17 Nov 2019

By: Ifraz Ali

ދިވެހި ފިލްމު އެވޯޑްސްގައި މިފަހަރު އެންމެ ގިނަ އެވޯޑް ގެންދިޔަ ތަރިއަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. ޔޫއްޕެގެ ފިލްމު "ދެވަންސޫރަ" އަށް އެންމެ މޮޅު ފިލްމުގެ އެވޯޑް ނުލިބުނުކަން އެކަންޏެވެ. އެންމެ މޮޅު އެކްޓަރާއި، އެޑިޓިން، ސްކްރީންޕްލޭ އަދި ޑައިރެކްޝަން ވެސް ގެންދިޔައީ ޔޫއްޕެ އެވެ. މިދިޔަ އަހަރު ފެބްރުއަރީގައި އެޅުވި މި ފިލްމު ބަލަން ސިނަމާއަށް އަހަރެން ވެސް ދިޔައީމެވެ. ހަގީގަތަކަށް ބުނާ ނަމަ ފިލްމު ގެނެސްދީފައި އޮތީ ހަމަ ވަރަށް މޮޅަށެވެ.

އެކަމަކު ފިލްމު އެވޯޑަށް ފަހު މި ފިލްމަކީ ކޮޕީއެއް ކަމަށް ބުނެ، ބައެއް މީހުން ވަނީ ޔޫއްޕެ ކޮޕީ ކުރިކަމުގެ ތުހުމަތު ކުރަން ފަށައިފަ އެވެ.

މިއީ ކިހިނެއްވާ ފިލްމެއް؟

މި ފިލްމުގައި ގެނެސްދެނީ އަންހެނެއްގެ މަރެއްގެ ހަގީގަތް ހޯދުމަށް ފުލުހުންތަކެއް ކުރާ މަސައްކަތެވެ. އެ މީހާ މަރާލި ކަމަށް ޝައްކުކުރެވޭ ތިން މީހަކު ތިބެ އެވެ. އެއިން ކޮންމެ މީހެއްގެ ވަކި ވާހަކައެއް އޮވެ އެވެ. ހަގީގަތަކަށް ވަނީ އެތަނުން ދެ މީހެއްގެ ވާހަކަ އެވެ. އެކަމަކު ގަބޫލުކުރަންވީ ކާކުގެ ވާހަކައެއް ކަމެއް ޔަގީންނުވެ އެވެ. މި ފިލްމުގައި ޔޫއްޕެ އަކީ އެތަނުން ޝައްކުކުރެވޭ އެކަކެވެ. ޔޫއްޕެ އަކީ މަލްޓި ޕާސަނަލިޓީ ޑިސްއޯޑާ ހުންނަ މީހެކެވެ. އެހެންވީމާ ޔޫއްޕެގެ ފަރާތުން ކަން ހިނގި ގޮތުގެ ހަގީގަތް ހޯދުން އެހާ ފަސޭހަ ކަމަކަށް ވެސް ނުވެ އެވެ.

ދެ ގަޑިއިރާއި 28 މިނެޓުގެ މި ފިލްމަކީ ސަސްޕެންސް ތުރިލާއެކެވެ.

"ދެވަންސޫރަ" ގެ ޓްރެއިލާ.

ކޮޕީ ކުރީ ކޮން ފިލްމެއް؟

ކޮޕީ ކުރި ކަމަށް ތުހުމަތުކުރާ ހަތަރު ފިލްމެއްގެ ވާހަކަ މީހުން އެބަ ދައްކަ އެވެ؛ އެއް ފިލްމަކީ ބޮލީވުޑްގެ ފީޗާ ފިލްމެކެވެ. އެއީ މާޑާ މިސްޓްރީ "އިއްތިފާގް" އެވެ. އަނެއް ތިން ފިލްމަކީ ޔޫޓިއުބުގައި ހުރި ކުރު ފިލްމުތަކެކެވެ. ސައިކޮލޮޖިކަލް ތުރިލާ އެ ފިލްމުތަކަކީ "ކްރިތީ"، "ބޮބް" އަދި "ޑޭޒްޑް" އެވެ.

