3 Sep 2019

By: Ifraz Ali

*** ސްޕޮއިލާ ނުލައި ***

މި އަހަރު އެންމެ ގިނަ ބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރި ދިވެހި ފިލްމު، "ބަވަތި" ރޭ މި ވަނީ އޮލިމްޕަހުގައި ޕްރިމިއާކޮށްފަ އެވެ. އެއަށް ފަހު ތައުރީފު ނޫން އެހެން އެއްޗެއް އެ ފިލްމަކަށް ނުއޮހެއެވެ. ނަމަވެސް މިއީ އަދި ރިވިއުއެއް ނޫނެވެ. ނަމަވެސް "ޑާކް ރެއިން ވެއްސާ ވިލާގަނޑެއްގެ" ދަށަށް ދަމައިގެންގޮސްފައި އޮތް ދިވެހި ފިލްމީ ދާއިރާ އަށް "ބަވައްޗާއެކު" މި ގެނެސްދިން އާ ފެށުމުގެ ވާހަކައެވެ. ފިލްމީ ދާއިރާ އަށް މުޅިން އާ ކުލަތަކެއް ބަންޑުންކޮށްލި ރައިޓަރު އަދި ޑައިރެކްޓަރު އިލްޔާސް ވަހީދުގެ އަލަތު ފިލްމު ކޮންމެހެން ވެސް ބަލަން ދާންވީ 12 ސަބަބެވެ.

1. އާ ޕްރޮޑަކްޝަނެއް

މިއަހަރު މުޅިން އާ ތިން ޕްރޮޑަކްޝަނެއްގެ ފިލްމުތަކެއް ސިނަމާއަށް އައިސްފި އެވެ. އެކަމަކު އެ ހުރިހާ ޕްރޮޑަކްޝަންތަކަކީ ވެސް ފިލްމީ ދާއިރާގައި މިހާރު ވެސް މަސައްކަތްކުރާ ފަންނާނުގެ ޕްރޮޑަކްޝަންތަކެވެ. ބަވަތި މި ގެނެސްދޭ "އައި ފިލްމްސް" އަކީ މި ދާއިރާއަށް މުޅިން އާ ބައެއްގެ ޕްރޮޑަކްޝަނެކެވެ. މި ފިލްމު ޕްރޮޑިއުސްކުރީ އާސިމް އަލީ އަދި އަހްމަދު ވަހީދެވެ.

2. އާ ޑައިރެކްޓަރެއް

ޑައިރެކްޓަރަކީ އިލްޔާސް ވަހީދެވެ. އޭނާއަކީ ކުރިން ޓީވީ ޕްރޮޑިއުސަރެކެވެ. ފީޗާ ފިލްމެއް އުފެއްދުމަކީ ގާތްގަނޑަކަށް 20 އަކަށް އަހަރު ވަންދެން އޭނާ ދެކެމުން އައި ބޮޑު ހުވަފެނެކެވެ. މި ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ވެސް ތައްޔާރުކުރީ އޭނާ އެވެ. މީހަކު ހުވަފެނެއް ހަގީގަތަށް ހެދުމަށް މެދުނުކެނޑި 20 އަހަރު ކުރި މަސައްކަތުގެ ނަތީޖާ މި ފިލްމުން ވަރަށް ރަނގަޅަށް އެ ވަނީ ފެނިގެންގޮސްފައެވެ.

ބަވަތަ ރެޑްކާޕެޓް: ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (މ) އާއި ލީޑު ތަރިން، ނުޒުހަތު ޝުއައިބު އަދި އަހްމަދު އިފްނާޒް ފިރާގް -- ދޯ ފޮޓޯ/ ހުސެން ވަހީދު

3. ޓީމުގައި މުޅިން ވެސް ތާޒާ މޫނުތަކެއް

ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރާއި އެކްޓަރުންނާއި އަދި ފިލްމުގެ ކުރޫއިންގެ ގޮތުގައި ވެސް ގިނައިން ތިބީ މުޅިން މި ދާއިރާއަށް އާ ފަންނާނުންނެވެ. ނަމަވެސް މިއީ ހުނަރުގެ ގޮތުން ފިލްމީ ދާއިރާގެ އެންމެ ބޮންތިއަށް ގޮންޖަހާނެ ޓީމެއްކަން މިހާރު ވެސް ޔަގީނެވެ.

