23 Feb 2021

By: Ifraz Ali

މި ހަފުތާގައި ފިލްމު ބަލަން ފަށަން ވާނީ އިނގިރޭސިވިލާތުގެ އެކްޓަރު އަދި އަންނަ މަހު 1 ގައި ބާއްވާ ގޯލްޑެން ގްލޯބްސް 2021 ގައި އެންމެ މޮޅު އެކްޓަރުގެ ގޮތުގައި މިހާރު ނޮމިނޭޓުވެފައިވާ ރިޒް އަހްމަދުގެ "ސައުންޑް އޮފް މެޓަލް" އިންނެވެ. މިއީ އަހަރެން ބެލި ފިލްމުތަކުގެ ތެރެއިން ބައެއް ސަޅި ހޮވުންތަކެވެ. އަންނަ ހަފުތާގައި އަނެއްކާ ވެސް އެހެން ލިސްޓެއް ދޭނަމެވެ. މިފަހަރު މި ލިސްޓުގައި ހިމަނާލަނީ ރިޒް އުޅޭ މިއުޒިކް ޑްރާމާ ފިލްމުގެ އިތުރުން، ކްރައިމް ތުރިލާއަކާއި އަދި ބްލެކް ކޮމެޑީއެކެވެ.

1. ސައުންޑް އޮފް މެޓަލް

ރިޒް ނުވަތަ މި ފިލްމުގައި ކިޔާ ނަމުން ނަމަ، ރޫބެން އަކީ ހެވީ މެޓަލް ޑުއޯއެއްގެ ޑްރަމަރެކެވެ. ރޫބެންއާ އެކު މި ޑުއޯގައި އުޅެނީ އޭނާގެ ލޯބިވެރިޔާ ލޫ (އޮލިވިއާ ކޫކް) އެވެ. ލޫ އަކީ ލަވަކިޔުންތެރިޔާ އެވެ. މި ދެ ލޯބިވެރިން އާރްވީއެއްގައި ދިރިއުޅުނީ، އެމެރިކާގެ އެކި ހިސާބުތަކުގައި ގިގުތައް ދީގެން އެ ލިބޭ އެއްޗަކުންނެވެ. އޭރު ދެމީހުން ހިތްހަމަޖެހިގެން އުޅުނު ނަމަވެސް، ވަކި ހިސާބަކުން ކަންތައް ދިމާވަނީ ހީވެސް ނުކުރާ ގޮތަކަށެވެ. އަޑުއިވުމުގެ ހިއްސުން ރޫބެން މަހުރޫމު ވަނީ އެވެ. އެންމެ ފުރަތަމަ އޭނާއަށް އެކަން ފާހަގަޥި ގިގެއްގެ މެދުންނެވެ. އޭނާގެ ކަންފަތަށް އަޑުއިވޭ ވަރު މަޑުމަޑުން ގޮސް ފަނޑުވެ އެވެ. ކުއްލިއަކަށް އަޑުއިވުމުން މަހުރޫމުވުމުން އެ ހާލަތާއެކު ދިރިއުޅެން ދަސްކުރާށާއި އެ ކަމަށް ފަރުވާކުރުމަށް ރޫބެން އުޅޭ ހާލު ދައްކަ އެވެ.

"ސައުންޑް އޮފް މެޓަލް" ގެ ޓްރެއިލާ.