ހިންދީ ކުރު ފިލްމު "ކްރިތީ".

ދެވަންސޫރަގެ ވާހަކަ އާއި އެންމެ ބޮޑަށް ވައްތަރު ގޮތެއް ހުރީ ހިންދީ ކުރު ފިލްމެއް ކަމަށްވާ "ކްރިތީ" އެވެ. މިއީ 18 މިނެޓުގެ ފިލްމެކެވެ. މި ފިލްމުގެ ފެށުމާއި ދެވަންސޫރަގެ ފެށުން އޮތީ ހަމަ ދާދި އެއް ގޮތަކަށެވެ. އެއް ކެރެކްޓާތަކަކާއި އަދި ހަމަ އެއް ޑައިލޮގުތަކެކެވެ. އެކަމަކު ފިލްމު ކުރިއަށް ދިޔަ ވަރަކަށް އާ ކެރެކްޓާތައް ގެނެސްދީ ވާހަކަ އޮތީ ކުޑަކޮށް ބަދަލުކޮށްލައިފަ އެވެ.

ކުރު ފިލްމު "ބޮބް".

"ކްރިތީ" އަކީ ވެސް ކޮޕީ ކޮށްގެން ކަމަށް ބުނެ މައްސަލަ ޖެހިފައި އޮތް ފިލްމެކެވެ. "ކްރިތީ" އަކީ ދެވަންސޫރައާ ވައްތަރު ވެގެން އުޅޭ ކަމަށް ބުނާ ދެ ވަނަ ފިލްމު، "ބޮބް" ގެ ކޮޕީއެއް ކަމަށް ވެސް ވެ އެވެ. އަދި "ބޮބް" އަކީ ވެސް ހަމަ ކޮޕީ ކޮށްގެން އުފައްދާފައި އޮތް ފިލްމެއް ކަމަށްވެ އެވެ. އެ މީހުން ކޮޕީ ކުރި ކަމަށް ބުނަނީ ދެވަންސޫރަ ވައްތަރުވެގެން އުޅޭ ތިން ވަނަ ފިލްމު "ޑޭޒްޑް"އާ އެވެ.

ކުރު ފިލްމު "ޑޭޒްޑް".

މި ތިން ފިލްމު ބަލައިފައި ދެވަންސޫރަ ބެލުމުން، ދެވަންސޫރާގައި މި ހުރީ މީގެން ކޮންމެ ފިލްމަކުން އެކި ތަންކޮޅު ނަގައިގެން ފައްކާކޮށްގެން ގެނެސްދީފައި އޮތް "މަސްހުނި ގަނޑެހެން" ހީވެ އެވެ. ސީދާ ހުރި ގޮތަށް ބައެއް ކެރެކްޓާސްތަކާއި ކެމެރާ ޝޮޓްތަކަށް ދަންދެން ވެސް އެބަހުއްޓެވެ. މި ތިން ފިލްމުގައި ވެސް ގެނެސްދިނީ މަލްޓިޕާސަނަލިޓީ ޑިސްއޯޑާއެއް ހުންނަ ފިރިހެނެއްގެ ވާހަކަ އެވެ.

މި ތިން ފިލްމަކީ ވެސް ދެވަންސޫރަގެ ކުރިން ރިލީޒްކޮށްފައި އޮތް ފިލްމުތަކެކެވެ. ދެވަންސޫރު ފުރަތަމަ އެޅުވީ މިދިޔަ އަހަރު ފެބްރުއަރީ 5 ގަ އެވެ. "ކްރިތީ" ރިލީޒްކުރީ ޖޫން 22، 2016 ގަ އެވެ. "ބޮބް" ރިލީޒްކުރީ އޮކްޓޯބަރު 2015 ގަ އެވެ. އަދި "ޑޭޒް" ރިލީޒްކުރީ މާޗު 13، 2015 ގަ އެވެ.

