5 Jul 2020

ނެޓްފްލިކްސް އިން މިފަހުން ގެނެސްދިން ޕޯލިޝް ޑްރާމާ ފިލްމެއް ކަމަށްވާ "365 ޑޭސް" އަކީ ރޭޕް ކަލްޗާ ޕްރޮމޯޓްވާ އެއްޗެއް ކަމަށް ބުނެ އެތައް ބަޔަކު އެއާ ދެކޮޅަށް ތެދުވެއްޖެ އެވެ.

ނަމަވެސް، ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ނެޓްފްލިކްސް އިން މިހާރު ވަނީ މި ފިލްމު ނެގުމާ ދެކޮޅު ހަދައިފަ އެވެ.

އެންމެ ފާޅުގައި މި ފިލްމާ ދެކޮޅު ހަދައި އަޑުއުފުލި ތަރިއަކަށްވީ އިނގިރޭސި ލަވަކިޔުންތެރިޔާ އެއިމީ ޑަފީ އެވެ. ޑަފީ ތުހުމަތުކުރީ މި ފިލްމަކީ ސެކްސް ޓްރެފިކިން، ރަހީނުކުރުން އަދި ރޭޕްކުރުން ޕްރޮމޯޓްވާ ގޮތަށް ގެނެސްދީފައިވާ ފިލްމެއް ކަމަށެވެ. މި ކަމާ ގުޅޭގޮތުން އޭނާ ވަނީ ނެޓްފްލިކްސްގެ ޗީފް އެގްޒެކެޓީވް ރީޑް ހޭޝްޓިންގްސް އަށް، ހުޅުވާލެވިފައިވާ ސިޓީއެއް ވެސް ލިޔެފަ އެވެ.

ޕޯލިޝް ވާހަކަ ލިޔުންތެރިޔާ ބްލަންކާ ލިޕިންސްކާގެ ވާހަކައެއް އަސްލަކަށް ބަލައިގެން ތައްޔާރުކުރި މި ފިލްމުގައި ދައްކަނީ ސިސިލީގެ މާފިއާ ބޮޑަކު އަންހެނަކު ރަހީނުކޮށްގެން އޭނާގެ ކިއްލާ އަށް ގެންގޮސް، އެއް އަހަރު ތެރޭގައި އޭނާ ދެކެ ލޯބިވުމަށް އަމުރުކޮށް ދެން ކަން ހިނގާ ގޮތެވެ. މި ޒާތުގެ "މުޑުދާރު" ފިލްމަކަށް ނެޓްފްލިކްސް ކަހަލަ ބޮޑު ސްޓްރީމިން ޕްލެޓްފޯމަކުން ފުރުސަތު ދިނީތީ ހިތާމަކުރާ ކަމަށާއި މި ފިލްމު ދެއްކުން ހުއްޓާލުމަށް ވެސް ޑަފީ ވަނީ އެދިފަ އެވެ.

ޑަފީ މި ވާހަކަ މި ދެއްކީ ވެސް މީގެ އަހަރުތަކެއް ކުރިން، މީހަކު އޭނާއަށް ޑްރަގްސް ދީގެން، ހަތަރު މަސް ވަންދެން ރަހީނުކޮށްގެން ގެންގުޅު ކަމަށް ބުނާ ވާހަކަތަކެއް މިއަހަރު ކުރީ ކޮޅު އޭނާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވަނިކޮށެވެ.

"365 ޑޭސް" ގެ މަންޒަރެއްގައި އެ ފިލްމުގެ ލީޑުން ފެންނަ ދެ ތަރިން.

"ސެކްސް ޓްރެފިކިން އާއި ރަހީނުކުރުމުގެ ޝިކާރައަކަށްވާ މީހުންގެ ވާހަކަތައް އިވޭލެއް ވަރަށް މަދު. އެހެން އެކަން އޮއްވައި އަދި މިކަހަލަ ކަންކަމާ ގުޅިގެން އެމީހުން ތަހައްމަލު ކުރަމުންދާ ވޭން އެނގި ތިބެ، ނެޓްފްލިކްސް އިން މި އޮތީ އެ ވިޔާނުދާ އަމަލުތަކަށް ފިލްމެއް ހަދައިފައި،" މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ "ޑެޑްލައިން" ގައި ޝައިއުކުރި ޑަފީގެ ސިޓީގައި ލިިޔެފައިވެ އެވެ.

މި ސިޓީ ޝާއިއުކުރުމާ އެކު "ޗޭންޖް އޯގަނައިޒޭޝަން" ގެ ސައިޓުގައި ވަނީ މި ފިލްމު ނެޓްފްލިކްސް އިން ދެއްކުން ހުއްޓާލުމަށް އެދި ޕެޓިޝަނެއް ތައްޔާރުކޮށްފަ އެވެ.

ނެޓްފްލިކްސްގެ ތަރުޖަމާނު ބުނި ކަމަށް "ދި ގާޑިއަން" އިން ރިޕޯޓްކޮށްފައި ވަނީ، ހޫނުވެފައިވާ އަސްލު މައްސަލައާ ބެހޭ ގޮތުން އޭނާ ވާހަކަ ނުދައްކާ ކަމަށާއި ބުނިހާ ވެސް އެއްޗަކީ އެ ފިލްމަކީ ވަރަށް ގިނަ މީހުން ބެލި އަދި ރޭޓިން ވެސް ވަރަށް މަތި ފިލްމެއް ކަމަށެވެ. އަދި އެ ފިލްމު އުފެއްދުމުގެ އެއްވެސް މަސައްކަތެއް އެ ކުންފުނިން ކޮށްފައި ނުވާނެ ކަމަށް ބުންޏެވެ.

ޕޯލެންޑްގެ ކުންފުންޏަކުން އުފެއްދި މި ފިލްމަށް އެ ގައުމުގެ ބޮކްސް އޮފީހުގައި 9.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

"އަހަރެމެން ގަބޫލުކުރަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި އަހަރެމެންގެ މެމްބަރުންނަށް ތަފާތު އެއްޗެހި ބެލުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް. އަދި ބަލާނެ އެއްޗެހީގެ ކޮންޓްރޯލް ބެލުންތެރިންގެ އަތްމަތީގައި އޮންނަޖެހޭ ކަމަށް،" ބަލަން ބޭނުންނުވާ މީހުން ފިލްމު ނުބެލީމަވީ ކަމަށާއި އަދި އެ މީހަކު ބަލަން ބޭނުންވާ އެއްޗެހި ކޮންޓްރޯލް ކުރެވޭ ތަފާތު ފީޗާތައް ވެސް އެ ކުންފުނިން ދީފައި ހުންނާނެ ކަމަށެވެ.

ޖިންސީ އަނިޔާ ރޭޕް

Popular