4. ބަތަލާ ނުޒޫ

މިހާރު ދިވެހި ސިނަމާގައި އެންމެ ވިދާ ތަރިއަކީ ނުޒުހަތު ޝުއައިބު އެވެ. މިއަހަރު އިތުރު ތިން ފިލްމެއްގައި ވެސް -- އެއިން ކޮންމެ ފިލްމެއްގައި ވެސް މުޅިން ތަފާތު ރޯލެއްގައި -- މަސައްކަތްކުރި ނުޒޫ އަށް މި ފިލްމުން ވެސް ލިބިފައި ވަނީ މުޅިން ތަފާތު ކެރެކްޓާއެއް ކުޅުމަށެވެ. ނުޒޫގެ ހުނަރު ފެންނަނީ މޭކަޕާއި ޖަރީކޮށްފައިވާ ހެދުންތަކަކުން ނޫނެވެ. އޭނާ އަކީ ނެޗުރަލް ބޯން ޓެލެންޓެކެވެ.

5. އިފްނާޒްގެ ހުނަރު

ފިލްމުގެ ލީޑުން ނުޒޫ އާއެކު ފެނުނީ މުޅިން އަލަށް ފީޗާ ފިލްމެއް ކުޅުނު އަހްމަދު އިފްނާޒް ފިރާގެވެ. ކާސްޓުގައި އުއްމީދީ އާ ފަންނާނުން ގިނަ އެވެ. އޭގެ ތެރެއިން މުހިންމު ރޯލުތަކުން ފެންނާނީ ފާތިމަތު ލަތީފާ، މުހައްމަދު ރަޝީދު އަދި އިބްރާހިމް ފައިރޫޒް އާދަމެވެ. މިއެންމެންނަކީ ވެސް ބޮޑު އިސްކިރީނަށް އާ މޫނުތަކަކަށް ވެދާނެއެވެ. ނަމަވެސް އެމީހުން އާ ހެނެއް ހީއެއްނުވެއެވެ.

ބަވަތިގެ ޓްރެއިލާ.

6. އާ މީހުން ނުފެންނަ ކަމުގެ ޝަކުވާއަށް ނިމުން

ދިވެހި ފިލްމުތަކުން އާ މީހުން ނުފެންނަ ކަމުގެ ޝަކުވާއަށް މި ފިލްމު މިހާރު ވެސް ފުލުސްޓޮޕް ޖަހައިފި އެވެ. މުޅި ޕްރޮޑަކްޝަންގެ ހުރިހާ މަސައްކަތެއްގައިހެން ދާއިރާއަށް މުޅިން އާ މީހުންނެވެ.

7. ތަފާތު ވާހަކައެއް

"މި ފިލްމުގެ ވާހަކަ އަކީ މުޖުތަމައުގައި އާންމުކޮށް ހިނގާ ކަމެއް. އެކަމަކު އަޅުގަނޑުމެން އޭތި މި ގެނެސްދެނީ މުޅިން ތަފާތު ޕޮއިންޓް އޮފް ވިއުއަކުން،" ސަސްޕެންސް ތުރިލާ މި ފިލްމާއި ބެހޭގޮތުން، ދޯ އަށް ކުރިން ދިން އިންޓަވިއުއެއްގައި ޑައިރެކްޓަރު އިލްޔާސް ބުނީ މިހެންނެވެ.

