24 Aug 2021

އެންމެފަހުން ސްޕައިޑާމޭންގެ ޓްރެއިލާ ދައްކައިފި

By: Ahmed Jaishan

މާވެލް އަށް މިއަހަރަކީ ވަރަށް ބިޒީ އަހަރެކެވެ. އަމިއްލަ އޮރިޖިނަލް ޝޯތަކުގެ އިތުރުން އާ ގިނަ ފިލްމުތަކެއް ނެރެމުން އަންނަނީ ހުއްޓުމެއް ނެތި އެވެ. ނަމަވެސް އެ ހުރިހާ އެއްޗިއްސެއްގެ ތެރެއިން ވެސް އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ ސްޕައިޑާމޭން ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމު "ނޯ ވޭ ހޯމް" އަށެވެ. އެތައް މަހެއް ވަންދެން ފޭނުން ތެޅުވުމަށް ފަހުން މާވެލް އިން އެންމެ ފަހުން މިއަދު ފިލްމުގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފި އެވެ.

މާވެލް އިން ސިނެމޭޓިކް ޔުނިވާސްގެ ހުރިހާ ފިލްމުތަކެއްގެ ޓްރެއިލާ އާއި ފިލްމު ސްޕޮޓުތައް ދެއްކި އިރު ވެސް ސްޕައިޑާމޭންގެ ޓްރެއިލާ އާންމުކޮށްފަ އެއް ނުވެ އެވެ. އަދި މުޅި ޕްރޮޑަކްޝަން ޓީމުން ވެސް އުޅުނީ ސްޕައިޑާމޭންގެ އެއްވެސް ވާހަކައެއް ނުދައްކާށެވެ.

އެންމެފަހުން މިއޮތީ ފިލްމުގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފަ އެވެ. މި ޓްރެއިލާއިން ވަރަށް ގިނަ ކަންތައްތަކެއް ވަނީ ހާމަ ވެފަ އެވެ.

ޕީޓާ އާއި މަލްޓިވާސް އާ ގުޅޭ ގޮތް މިއޮތީ

މާވެލްގެ އާ ފޭސްގައި އެންމެ އިސް ރޯލެއް ކުޅޭނީ މަލްޓިވާސް އެވެ. ތަފާތު އެކި ދުނިޔެތަކާއި ސްޓޯރީލައިން އެކަތި އަނެކައްޗާ ޖެހި ދިމާވާ ކަންތައްތައް މި ފޭސްގައި ފެންނާނެ އެވެ.

މި ކަންތައްގަނޑެއް ފެށިގެން ދަނީ 2019 ވަނަ އަހަރުގެ ސްޕައިޑާމޭން: ފާ ފްރޮމް ހޯމްގެ ކަންތައްގަނޑާ ގުޅިގެންނެވެ. އެ ފިލްމުގައި މިސްޓީރިއޯގެ ސަބަބުން ސްޕައިޑާމޭންގެ ނަން ހަޑިވެ އޭނަގެ ބޮލުގައި އެކި ކަހަލަ ދޮގު ތުހުމަތުތައް އެޅިގެން ދެ އެވެ. ޓްރެއިލާއިން ފެންނަނީ ތުހުމަތުތަކުން ސަލާމަތްވުމަށް ޕީޓާ، ޑޮކްޓާ ސްޓްރޭންޖް ގާތަށް ދާ މަންޒަރެވެ. އަދި ޕީޓާ އެދޭ ކަމެއްގެ ސަބަބުން މަލްޓިވާސް އަށް ވަދެވޭ މަންޒަރު ޓްރެއިލާއިން ފެނެ އެވެ.

މި ފިލްމު ވަރަށް ހާއްސަވާނެ

ސްޕައިޑާމޭންގެ އާ ފިލްމު ހާއްސަވާ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. އޭގެތެރެއިން މީގެކުރިން ނެރެފައިވާ ސްޕައިޑާމޭން ފްރެންޗައިޒްތަކުގެ ވިލަންތައް ހިމެނެ އެވެ. އެގޮތުން އެމޭޒިން ސްޕައިޑާމޭން ފްރެންޗައިޒްގެ އިލެކްޓްރޯމޭންގެ އިތުރުން ފުރަތަމަ ސްޕައިޑާމޭން ފްރެންޗައިޒްގެ ގްރީން ގޮބްލިން އާއި ޑޮކްޓާ އޮކްޓޮޕަސް ވެސް ޓްރެއިލާއިން ފެންނާނެ އެވެ.

މިއިން އެނގޭ ކަމަކީ ކުރީގެ ސްޕައިޑާމޭން ފިލްމުތަކާއި އާ ފިލްމުތައް ގުޅުވާލާ ގޮތެވެ. އަދި ތަފާތު ގިނަ ވިލަންތައް މި ފިލްމުން ފެންނާނެ ކަން ވެސް މިއޮތީ ކަށަވަރުވެފަ އެވެ. އެއާއެކު އުއްމީދުތައް ވެސް މިއޮތީ އާ ވެފަ އެވެ. އެއީ ކުރީގެ ސްޕައިޑާމޭންތައް އަލުން ސްކްރީނުން ފެނުމުގެ އުއްމީދެވެ.

ކޮންމެއަކަސް މި ހުރިހާ ކަމެއް އެންމެ އަވަހަށް ވެސް އެނގެން އޮތީ ޑިސެމްބަރު މަހުގެ 17 އަށް ފަހުގަ އެވެ. ފިލްމު ތިއޭޓަރުތަކުން ދައްކަން ފަށާނީ ޑިސެމްބަރު 17 އިން ފެށިގެންނެވެ.

ހޮލީވުޑް ފިލްމު

Popular