6 Oct 2021

ނަމްޒާގެ "ވިތު ލަވް"އާ އެކު ލޯބީގެ ފުން އިހުސާސްތަކެއް

ނަމްޒާގެ "ވިތު ލަވް"އާ އެކު ލޯބީގެ ފުން އިހުސާސްތަކެއް

By: Ifraz Ali

ލޯބިވާ ވާހަކަ ބުނުން ނުވަތަ އެ ފުން އިހުސާސް މީހަކަށް ބަޔާންކޮށްދިނުމަކީ ހާދަހާ އުނދަގޫ ކަމެކެވެ؛ އެއީ ގިނަ ދިވެހިންނަށް ވަރަށް "ލަދު" ވެސް ކަމެކެވެ. އަހަރެމެން ލޯބިވާކަން އަންގަނީ ސީދާ އެހެން ނުބުނެ، އެހެން ކޮންމެ ވެސް ގޮތަކުންނެވެ. އެކަމަކު އެ ފުން އިހުސާސްތައް ދުލުން ބުނެ، ފާޅުކޮށްފި ނަމަ ތަފާތެއް ފެނިދާނެ ހެއްޔެވެ؟ -- މަޝްހޫރު ދިވެހި ޕްރެޒެންޓަރު އައިމިނަތު ނަމްޒާގެ އާ ޓޯކް ޝޯ "ވިތު ލަވް" ގައި މި ތަފާތު ފެންނާނެ އެވެ.

މިއީ ބައިސްކޯފާ އެކު ނަމްޒާ، އޭނާގެ އަމިއްލަ ކޮންސެޕްޓަކަށް ގެނެސްދޭ ފުރަތަމަ ޝޯ އެވެ. ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ ޝޯއެކެވެ.

ނަމްޒާއާ އެކު ދެމަފިރިން ކަމަށްވާ ޑރ. ނިޝާން އާއި ޑރ. ނަޒްމާ-- ފޮޓޯ: ވިތު ލަވް ޓީމް

ލޯބީގެ ރީތި ވާހަކަދެއްކުމަކީ އާންމުކޮށް މީހުން ކޮށް ނޫޅޭ ކަމަކަށް ވިޔަސް، ނަމްޒާ ބުނީ އެއީ ދިރިއުޅުމުގައި ފާޅުކުރަން ޖެހޭ ވަރަށް މުހިންމު އިހުސާސެއް ކަމަށެވެ. އަދި ލޯބި ސިފަކުރާ ކޮންމެ ފަހަރަކު މި ދައްކަނީ ހަމައެކަނި ދެމަފިރިން ނުވަތަ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހެއްގެ ދެމެދުގައި އޮންނަ ގުޅުމުގެ ވާހަކަ އެކަންޏެއް ވެސް ނޫނެވެ.

ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި "ލޯބި"

"ތިމާ އަށް ވުރެ ބޮޑު މީހަކަށް ކުރާ އިހުތިރާމަކީ ވެސް ލޯބި. ތުއްތު ކުއްޖަކަށް މީހުން ބަހަައްޓާ އޯގާތެރިކަމަކީ ވެސް ލޯބި. ދެ އެކުވެރިންގެ ދެމެދުގައި އޮންނަ ރަނގަޅު ގުޅުމަކީ ވެސް ލޯބި. އެއްބަނޑު އެއްބަފާ ދެބެންގެ މެދުގައި އޮންނަ އިތުބާރަކީ ވެސް ލޯބި،" މި ޝޯގައި ލޯބި ސިފަކުރާ ގޮތް އޭނާ ކިޔައިދިނެވެ.

މި ޝޯ އަށް މެހުމާނުން ގެނައުމުގައި ވެސް ބެލީ އެކަން ކަމަށެވެ.

ނަމްޒާ އާ އެކު ސެކްސަފޯނިސްޓް އަކްސަމް އާއި އޭނާގެ މަންމަ.-- ފޮޓޯ: ވިތު ލަވް ޓީމް

މެހުމާނުގެ ގޮތުގައި މަންމައަކާއި ދަރިފުޅު، އެއްބަނޑު އެއްބަފާ ދެބެއިން، ގާތް ދެ ރަހުމަތްތެރިން، ދެމަފިރިން، ކައިވެނިކުރަން އުޅޭ ކަޕުލްއެއް، ކައިވެނިކޮށްގެން ދަރިން ތިބޭ ދެމަފިރިން އަދި ވަރަށް ފަހުން ކައިވެނި ކުރި ދެމަފިރިން ވެސް ފެންނާނެ އެވެ؛ އެއީ ދިރިއުޅުމުގެ މި އެކި މަރުހަލާތަކުގައި ލޯބި އޮންނަ ގޮތް ދައްކައިދިނުމުގެ ބޭނުމުގަ އެވެ.

ގާތްގަނޑަށް 50 މިނެޓުގެ ޖުމްލަ 9 އެޕިސޯޑު ހިމެނޭ މި ޝޯގެ އެންމެ ފަހު އެޕިސޯޑު ފިޔަވާ، ކޮންމެ އެޕިސޯޑަކަށް ދެ މެހުމާނުން އަންނާނެ އެވެ.

"މެހުމާނުން ނެގުމުގައި ވަރަށް ބޮޑަށް ބެލިން އާންމުކޮށް އަބަދު މި ކަހަލަ ޝޯތަކުން ނުފެންނަ މޫނުތައް ގެނެސްދޭން. އަދި އެކި ދާއިރާތަކުގެ މީހުން ވެސް ގެނެސްދޭން،" ނަމްޒާ ބުންޏެވެ.

