26 Jul 2020

ސުޝާންތުގެ ފަހު ފިލްމު ބެލި މީހުންގެ ހިތް ހަލާކު!

އަސްލު ވާހަކަ އާއި މީގެ އެމެރިކާ ފިލްމު އެޑަޕްޓޭޝަނާ އަޅާބަލާއިރު ބޮޑެތި ތަފާތުތަކެއް ހުރި ނަމަވެސް ކްރިޓިކުން އެއްބަސްވަނީ އެއަށް ވުރެ މާ އަސަރުގަދަ ކަމަށް.

އަސްލު ވާހަކަ އާއި މީގެ އެމެރިކާ ފިލްމު އެޑަޕްޓޭޝަނާ އަޅާބަލާއިރު ބޮޑެތި ތަފާތުތަކެއް ހުރި ނަމަވެސް ކްރިޓިކުން އެއްބަސްވަނީ އެއަށް ވުރެ މާ އަސަރުގަދަ ކަމަށް.

By: Ifraz Ali

ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ކުއްލި ގޮތަކަށް ވަކިވެގެންދިއުމާ އެކު، ފޭނުންގެ އިތުރުން ގިނަ ބަޔަކު އެންމެ އިންތިޒާރުކުރި ދުވަސް އަތުވެއްޖެ އެވެ. އެއީ ސުޝާންތުގެ އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ" ބަލައިލަން ލިބޭނެ ދުވަހެވެ. ލޯބީގެ ވަރަށް އަސަރުގަދަ ވާހަކައެއް ކިޔައިދޭ މި ފިލްމު، ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ސްޓްރީމް ކުރަން ފަށައިފި އެވެ. އަދި މިހާރު ވަރަށް ގިނަ މީހުން ފިލްމު ބަލައި ނިންމައިފި އެވެ. ފިލްމު ބެލުމަށް ފަހު، ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ތަފާތު ހިޔާލުތަކުން އެނގެނީ އެންމެންގެ ހިތް ހަލާކުވެ، މާ ބޮޑަށް ވެސް ހިތުގައި ޖެހިއްޖެ ކަމެވެ. ނޫން ހެއްޔެވެ؟

ޝަޝަންކު ކައިތަން އަދި ސުޕްރޯތިމް ސެންގުޕްތާގެ މި ސްކްރީންޕްލޭ ބިނާކޮށްފައި ވަނީ އެމެރިކާގެ ވާހަކަ ލިޔުންތެރިޔާ ޖޯން ގްރީންގެ "ދި ފޯލްޓް އިން އަވަ ސްޓާސް" އަށެވެ. މި ރޮމޭންޓިކް ޑްރާމާ ޑައިރެކްޓްކުރީ މުކޭޝް ޗަބްރާ އެވެ. ސުޝާންތުއާ އެކު ކޯސްޓާރެއްގެ ގޮތުގައި ފެނުނީ ސަންޖަނާ ސަންގީ އެވެ.

"ދިލް ބެޗާރާ" އާ ބެހޭގޮތުން އައްޒަ ކޮށްފައިވާ ޓުވީޓް.

މި ފިލްމު ބަލައިފައި ހިތް ހަލާކުވި މީހުންގެ ލިސްޓެއް ހަދާ ނަމަ އެންމެ ކުރީގައި އޮންނަނީ އެކަކަކީ އެކްޓްރެސް މަރިޔަމް އައްޒަ އެވެ. އައްޒަ އިއްޔެ ކުރި ޓުވީޓެއްގައި ބުނީ ބަރު ހިތަކާ އެކު، ފިލްމު ފަށައިގެން ނިމެންދެން އޭނާ އިނީ ރޯން ކަމަށެވެ. އަދި މި ފިލްމުގެ ކްލައިމެކްސް އަސްލާ އެއްގޮތް ވުމުން ވަރަށް އަސަރު ކުރި ކަމަށް ލިޔެފައިވެ އެވެ.

"ދިލް ބެޗާރާ" އާ ބެހޭގޮތުން މީހަކު ކޮށްފައިވާ ޓުވީޓެއް.

އެހެން ބައެއް މީހުން ވެސް ވަނީ ސޯޝަލް މީޑިއާގައި މި ފިލްމު ރިވިއުކޮށް، ސުޝާންތުގެ ހަނދާންތައް އަލުން އާވާ ކަމަށް ބުނެފަ އެވެ.

