16 Sep 2021

ހަފްތާ ބަންދަށް މި ދެނީ ބިރުވެރި އަދި ތުރިލާއެއް

By: Ahmed Jaishan

ބިޒީ ހަފްތާއަކަށް ފަހު ޓީވީ ކައިރީ ޖައްސާލާއިރު ބަލާނެ އެއްޗެއް ނޭނގޭ ފަހަރު އާދެ އެވެ. އެކަމަކު މި ހަފްތާގެ ތެރޭގައި ވެސް ވަނީ ވަރުގަދަ ފިލްމުތަކެއް ނެރެފަ އެވެ. އެހެންވެ ހަފްތާ ބަންދުގައި ބަލައިލަން ވަރުގަދަ ފިލްމުތަކެއް އެބަހުއްޓެވެ. ލިސްޓުގެ އެންމެ ކުރިއަށް މި ހަފްތާގައި ލާނީ ބިރުވެރި ފިލްމެކެވެ. އެއަށްފަހު ތުރިލާ ފިލްމެއް ބަލައިލަން ވެސް ރަނގަޅު ވާނެ އެވެ.

ބިރުވެރި – މެލިގްނަންޓް

ދާދި ފަހުން ސިނަމާގައި އެޅުވި ފިލްމު މެލިގްނަންޓް އަކީ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޖޭމްސް ވާންގެ އުފެއްދުމެކެވެ. ކޮންޖަރިން ފިލްމުތައް ފަދަ ބިރުވެރި ފިލްމުތައް ހަދާފައިވާ ވާންގެ މެލިގްނަންޓް އަކީ ވެސް ވަރުގަދަ ވާހަކައެއްގެ އިތުރުން ބިރު ގަންނަވާލާނެ ފިލްމެކެވެ. މި ފިލްމުގައި ލީޑް ކެރެކްޓާއަށް ފެންނާނީ މެޑިސަން އެވެ. ފިލްމު ފެށެނީ މެޑިސަން ޑިއުޓީ ނިންމާލުމަށް ފަހު ގެއަށް އަންނަ ހިސާބުން ފެށިގެންނެވެ. ގެއަށް އަންނަ ހިސާބުން މެޑިސަންގެ ފިރިމީހާގެ އަނިޔާވެރިކަން ފިލްމުން ފެންނަން ފަށަ އެވެ. އަދި މެޑިސަންގެ ބޯ، ފާރުގައި ޖައްސައި ފަޅާލަ އެވެ. ކަންތައް ގޯސްވަނީ އެ ރެއިން ފެށިގެންނެވެ. ގެއަށް ފާޑެއްގެ ހިޔަންޏެއް ފަދަ އެއްޗެއް ވަދެ މެޑިސަންގެ ފިރިމީހާ މަރާލަ އެވެ. އެހާ ހިސާބުން އެ މަރުތައް ނިމުނީއެއް ނޫނެވެ. އެ ހިޔަނި އިތުރު ބަޔަކު ވެސް މަރަން ފަށަ އެވެ. އެކަމަކު މި ހިޔަނި ގޮސް މީހުންތައް މަރާއިރު، މެޑިސަން އަށް އެ މަންޒަރުތައް ހުވަފެނެއްގެ ގޮތުގައި ފެނެ އެވެ. އެހާ ހިސާބުން އެ ހިޔަންޏަކީ މެޑިސަން އާ ގުޅުންހުރި އެއްޗެއްކަން އެނގެ އެވެ. މި ފިލްމުގައި ފެންނާނީ އެ ހިޔަނީގެ ހަގީގަތް ހޯދުމަށް މެޑިސަން އުޅޭ މަންޒަރެވެ. އަދި ވަރަށް ހީވެސް ނުކުރާ ކަހަލަ ތަފާތު އެކި ޓްވިސްޓުތައް މި ފިލްމުން ފެންނާނެ އެވެ.

ވޯނާ ބްރޮސްގެ މި ފިލްމު މިހާރު އެޗްބީއޯ މެކްސް އިން ސްޓްރީމް ކޮށްލެވޭނެ އެވެ.

ތުރިލާ – ކޭޓް

އެސޭސިން އުޅޭ އެކްޝަން އަދި ތުރިލާ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ކޭޓަކީ ވަރަށް ކަމުދާ ފިލްމަކަށް ވާނެ އެވެ. ފިލްމުގައި ފެންނާނީ ކޭޓް ނަމަކަށް ކިޔާ އެސޭސިން އެއްގެ ވާހަކަ އެވެ. ކޭޓް އަކީ ވަރަށް ތަޖުރިބާކާރު އަދި ވަރުގަދަ އެސޭސިން އެކެވެ. އޭނާއަށް މިޝަންތައް ހަވާލު ކުރަނީ އޭނާގެ މެންޓޯ އަދި ހޭންޑްލާ، ވެރިކް އެވެ. ޔަތީމުވެފައިވާ ކޭޓް ބަލާބޮޑުކޮށް ޓްރެއިންކުރީ ވެރިކް އެވެ. ދެ މީހުންގެ މިޝަންތައް އެތައް ދުވަހެއް ވަންދެއް ރަނގަޅަށް ދިޔަ ނަމަވެސް ކަންތައް ގޯސްވަނީ އޮސާކާއަށް ދާ މިޝަނެއްގެ ސަބަބުންނެވެ. ކޭޓް އޮސާކާއަށް ދަނީ ޔަކޫޒާގެ ވަރުގަދަ މީހަކު މަރާލާށެވެ. އެ މީހާއާ އެކު ކުޑަ ކުއްޖެއް ހުރުމުން ކޭޓް އެ މީހާ މަރާލަން ދެކޮޅު ހަދަ އެވެ. ނަމަވެސް ވެރިކްގެ އެދުމުގެ މަތިން އެންމެ ފަހުން އެއްބަސްވަނީ އެވެ. އެހާ ހިސާބުން ކޭޓް މާޔޫސްކަމެއްގެ ތެރެއަށް ގޮސް އެންމެ ފަހުން އޭނާ ކުރަމުން އަންނަ މަސައްކަތް ހުއްޓާލަން ބޭނުންވެ އެވެ. އަދި އިތުރު އެއް މިޝަނަށް ގޮސް ރިޓަޔާ ވާން ކޭޓް ބޭނުންވެ އެވެ. ނަމަވެސް ރިޓަޔާ ވުމުގެ ކުރިން ކޭޓް އާ ދިމާވަނީ ސްޓެފެން ކިޔާ މީހެކެވެ. އޭނާ ކޭޓަށް ވިހައެއް ދީގެން މަރާލަން އުޅެ އެވެ. ފިލްމުގައި ދެން ފެންނާނީ ސްޓެފެންގެ ހަގީގަތް ހޯދަން އުޅޭ ތަނެވެ.

މި ފިލްމު މިހާރު ނެޓްފްލިކްސް އިން ސްޓްރީމް ކޮށްލެވޭނެ އެވެ.

ހޮލީވުޑް ފިލްމު

Popular