View this post on Instagram

A post shared by Baiskoafu (@baiskoafu)

ހާއްސަ މެހުމާނަކަށް ރައީސް މައުމޫން

މި ޝޯގެ ފުރަތަމަ އެޕިސޯޑު ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ސްޓްރީމިންކުރަން ފަށައިފަ އެވެ. އެ އެޕިސޯޑުގައި މެހުމާނުންގެ ގޮތުގައި ގެނެސްދިނީ ޑޮކްޓަރުން އަދި ދެމަފިރިން ކަމަށްވާ ޑރ. ނަޒްމާ ހަމީދާއި ޑރ. އަހްމަދު ނިޝާން އެވެ.

ކުރިއަށް ހުރި އެޕިސޯޑުތަކުގައި މެހުމާނުންގެ ގޮތުގައި ރައްޔިތުން މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމްގެ ދެކަނބަލުންނާއި ކުރީގެ ނޫސްވެރިޔާ އަދި މިހާރު ޕްޒެންޓަރެއްގެ ގޮތުގައި ފެންނަ މޫސާ ވަސީމްގެ ދެމަފިރިންނާއި އާއި އާޓިސްޓެއް އަދި ސެކްސޯފޯނިސްޓެއް ކަމަށްވާ އަކްސަމް އާއި އޭނާގެ މަންމަ ވެސް ފެންނާނެ އެވެ.

"އަކްސަމްގެ މަންމަ އަކީ ދުވަހަކު ވެސް އިންޓަވިއުއެއް ދިން މީހެއް ނޫން. މިގޮތަށް ދުވަހަކު ކެމެރާގެ ކުރިމަތިން ނުފެންނަ މޫނުތައް ވެސް މެހުމާނުންގެ ތެރޭގައި ތިބޭނެ،" ނަމްޒާ ބުންޏެވެ.

ރާއްޖޭގެ މޮޑެލިންގެ ދާއިރާގައި އެންމެ ސީނިއާ އެކަކު ކަމަށްވާ ހަނީފާ ހިލްމީ އާއި މަގުބޫލު އާޓިސްޓެއް ކަމަށްވާ ހުޔާ އާއި އޭނާގެ ކޮއްކޮއާ އެކު ފެންނާނެ އެވެ. އަދި އެންމެ ފަހު އެޕިސޯޑުގައި ހާއްސަ މެހުމާނެއްގެ ގޮތުގައި ގެނެސްދެނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމެވެ.

"ރައީސް މައުމޫނުގެ އަމިއްލަފުޅު ދިރިއުޅުއްވުމުގެ ވަރަށް ގިނަ ވާހަކަތައް ހިއްސާކުރެއްވި،" ނަމްޒާ ބުންޏެވެ.

ނަމްޒާއާ އެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް.-- ފޮޓޯ: ވިތު ލަވް ޓީމް

ހުސް ލޯބީގެ "ރީތި" ވާހަކަތައް

"އިހުސާސް" ގެ ނަމުގައި އަސަރުގަދަ ޓޯކް ޝޯއެއް މިދިޔަ ރޯދަ މަހު ޓީވީއެމުން ގެނެސްދިން ނަމްޒާ ބުނީ އާންމުކޮށް ގިނަ ޝޯތަކުން ފެންނަ ކަހަލަ ކޮންޓްރޮވާޝިއަލް ވާހަކަތައް "ވިތު ލަވް" ޝޯގައި ނުހުންނާނެ ކަމަށެވެ.

"އެކަކު އަނެކަކު ވެލިއުކުރާ ވަރާއި މުހިންމު ވަރާއި އެމީހުންގެ ދިރިއުޅުމުގައި ހުރި ލޯބި މުމެންޓްސްތަކުގެ ވާހަކަތައް އަންނާނީ. އެންޓަޓެއިންމަންޓް ޝޯއެއް ވީމަ މީގެ ތެރެއަށް ކޮންމެސް ކަހަލަ ޕާކެއް ކްރިއޭޓްކުރަން އިންނާނެ ގޭމް ސެގްމަންޓެއް ވެސް މީގެ ތެރެއަށް ލައިފައި،" ނަމްޒާ ބުންޏެވެ.

ނަމްޒާއާ އެކު ޕްރެޒެންޓާ މޫސާ ވަސީމްގެ ދެމަފިރިން.-- ފޮޓޯ: ވިތު ލަވް ޓީމް

"މި ޝޯގައި މި ގެނެސްދެނީ ދިރިއުޅުމުގެ އެންމެ މުހިންމު އެންމެ ބުރަދަން ބޮޑު ޖަޒުބާތު."

ބައިސްކޯފު ޓީމާއި އެ ޓީމުގައި އިސްކޮށް އުޅުނު ނޫރާ އާއި ހަސަން އަށް ޝުކުރު އަދާކުރަމުން ނަމްޒާ ބުނީ މި ޝޯގެ މަސައްކަތް ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށެވެ. މި ޝޯ އަށް ނަމްޒާގެ ހެދުންތައް ޑިޒައިންކޮށްދިނީ ރޯގް ބައި ނަޖޫ އާއި ޖާދުﷲ އެވެ.

ޓީވީ ޝޯ ސްޓްރީމިން ޓީވީ

Popular