"ދިލް ބެޗާރާ" އާ ބެހޭގޮތުން މީހަކު ކޮށްފައިވާ ޓުވީޓެއް.

ކްރިޓިކުން އެއްބަސްވަނީ އަސަރުގަދަ ކަމަށް

އަސަރުގަދަ ފިލްމެއް ހަދަން ބޮލީވުޑްހާ ކުޅަދާނަ ބަޔަކު އަދިވެސް ނެތެވެ. ކްރިޓިކުން ވެސް މިކަމަށް އެއްބަހެވެ. މި ފިލްމަކީ ވެސް އޭގެ އިތުރު ހެއްކެކެވެ.

މި ފިލްމުގެ ލީޑު އެކްޓަރު ސުޝާންތު މަރުވެފައިވުމުން، ބަލާ މީހެއްގެ ހިތަށް ކުރާ އަސަރު އަދި އިތުރަށް ބޮޑުވެ އެވެ. ބޮލީވުޑްގެ ކުޅަދާނަ އެއް ފިލްމު ކްރިޓިކް ބަރްދުވާޖް ރާގަން އޭނާގެ ރިވިއުގައި މިކަން ފާހަގަކުރި އެވެ. ބަރްދުވާޖު ބުނީ އޮސްކާ އެވޯޑް ކާމިޔާބުކުރި މިއުޒިކް ކޮމްޕޯޒާ އޭ. އާރް. ރަހުމާންގެ މިއުޒިކާ އެކު މި ފިލްމުގައި ހުރި ޖަރުބާތުތައް އިތުރު ފުރިހަމަ ކަމަކާ އެކު އިހުސާސްވެގެން ދިޔަ ކަމަށެވެ.

މަރާ ގުޅޭ ގޮތުން މި ފިލްމުގައި ދައްކާ ބައެއް ވާހަކަތަކުން ވެސް އަސަރު ކުރި އެވެ. އެގޮތުން ސުޝާންތުގެ ތިން ޑައިލޮގެއް ބަރްދުވާޖު ފާހަގަކުރި އެވެ. އެއް ޑައިލޮގުގައި އޭނާ ބުނަނީ ހުވަފެންތަކެއް ދެކޭ ކަމަށާއި އެކަމަކު އެ ހުވަފެންތައް ހާސިލްކުރަން ބޭނުންނުވާ ކަމަށެވެ. އެހެން ޑައިލޮގެއްގައި ބުނަނީ އަހަރެން މަރުވަނީ ކަމަށް ނުދެކޭށެވެ. އަދި އަމިއްލައަށް މަރުވުމަކީ މަނާ ކަމެކޭ ސުޝާންތު ބުނާ ޑައިލޮގެއް ވެސް ދައްކަ އެވެ.

އަސްލު ވާހަކަ އާއި މީގެ އެމެރިކަން ފިލްމު އެޑަޕްޓޭޝަނާއި އަޅާބަލާއިރު ބޮޑެތި ތަފާތުތަކެއް ހުރި ނަމަވެސް ކްރިޓިކުން އެއްބަސްވަނީ އެއަށް ވުރެ މާ އަސަރުގަދަ ކަމަށެވެ.

ފިލްމު ކްރިޓިކް އަނޫޕާމާ ޗޯޕްރާ މި ފިލްމު ރިވިއުނުކުރަން ނިންމި ސަބަބު.

ބޮލީވުޑްގެ ފިލްމު ކްރިޓިކް އަނޫޕާމާ ޗޯޕްރާ ނިންމީ މި ފިލްމު ރިވިއުނުކުރާށެވެ. އަނޫޕާމާ ބުނީ މި ފިލްމު ބެލުމަށް ފަހު އޭނާއަށް ވަރަށް ބޮޑަށް އަސަރުކޮށްފައި ވާތީ އިންސާފުވެރި ރިވިއުއެއް ދެވޭނެ ކަމަށް އުއްމީދު ނުކުރެވޭ ކަމަށެވެ. ސުޝާންތުގެ މަރާ އެކު ފިލްމުގެ ޓްރެއިލާ ބަލަން ވެސް އޭނާ އަށް ވަރަށް އުނދަގޫވި ކަމަށެވެ. ފިލްމު ރިވިއު ނުކުރަން ނިންމި ސަބަބު އަނޫޕާމާ ވަރަށް ރީއްޗަށް ކިޔައިދިނެވެ.

ބޮލީވުޑް ފިލްމު

Popular