8. ސިނަމެޓޯގްރެފީ އާއި ހިތްގައިމު ވިޝުއަލްސް

ކެމެރާކުރުމުގެ މަސައްކަތް ކުރީ ގައުމީ އެވޯޑު ހޯދާފައިވާ ކެމެރާމަން، އިބްރާހިމް ވިޝާމް (ކަނޑި) އެވެ. ގިނަ ވިޝުއަލް އިފެކްޓްސްތަކެއް ވެސް ހިމެނޭ މި ފިލްމުގެ އެ މަސައްކަތް ކުރީ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކާއި ހަވާލުވި ޒުވާން ޓީމް، އޯކޭޒް އިންނެވެ. އޯކޭޒް އަކީ ދެން އަނެއްކާވެސް މިފަދަ މަސައްކަތުގައި ތައާރަފެއް ދޭން ޖެހޭ ބައެއް ނޫނެވެ.

9. ރީތި ލޮކޭޝަނެއް

ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ މާލެ އަދި އޭގެ އިތުރުން ވަރަށް ރީތި ރަށެއް ކަމުގައިވާ ކ. ކާށިދޫގަ އެވެ. އިލްޔާސް ބުނީ މަންޒަރުތައް ނެގުމުގައި ވަރަށް ޗެލެންޖިން ކަންކަމާއި ދިމާވި ކަމަށެވެ. އެންމެ ބޮޑު ކަމަކަށް ފާހަގަކުރީ ކަނޑުގައި ނަގަންޖެހުނު ބައެއް މަންޒަރުތަކެވެ.

ބަވަތިގެ ޕްރޮމޯޝަނަލް ލަވަ.

10. ރާޅުބޯއީ އާއި ޖައިޝާގެ ލަވަ

ލަވަކިޔަން ވެސް ފުރުސަތު ދިނީ މުޅިން އާ އާޓިސްޓުންނަށެވެ. އެއީ މޯލްޑިވިއަން އައިޑޮލް އިން ވިދާލި އަހްމަދު ނަޒީހު (ރާޅުބޯއީ) އަދި ޖައިޝާ ވަހީދު އެވެ. މި ފިލްމުގައި ދެ ލަވައެއް ބޭނުންކޮށްފައިވެ އެވެ. އަދި ޕްރޮމޯޝަން ލަވައެއް ވެސް ހިމެނެ އެވެ.

11. ތަފާތު މަސައްކަތެއް

ކުރިން މި ފާހަގަކުރި ސަބަބުތަކުން ވެސް މޮޅު އެއްޗެއް ބެލުންތެރިންނާއި ހިސާބަށް ގެނެސްދިނުމަށް ކޮށްފައި ހުރި މަސައްކަތްތައް އެބަ ފާހަގަވެ އެވެ. އާ ބަޔަކާއެކު މިހާ ބޮޑު ރިސްކެއް ނަގަން ކެރުނީތީ ވެސް އެކަމަށް ތައުރީފުކުރަންޖެހެ އެވެ.

12. ކޮމްޕެޓިޝަން ވަރުގަދަވާނެ ސަބަބެއް

މި ފިލްމާއެކު ފިލްމު އުފައްދާ މީހުންގެ މެދުގައި ވާދަވެރިކަން އުފެދިގެން ގޮސްފާނެ އެވެ. ހާއްސަކޮށް މި އަހަރުގެ ގިނަ ފިލްމުތަކުން އެކަން ފާހަގަ ވެސް ވި އެވެ. ތަފާތު އެކި ޖޯންރާތައް ބައެއް ޕްރޮޑަކްޝަންތަކުން އެކްސްޕްްލޯކޮށް، އެ ރިސްކު ނަގައިފައިވެ އެވެ. ނަމަވެސް މިފަހުން ދިވެހި ސިނަމާއިން މުޅިންހެން އެއް ބަޔަކު ފެނި އެއް ރަހަތަކެއް ކާން ބޯން ލިބުނެވެ. ނަމަވެސް "ބަވަތި" މި އޮތީ ފްރެޝް ސްޓާޓަކާ އެކު މުޅި ގޭމު ބަދަލުކޮށްފައިވައެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ސައިކޮލޮޖީ

Popular