ރިޒްގެ މޮޅު ޕާފޯމަންސްގެ އިތުރުން މި ފިލްމު ޚާއްސަ ވާނީ މީހެއްގެ ދިރިއުޅުމަށް ކުއްލި ގޮތަކަށް އައިސްދާނެ، ކޮންމެ ފަދަ ބަދަލަކަށް ވެސް އަބަދުވެސް ތައްޔާރުގައި ތިބުމާއި އަދި ބޭނުން ނުވިޔަސް ވަގުތާއި ހާލަތަށް ބަލައި، އެ ބަދަލަކަށް ހޭނުމުގެ މުހިންމުކަން ވެސް އަންގައިދޭތީ އެވެ. މީގެ އިތުރުން، އަޑުއިވުމުން މަހުރޫމުވެފައިވާ މީހުން ވާހަކަތައް ވެސް ވަރަށް ތަފާތު ނަޒަރަކުން މި ފިލްމުގައި ދައްކަ އެވެ. މި ފިލްމުގެ މަންޒަރުތައް ނެގުމަށް އެމެރިކާގެ "ޑެފް ކޮމިނިއުޓީ" ގެ ވަރަށް ގިނަ މީހުން ކާސްޓުކޮށްފައިވެ އެވެ. ރިޒް މި ފިލްމަށް ތައްޔާރުވުމަށްޓަކައި އެމެރިކާގެ ސައިން ލޭންގުއޭޖް ދަސްކުރަން އަށް މަސް ހޭދަކުރި އިރު، ކޮންމެ ދުވަހަކު ދެ ގަޑިއިރު، ޑްރަމިން ދަސްކުރާށާއި މި ފިލްމަށް ޚާއްސަ އެކްޓިން ދަސްކުރަން ޕާސަނަލް ޓްރެއިނަރަކާ އެކު ވެސް ދުވާލަކު އެހާ ވަގުތު ހޭދަކުރި އެވެ.

މި ފިލްމަށް ރަނގަޅު އެކްޓަރެއް ހޯދުމަށްޓަކައި، މީގެ ޑައިރެކްޓަރު ޑާރިއުސް މާޑާ 13 އަހަރު ހޭދަކުރި އެވެ. ބަލައިލަން ބޭނުންވާ މީހުންނަށް އެމަޒަން ޕްރައިމް ވީޑިއޯ އިން މި ފިލްމު ސްޓްރީމް ކުރެވޭނެ އެވެ.

2. ދަ ލިޓުލް ތިންގްސް

މި ފިލްމުގެ ވާހަކަ އެނބުރެނީ، 1990 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖަލަސް ސިޓީގައި ހިނގާ މަރުގެ ކޭސްއަކާއި އަހަރުތަކެއް ކުރިން ހިނގި، އަދިވެސް ހަގީގަތް ނޭނގޭ އިތުރު މަރަކާ އެއްގޮތް ކަންތައްތަކެއް ހުރުމުން، އެ މަރުގެ ހަގީގަތާއި އެ ގަތުލުތަކުގެ ފަހަތުގައިވާ ގާތިލު ހޯދުމަށް އުޅޭ އުޅުމުގެ ތެރޭ ހިނގާ ކަންތައްގަނޑެއްގެ މައްޗަށެވެ. ކުރީގެ ކޭސްގައި އިސްކޮށް ހުރި، ކުރީގެ ޑިޑެކްޓީވް ޑިކީ (ޑެންޒެލް ވޮޝިންގްޓަން) އާއި ފަހުގެ ކޭސްގައި އިސްކޮށް ހުންނަ ޑިޑެކްޓީވް ބެކްސްޓާއާ (ރަމީ މާލިކް) ދެމީހުން އެއްބައިވެ، ހަގީގަތް ހޯދުމަށް ކުރާ ކަންކަން ދައްކަ އެވެ.

"ދަ ލިޓުލް ތިންގްސް" ގެ ޓްރެއިލާ.

"ޓްރޫ ޑިޓެކްޓީވް" ކަހަލަ އެމެރިކާގެ ކްރައިމް ޑްރާމާތައް ކަމުދާ މީހުނަށް މިއީ ފަހަރެއްގައި ވަރަށް ސަޅި ފިލްމަކަށް ވެދާނެ އެވެ. މީގައި ދައްކަނީ އެ ކަހަލަ ވާހަކައެކެވެ. އެކަމަކު ސްކްރީންރައިޓަރު ޖޯން ލީ ހެންކޮކް މީގެ ސްކްރީންޕްލޭ އެންމެ ރަނގަޅަށް އަތުރާލެވިފައި ނުވުމުން ސަންސްޕެންސް ރަނގަޅަށް ނުހިފެއްޓުމުން ވަރަށް ގިނަ ފާޑުކިޔުން އަމާޒުވެފައިވެ އެވެ. ފިލްމު ޑައިރެކްޓުކުރީ ވެސް އޭނާ އެވެ.

