By: Ifraz Ali
ނެޓްފްލިކްސް އެކައުންޓް ޝެއާކުރާ މީހުން ވަރަށް ގިނަ އެވެ. މަދުވެގެން ހަތަރު، ފަސްވަރަކަށް މީހުން އުޅޭނެ ކަމަށް ބަލާށެވެ. މިހެން ދިމާވާ ސަބަބުތައް ވެސް އެބަހުއްޓެވެ. އެހެންވެ ގްރޫޕް ތެރެއިން ކޮންމެވެސް އެކަކަށް އަބަދުވެސް ޖެހޭނީ ނެޓްފްލިކްސް އަށް ފައިސާ ދައްކާށެވެ.
ތިރީގައި ލިޔެފައިވާ، މި ބައިވަރު ސަބަބުތަކުގެ ތަފުސީލު ފަތި ކިޔާލުމުގެ ކުރިން، އެމީހެއްގެ ނެޓްފްލިކްސްގެ ބިލު ދައްކައިދޭ މީހާ ޓެގުކޮށްލަން ވާނެ އެވެ.
ނެޓްފްލިކްސް ފަރުމާކޮށްފައި ވެސް ވަނީ އެއް އެކައުންޓުން އެކަކަށް ވުރެ ގިނަ މީހުނަށް ބެލޭނެ ގޮތަށެވެ. ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިންނަށެވެ. ނުވަތަ އާއިލާގެ މީހުންނަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 24 މިލިއަނަށް ވުރެ ގިނަ މީހުން ނެޓްފްލިކްސް ބޭނުންކުރަނީ، އެހެން މީހުންގެ އެކައުންޓުތަކުން ކަމަށްވެ އެވެ. އަދި ނެޓްފްލިކްސް ބޭނުންކުރާ ދިވެހިންގެ ތެރޭގައި ވެސް ގިނައީ އެހެން މީހުންގެ އެކައުންޓުތައް ބޭނުންކުރާ މީހުން ކަމަށް ބުނާތީ އަޑުއިވެ އެވެ.
ފުރަތަމަ ސަބަބެއް ކިޔާ ނަމަ، މީގެ އެންމެ ބޮޑު ބޭނުމަކީ ބިލަށް ކުރަންޖެހޭ ހަރަދު ކުޑަކޮށްލުމެވެ. އެއީ އަމިއްލަ ޖީބަށް ވެސް ލުޔެއް ދިނުމަށްޓަކަ އެވެ. ފަސް ވަރަކަށް މީހުން އެއް އެކައުންޓަކަށް ފައިސާ ދައްކައިގެން ބޭނުންކުރާ ނަމަ، ބިލަށް ދައްކަންޖެހޭ އަދަދު ވަރަށް ބޮޑުތަނުން ކުޑަވެ އެވެ. އެކަމަކު އެވެސް، ކޮންމެ މަހަކު ހުރިހާ މީހުން ބަރާބަރަށް ފައިސާ ދައްކާ ނަމަ އެވެ. -- ފަސް މީހުންނޭ މި ބުނީ ނެޓްފްލިކްސް އެކައުންޓެއްގައި، އެންމެ ގިނަވެގެން ހެދޭނީ ފަސް ޕްރޮފައިލު ކަމަށް ވާތީ އެވެ. އަދި އެކަކުގެ ޕްރޮފައިލުން ފިލްމާއި ސީރީޒް ބަލާ އިތުރު ބައިވަރު މީހުން ވެސް އުޅެ އެވެ.
ނެޓްފްލިކްސް އަށް މަހަކު އެންމެ ގިނަވެގެން ދައްކަން ޖެހޭނީ އެންމެ 11.99 ޑޮލަރެވެ. އަދި އެއީ އެންމެ މޮޅު ކޮލިޓީގައި ސްޓްރީމްކުރެވޭ، އެންމެ ބޮޑު ޕެކޭޖުގެ އަގެވެ. ފަސް މީހުނަށް ބަހާލުމުން، ދިވެހި ރުފިޔާއިން ބަލާ ނަމަ އެއީ މަހަކަށް އެންމެ 37ރ. އެވެ. ޖީބަށް ކިހާ ލުއިވީ ހެއްޔެވެ.
މަހަކު މީހަކު ބިލު ދެއްކުން
މިއީ އަދި މާ މޮޅު ގޮތެކެވެ. އެކައުންޓް ބޭނުންކުރާ މީހުންގެ ތެރެއިން، ކޮންމެ މަހަކު ވަކި މީހަކު ބިލު ދައްކާ ގޮތަށް ވެސް އޮވެ އެވެ. އޭރަށް އެންމެނަށް ކިހާ ފަސޭހަވާނެ ކަން ވިސްނާލަ ބަލާށެވެ. ފަސް މީހުން ބޭނުންކުރާ އެކައުންޓެއް ނަމަ، އެމީހެއްގެ ބުރު ޖެހޭނީ ކޮންމެ ފަސް މަހަކުން އެއް މަހު އެވެ. ސަޅި ދޯ އެވެ.
ހިއްސާ ނުދިނަސް، ބޭރުކޮށްލަން ނުކެރިފައި
ބައެއް މީހުން އެކައުންޓެއް ހުޅުވަނީ ވެސް މަހަކު މީހަކު ވަކި ވަރެއް ދޭނެ ކަމަށް ބުނެގެން، އެގޮތަށް އެއްބަސްވެގެންނެވެ. އެކަމަކު ގިނަ ފަހަރަށް ކަންވެ، ނިމިދަނީ އެއްބަސްވި ގޮތަކަށް ނޫނެވެ. އަހަރެއްވާއިރު ވެސް ހިއްސާ ނުދޭ މީހުން ވަރަށް ގިނަ ވާނެ އެވެ. މިއީ ދޮގެއް ހެއްޔެވެ؟
ހިއްސާ ނުދިނީމަ، އެކައުންޓް އިތުރަށް ޝެއާނުކުރަން، ޕާސްވޯޑް ބަދަލުކޮށްލާ މީހުން ވެސް އުޅެ އެވެ. އެކަމަކު ގިނައީ އެކަން ވެސް ކުރަން ނުކެރޭ މީހުންނެވެ. ބުނާ އެއްޗަކުން އެމީހަކު ދެރަ ވެދާނެތީ ނުވަތަ ބުނަން ނުކެރިގެން ވެސް ތިބެދާނެ އެވެ.
އެހާ ބައިވަރު ކޮންޓެންޓް އޮންނަ ޕްލެޓްފޯމަކާ ބަލައިފައި ނެޓްފްލިކްސްގެ ބިލަށް ދައްކަން އަދަދު އަސްލު ވަރަށް ކުޑަ އެވެ. އެއީ 200ރ. އަށް ވުރެ ކުޑަ އަދަދެކެވެ. އެހެންވެ ބައެއް ފަހަރަށް، އެހެން މީހަކު ލާރި ނުދިނަސް، އެކައުންޓްގެ ވެރިފަރާތަށް އެއީ މާ ބޮޑު ކަމަކަށް ނަހަދަ އެވެ. ދޭން ބޭނުންވާ މީހަކު ދިނިއްޔެވެ. ނުދިނަސް ވަރިހަމަ އެވެ. އޭނާއަށް ބެލެނިކޮށް އެ ނިމުނީ އެވެ.