9 Oct 2019

By: Aishath Maaha

މިއީ އާމިނަތު ޝަމާނާ އެވެ. ބައިސްކޯފްގެ ސީރީޒް "އެހެނަސް"ގެ މުހިންމު އެއް ރޯލުން ފެންނަ ތަރިއެކެވެ. ޝަމާނާ އަށް ވުރެ ބޮޑަށް ގިނަ ބަޔަކު އޭނާ ދަންނަނީ "ނީން" ގެ ނަމުންނެވެ. އެއީ އެހެނަސްގައި ޝަމާނާ ކުޅޭ ރޯލުގެ ނަމެވެ.

މިއީ މިހާތަނަށް ޝަމާނާ ކުޅުނު ހަމައެކަނި ސީރީޒެވެ. އެކްޓް ކުރުމާއި ފިލްމު ކުޅުމަކީ އުމުރުން 20 އަހަރުގެ ޝަމާނާގެ ޝައުގުވެރިކަން ހުރި ދާއިރާއެއް ނޫނެވެ. އޭނާ ބޭނުންވަނީ ލޯޔަރަކަށްވާށެވެ. ވިލާ ކޮލެޖުގައި މިހާރު އަންނަނީ ޑިގްރީ އަށް ކިޔަވަމުންނެވެ. މުސްތަގުބަލުގައި އެއީ ގައުމު ފަހުރުވެރިވާ ފަދަ ލޯޔަރަކަށް ވާން އޭނާ ބޭނުންވެ އެވެ.

1. ލޯޔަރަކަށްވާން ބޭނުންވެ އެ ދާއިރާ އިން ކުރިއަށް ދާން މަސައްކަތް ކުރަމުން ފިލްމީ ދާއިރާ އަށް ނުކުތީ ކީއްވެ؟

ޝަމާނާ: އަސްލު ފިލްމު ކުޅެން ޝައުގުވެރިވެގެންނެއް ނޫން. ފުރުސަތު ލިބިފަ، ރިޝްމީމެން އެންމެން ޝަމާނާ އެ ރޯލް ކުޅެން ބޭނުންވީމަ ހިތަށް އެރީ ކުޅޭނީއޭ. ފުރަތަމަ އުޅުނިން ނުކުޅެން ވެސް. އެކަމަކު ވެސް ފަހުން ނިންމީ ކުޅެން.

ޝަމާނާ: ލޯޔަރަކަށް ވާން ބޭނުންވާ ތަރި

2. ކިހިނެއްތަ އެހެނަސް އިން ފުރުސަތު ލިބުނީ؟

ޝަމާނާ: ވީގޮތަކީ ޝަމާނާގެ ވަރަށް ކްލޯޒް ފްރެންޑެއް މައިކް އަކީ. އެއް ދުވަހަކު މައިކްއާ އެކީ އެ ގެއަށް ދިޔައިރު އެގޭގައި ޝޫޓިން ކުރިއަށް ދޭ އެހެނަސްގެ. ފުރަތަމަ ޝޫޓިން އޮތް ދުވަސް. އޭރު ނީންގެ ރޯލަށް ވެސް ކުއްޖަކު ނަގާފަ އޮތީ. އެކަމަކު ފަހުން އެކުއްޖާ ނޫޅޭ އެޔަކު. ދެން ނީން ދިޔައިމަ ރިޝްމީމެން ބޭނުންވީ ނީން އެ ރޯލަށް ނަގަން. ފުރަތަމަ ބުނީމަ ބުނިން ނުކުޅޭނަމޭ. އެކަމަކު އެ ރޭ ހަމަ ކުޅެން ނިންމާފަ ޝޫޓް ކުރަން ފެށީ. ނޭނގި ފެށުނު ކަމެއް އެއީ.

3. އެހާ ފަސޭހައިން ހިޔާލު ބަދަލުވެ ނީން ކުޅެން އެއްބަސްވީ ކީއްވެ؟

ޝަމާނާ: ވީގޮތަކީ ރޯމަންމެން އެންމެން ކިޔަން ފެށީމަ ހިތަށް އެރީ ކޮލެޖަށް ގޮސްފަ ދެން އޮންނަ ޓައިމްގައި ކުރެވޭނެ ކަމެއް ވީމަ. އެމީހުން އޯކޭވި އެގޮތަށް ޝަމާނާ ކޮލެޖް ޓައިމް އެއްކޮށް ފްރީކޮށްދޭ ގޮތަށް. އެ ޓައިމް ދޭ.

