެ ހުރިހާ ހިސާބަކަށް ވެސް އެކި ރަހަތައް، ލޯތްބާއި، އުފާވެރި، ބިރުވެރި އަދި ހިތާމަވެރި މަންޒަރުތައް، ގަތާއި އަތުރާލައިފަ އެވެ. އެ ސަސްޕެންސް ވަރުގަދަ މަންޒަރުތަކުގެ ދެމެދުން މި ބުނާ ހުރިހާ ރަހައެއް އަދި ހާއްސަކޮށް ހެއްވާލާ ކަހަލަ ބައިތަކެއް ގެނެސްދީފައި ހުރި ނަމަވެސް އެކަން އޮޑުކަމަށް ނުވެސް ދައްކަ އެވެ. ބެލެވެނީ އެއީ ފިލްމުގައި އަންނަ ހުރިހާ ހާލަތަކާއި ގުޅޭނެ ގޮތަށް އިބޫ އަދި ޝެހެނާޒްގެ ކެރެކްޓާ ފައްކާކޮށްފައި ވާތީހެންނެވެ.

މި ވަގުތު ފިލްމީ ދާއިރާގައި ޝެހެނާޒްގެ ރޯލަށް އެންމެ ފެތޭނެ މީހަކަށް ހުރީ ވެސް އެކްޓްރެސް ނުޒޫ އެވެ. އެ ރޯލު އެ ފެންވަރަށް ކުޅެލެވޭނެ އެހެން ބަތަލާއެއް ފިލްމީ ދާއިރާއިން އަތުޖެހިދާނެއެކޭ އަހަރެން ނުބުނާނަމެވެ. ސަބަބު ވަރަށް ސާފެވެ. ފިލްމު "މަލިކާ" އިން 2017 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނިކުތް ނުޒޫ މިހާތަނަށް އޭނާ ކުޅުނު ކޮންމެ ފިލްމެއްގައި ވެސް ފެނުނީ ތަފާތު ރޯލަކުންނެވެ. ހަމައެކަނި މި އަހަރު ނިކުތް އޭނާގެ ފިލްމުތަކަށް -- ބަވަތި އާ ނުލައި ތިން ފިލްމު -- ބެލިއަސް މި ބުނާ ތަފާތު ފެންނާނެ އެވެ.

ބަވަތިގެ ރެޑްކާޕެޓް: ނުޒޫ އާއެކު ފިލްމުގެ ޑައިރެކްޓަރު އިލްޔާސް.-- ދޯ ފޮޓޯ/ ހުސެން ވަހީދު

އިފްނާޒް ވެސް އޭނާއަށް ދީފައިވާ އިބޫގެ ރޯލު، އާ އެކްޓަރެއްކަން އިހުސާސްނުވާހާ މޮޅަށް ކުޅެފައިވެ އެވެ. އެކްޓިންގެ ކުޑަ ވެސް މައްސަލައެއް ހުރީ ޝެހެނާޒްގެ މަންމަގެ ރޯލު ކުޅުނު ލަތީފާގެ އެވެ. ބައެއް ޑައިލޮގުތައް ކިޔުމުގައި އާއި އިހުސާސްތައް ދައްކައި ދިނުމަށް އޭނާ އަށް އުނދަގޫވާ ކަހަލަ ގޮތެއް ހުރިކަން ފާހަގަކުރެވުނެވެ. ދަރާ ރަޝީދު އާއި ފައިރޫޒްގެ އޮން-ސްކްރީން ޓައިމް ކުޑަވިޔަސް އެމީހުންގެ ކެރެކްޓާ ވަރަށް މުހިންމެވެ. ފިލްމު ނިމޭއިރު ކޮންމެ މީހެއްގެ ރޯލަށް ވެސް ފުރިހަމަ އަށް އިންސާފު ލިބެ އެވެ.

