16 Sep 2020

ކާޑީ ބީ އާއި އޮފްސެޓް ވަރިވަނީ

ކާޑީ ބީ އާއި އޮފްސެޓް ވަރިވަނީ

ހިޕްހޮޕް ދުނިޔޭގެ އެންމެ މަޝްހޫރު ޖޯޑު، ކާޑީ ބީ އާއި އޮފްސެޓް ވަރިވާން ނިންމައި މައްސަލަ ކޯޓަށް ވައްދައިފިއެވެ. މަޝްހޫރު ހިޕްހޮޕް ޓްރިއޯ، މީގޯސްގެ ރެޕާ އަދި އަލަތު ދަރިފުޅުގެ ބައްޕަ، އޮފްސެޓް ކައިރިން ވަރިވާން އެދި ރެޕާ ކާޑީ ބީ އެންމެފަހުން މައްސަލަ ކޯޓަށް ވައްދާފައިވާއިރު މި ދެ މީހުންގެ ކައިވެންޏަށްވީ އަދި އެންމެ ތިން އަހަރެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނަމަ، 28 އަހަރުގެ އޮފްސެޓް ކައިރިން ވަރިވާން ނިންމައި ކާޑީ ބީ ކޯޓަށް މައްސަލަ ވެއްދީ ފިރިމީހާގެ ވަގު ލޯބިވެރިންގެ މައްސަލަގަނޑެއް ފަޅާއަރައިގެންނެވެ. މީގެ ކުރިން ވެސް މި ދެ މީހުން ހަމަ މިފަދަ މައްސަލައަކާ ގުޅިގެން 2018 ވަނަ އަހަރު ރުޅިވެ އެކަން އިއުލާނުކޮށްފައިވެއެވެ. އެއީ ދެ މީހުންގެ ކައިވެންޏަށް އަދި އެންމެ ތިން މަހުގައެވެ.

މީޑިއާ އާއި އާންމުންނަށް ވަރަށް ސިއްރުން، ކާޑީ ބީ އާއި އޮފްސެޓް ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރު އެމީހުންގެ އަމިއްލަ ކޮޓަރި ތެރޭގައި ބޭއްވި ކުޑަކުޑަ ހަފުލާއެއްގައެވެ. އޭގެ ފަހުން ދެ މީހުންގެ ކައިވެންޏަށް ލިބުނު އަންހެން ދަރިފުޅަށް މިހާރު ދެ އަހަރެވެ.

ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ "އިންޓަނެޓް ސެލެބްރިޓީ" އަކަށް ވުމަށް ފަހު ލިބުނު މަޝްހޫރުކަމާ އެކު ގޮސް ރެޕް އާޓިސްޓެއްގެ ގޮތުގައި ތޮށިގަނޑު ފަޅާލާފައި ކާޑީ ބީ ނުކުތީ 2018 ވަނަ އަހަރު ނެރުނު އަލަތު އަލްބަމް "އިންވޭޝަން އޮފް ޕްރައިވެސީ" އިންނެވެ. ރިކޯޑްތައް މުގުރި އެ އަލްބަމަށް އެފަހަރު "އެންމެ މޮޅު ރެޕް އަލްބަމް" ގެ ގްރެމީ އެވޯޑް ލިބުނުއިރު އޭނާވެފައި ވަނީ ސޯލޯ އާޓިސްޓެއްގެ ގޮތުގައި އެ ޝަރަފު ހޯދި ހަމައެކަނި އަންހެން އާޓިސްޓަށެވެ.

ގްރެމީ އާއި ޝަރަފުވެރި މިއުޒިކް އެތައް އެވޯޑެއް ކުރު މުއްދަތެއްގެ ތެރޭގައި ހާސިލުކޮށްފައިވާ 27 އަހަރުގެ ކާޑީބީ އަކީ ރެޕް މިއުޒިކްގެ ދުނިޔެ ދުށް އެންމެ ކާމިޔާބު އަދި އެންމެ ނުފޫޒުގަދަ އަންހެން އާޓިސްޓުންގެ ތެރޭގައި ފޯބްސް އިން ހިމަނާފައިވާ ޝަހުސިއްޔަތެކެވެ.

އޭނާގެ ފިރިމީހާ އޮފްސެޓް، މިއުޒިކްގެ ދުނިޔޭގައި ކާޑީބީހާ ކާމިޔާބު ނުވިޔަސް އާއިލީ ދެ މެމްބަރުން ކަމަށްވާ ޓޭކްއޮފް އާއި ކްއޭވޯ އާއެކު 2008 ވަނަ އަހަރު އުފެއްދި "މީގޯސް" އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ހިޕްހޮޕް ޓްރިއޯއެކެވެ. އެމީހުންގެ ބްރޭކްއައުޓް ލަވައަކަށްވީ 2013 ވަނަ އަހަރު ނެރުނު ސިންގަލް "ވަސާޖީ" އިންނެވެ.

"މީގޯސް" ގެ އިތުރުން އޮފްސެޓް ވަނީ މިފަހުން ސޯލޯ އާޓިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ފަށައިފައެވެ. އޮފްސެޓްގެ އަސްލު ނަމަކީ ކިއާރީ ކެންޑްރެލް ސީފިއަސްއެވެ. ކާޑީބީގެ އަސްލު ނަމަކީ ބެލްކާލިސް އަލްމެންޒާ އެވެ.

Popular