4. ތީ ނީން ހާ ތުއި މީހެއްތަ؟

ޝަމާނާ: ހެހެހެ ... ނޫން. އެއީ ވަރަށް ތަފާތު ކެރެކްޓާއެއް. ޝަމާނާ މިއީ އެހެން ތުއިކޮށް އުޅޭ މީހެއް ނޫން. އެ ކެރެކްޓާ އަށް ވަންނަނީ ވެސް ވަރަށް ސަކަރާތްޖަހައިގެން. ޝަމާނާ އަކީ ދެން ވަރަށް ސަކަރާތްޖަހާ ވަރަށް އަނގަގަދަ މީހެއް. ސަކަރާތް ޖަހަމުން ތުއިވަނީ ގޮތްގޮތަށް ވާހަކަ ދައްކާ އެހެން ގޮސް އެ ކެރެކްޓާ ތެރެއަށް ވަންނަނީ. މީހާ ޗޭންޖްކޮށްލަނީ ނީން އަށް.

5. ވަރަށް ސެލްފީ މީހެއްތަ ތީ؟

ޝަމާނާ: ނޫން. މިއީ ސޯޝަލް މީޑިއާގައި ވެސް އެހާ އެކްޓިވް މީހެއް ނޫން. ސްޓޯރީއަކަށް ވެސް އެހާ އެއްޗެއްސެއް ނުލަން މުޅިން ތަފާތު ކެރެކްޓާއެއް ނީން އަކީ. މޭކަޕްކޮށްފަ ނީންގެ ލުކަށް އައީމަ ތުއި ވެވޭ މިހާރު އޮޓޯއިން ވެސް. ހެހެހެ. ޝަމާނާ އަކީ އެހާ ހެވީކޮށް މޭކަޕްކުރާ ކުއްޖެއް ވެސް ނޫން. މީގަ ނީން އަކީ ވަރަށް ތުއިކޮށް ޕޮޝްކޮށް އުޅޭ ކުއްޖެއް ވީމަ ވަރަށް ހެވީ މޭކަޕް ކުރަނީ. ފުރަތަމަ ދުވަސްކޮޅު އުނދަގޫ ވެސް ވި ހެވީކޮށް މޭކަޕްކޮށްގެން އުޅުނީމަ.

ޝަމާނާ: އަދި މާގިނަ ފިލްމުތަކެއް ނަގައިގެން ޝެޑިއުލް ބިޒީކޮށްލަން ބޭނުމެއް ނުވޭ

6. އެހެނަސް ދައްކަން ފެށިފަހުން ކޮލެޖަށް ގޮސް އުޅޭއިރު ކިހިނެއް ކުދިންގެ ކޮމެންޓްތައް އަންނަނީ؟

ޝަމާނާ: ކުލާހުގައި ގިނައިން އުޅެނީ ވަރަށް ބޮޑެތި މީހުން. އެމީހުންނަށް އެހާ ބޮޑަކަށް ނޭނގޭނެ. އެހެނަސްގެ ޓްރެއިލާ ނެރެފަ ޕޯސްޓަރުތައް ނެރުނީމަ އެންމެންނަށް އެނގުނީ. ކިޔާނެ އެވާހަކަ. ދިމާލަކަށް ނެގެޓިވް އެއްޗެއް ނުބުނޭ.

7. ޝަމާނާގެ އެކްޓިން އާއި ރޯލަށް ކޮންކަހަލަ ކޮމެންޓެއް އޯޑިއަންސުން ލިބެނީ؟

ޝަމާނާ: އަސްލު ހިއެއް ނުކުރަން ނީންގެ އެކެރެކްޓާއިން މީހުން ހެއްވާލާނެ ކަމަކަށް. ހީއެއް ނުކުރަން ބުނެވެނީ އެހާ ފަން އެއްޗެއް ކަމަކަށް މީހުންނަށް އެހާ ކަމުދާނެ ކަމަކަށް. އެކަމަކު ޕްރިމިއާގައި އެންމެން އައިސް ވާހަކަ ދައްކަން ފެށީމަ އަދި އޮލިމްޕަސް ތެރޭގައި ނީންގެ ބައި ދައްކަން ފެށީމަ އެންމެން ހޭން ފަށާ އެ ހުރިހާ ކަމެއް ވީމަ. ފުރަތަމަ ލަދުވެސް ގަނެފައި ހުރީ. އެކަމަކު އެންމެން ވެސް ބުނީ އެމީހުން ރިއަލް ލައިފްގައި އުޅޭ ގޮތާ ރިލޭޓްވަނީއޭ. އެހެން ދެން ވަރަށް ޕޮޒިޓިވް ކޮމެންޓްސް ލިބުނީ. ސީރީޒް ބަލަމުން ގޮސް ނީންގެ ފޮޓޯ ނަގާފަ އިންސްޓަގްރާމް އެއްޗެހިން ފޮނުވާ ހަދާ. އަދި ވަރަށް ސަޅިކޮށް ދަނީ.