ދައްކަންޖެހޭ އެންމެ މުހިންމު ވާހަކަ އަދި އޮތީ އެވެ. މި ފިލްމުގެ ހިތްގައިމު ސިނަމެޓޯގްރެފީ އާއި ވިޝުއަލް އިފެކްޓްސް އެވެ. ގައުމީ އެވޯޑު ހޯދާފައިވާ ތަޖުރިބާކާރު ކެމެރާމަން، ކަނޑީގެ މަސައްކަތައް އިތުރު ތައާރަފެއް ބޭނުމެއް ނުވާނޭ ފަދައިން އޮއްސަން ހުރީ ހުސް ތައުރީފެވެ. މި ފިލްމަކީ މިހާތަނަށް އޭނާ އެންމެ ބޮޑު ތަފާތެއް ދެއްކި މަސައްކަތަށް ވެސް ވެދާނެއެވެ. ފިލްމު ޝޫޓުކޮށްފައިވާ ކ.ކާށިދޫގެ ހިތްގައިމު މަންޒަރުތައް އިސްކުރީނުން އެހާ ރީތިކޮށް ބަލައިލަން އެ ލިބުނީ ކަނޑީގެ ތަޖުރިބާ އާއި ހުނަރުގެ ވަރަށް ބޮޑު ޕަސެންޓަކާ ހެދިއެވެ.

ފިލްމުގެ ވިޝުއަލް އިފެކްޓްސްގެ މަސައްކަތްކުރީ އޯކޭޒް އިންކްގެ ސާމީ އެވެ. ރަނގަޅަށް ހަނދާންވާ ނަމަ މިއީ މިހާތަނަށް އެންމެ ގިނަ އިފެކްޓްސް މިގޮތަށް ބޭނުންކޮށްފައިވާ ދިވެހި ފިލްމެވެ. ކަނޑީގެ ކެމެރާގެ މަސައްކަތާއި ސާމީގެ މަސައްކަތް ގޮސް ބްލެންޑުވެގެން އަންނައިރު ހެސްކިޔާފަ ސަޅި އެވެ. ހާއްސަކޮށް މޫދުގައި ނަގައިފައިވާ މަންޒަރުތައް ހަމަ އޮބިނޯވެ އެވެ. މިއާއެކު ކުރިން ދިވެހި ސިނަމާގައި ޓެކްނިކަލް ސައިޑުން އެންމެ ކޮލެޓީ ފިލްމު ހަދާ ޕްރޮޑަކްޝަނެއްގެ ގޮތުގައި މަޝްހޫރުވެފައި އޮތް "ޑާކްރެއިން" ގެ ވިލާގަނޑުގެ މައްޗަށް "ބަވަތީ" ގެ ހިޔަނި ރަނގަޅަށް ވެސް އެޅުނީ އެވެ.

އަހްމަދު ނަޒީހު "ބަވަތި" އަށް ކިޔާފައިވާ ލަވަ "ހީލާ".

މިސްޓީގެ މިއުޒިކުގެ ވާހަކަ ވެސް ނުދައްކާ ނިންމާލެވޭކަށް ނެތެވެ. އެންމެ ރީތީ އަހްމަދު ނަޒީހުގެ އަޑުން އިއްވާލި "ހީލާ" އެވެ. ޔާމީން ރަަޝީދުގެ އަޑުން އިވުނު "މީ ބަލަ ލޯބިކަން" އަދި ޖައިޝާ ވަހީދު ކިޔާފައިވާ ޕްރޯމޯ ލަވަ "ބަވަތި" ވެސް ވަރަށް ރީއްޗެވެ. މި ލަވަތަކުގެ ލިރިކްސް ފިލްމުގެ ވާހަކައާ ވަރަށް ގުޅެ އެވެ.

ޔަގީނަށް ވެސް މި ފިލްމަކީ ދިވެހި ސިނަމާގައި މުޅިން އާ ބެންޗުމާކެއް އުފައްދާނެ ފިލްމަކަށް ވާނެ އެވެ. އީސާ ޝަރީފްގެ "ފަތިސްހަނދުވަރު"، އަހްމަދު ނިޔާޒް (ޑެޓްރީ) ގެ "ދެރިޔާ"، ފާތިމަތު ނަހުލާގެ "ޒުލޭހާ" އާއި "4426" އަދި ރަވީ ފާރޫގުގެ "ވިޝްކާ" ފަދަ ދިވެހި ސިނާމާގެ އެންމެ މޮޅެތި ފިލްމުތަކުގެ ލިސްޓުގެ އެންމެ މަތީގައި ހިމަނަންޖެހެ އެވެ. އަދި ހާއްސަކޮށް ދާއިރާއަށް އަލަށް ނުކުތް ބަޔަކު ކުރި މަސައްކަތެއް ވީމާ އެކަން ފާހަގަކުރަން ވެސް ޖެހެ އެވެ.

މި ފިލްމަށް އަހަރެން ދޭނެ ރޭޓިންނަކީ 4/5 (⭐⭐⭐⭐)

ދިވެހި ފިލްމް އިންޑަސްޓްރީ

Popular