20 Sep 2021

މިއަހަރުގެ އެމީތައް ކްރައުން އަށް

By: Ahmed Jaishan

ނެޓްފްލިކްސްގެ ހިސްޓޮރިކަލް ޑްރާމާ "ދަ ކްރައުން" އަކީ އެ ސާވިސްގެ އެންމެ ވަރުގަދަ އެއް ޝޯ އެވެ. އިނގިރޭސި ޝާހީ އާއިލާގެ ވާހަކަތަކަށް ބިނާކޮށް ތައްޔާރުކުރި ޝޯ މިފަހަރު ވެފައި އެމީ އެވޯޑްސް ހަފްލާގެ އެންމެ ގިނަ އެވޯޑުތައް ހޯދި ޝޯ އަށެވެ.

މިއަހަރު ކުރިއަށްދިޔަ 73 ވަނަ އެމީ އެވޯޑްސް އަކީ ކޮވިޑް އަށްފަހު އެންމެ އާންމު ހާލަތުގައި ބޭއްވި ހަފްލާ އެވެ. ގިނަ އޯޑިއަންސުންނާއި ފަންނާނުންނާއެކު ކުރިއަށްދިޔަ އެ ހަފްލާއިން ބައިވަރު ޝޯތަކަށް އަލަށް އެވޯޑު ލިބުނެވެ. ނަމަވެސް އެންމެ ކުރީގައި އުޅެނީ ދަ ކްރައުން އެވެ.

އެ ޝޯއަށް ވަނީ ހަތް އެވޯޑެއް ލިބިފަ އެވެ. އެގޮތުން މިއަހަރުގެ އެންމެ މޮޅު ޑްރާމާގެ އެވޯޑު ވެސް އެ ޝޯއަށް ލިބިފައިވެ އެވެ. އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފައިވަނީ ދަ ކްރައުންގެ ޖޯޝް އޯ ކޮނާ އަށެވެ. އަދި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބިފައިވަނީ އެ ޝޯގެ އެކްޓްރެސް އޮލިވިއާ ކޮލްމަން އަށެވެ. ސަޕޯޓިން ރޯލުތަކުގެ އެވޯޑު ވެސް ހޯދާފައިވަނީ ދަ ކްރައުންގެ އެކްޓަރުންނެވެ. އެއީ ޓޮބަޔަސް މެންޒިއެސް އާއި ޖިލިއަން އެންޑަސަން އެވެ.

ދަ ކްރައުން އާއެކު ނެޓްފްލިކްސް އަށް މިއަހަރުގެ އެވޯޑު ހަފްލާ ވެފައިވަނީ ވަރަށް ކާމިޔާބު ހަފްލާ އަކަށެވެ. އެންމެ ގިނަ އެވޯޑު އެއް ޕްލެޓްފޯމަކަށް ލިބިފައިވަނީ ނެޓްފްލިކްސް އަށެވެ. އެގޮތުން އާންޔާ ޓޭލާ ޖޯންސަން ފެނިގެން ދިޔަ "ކުއިންސް ގެމްބިޓް" އަށް ވަނީ ތިން އެވޯޑެއް ލިބިފަ އެވެ. އެއާއެކު ނެޓްފްލިކްސް އަށް 10 އެވޯޑެއް ލިބިފައިވެ އެވެ. އެއީ މިއަހަރު އެއް ޕްލެޓްފޯމަކަށް ލިބުނު އެންމެ ގިނަ އެވޯޑުތަކުގެ އަދަދެވެ.

ޓެޑް ލެސޯގެ ލީޑް ރޯލުން ފެންނަ އެކްޓަރު ޖޭސަން ސުޑެއިކްސް އެވޯޑާއެކު --- ފޮޓޯ : ވޯގު

ބައެއް ސަޕްރައިޒް އެވޯޑުތައް ވެސް ވަނީ މިފަހަރުގެ ހަފްލާއިން ފެނިފަ އެވެ. އެގޮތުން އެޕަލް ޓީވީ ޕްލަސްގެ އޮރިޖިނަލް ޝޯ "ޓެޑް ލެސޯ" އަށް މި ހަފްލާގައި ހަތަރު އެވޯޑެއް ލިބުނެވެ. އޭގެތެރޭގައި އެންމެ މޮޅު ކޮމެޑީ ޝޯގެ އެވޯޑު ހިމެނެ އެވެ.

ހޮލީވުޑް އެމީ އެވޯޑްސް

Popular