8. މީހުން ދަންނަ މީހަކަށްވީމަ ކޮންކަހަލަ ބަދަލުތަކެއް ދިރިއުޅުމަށް އައީ؟

ޝަމާނާ: އަސްލު އަދި ނެތް އެއްވެސް ކަހަލަ ޗޭންޖެއް. ހަމައެކަނި ޝޫޓިން އަށް އައިސް މީތި ކުޅޭކަން އެކަނި. ޝަމާނާ އަކީ އެހާ ތަފާތު މީހެއް ވީމަ އަދި މަގުމައްޗަށް ނުކުމެ އެހެން ވަރަށް ނޫޅެން. ނުކުތަސް ރައްޓެއްސަކާއެކު ކޮފީއަކަށް ކަހަލަ ގޮތަކަށް ނުކުންނާނީ. އެހެންވީމަ ހިއެއް ނުވޭ މީހުންނަށް އެހާ ފެންނާނެ ހެން. ހަމައެކަނި އިންސްޓަގްރާމުން މީހުން މެސެޖްކުރާކަން އެހެން ޗޭންޖެއް ނާދޭ.

ޝަމާނާ: މުސްތަގްބަލުގައި ފެންނާނީ ލޯޔަރެއްގެ ގޮތުގައި. -- ފޮޓޯ: ސަލްމާން

9. އެހެނަސް ފިޔަވާ އިތުރު ސީރީޒެއް ނުވަތަ ފިލްމަކުން ވެސް ފުރުސަތެއް ލިބިއްޖެތަ މިހާތަނަށް؟

ޝަމާނާ: އެހެނަސް ޕްރިމިއާކުރި ފަހުން ލިބުނު ދެތިން ފިލްމެއް ކުޅެން. ފުރަތަމަ ލިބުނު އެއްޗެއްސަށް ނޫނެކޭ ބުނީ. އެއީ ޝެޑިއުލް އެހާ ބިޒީ ނުކުރަން. އަދި އިތުރު އެއްޗެއް ނުނަގަން އެކަމަކު ހީވޭ އަދި ކުޅޭނެހެން އެއްޗެއް. ފިލްމެއް އެއްޗެއް ނެގިއަސް ނަގާނީ ކިޔެވުމަށް ހުރަސް ނޭޅޭ ގޮތަށް. އެއް ފަހަރާ ގިނަ އެއްޗެހި ނެގީމަ ޝެޑިއުލް ބިޒީވާނެތީ.

10. ކިޔަވާ ނިމި ފީލްޑަށް ނުކުންނަ ފަހުން ވެސް މި ދާއިރާއިން ފެނިދާނެތަ؟

ޝަމާނާ: ހިއެއް ނުވޭ ފެނިދާނެހެނެއް. އެއީ ފިލްމު ކުޅުން ބައިންދަން ބޭނުންވަނީ ސައިޑެއްގައި. ކެރިއާ އަކަށް ނަހަދާނަން މިކަމެއް. ކެރިއާ އަކީ ލޯ. އެއީ އެންމެ ކުޑައިރުން ފެށިގެން ވެސް ޝަމާނާ ބޭނުންވީ ލޯޔަރަކަށް ވާން.

11. ކޮބާތަ މިހާރު މިދާއިރާގައި އެންމެ އިންސްޕަޔާވާ މީހަކީ؟ އަދި ކެރިއަރު ނިންމާލުމުގެ ކުރިން އެކުގައި އެންމެ މަސައްކަތްކޮށްލަން ބޭނުންވަނީ ކޮން ބަޔަކާއެކު؟

ޝަމާނާ: ދާއިރާގައި އެންމެ ބޮޑު އިންސްޕިރޭޝަނަކީ އެހެނަސްގެ ލިޔުންތެރިޔާ އިގްބާލް. ދެން އެކުގައި އެންމެ މަސައްކަތްކުރަން ބޭނުންވަނީ އަދިވެސް ރަވީ އާއި ރިޝްމީ އާއެކު. އައްޒަ އާއެކު ވެސް މަސައްކަތްކޮށްލަން ބޭނުން.

ދިވެހި ފިލްމް އިންޑަސްޓްރީ

Popular