18 Oct 2019

By: Ifraz Ali

ނިއުމާގެ ފިލްމީ ކެރިއަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ހަފުލާގައި އެހާރައި މިހާރުގެ ފިލްމީ ވަރަށް ގިނަ ތަރިން ބައިވެރިވި އެވެ. އެކަމަކު ކުރީގެ ތަރި އައިޝަތު ޝިރާނީ އަށް ލިބުނީ ހާއްސަ ސަމާލުކަމެކެވެ.

ފިލްމީ ދާއިރާ އާއި ދުރުގައި ހުރި ނަމަވެސް ނިއުމާ އާއި ޝިރާނީ އަކީ އަދިވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ. ފިލްމަކުން ނުފެނަސް މި ފަހުން ފިލްމީ ދާއިރާގެ އެކި އިވެންޓުތަކުން ޝިރާނީ ވަނީ ފެނިފަ އެވެ.

ނިއުމާގެ ފިލްމީ ކެރިއަރަށް 25 އަހަރު ފުރުން ފާހަގަކުރަން ބޭއްވި އިވެންޓުގައި އައިޝަތު ޝިރާނީ، ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި ނިއުމާ.-- ފޮޓޯ: އެފްޑީއައި

ވަރަށް ގިނަ ބަޔަކު މިއަދު އެ ހަފުލާގައި ޝިރާނީ ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި އަންނަނީ ޝެއާކުރަމުންނެވެ.

ރޭގެ ހަފުލާ ވެގެން ދިޔައީ އެތައް ބައެއްގެ ލޯބި ލިބުނު ފާތިމަތު ނަހުލާގެ ފިލްމު "ކަލާޔާނުލާ" ގެ ކާސްޓް ރީޔުނިއަކަށެވެ. ނިއުމާ އާއި ޝިރާނީއާއެކު އެ ފިލްމުގައި ލީޑު ކުޅުނު ޔޫސުފް ޝަފީއު (ޔޫއްޕެ) ވަނީ އެކުގައި ފޮޓޯއެއް ނަގައިފަ އެވެ. އެންމެ ގިނަ މީހުން ޝެއާކުރީ ވެސް މި ފޮޓޯ އެވެ.

ނިއުމާގެ ފިލްމީ ކެރިއަރަށް 25 އަހަރު ފުރުން ފާހަގަކުރަން ބޭއްވި އިވެންޓުގައި ޔޫއްޕެ، ޝިރާނީ، ނިއުމާ އަދި ސީޒަން.-- ފޮޓޯ: އެފްޑީއައި

ނިއުމާ، ޝިރާނީ އަދި ޝީލާ ނަޖީބް އެކުގައި ނަގާފައިވާ ފޮޓޯއަކަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ. ނިއުމާ ފޭސްބުކްގައި މި ފޮޓޯ ޝެއާކުރުމުން ކުރީގެ ފިލްމީ ތަރި އިސްމާއިލް ވަޖީހު ވެސް ވަނީ މި ފޮޓޯއަށް ކޮމެންޓުކޮށްފަ އެވެ.

"ފިލްމީ ދާއިރާގެ އެންމެ ކުޅަދާނަ ތިން ތަރިން،" ވަޖީހުގެ ކޮމެންޓުގައި ލިޔެފައި އޮތެވެ.

ނިއުމާގެ ފިލްމީ ކެރިއަރަށް 25 އަހަރު ފުރުން ފާހަގަކުރަން ބޭއްވި އިވެންޓުގައި ޝީލާ ނަޖީބް، އައިޝަތު ޝިރާނީ އަދި ނިއުމާ.-- ފޮޓޯ: އެފްޑީއައި

ގިނަ ދުވަސްތަކަށް ފަހު ޝިރާނީ އެންމެ ފުރަތަމަ ފެނުނީ އައިސްޓީވީން ގެނެސްދިން މަރިޔަމް އައްޒަގެ ޓޯކް ޝޯ "އަޒޯނާ" އިންނެވެ. އެ ޝޯއަށް ދިން އިންޓަވިއުގައި އަދި ފަހުން ޓީވީއެމްގެ "ހެނދުނު ހެނދުނާ" އަށް ދިން އިންޓަވިއުގައި ވެސް ޝިރާނީ ބުނީ ދެން ފިލްމަކުން އޭނާ ނުފެންނާނެ ކަމަށެވެ. އެކަމަކު މިހެން ކޮންމެ ފެނިލުމަކުން ވެސް އޭނާ ހާއްސަ އެވެ.

އަލީ ސީޒަން ދިވެހި ފިލްމް އިންޑަސްޓްރީ ނިއުމާ މުހައްމަދު ޔޫސުފު ޝަފީއު (ޔޫއްޕެ) އައިޝަތު ޝިރާނީ

Popular