ދިގުމިނުގައި ދެ ގަޑިިއިރު ހުންނަ މި ފިލްމު ބެލޭނީ އެޗްބީއޯ މެކްސް އިންނެވެ.

3. ޕްރޮމިސިން ޔަންގް ވުމަން

ރިވެންޖު ތުރިލާތަކަށް ލޯބިކުރާ މީހުނަށް ވެސް މިއީ ހަބޭސް ފިލްމެކެވެ. އެކަމަކު މިއީ ބްލެކް ކޮމެޑީ ތުރިލާއެކެވެ. އެމަރަލްޑް ފެނެލް ޑައިރެކްޓުކުރި މި ފިލްމަކީ ގޯލްޑެން ގްލޯބްސް 2021 ގެ މުހިންމު ވާދަވެރިއެކެވެ. އޮސްޓުރޭލިއާގެ އެކްޓްރެސް މާގޯ ރޯބީ ވެސް ޕްރޮޑިއުސަރެއްގެ ޚިއްސާ އޮންނަ މި ފިލްމުން އެމަރަލްޑް ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ ކެޓަގަރީއަށް ނޮމިނޭޓުވެފަ އެވެ. އަދި މި ފިލްމުގެ މެއިން ކެރެކްޓާ، 30 އަހަރުގެ ކެސީ ތޯމަސްގެ ރޯލު ކުޅެފައި ވަނީ އިނގެރޭސިވިލާތުގެ އެކްޓްރެސް ކެރީ މުލިގަން އެވެ. ކެރީ ވެސް ވަނީ އެންމެ މޮޅު އެކްޓްރެސްގެ ކެޓަގަރީން ގޯލްޑެން ގްލޯބްސްއަށް ނޮމިނޭޓުވެފަ އެވެ.

ޑްރާމާގެ ބައިން އެންމެ މޮޅު ފިލްމަށް ވެސް ވަނީ ނޮމިނޭޓުވެފަ އެވެ.

"ޕްރޮމިސިން ޔަންގް ވުމަން" ގެ ޓްރެއިލާ.

ކެސީ ދިރިއުޅެނީ އޭނާގެ މައިންބަފައިންނާ އެކު އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އޮހާޔޯގަ އެވެ. އޭގެ އަހަރުތަކެއް ކުރިން އޭނާ އުޅުނީ މެޑިކަލް ސްކޫލުގައި ޑޮކްޓަރުކަން ކިޔަވާށެވެ. އެކަމަކު މެޑިކަލް ސްކޫލްގައި ކިޔެވި ދުވަސްވަރު، މީހަކު އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ނީނާ ފިޝާ ރޭޕްކުރެ އެވެ. އަދި މި ވާހަކަ މެޑިކަލް ސްކޫލާއި ފުލުހުންގެ ސަމާލުކަމަށް ގެނައުމުން ވެސް އިންސާފު ލިބޭނެ މަގެއް ފަހިނުވުމުން އެ ދެމީހުންގެ ސްކޫލުން ކެނޑެނީ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން ނީނާ އެ ހިތާމައިގައި އަމިއްލައަށް މަރުވެ އެވެ. ނީނާ މަރުވުމުން، އޭނާ އެ ހިސާބަށް ދިއުމަށް މެދުވެރިކުރި ހުރިހާ މީހުންގެ ކިބައިން ބަދަލު ހިފުމަށް ކެސީ ކުރާ އަދާޔާ ހިލާފު ކަންކަން، ބްލެކް ކޮމެޑީގެ ރަހަތަށް ހިމަނައިގެން، މި ފިލްމުގައި ދައްކަ އެވެ.

ދެ ގަޑިއިރުގެ މި ފިލްމު އެމަޒަން ޕްރައިމް ވީޑިއޯއިން ބެލެނީ ކުއްޔަށް ގަނެގެންނެވެ.

ހޮލީވުޑް ފިލްމު

Popular