By: Ahmed Jaishan
ފްރެންޑްސް އަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ކޮމެޑީ ސިޓްކޮމް ކަން ޔަގީނެވެ. މި ޝޯއަކީ ދިވެހިންގެ ހިތާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ޝޯއެކެވެ. އެ ޝޯއަށް މަރުދޭ މީހުން ވަރަށް ގިނަ އެވެ. ބައެއް މީހުންނަށް އެ ޝޯ ބެލުނު ވަރެއް ނުވެސް އެނގެ އެވެ. ނަމަވެސް މިހާރު އެ ޝޯ ބަލައިބަލައި ފޫހިވެފައިވާ މީހުން ކަންބޮޑުވާނެ ކަމެއް ނެތެވެ. މިއޮތީ ފްރެންޑްސް ކަމުދާ ނަމަ ބެލިދާނެ ޝޯތަކެވެ.
ޓޫ ބްރޯކް ގާލްސްގައި ފެންނާނީ މެކްސް އާއި ކެރޮލައިންގެ ވާހަކަ އެވެ. މެކްސް އަކީ ބްރުކްލިންގެ ޑައިނާއެއްގައި މަސައްކަތްކުރާ ޒުވާނެކެވެ. އޭނާއަށް ކެރޮލައިން ދިމާވަނީ އެތަނަށް އަލަށް ކެރޮލައިން ވަންނަ ފަހުންނެވެ. ނަމަވެސް ކެރޮލައިން އަކީ ވެއިޓްރެސްގެ ގޮތުގައި މަސައްކަތްކޮށްފައި ނުވާ މީހެއްކަން އޭނާއަށް އެނގެ އެވެ. މެކްސް އަށް ފަހުން އެނގެނީ ކެރޮލައިން އަކީ މަޝްހޫރު މަހުޖަނެއްގެ ދަރިއެއް ކަމެވެ. ނަމަވެސް ކެރޮލައިންގެ ބައްޕަގެ މުދާތައް އަތުލުމުން އޭނާ އަތުގައި އެއްވެސް ފައިސާ އެއް ނެތް އިރު އުޅޭނެ ތަނެއް ވެސް ނެތެވެ. މެކްސް އުޅޭ އެޕާޓްމެންޓުން ކެރޮލައިން އަށް ތަންކޮޅެއް ދީ ދެމީހުން އެކީގައި އުޅެމުން ދިމާވާ މަޖާ ކަންތައް މި ޝޯއިން ފެންނާނެ އެވެ. ތަންކޮޅެއް ޑާކް ކޮމެޑީ އަށް ލޯބިކުރާ މީހުންނަށް ޓޫ ބްރޯކް ގާލްސް ވަރަށް މަޖާ ވާނެ އެވެ.
އެމެޒޯން ޕްރައިމް އިން މި ޝޯ ސްޓްރީމް ކުރެވޭނެ އެވެ.
2. ވަން ޑޭ އެޓް އަ ޓައިމް
ވަން ޑޭ އެޓް އަ ޓައިމްގައި ފެންނާނީ ކިއުބަން އެމެރިކަން އާއިލާއެއް ދިރިއުޅުމުގެ ތެރެއިން ދިމާވާ ކަންތަކެވެ. ޝޯގެ މެއިން ކެރެކްޓަރަކީ މަންމަ ޕެނެލަޕީ އެވެ. ނަމަވެސް އެ އާއިލާގެ ހުރިހާ މެމްބަރުންގެ ވާހަކަ ވެސް މި ޝޯއިން ފެންނާނެވެ. ޕެނެލަޕީ އަކީ އާމީގައި މީގެ ކުރިން އުޅެ މިހާރު ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާ، ދެކުދިންގެ މަންމަ އެކެވެ. އެ ޝޯގައި ދައްކާނީ ސިންގަލް މަންމަ އެއްގެ ގޮތުގައި ހުރެ ދަރިން ބެލުމާއި އޭނާ އާމީ އަށް ފަހު ޕީޓީއެސްޑީ ފަދަ ކަންތަކާ ޓެކުލް ކުރާ ގޮތެވެ. މިއީ ސްމާޓް ތަފާތު ކޮމެޑީ އަކަށްވާއިރު މި ޝޯ ހާއްސަވާ ބޮޑު ސަބަބެއް އެބައޮތެވެ. އެއީ ކޮންމެ އެޕިސޯޑެއްގައި ވެސް ތަފާތު މައްސަލަތަކާ ވާހަކަ ދައްކާތީ އެވެ. އޭގެތެރޭގައި އެންޒައިޓީ، ޑިޕްރެޝަން އާއި ސެކްޝުއަލް އެސޯލްޓް ފަދަ މައްސަލަ ހިމެނެ އެވެ.
ނެޓްފްލިކްސް އިން މި ޝޯ ސްޓްރީމް ކުރެވޭނެ އެވެ.
ޑެރީ ގާލްސްގައި ފެންނާނީ 16 އަހަރުގެ އެރިން އާއި އޭނާގެ ކަޒިން އެކީގައި ކެތޮލިކް ސްކޫލެއްގައި އުޅޭ އިރު ދިމާވާ މަޖާ ކަންތައްތަކުގެ މައްޗަށެވެ. މި ޝޯ ސެޓުކޮށްފައިވަނީ 90ގެ އަހަރުތަކަށް އުތުރު އައިރެލެންޑަށެވެ. އެއާއެކު އެ ދުވަސްވަރު އޮތް ސިޔާސީ ކޮންފްލިކްޓުތަކުގެ ތެރެއިން އެރިން އާއެކު އިތުރު ހަތަރު ކުދިން ތަފާތު އެކި މައްސަލަތަކުން އަރައިގަންނަ މަންޒަރު މި ޝޯއިން ދައްކާނެ އެވެ. އެ ޝޯގައި ވެސް އާއިލާއަށް އަލިއަޅުވާލާނެ އެވެ. އަދި އާއިލާގެ ތެރޭގައި ދިމާވާ ތަފާތު އެކި މައްސަލަތަކަށް މި ޝޯގައި އަލި އަޅުވާލާނެ އެވެ.
ނެޓްފްލިކްސް އިން މި ޝޯ ސްޓްރީމް ކުރެވޭނެ އެވެ.