ބޮލީވުޑް ފިލްމުގެ ވައްތަރީ ޕޯސްޓަރު އެކަނި؟

ވައްތަރު ވެގެން އުޅޭ ކަމަށް ވާހަކަދެކެވޭ ބޮލީވުޑް ފިލްމަކީ ސޮނާކްޝީ ސިންހާ، ސިދާތު މަލްހޯތުރާ އަދި އަކްޝޭ ކަންނާ އުޅޭ "އިއްތިފާގް" އެވެ. އެކަމަކު މި ފިލްމާއި ދެވަންސޫރަގެ މާ ބޮޑު ވައްތަރު ކަމެއް ހުރިކަމެއް އަހަރެމެންނަކަށް ފާހަގައެއް ނުވި އެވެ. ކިރިޔާ ވެސް ވައްތަރުކަމެއް ހުރީ ފިލްމުގެ ޕޯސްޓަރެއްގައި ބޭނުންކޮށްފައި ހުރި ޓެގްލައިން ތަކެއްގަ އެވެ.

ދެވަންސޫރަ އާއި އިއްތިފާގް ގެ ޕޯސްޓަރެއް.

"އިއްތިފާގް" އަކީ ޔަޝް ޗޯޕްރާ ހަމަ އެނަމުގައި 1969 ވަނަ އަހަރުގެ ޑައިރެކްޓުކުރި ބޮލީވުޑް ފިލްމެއް ކަމަށްވާ "އިއްތިފާގު" ގެ އިންސްޕިރޭޝަނަލް ނުވަތަ ރީމޭކެކެވެ.

އެހެންވީމާ ދެވަންސޫރަ އަކީ "އިއްތިފާގް" ގެ ކޮޕީއެއް ކަމަށް ތި ހީވި ހީވުމަކީ އިއްތިފާގެކެވެ. ނުވަތަ ދެވަންސޫރަ، ކޮޕީ ފިލްމަކަށް ވުމަކީ އިއްތިފާގަކަށް ވުރެ މާ ބޮޑަށް ޔަގީންވާ ކަމެއް ކަމަށް، ކުރިން ދެއްކި ވާހަކަތަކުން މިހާރު ކަށަވަރު ވަނީ ހެއްޔެވެ؟ މި ކަން އޮޅުފިލުވަން ދެން އެހީ ޔޫއްޕެ ގާތުގަ އެވެ.

ޔޫއްޕެ ބުނަނީ ކީކޭ؟

ފުރަތަމަ ވެސް ޔޫއްޕެ ބުނީ މިއީ "ކޮޕީ" އެއް ކަމަށް ނުބުނާށެވެ. ޔޫއްޕެ ބުނީ ފުރަތަމަ ފިލްމު އިއުލާނުކުރި ހިސާބުން ފެށިގެން ވެސް މިއީ ހިންދީ ކުރު ފިލްމު "ކްރިތީ" އިން "އިންސްޕަޔާ" ވެގެން ހެދި ފިލްމެއް ކަމަށް މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި ވެސް ބުނެފައި އޮންނާނެ ކަމަށެވެ.

"އެ ދެ ފިލްމު ބެލީމަ އެނގޭނެ އެ އެއްޗާއި މި އާއި ހުރި ތަފާތު،" ފިލްމު ރިލީޒްކުރި ދުވަސްކޮޅު ބައެއް މީހުން މިއީ "ކްރިތީ" ގެ ކޮޕީއެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ވަރަށް ގިނަ ވާހަކަތައް ދެއްކި ކަމަށް ބުންޏެވެ.

ދިވެހި ފިލްމު އެވޯޑް 9 ގައި ޔޫއްޕެ އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑާއި ހަވާލުވެ، ޝުކުރު އަދާކުރީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

"މިހާރު ދެން އޭގެން [ފިލްމު އެވޯޑް] ލިބުނީމަ، ބައެއް މީހުންނަށް ހަޖަމް ކުރަން އުނދަގޫވެގެން އުޅެނީ. އެއީ ކަންނޭނގެ އެ ވެގެން އުޅޭ ގޮތަކީ. ޖަޖުން ނިންމީމަ، މީގެ ކުރިން ވެސް މިސާލަކަށް ބުނަންޏާއި ހަމަ ޑާކްރެއިންގެ ފިލްމަކަށް [ވާށޭ މަށާއެކީ] އަށް ވެސް އެވޯޑް ލިބުނު ދޯ ހަމަ ޝޮޓުން ޝޮޓަށް ކޮޕީ ކޮށްފައި އޮއްވާ، 22 އެވޯޑް ވެސް ލިބުނު،" ޔޫއްޕެ ބުނީ އެކަން ވެސް މައްސަލަކަށް ނުވިއެއްނުން ހެއްޔެވެ.

