މެޑޯނާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުން ފެނިގެންދާނީ ނިއު ޔޯކްގެ އެންމެ ފަގީރު ދިރިއުޅުމުން އަރައިގެން ގޮސް "ލައިކް އާ ވާޖިން" އާއި "ވޯގް" ފަދަ ހިޓް ލަވަތަކާ އެކު ސުޕަސްޓާރަކަށް ބަދަލުވި ގޮތެވެ. މި ޕްރޮޖެކްޓަށް އަދި ނަމެއް ދީފައިނުވާއިރު މެޑޯނާގެ 50 އަހަރުވީ އާދަޔާހިލާފު ކެރިއަރު ބޮޑު އިސްކިރީނުގައި ކުޅޭނެ ތަރިއަކު ވެސް އަދި ހަމަނުޖެހެއެވެ.
މިއީ މެޑޯނާ ޑައިރެކްޓަރުގެ ގޮނޑީގައި އިށީންނާނެ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އޭނާ ވަނީ ދެ ފިލްމެއް ޑައިރެކްޓްކޮށްފައެވެ. އެއީ 2008 ވަނަ އަހަރުގެ "ފިލްތު އެންޑް ވިސްޑަމް" އާއި 2011 ވަނަ އަހަރުގެ "ޑަބްލިއު.އީ" އެވެ. މީގެ ތެރެއިން ދެ ވަނަ ފިލްމަކީ ގޯލްޑެން ގްލޯބް އެވޯޑް ލިބިފައިވާ ފިލްމެކެވެ.
މެޑޯނާ ވަނީ އޭނާގެ ނަސީބު އެކްޓަރެއްގެ ގޮތުގައި ވެސް ބަލައި ފާސްވެފައެވެ. އެގޮތުން 1996 ވަނަ އަހަރު ކުޅުނު "އެވީތާ" އިން ގޯލްޑެން ގްލޯބްސްގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑަށް ނޮމިނޭޓްވެފައިވެއެވެ.
މެޑޯނާގެ ހަޔާތުގެ ވާހަކަ އަށް އުފައްދާ ފިލްމުގެ ސްކްރީންޕްލޭ އޭނާއާ އެކު ލިޔުމަށް ހަމަޖެހިފައިވާ ކޯޑީ އަކީ "ޖޫނޯ" އިން އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ރައިޓަރެކެވެ.
"ކްއީން އޮފް ޕޮޕް" ގެ ގޮތުގައި މިއުޒިކްގެ ދުނިޔެ ފަތަހަކޮށްފައިވާ މެޑޯނާގެ އަލަތު އަލްބަމް ނެރުނީ 1979ގަ އެވެ. އޭނާގެ އަލްބަމްތަކުގެ 300 މިލިއަނަށް ވުރެ ގިނަ ކޮޕީސް ވިކިފައިވާއިރު އޭނާ އަކީ ބެސްޓް ސެލިން ފީމޭލް މިއުޒިކް އާޓިސްޓް އޮފް އޯލް ޓައިމްގެ ގޮތުގައި ގިނިސް ރިކޯޑް ފޮތަށް އަރާފައިވާ އާޓިސްޓެކެވެ.