މީގެ ކުރިން ވެސް ޔޫއްޕެ ކޮޕީ ކުރި ކަމުގެ ތުހުމަތުތައް ރައްދުވި

މީގެ ކުރިން ޔޫއްޕެ ފިލްމެއް ކޮޕީ ކުރި ކަމަށް ބުނެ، އެންމެ ގަދައަށް އެ ވާހަކަ ދެކެވުނީ 2008 ގައި އޭނާ ލިޔެ، ޑައިރެކްޓުކޮށް ނެރުނު "ހިތް ރޮއްވާނުލާ" އަށް ފަހު އެވެ. އެ ފިލްމު ވައްތަރުވީ އަރްޖުން ރާންޕާލް އާއި އަމީޝާ ޕަޓޭލް އަދި ޒައިދު ޚާން އުޅުނު 2005 ގައި ނިކުތް ބޮލީވުޑް ފިލްމު "ވާދާ" އާ އެވެ.

މިއަހަރު ދިވެހި ސިނަމާ އަށް އައި ޔޫއްޕެ ލިޔެ، ޑައިރެކްޓުކުރި "ނަފްރަތުވުން" އަކީ ތުރުކީ ފިލްމު ސީރީޒް "ސިޖިން" ގެ ކޮޕީއެއް ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރި އެވެ.

ދިވެހި ފިލްމު އެވޯޑް 9 ގައި ޔޫއްޕެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި ހަވާލުވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މި ފިލްމަކީ ކޮޕީއެއް ކަމަށް މީހުން ބުންޏަސް، ފިލްމުގައި ޔޫއްޕެ ދެއްކި އެކްޓިންނަށް އޭނާ އަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހަމަ ހައްގެވެ. އަދި ކޮޕީ ކުރި ކަމަށް ވީ ނަމަވެސް، މިފަހަރު ޖަޖުންގެ ޕެނަލުން، ފިލްމު އެވޯޑުގެ އެންމެ މުހިންމު ހުރިހާ އެވޯޑެއް ދީފައި ވެސް މި އޮތީ ހަމަ ޔޫއްޕެ އަށެވެ.

އެވޯޑަށް ހުށަހެޅި ފިލްމުތަކުގެ ތެރޭގައި ކޮޕީ ފިލްމުތައް ގިނަކަމާއި ފިލްމުތަކުން އެކި ތަންކޮޅު ނަގައިގެން ކޮޕީ ކުރާ ކަމަށް އެވޯޑް ހަފުލާ ފަށަމުން ގެނެސްދިން ޖަޖިން ޕެނަލްގެ ރިޕޯޓުގައި ވެސް ބުންޏެވެ. އަދި އެވޯޑަށް އިންސާފުކުރުމުގައި އެކަން ކަމަށް ބެލި ކަމަށް ވެސް ބުންޏެވެ. އެހެންވީމަ މި ފިލްމުގައި "ކޮޕީ" މަންޒަރުތަކެއް ހުރިކަން ޖަޖުންނަށް ވެސް ފާހަގަނުވީ ހެއްޔެވެ؟ ނުވަތަ އެކަން ފާހަގަކުރެވި "އެންމެ މޮޅު ފިލްމު" ގެ އެވޯޑް ޔޫއްޕެގެ "ކޮޕީ" ފިލްމަށް ނުދިނީ ހަމަ ގަސްދުގައެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ޔޫސުފު ޝަފީއު (ޔޫއްޕެ) ދިވެހި ފިލްމް އެވޯޑްސް

Popular